ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށްވާ އެމްޑީ އަލަމްގީރާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުވާ ގިނަ ބައެއްގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
08 އޯގަސްޓް 2022
ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށްވާ އެމްޑީ އަލަމްގީރާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުވާ ގިނަ ބައެއްގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
މި މައްސަލާގައި ކުރިން ޕާސްޕޯޓް ހިފެހެއްޓީ ފުރަތަމަ ލީކުކޮށްލި ވީޑިއޯގައި ހިމެނޭ ގާނޫނީ ވަކީލް ނާޒިމް ސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ (ކާނަލް)ގެ އިތުރުން ދެން ހައްޔަރުކުރި މީހުންގެ އެވެ. އެކަމަކު އޭގެ ފަހުން ކޯޓު އަމުރު ހޯދައި ތަހުގީގަށް މިހާރު ވަނީ ގިނަ ބައެއްގެ ޕާސްޕޯޓް ހިފަހައްޓައިފަ އެވެ.
މިކަން އިތުބާރު ހިފޭ އޮފިޝަކު "މިހާރު" އަށް ކަށަވަރުކޮށްދެއްވި އެވެ.
މިހާތަނަށް ޕާސްޕޯޓު ހިފެހެއްޓި އަދަދު، އެނގިފައިވާ ގޮތުގައި، 20 އާ ގާތްކުރެ އެވެ.
ނާޒިމަށް ތުހުމަތުވާ ވީޑިއޯ ލީކުކޮށްލުމާ އެކު ވާހަކަ ފެތުރިފައި އޮތީ މާފަންނުގައި ހުރި އަލަމްގީރު ދިރިއުޅޭ ކޮޓަރިއަށް ގޮސް އެއް ޖިންސުން ގުޅުން ހިންގި މީހުންގެ އަދަދު 200 އަށް އަރާނެ ކަމަށެވެ. މި ވާހަކައަށް ބާރު ލިބުނީ ކުށަށް އިއުތިރާފްވެ މާފަށް އެދުނު އަލަމްގީރު ދެއްކި ވާހަކަތަކުގައި ވެސް ގިނަ ބަޔަކު އޭނާގެ ގާތަށް ދިޔަ ކަމަށް ބުނެފައިވާތީ އެވެ.
އެކަމަކު "މިހާރު" އަށް ކަށަވަރުވެފައިވާ ގޮތުގައި ވީޑިއޯ އުޅޭ މީހުންގެ އަދަދު 50 އަށް ވެސް ނާރަ އެވެ. މީގެ ތެރޭގައި އެކަނި އަލަމްގީރު ގާތަށް ދިޔަ މީހުންނާއި ގްރޫޕް ހަދާފައި ދިޔަ މީހުން ވެސް ހިމެނެ އެވެ.
މީގެ ތެރެއިން ގިނަ މީހުންގެ ޕާސްޕޯޓް ހިފެހެއްޓީ ވީޑިއޯ ދެނެގަނެ ތަހުގީގު ހިންގާއިރު، ރާއްޖެ އިން ބޭރަށް ފުރައިގެން ހިނގައިދާނެ ކަމުގެ ބިރު އޮތުމުންނެވެ.
އެ ހުތުރު އަމަލު ހިންގަނިކޮށް އޭގެތެރެއިން ގިނަ މީހުންގެ ވީޑިއޯ އަލަމްގީރަށް އެނގިގެން ވަނީ ނަގައިފަ އެވެ. ފުލުހުން މި މައްސަލައިގެ ތަހުގީގު ފެށީ މި ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލްކޮށް ތަކުރާރުކޮށް ފައިސާއަށް އެދެންފެށުމުން ބައެއް މީހުން މައްސަލަ ރިޕޯޓްކުރުމުންނެވެ. މި ވީޑީއޯ ކުރީ އަލަމްގީރު އެކަނި ކަމެއް ނުވަތަ އެހެން ބަޔަކާ ގުޅިގެން ކަމެއް އަދި ސާފެއް ނޫނެވެ.
އެކަމަކު މި ވީޑިއޯތަކުގައި ހިމެނޭ މީހުންނަށް ބިރުދައްކައި ފައިސާ އަތުލަން މާލޭގެ ނަން މަޝްހޫރު ގޭންގުތަކުގެ މީހުން ވެސް ބައިވެރިކޮށްފައިވާ ކަމަށް މިކަމުގައި ހައްޔަރުކޮށްފައިވާ އެކަކު ބުނެފައިވެ އެވެ.
