Roadha Mihaaru

ފުޓްބޯޅައިގެ ތަރި އާމިން ރާޅުތަކުގެ މަތީގައި އުދުހެނީ

މާލޭގައި މިހާރު ކުރިއަށްދާ ބޮޑީބޯޑިން ވޯލްޑް ޓުއާ މުބާރާތުގެ ޖޫނިއާ ބައިގެ ފައިނަލަށް ދަތުރު ކުރި ރާއްްޖޭގެ ޒުވާން ސާފަރު އާމިން އުމަރު މޫސާގެ ކުޅިވަރު ހަޔާތް ބިނާކޮށްފައި އޮތީ ހަމައެކަނި އެންމެ ކުޅިވަރަކަށް ނޫނެވެ.

ފުޓްބޯޅައިގެ ތަރި އާމިން ރާޅުތަކުގެ މަތީގައި އުދުހެނީ
ހުސެއިން ހަބީބް
ހުސެއިން ހަބީބް

04 އޯގަސްޓް 2022

މާލޭގައި މިހާރު ކުރިއަށްދާ ބޮޑީބޯޑިން ވޯލްޑް ޓުއާ މުބާރާތުގެ ޖޫނިއާ ބައިގެ ފައިނަލަށް ދަތުރު ކުރި ރާއްްޖޭގެ ޒުވާން ސާފަރު އާމިން އުމަރު މޫސާގެ ކުޅިވަރު ހަޔާތް ބިނާކޮށްފައި އޮތީ ހަމައެކަނި އެންމެ ކުޅިވަރަކަށް ނޫނެވެ.

އޭނާ އަކީ ފުޓްބޯޅަ ދަނޑުގައި ވެސް ހުނަރުވެރި ކުޅުންތެރިޔެކެވެ. މި އަހަރު ކުރީކޮޅު ބޭއްވި އެފްއޭއެމް 19 އަހަރުން ދަށުގެ މުބާރާތުގައި އޭނާ ކްލަބް ވެލެންސިއާ އަށް އޭނާ މޮޅަށް ކުޅުނެވެ.

ބޮޑީބޯޑިން ދުނިޔޭގެ މުބާރާތުގެ ފައިނަލަށް ގޮސް ރާއްޖެ އަށް ތާރީހީ ކާމިޔާބެއް ހޯދައިދިން އާމިން ހުރީ އޭނާގެ ހިތް ލެނބިފައިވާ ދެ ކުޅިވަރުގައި ވެސް ކުރިއަށް ދިއުމުގެ ވިސްނުމުގަ އެވެ.

"ގަބޫލު ކުރެވޭ ކުރިއަށް ދެވިދާނެ ކަމަށް ދެ ކުޅިވަރުގައި ވެސް. މިހާތަނަށް ވަރަށް ގިނަ ކުޅިވަރުތަކުގައި ވާދަ ކުރަމުން އައީ،" ސްކޫލް މުބާރާތްތަކުގައި އެތުލެޓިކްސް އާއި ޓެނިސް ވެސް ކުޅުނު އާމިން ބުންޏެވެ.

ޖޫނިއާ ބައިގެ ސެމީ ފައިނަލުގައި އާމިން ވާދަކުރަނީ: އޭނާ ބުނީ ފުޓްބޯޅައިގައި ވެސް އަދި ބޮޑީ ބޯޑިންގައި ވެސް ކުރިއަށް ދާނެ ކަމަށް. --- ފޮޓޯ: ޔާކޯ ވަޒްކުއޭޒް | އައިބީސީ

ޖޫނިއާ ބައިގެ ސެމީ ފައިނަލުގައި އާމިން ވާދަކުރަނީ: އޭނާ ބުނީ ފުޓްބޯޅައިގައި ވެސް އަދި ބޮޑީ ބޯޑިންގައި ވެސް ކުރިއަށް ދާނެ ކަމަށް. --- ފޮޓޯ: ޔާކޯ ވަޒްކުއޭޒް | އައިބީސީ

ބޯޑް ހިފައިގެން ރާޅުތަކުގެ ތެރެއަށް އޭނާ ފޭބީ އުމުރުން 14 އަހަރުގަ އެވެ. އާއިލާގެ އެންމެން ރާޅަށް ދާތީ އޭނާ ވެސް ރާޔަށް ދިޔައީ އެވެ. އޭގެ ކުރިން ބޯޅަ ހިފައިގެން އޭނާ ދިޔައީ އާލީ ޓަޗް ފުޓްބޯޅަ އެކަޑަމީ އަށެވެ. ވެލެންސިއާގެ ކުރީގެ ކުޅުންތެރިޔާ މޫސާ މުހައްމަދުގެ ދަރިފުޅު ބުނި ގޮތުގައި ދެ ކުޅިވަރުގައި ވެސް އޭނާ ކުރިއަށް ދިއުމަށް އާއިލާއިން ވެސް ބޭނުން ވެއެވެ.

ބޮޑީ ބޯޑިން އަދި ސާފިން ވެސް ބޮޑަށް ބަރޯސާ ވެފައި ވަނީ ވަކި މޫސުންތަކަށެވެ. އާމިން ބުނީ ދެ ކުޅިވަރުގައި ވެސް އޭނާގެ ޓާގެޓްތަކެއް ހެދި ދާނެ ކަމަށެވެ.

