19 އޯގަސްޓް 2022
އެމްޑީޕީގެ އެތެރޭގައި ހިޔާލު ތަފާތުވުންތަކެއް ހުއްޓަސް ކުރިޔަށް ދިއުން ނޫން ގޮތެއް އެ ޕާޓީ އަށް މިހާރު ނެތް ކަމަށް އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އެތެރޭގައި ހިޔާލު ތަފާތުވުންތަކެއް ހުއްޓަސް ކުރިޔަށް ދިއުން ނޫން ގޮތެއް އެ ޕާޓީ އަށް މިހާރު ނެތް ކަމަށް އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް އެހެން ވިދާޅުވީ، ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެ ބޭފުޅުންގެ މެދުގައި ބޮޑެތި ހިޔާލު ތަފާތުވުން އުފެދިފައި ވަނިކޮށް މިރޭ މާލޭގައި ފެށި އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސްގަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެ ބޭފުޅުންގެ މެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާއެކު ވަނީ ޕާޓީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދި ކޯޅުންތަކެއް ފެށިފަ އެވެ.
ކޮންގްރެސްގެ އިފުތިތާހީ ޖަލްސާގައި ރައީސް ވިދާޅުވީ، އެމްޑީޕީގެ ތެރޭގައި ތަފާތު ހިޔާލުތަކަށް ޖާގަ އޮންނާނެ ކަމަށެވެ. އެންމެން އެއްބަސްވާ ކަންކަން ހުއްޓަސް ބައެއް ކަންކަމާ މެދު އެންމެންނަށް އެއްބަސް ނުވެވިދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
"[ޕާޓީ އަށް] އޮތް ހަމައެކަނި ގޮތަކީ ހިޔާލު ތަފާތުވުންތަކާއި ތަފާތު ހިޔާލުތަކާއެކުގައި ކުރިޔަށް ދިޔުން. ދިވެހިރާއްޖެ އާއި ދިވެހީންނަށް އުފާވެރި މާދަމާއެއް ގެނެސްދިނުމަށް އަޅުގަނޑުމެން އެކުވެގެން ދިއްލި މިދަންމަރުގެ އުޖާލާކަން އެންމެ ހިނދުކޮޅަކަށް ވެސް ފަނޑުވެ، ނިވުނަ ދީގެން ނުވާނެ،" ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.
ޒަމާނާ ވަގުތު ގެނެސްދޭ އޮޔާ ވައިގެ ސަބަބުން މިދަންމަރު ކަނިވެ، ނިވުނަ ދީގެން ނުވާނެ. އަދި އެކަން އެހެން ވިޔަ ދިނުމަކީ އަޅުގަނޑުމެންނަށް އޮތް އިހްތިޔާރެއް ވެސް ނޫން -- ރައީސް
ހިޔާލު ތަފާތުވުންތަކުގެ ވާހަކަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފާހަގަ ކުރެއްވިއިރު، އެ މަނިކުފާނާއި ނަޝީދު މި ވަގުތު އެންމެ ބޮޑަށް ހިޔާލު ތަފާތުވެފައިވާ ވެރިކަން ހިންގުމުގެ ނިޒާމާ ގުޅޭ މައްސަލައެއް ވަނީ ކޮންގްރެސް އަށް ހުށަހަޅާފަ އެވެ.
ނަޝީދު ބޭނުންވަނީ ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަށް ބަދަލުކުރާށެވެ. އެ ކަން އެމްޑީޕީގެ ކޮންގްރެސް އިން ފާސްކުރަން ނަޝީދު ގަރާރެއް ހުށަހެޅުއްވި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުންނެވީ ފާޅުގައި އެ ގަރާރާ ދެކޮޅަށެވެ.
އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސް ފެށުމުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ރައީސްގެ މިރޭގެ ވާހަކަފުޅުގައި، އެމްޑީޕީ އުފެދުނު އިރު ގައުމު އޮތް ހާލަތާއި މައްސަލަތައް ފާހަގަ ކުރެއްވި އެވެ. އޭރު ކުރެވޭ އިޝާރާތަކުން، ބުނެވޭ ބަހަކުން ނުވަތަ ހީވާ ހީވުމަކުން ވެސް އެ މީހެއްގެ އަޖަލު އައިސް ދޮރުގައި ޓަކި ޖަހައިފާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެކަންކަމާ ދެކޮޅަށް ނުކުމެ އެމްޑީޕީ އުފެއްދި އެއް މަގްސަދަކީ ބޭސްފަރުވާ އާއި ފޮތާއި ފަންސޫރަށް ސަލާން ޖަހަން ނުޖެހުމާއި ފުލުސް ކޯޓު ނެތް، މިނިވަން އިންސާފުވެރި ޖުޑީޝަރީއެއް ރައްޔިތުންނަށް ހޯދައިދިނުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
އެ ބަދަލުތައް ގެންނަން ކުރަން ޖެހޭ މަސައްކަތްތައް އަދި ވަރަށް ގިނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެމްޑީޕީ އަށް 17 އަހަރު ވީއިރު އާދެވިފައި މިތިބީ ކިހާ ހިސާބަކަށް ތޯ؟ ކޮންތާކުތޯ؟ ކުރިން މިދެންނެވި ކަންކަން ހާސިލްވީ ކިހާވަރަކަށް ތޯ؟" ރައީސް ސުވާލު ކުރެއްވި އެވެ.
އެމްޑީޕީގެ ކޮންގްރެސަް ފެށުމުގެ ޖަލްސާގައި ބައިވެރިވި، ކޮންގްރެސަްގެ ބައެއް މަންދޫބުން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އެމްޑީޕީ އުފެދުނު އަހަރު އުފަންވީ ކުދިން އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ލާނެ ކަމަށާއި އެ ޖީލުގެ ކުދިންގެ ބޭނުންތަކާއި އުންމީދުތައް ވެސް މީގެ 17 އަހަރާ ވަރަށް ތަފާތު ކަމަށް ރައީސް ވިދާޅުވި އެވެ.
އެމްޑީޕީގެ ސިޔާސަތުތައް ކަނޑައަޅާ އިރު އެ ކުދިންގެ ވިސްނުމާ އެއްކީލިވާން ޖެހޭ ކަމަށާއި މޫސުމީ ބަދަލުތަކަށް އަންނަ ގޮންޖެހުންތަކުން ވެސް ސަލާމަތް ވާނެ ފަދަ ގޮތަކަށް ސިޔާސަތުތައް ބައްޓަން ކުރަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެމްޑީޕީގެ ރައީސް ކަމަށް އިބޫ ހަމަޖައްސައިފި
ޕްރައިމަރީ މައްސަލަ:އިހްތިސާސްއާ މެދު ސުވާލުއުފައްދައިފި
ބަރުލަމާނީގެ އުންމީދު ކަފުން؛ ނަޝީދުގެ ކުރިމަގު ބަނަ!
އެމްޑީޕީ ކުރިއަށް ވުރެ އެއްބައިވަންތަވެއްޖެ: ރައީސް
އެމްޑީޕީ ނޫން ބަޔަކަށް ކާމިޔާބުވާތަނެއް ނުފެނޭ: ރައީސް
ޓިކެޓް ދޭ ގޮތަކާ ނަޝީދު ވިޔަސް ގަބޫލުވާންވާނެ: ރައީސް
ނަޝީދުގެ ފަރާތުން ފެންނަނީ މުޅިން މާޔޫސްކަން!
އެމްޑީޕީ އަދިވެސް އެދެނީ ބަދަލަކަށް: ނަޝީދު
ނިޒާމް ބަދަލު ކުރަން ނަޝީދު ކޮންގްރަސްއަށް ހުށަހަޅައިފި
އެމްޑީޕީ ކޮންގްރެސްގައި ރިޔާސީ ޕްރައިމަރީގެ ވާހަކަ ނެތް