Roadha Mihaaru
ގަރާރު މިއަދު ހުށަނޭޅީ އިތުރަށް މަޝްވަރާކުރަން: ނަޝީދު

ބަރުލަމާނީ ގަރާރު މިއަދު ހުށަނޭޅީ އިތުރަށް މަޝްވަރާކުރަން: ނަޝީދު

21 އޯގަސްޓް 2022

ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން އެ މަނިކުފާނު އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅުއްވި ގަރާރުގެ ބަހުސް އާއްމު މެމްބަރުންނަށް މިއަދު ހުޅުވާނުލާން ނިންމެވީ އިތުރަށް އެކަމުގައި މަޝްވަރާކުރަން އެއްބަސްވެވިފައި އޮތުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން އެ މަނިކުފާނު އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅުއްވި ގަރާރުގެ ބަހުސް އާއްމު މެމްބަރުންނަށް މިއަދު ހުޅުވާނުލާން ނިންމެވީ އިތުރަށް އެކަމުގައި މަޝްވަރާކުރަން އެއްބަސްވެވިފައި އޮތުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދު ވިދާޅުވީ ކޮންގްރެސްއަށް ގަރާރު ހުށަހެޅުއްވުމުގެ ކުރިންނާއި ވޭތުވެދިޔަ ދެތިން ދުވަހު ވެސް އެކަމާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ މަޝްވަރާ ކުރެއްވި ކަމަށެވެ. ކުރިން ނިންމެވި ގޮތަށް ގަރާރާ މެދު މިއަދު ބަހުސްނުކޮށް އެއްބަސްވެވުނީ އިތުރަށް މަޝްވަރާކުރަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑު ދެކޭ ގޮތުގައި މި ގަރާރު މިތަނުގައި މިއޮތް ގޮތަށް އިހަށް ބާއްވާ އަޅުގަނޑުމެން މިއާ ދޭތެރޭގައި ބަހުސްނުކޮށް ރައީސުލްޖުމްހޫރިއްޔާ އާއި ތި ހުރިހާ ބޭފުޅުންނާ އެކުގައި މަޝްވަރާކޮށްގެން އަޅުގަނޑުމެންނަށް ރަނގަޅު ގޮތެއް، އެންމެންނަށް ގަބޫލުކުރެވޭ ގޮތަށް މިކަމުގައި ފެނިގެންދާނެ،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ސޯލިހް އާއި ރައީސް ނަޝީދު: ބަރުލަމާނީ ގަރާރަށް މިއަދުގެ ކޮންގްރެސްގައި ބަހުސް ނުކުރަން ނިންމީ އިތުރަށް މަޝްވަރާކުރަން ކަމަށް ނަޝީދު ވިދާޅުވި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރައީސް ސޯލިހް އާއި ރައީސް ނަޝީދު: ބަރުލަމާނީ ގަރާރަށް މިއަދުގެ ކޮންގްރެސްގައި ބަހުސް ނުކުރަން ނިންމީ އިތުރަށް މަޝްވަރާކުރަން ކަމަށް ނަޝީދު ވިދާޅުވި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ކޮންގްރެސް ނިންމާލުމުގެ ރަސްމިއްޔާތުގައި އިންނަވައި ނަޝީދު ވިދާޅުވީ "އަޅުގަނޑުމެންގެ ތެރޭގައި އެތައް ބަޔަކު އެދޭ ވަކި ހާއްސަ ގޮތްތަކެއް ހުންނަ" ކަމަށެވެ. އެގޮތްތަކާ ބައެއް އެހެން ބޭފުޅުން އިންކާރު ކުރައްވާ ކަމަށް ބަރުލަމާނީ ގަރާރާ ގުޅުވައި ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކޮށްގެން އަދި އަޅުގަނޑުމެންގެ ޕާޓީގެ އެހެން ވެސް ގުނަންތަކާ މަޝްވަރާކޮށްގެން އަޅުގަނޑުމެންނަށް ހިމުން އެއްގޮތް އުސޫލްތަކެއް ހަމަތަކެއް ހޯދޭނެ. އެއީ އަޅުގަނޑުގެ ހިތުގައި ޝައްކު ހިނގާނެ ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުުގައި އުފެދިފައި މިހާރު ހުރި ހިޔާލުތަފާތުވުންތައް އެއްގޮތް ކުރަން ކުރިއަށް އޮތް ތަނުގައި އަވަސްވެގަންނާނެ އެވެ. އެމްޑީޕީގެ ކަންކަން ހިނގާ ގޮތާއި ނިންމާ ގޮތް ދެފުށްފެންނަ އިންތިޒާމެއްގެ ތެރެއިން މާ ސާފުކޮށް ރައްޔިތުންނަށް ފެންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެކުގައި، އެއް ހިޔާލެއްގައި ތިބެ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށެވެ. އެތައް ޒަމާނެއް ވަންދެން ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމުގައި ވެސް ތިބެވޭނެ ކަަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދުގެ ވާހަކަ ނިންމާލެއްވީ އެމްޑީޕީގެ ހިޔާލުތަފާތުވުންތައް އެއްގޮތް ކުރުމުގައި ޗެއާޕާސަން ފައްޔާޒް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވެ އެވެ.

