Roadha Mihaaru
ފަތިސް 04:41
އިރުއަރާ 05:53
މެންދުރު 12:01
އަސްރު 15:08
މަގްރިބް 18:01
ޢިޝާ 19:12
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
"ހީނާ ގަސްދޮށުން" ނުކުތް މާ އުންމީދީ ތަރިއެއް

"ހީނާ ގަސްދޮށުން" ނުކުތް މާ އުންމީދީ ތަރިއެއް

03 ސެޕްޓެމްބަރ 2022

ހ. ހީނާގަސްދޮށުގެ އަކީ ދިވެހި ކުޅިވަރުގައި އެންމެ ވަރުގަދަ އެއް އާއިލާ އެވެ. އެ ގޭގެ ނަމަށް ނިސްބަތްކޮށް ވަނަމުން މުހާތަބު ކުރާ "ބޮޑުހީނާ" އާއި "ކުޑަހީނާ" އަކީ ދިވެހި ކުޅިވަރުގައި ވަރުގަދަ ދެ ޝަހުސިއްޔަތެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ހ. ހީނާގަސްދޮށުގެ އަކީ ދިވެހި ކުޅިވަރުގައި އެންމެ ވަރުގަދަ އެއް އާއިލާ އެވެ. އެ ގޭގެ ނަމަށް ނިސްބަތްކޮށް ވަނަމުން މުހާތަބު ކުރާ "ބޮޑުހީނާ" އާއި "ކުޑަހީނާ" އަކީ ދިވެހި ކުޅިވަރުގައި ވަރުގަދަ ދެ ޝަހުސިއްޔަތެވެ.

މިހާރުގެ ސްޕޯޓްސް ކޮމިޝަނާ އަހުމަދު ސަލީމް (ބޮޑުހީނާ) އަކީ ރާއްޖޭގައި އިންޓަނޭޝަލް މަރުހަލާގައި އެންމެ ގިނަ ކުޅިވަރުތަކުން ގައުމީ ޓީމު ތަމްސީލު ކުރި ދިވެހި ކުޅިވަރުގެ ލެޖެންޑެވެ. ދެން ހުރީ އެގޭ އިސްމާއީލް އާސިފް (ކުޑަހީނާ) އެވެ. ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ އެއް ނަންބަރު ފޯވާޑެވެ. އެއް އިރެއްގައި ރާއްޖޭގެ އެންމެ ހަލުވި އެއް ދުވުންތެރިޔާ އެވެ. އޮލިމްޕިކްސްގައި ވާދަ ކުރި ދުވުންތެރިޔެކެވެ.

މި ފަހަރު މި އޮތީ، އެ ގެއިން ނުކުތް މާ އުންމީދީ އެތުލީޓެކެވެ. ނިމިދިޔަ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ 15 އަހަރުން ދަށުގެ އެންމެ މޮޅު އެތުލީޓްގެ މަގާމު ހޯދި އުމުރުން ހަގު ޔޫސުފް އަޔާން އާމިރެވެ. މިއީ ހިނާ ގަސް ދޮށުގޭ އެންމެ ލޭޓެސްޓް އެތުލީޓެވެ. އެ ގޭ "ލިޓްލް ހީނާ" އެވެ. ފުޓްބޯޅަ އާއި އެތުލެޓިކްސްގައި އުންމީދީ އެތުލީޓެކެވެ.

އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި 100 އަދި 200 މީޓަރުން ރަން މެޑަލް ހޯދި އަޔާން ބުނި ގޮތުގައި އޭނާ އަށް ދުވުމުގެ ހުނަރު ލިބުނީ ފުޓްބޯޅައިގެ ތަމްރީންތަކުންނެވެ. ބޮޑު ބޭބެ ހީނާ އަހުމަދު ސަލީމް އިސްވެ އުފެއްދި އާލީ ޓަޗު އެކަޑަމީ އަށް އަޔާން ދިޔައީ ފުޓްބޯޅައިގެ ތަމްރީންތަކަށެވެ.

