Roadha Mihaaru
ޔާމީންގެ ޝަރީއަތެއް ނެތް؛ ގާޒީ ޗުއްޓީއަށް

ޔާމީންގެ ޝަރީއަތް ތާވަލްކުރެއްވުމަށް ފަހު ގާޒީ ޗުއްޓީއަށް

30 އޯގަސްޓް 2022

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިން ހިންގި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތުގައި މިއަދު ވެސް ހެކިބަސް ނެގުން ތާވަލްކުރެއްވުމަށް ފަހު ގާޒީ ޗުއްޓީއަށް ވަޑައިގަތުމުން މައްސަލަ ކެންސަލް ވެއްޖެ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިން ހިންގި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތުގައި މިއަދު ވެސް ހެކިބަސް ނެގުން ތާވަލްކުރެއްވުމަށް ފަހު ގާޒީ ޗުއްޓީއަށް ވަޑައިގަތުމުން މައްސަލަ ކެންސަލް ވެއްޖެ އެވެ.

އެންމެ ފަހުން މި މަހުގެ 23 ވަނަ ދުވަހު އޮތް ހެކިބަސް ނެގުމުގެ ޝަރީއަތް ނިންމަވާލައްވަމުން، އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ މިއަދު ދެ ހެކިވެރިއެއްގެ ހެކިބަސް ނެގުން ތާވަލްކޮށްފައިވާ ކަމަށާއި ޝަރީއަތް އޮންނާނީ ހެނދުނު 9:30 ގައި ކަމަށެވެ.

"އިތުރަށް ހެކިބަސްނެގުމުގެ އަޑުއެހުމެއް، ތާވަލްކުރެވިފައިވާ ގޮތުން މި މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 9:30 ގައި އޮންނާނެ،" އެންމެ ފަހުން އޮތް ޝަރީއަތުގެ މަޖިލީހުގައި ގާޒީ ޝަކީލް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި މިއަދަށް އޭރު ތާވަލްކޮށްފައި އޮތީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ނެގުމެވެ.

މީގެ ކުރިން ވެސް އަދީބާއި ޒިޔަތުގެ ހެކިބަސް ނަގަން ތާވަލްކުރި ނަމަވެސް ދެ މީހުން އެކުގައި ހާޒިރުކޮށްގެން ހެކިބަސް ނެގުމަށް، ދައުވާ ލިބޭ ފަރާތްތަކުން އެދުމުން ގާޒީ އެގޮތަށް ނިންމެވީ އެވެ.

މިއަދު ޝަރީއަތް ބާއްވަން ކުރިން ނިންމި ނަމަވެސް އެނގިފައިވާ ގޮތުގައި ގާޒީ ވަނީ އަންނަ މަހުގެ ހަވަނަ ދުވަހާ ހަމައަށް ޗުއްޓީއެއް ނަންގަވައިފަ އެވެ.

އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނަގައި އެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާގައި ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ވ. ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ދައުވާކުރެ އެވެ. މި ދެ ޝަރީއަތް ވެސް ކުރިއަށް ގެންދަނީ އެއްކޮށެވެ.