ފުލުހުން އަންނަނީ އެއް ޖިންސުން ގުޅުން ހިންގި ވީޑިއޯތަކުގައި ހިމެނޭ މީހުން ދެނެގަނެ، ސަރުކާރުގެ އެކި މަގާމްތަކުގައި އުޅޭ ނަމަ މުއައްސަސާތަކަށް ތަހުގީގު ހިނގާ ކަން އަންގަމުންނެވެ. މިހާތަނަށް ޓީޗަރުންނާއި ސަރުކާރުގެ އެކި އޮފީސްތަކުގެ ހިމެނޭ މީހުންނާއި ހުޅުމާލޭގެ މިސްކިތެއްގެ މުދިމަކާއި ގުރުއާނާ ބެހޭ މަރުކަޒުގެ އިސްވެރިއަކު ވެސް ވަނީ މި މައްސަލަތަކުގައި ސަސްޕެންޑްކޮށްފަ އެވެ. މީގެ ތެރެއިން ބައެއް މީހުން ވަނީ މަގާމުން ވަކިކޮށްފަ އެވެ.
އަލްމްގީރު ހިމެނޭހެން މި މައްސަލައިގައި މިހާތަނަށް ނާޒިމާއި ކާނަލް ނަޝީދާ އެކު ހަަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ބައެއް މީހުންގެ ބަންދުގެ މުއްދަތު ވަނީ ދެ ވަނަ ފަހަރަށް އިތުރުކޮށްފަ އެވެ.
ދީނީ އިލްމުވެރިންނަށް ތުހުމަތުވާ މައްސަލަތަކުގައި ވަގުތުން ހަރުކަށި ފިޔަވަޅު އަޅާއިރު އެއް ޖިންސުން ގުޅުން ހިންގި މައްސަލަތަކުގައި އެކަށީގެންވާ ތަހުގީގެއް ނުހިންގާނެ ކަމަށް ފުލުހުންނާއި ސަރުކާރަށް ވަރަށް ބޮޑަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.
ފުލުހުން ބުނި ގޮތުގައި، އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކުރަނީ މިހާތަނަށް ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ މީހުންނެވެ. މި މައްސަލަތަކުގައި ތަފާތު ކުރުމެއް އަދި ނުފޫޒެއް ނޯންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ފުލުހުން ބުނީ ޖިނާއީ އަދުލުގެ ނިޒާމަށް ބޭނުންވާ މިންގަނޑަށް ފޮރެންސިކް އެނަލިސިސް ހެދުމަކީ ގިނަ ވަގުތު ހޭދަވާ ކަމެއް ކަމެއް ކަމަށާއި މިހާތަނަށް ފޮރެންސިކް ތަހްލީލުތަކުން ކަށަވަރު ކުރެވިފައިވާ ވީޑިއޯ އެވިޑެންސްތަކުގައި ހިމެނޭ މީހުންގެ މައްޗަށް ތަހުގީގީ އިޖުރާއަތުތައް މި މައްސަލަތަކުގައި ހިންގަމުން އަންނަ ކަމަށެވެ.
ޖިހާދުގެ ޕާސްޕޯޓު ހިފަހައްޓައި، މިރޭ ޝަރީއަތް ފަށަނީ
ފާލުބެލުމުގެ ހިދުމަތް ދޭ ގުރޫޕު ހިފަހައްޓައިފި
އުނގޫފާރުގައި އައިޑީކާޑު ޕްރިންޓްކުރަން ފަށައިފި
ހަށިވިއްކުމުގެ ވިޔަފާރިކުރި ބަޔަކު އަތުލައިގަނެފި
ޕާސްޕޯޓް ހިފެހެއްޓީ 50 ގޯތި ވިއްކިކަމަށް ތުހުމަތުކޮށް
ހައުސިންގެ ކުރީގެ ވެރިންގެ ޕާސްޕޯޓް ހިފަހައްޓައިފި
ފަޒުލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި
ވަގު ޕާސްޕޯޓެއްގައި އައި ތިން މީހަކު ހިފަހައްޓައިފި
އިމިގްރޭޝަން އޮފިސަރަކަށް ހެދިގެން އުޅުނު މީހާ ބަންދަށް
އިމިގްރޭޝަންގެ ނަމުގައި ގެއަކަށް ވަދެ ފޭރިއްޖެ