ގައުމީ 13 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމުގައި ހިމެނިގެން އަޔާން ދުބާއީ މުބާރާތުގައި ކުޅެނީ

ގައުމީ 13 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމުގައި ހިމެނިގެން އަޔާން ދުބާއީ މުބާރާތުގައި ކުޅެނީ

"އެތުލެޓިކްސް އަށް ހާއްސަކޮށެއް ޓްރޭން ނުކުރަން މުބާރާތް ކައިރިވީމަ ނޫނީ. އެންމެ ކުޑައިރުން ފެށިގެން ފުޓްބޯޅައިގެ ބޭސިކް ޓްރޭނިންތައް ހަދަނީ،" އެންމެ ފަހުން އެކުލަވާލި 13 އަހަރުން ދަށުގެ ގައުމީ ޓީމުގައި ހިމެނިގެން ދުބާއީގައި ބޭއްވި 12 އަހަރުން ދަށުގެ މުބާރާތުގައި ކުޅުނު އަޔާން ބުންޏެވެ.

އަޔާންގެ މަންމަ އަދި އަމީނިއްޔާގެ އިންޓަ ހައުސްގައި ރާދަފަތި ހައުސްގެ އެތުލެޓިކްސް މުބާރާތްތަކުން ކުރިން ވިދާލި ދުވުންތެރިޔާ ހަދީޖާ ވަހީދު (ހައްޖަ) ބުނި ގޮތުގައި ކޮވިޑްގެ ކުރިން ބޭއްވި އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގައި ވެސް އަޔާން ބައިވެރި ކުރުމަށް އޭނާ ވިސްނި އެވެ.

"އެކަމަކު އެފަހަރު ގައުމީ ޓީމުގައި ދުބާއީ މުބާރާތުގެ ތެރެއިން އަތް ބިންދައިގެން ދިޔައީމަ އެ އަހަރު ބައިވެރި ނުކުރެވުނީ،" ކުރިން ޖޫނިއާ އެތުލެޓިކްސް ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަ ކުރި ދުވުންތެރިޔާ މަރްޔަމް ޝިފާގެ ކޮއްކޮ ހައްޖަ ބުންޏެވެ.

ދުބާއީ މުބާރާތުގެ ހަވާސާގައި ރެއާލް މެޑްރިޑްގެ ލެޖެންޑް މިޝޭލް ސަލްގާޑޯ އާއެކު ދިވެހި ބައެއް ކުޅުންތެރިން ފޮޓޯއެއް ނަގަނީ: އަޔާން މެދުގައި

ދުބާއީ މުބާރާތުގެ ހަވާސާގައި ރެއާލް މެޑްރިޑްގެ ލެޖެންޑް މިޝޭލް ސަލްގާޑޯ އާއެކު ދިވެހި ބައެއް ކުޅުންތެރިން ފޮޓޯއެއް ނަގަނީ: އަޔާން މެދުގައި

ކްލަބް ވެލެންސިއާގެ މިޑްފީލްޑާ އިސްމާއީލް ޒާން އާމިރުގެ ކޮއްކޮ އަޔާން އަށް ލިބުނީ އޭނާގެ އާއިލާއިން ވާރުތަވި ފުޓްބޯޅައިގެ ހުނަރާއި ދުވުމުގެ ހުނަރެވެ. ގައުމީ 13 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމުގައި އަޔާން އަށް ކޯޗު ކަން ވެސް ކޮށްދޭ ކުޑަހީނާ ބުނި ގޮތުގައި އަޔާންގެ ދުވުމުގެ ސްޕީޑް ހިއްލާލީ 2020 ގެ ތެރޭގައި ލޮކްޑައުން އަށް ފަހު ހެނދުނު ތަމްރީންތަކަށް ހުޅުވާލުމުން ކުރިއަށް ގެންދިޔަ ޓްރޭނިންތަކުގެ ތެރޭގަ އެވެ.

ފަތިހު ފަހަކުން ހެނދުނު 8 ޖަހަންދެން ބޭރަށް ނުކުމެވޭ ގޮތަށް ލޮކް ޑައުންގެ ފިޔަވަޅުތަކަށް ލުއި ދިން ދުވަސްވަރެވެ. އޭރު ކޮންމެ ހެނދުނެއްގައި އެޖިލިޓީ އާއި އެންޑިއުރެންސް ޓްރެއިނިން ކުރިއަށް ގެންދިޔަ އެވެ. އަޔާން ބުނީ، ބޭބެ ޒާން ހިންގާ "އާ ޖީލަކަށް" ޓްރެއިނިން ޕްރޮގްރާމްގެ ތެރެއިން ވެސް ޓްރޭނިން ކުރިއަށް ގެންދިޔަ ކަމަށެވެ.