"ފުޓްބޯޅައިގައި ގިނަ އަހަރުތަކެއް ވަންދެން އެއްވަރެއްގައި ޕޯފޯމްކޮށް ރާއްޖޭގެ އެންމެ ޓޮޕްގައި ކުޅުމަކީ ޓާގެޓެއް. އަދި ބޭރުގެ ކްލަބެއްގައި ކުޅެން ވެސް އުއްމީދު ކުރަން،" މީގެ ކުރިން 16 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ކުޅުނު އާމިން ބުންޏެވެ.

"ބޮޑީބޯޑިންގައި އޮތް ޓާގެޓަކީ މިގޮތަށް ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް މުބާރާތްތަކުގައި ވާދަކޮށް ކާމިޔާބު ދެމެހެއްޓުން."

އެފްއޭއެމް 19 އަހަރުން ދަށުގެ މުބާރާތުގައި ވެލެންސިއާގެ ކެޕްޓަން ބޭންޑް އަޅައިގެން އާމިން ދަނޑަށް ނުކުންނަނީ: ފޮޓޯ އެފްއޭއެމް | އިޔާން ފޮޓޯ ގްރަފީ

އެފްއޭއެމް 19 އަހަރުން ދަށުގެ މުބާރާތުގައި ވެލެންސިއާގެ ކެޕްޓަން ބޭންޑް އަޅައިގެން އާމިން ދަނޑަށް ނުކުންނަނީ: ފޮޓޯ އެފްއޭއެމް | އިޔާން ފޮޓޯ ގްރަފީ

މިހާރު ޖޫނިއާ މުބާރާތުގެ ފައިނަލުގައި އޮތުމުން ބޮޑީބޯޑިންގައި ވެސް ކާމިޔާބު ހޯދި ދާނެ ކަމުގެ އުއްމީދު އާ ވެއްޖެ ކަމަށް އާމިން ބުންޏެވެ. އަދި ހާއްސަކޮށް ރާއްޖޭގެ ގައުމީ ޗެމްޕިއަން އަލީ ޚުޝްރުވާން (ކުޑަ އައްޔަ) ދުނިޔޭގެ ރޭންކިންގެ ދެވަނަ ޓޭނާ މެކް ޑެނީލް ބަލި ކުރިތަން ފެނުމުން އުއްމީދު އިތުރަށް އާ ވިކަމަށް ވެސް އާމިން ބުންޏެވެ.

"ކުޑަ އައްޔަގެ ޕާފޯމް ކުރިތަން ފެނުނީމަ ފައިނަލާ މެދު ވެސް އުއްމީދު ކުރެވޭ. ފައިނަލު ކާމިޔާބު ކުރެވިދާނެ ކަމަށް އަމިއްލަ އަށް ވެސް ގަބޫލު ކުރެވޭ،" އޭނާ ބުންޏެވެ.

އާމިން ބުނީ އޭނާގެ ދިރިއުޅުން ބިނާ ކުރަން ބޭނުން ވަނީ ކުޅިވަރުން އާމްދަނީ ލިބޭނެ ގޮތަކަށް ކަމަށެވެ.

"ފުޓްބޯޅަ ވެސް މީ ވަރަށް ފެމިލީ ކުޅިވަރެއް. ރާޅާ އެޅުން ވެސް މިއީ ހަމަ ފެމެލީގެ ތެރެއިން އައި އެއްޗެއް. އެހެންވީމަ ކުރިއަށް ދެވޭނެ،" ވެލެންސިއާގެ ސީނިއާ ޓީމަށް ވެސް މިހާރު ޖާގަ ހޯދައިގައިވާ އާމިން ބުންޏެވެ.

ޖޫނިއާ ކެޓަގަރީގެ ފައިނަލަށް އާމިން ދަތުރު ކުރީ އިއްޔެ ޝިމާލް ޝަމީމް ބީޓް ކުރުމަށް ފަހު އެވެ. ވާދަވެރި ހީޓް އާމިން ކާމިޔާބު ކުރީ 7.5 ސްކޯ ކޮށްގެންނެވެ. ޝިމާލް އަށް އަށް ހޯދުނީ 7 ޕޮއިންޓެވެ. ފައިނަލުގައި އޭނާ އާ ވާދަކުރާ ކެނެރީ އައިލެންޑްސްގެ ގެބްރިއަލް މޮލީނާ ވަނީ ސެމީ ފައިނަލުގައި ރާއްޖޭގެ ޖަރީޝް ޖިހާދު ބަލިކޮށްފަ އެވެ. ހީޓްގެ އެއް ވަނަ މޮލީނާ ހޯދީ 12.25 ސްކޯ ކޮށްގެންނެވެ. ޖަރީސް އަށް ހޯދުނީ 3.5 ޕޮއިންޓެވެ.

މޮލީނާ އާއި އާމިން ވާދަކުރާ ފައިނަލުގެ ހީޓް މިއަދު އޮންނާނެ އެވެ.