ކޮންގްރެސް ނިންމާލެއްވުމަށް ފަހު ދެ ރައީސުން ބައިވެރިންނާ ސަލާމްކުރައްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ކޮންގްރެސް ނިންމާލެއްވުމަށް ފަހު ދެ ރައީސުން ބައިވެރިންނާ ސަލާމްކުރައްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ނަޝީދުގެ ބަރުލަމާނީ ގަރާރަށް ބަހުސްނުކޮށް ނިންމާލި އިރު، އެ ގަރާރު އަނބުރާ ގެންދަވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އޮތީ އެދިވަޑައިގެންފަ އެވެ.

ނަޝީދުގެ މިއަދުގެ ނިންމެވުމުގެ ކުރިން، ބަރުލަމާނީ ގެނައުމާ މެދު ސުލްހަވެރި ހައްލެއް އޮތްތޯ ރައީސާ އެކު ވާހަކަތަކެއް ދެކެވުނެވެ. އެކަމަކު، ރިޔާސީ އިންތިހާބުގެ ކުރިން ބަރުލަމާނީ ނިޒާމަށް ބަދަލުވުމުގައި ރައީސް ހުންނެވީ ދޫދެއްވާ ގޮތަކަށް ނޫން ކަމަށް އެމަނިކުފާނުގެ އަރިސް ބޭފުޅުން ވިދާޅުވެ އެވެ.

ކޮންގްރެސްގައި ބައިވެރިވި އަދަދަށް ބަލާއިރު ބަރުލަމާނީ ނިޒާމުގެ ގަރާރު ފާސްނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަނުން ޖެހި ހިސާބުތަކުން ސާފުވާ ކަމަށް އެމަނިކުފާނާ އެކުގައި ތިއްބެވި މެމްބަރުން ވަނީ ވިދާޅުވެފަ އެވެ. ނަޝީދަށް މިވަގުތަށް ދޫދެއްވަން ޖެހިވަޑައިގަތް ސަބަބަކީ އެއީ ކަމަށް، ރައީސް ފެކްޝަނުގެ ބައެއް ބޭފުޅުން ވިދާޅުވެ އެވެ.

ބަރުލަމާނީ ނިޒާމަކަށް ބަދަލު ނުވެއްޖެ ނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިވާނެ ކަމަށް ވިދާޅުވެ ނަޝީދު ހުށަހެޅުއްވި ގަރާރުގައި އޮތީ ބަރުލަމާނީ ނިޒާމަކަށް ބަދަލުވުމުގައި ގާނޫނުއަސާސީއަށް ގެނައުމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ އިސްލާހުތަކެވެ. އެ އިސްލާހުތަކުގައި ސަރުކާރާއި މަޖިލީހާއި ޖުޑިޝަރީއަށް އިސްލާހުތަކެއް ގެނައުމަށް ހުށަހަޅުއްވާފައިވެ އެވެ.

ނަޝީދު ހުށަހެޅުއްވީ ބަރުލަމާނީގައި އޮންނަ ގޮތަށް ބޮޑުވަރީޒަކު ސަރުކާރު ހިންގައި ރައީސުލްޖުމްހޫރިއްޔާ އަކީ ރަމްޒީ މަގާމެއްގެ ގޮތުގައި ދެމިހުންނެވުމަށެވެ. އެމްޑީޕީގެ ގިނަ މެމްބަރުން އެދޭ ގޮތަކީ ނިޒާމާ ގުޅޭ ވޯޓެއް ނެގުން ކަމަށާއި އެކަމަށް ރައީސަށް ވެސް އިންކާރ ނުކުރެއްވޭނެ ކަމަށް ނަޝީދު އޮތީ ވިދާޅުވެފަ އެވެ.

ބަރުލަމާނީއަށް އެމްޑީޕީގެ ކޮންގްރެސްގައި ރުހުން ހޯއްދަވަން ނަޝީދު ކުރައްވާ މަސައްކަތްޕުޅާ ދެކޮޅަށް ނުކުމެވަޑައިގެން ރައީސް ވިދާޅުވެފައި ވަނީ ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވޭ ވެރިއަކު އެކުލަވައިލެވޭ ސަރުކާރެއް އޮތުމަކީ މިދަނޑިވަޅުގައި އެންމެ ރަނގަޅު ގޮތް ކަމަށެވެ.