"އެ ޓްރޭނިންތަކުގެ ސަބަބުން އާންބެ [އަޔާން] ގެ ސްޕީޑް ގެނެވުނީ،" ކުޑަހީނާ ބުންޏެވެ.

އަޔާން ސްޕްރިންޓް ރޭހެއްގައި ވާދަ ކުރަނީ: އޭނާ އަކީ ދުވުމުގެ ހުނަރު ވެސް ހުރި އުންމިދީ އެތުލީޓެއް

އަޔާން ސްޕްރިންޓް ރޭހެއްގައި ވާދަ ކުރަނީ: އޭނާ އަކީ ދުވުމުގެ ހުނަރު ވެސް ހުރި އުންމިދީ އެތުލީޓެއް

ހިތްވަރުގަދަ އެތުލީޓެއް

އަޔާން ފާހަގަ ކުރެވިފައި ވަނީ ހިތްވަރުގަދަ ދުވުންތެރިޔެއް އަދި ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. ދުބާއީ މުބާރާތުގައި އަތް ބިންދައިގެން ދިއުމުން ވެސް އޭނާގެ ހިތްވަރު ފެނުނު ކަމަށް ކުޑަހީނާ ބުންޏެވެ. ހާސްވެ ބިރު ގަތުމުގެ އެއްވެސް ކަމެއް އޭނާގެ ފަރާތުން ފެނިގެން ނުދާކަން ވެސް ކުޑަހީނާ ފާހަގަ ކުރި އެވެ.

މައިލޯ ފުޓްބޯލް ފިއެސްޓާގެ ދެވަނަ މަގާމު އިސްކަންދަރު ސްކޫލުން 2017 ގައި ހޯދި އިރު އެ ޓީމުގައި ވެސް ހިމެނުނު އަޔާން، އުމުރުން ހަގު އިރު މެޗާ ކުރިމަތިލާއިރު ވެސް ޖެހިލުން ވުމުގެ އަސަރެއް އޭނާގެ ކިބައިން ނުފެނެ އެވެ.

ދުބާއީ މުބާރާތުގެ ތެރެއިން އަޔާން އަތް ބިންދައިގެން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފަ: އެ އަނިޔާގެ ފަހުން ވެސް އޭނާ ދަނީ ކާމިޔާބު ހޯދަމުން

ދުބާއީ މުބާރާތުގެ ތެރެއިން އަޔާން އަތް ބިންދައިގެން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފަ: އެ އަނިޔާގެ ފަހުން ވެސް އޭނާ ދަނީ ކާމިޔާބު ހޯދަމުން

"ބައެއް ކުދިން އުޅޭނެ އިންޓަ ސްކޫލް މެޗު އޮންނައިރު މެޗު އޮންނަ ދުވަހުގެ ކުރީ ރޭ ކޮންމެ ވެސް ވަރަކަށް ހާސް ވެގެން އުޅޭނެ. ޒާން ކުޑައިރު ވެސް އިންޓަ ސްކޫލް މުބާރާތް އޮންނައިރު އޭނަ ވެސް އުޅޭނެ އެހެން،" ވެލެންސިއާގައި ޒާން އަށް ވެސް ކޯޗު ކޮށްދޭ ކުޑަހީނާ ބުންޏެވެ.

"އެކަމަކު އާންބެ [އަޔާން] ގެ ފަރާތުން އެކަހަލަ ކަމެއް ނުފެނޭ. މެޗު އޮންނަ ދުވަހު ވެސް އޭނާ އުޅޭނީ ހަމަ އޭނަ އުޅޭހެން. އޭނާ ފެންނާނީ ހަމަޖެހިލާފަ ހުންނަތަން."

ދެ ކުޅިވަރުގައި ވެސް ކުރިއަށް ދިއުމުގެ ވިސްނުން އެބަހުރި

އިސްކަންދަރު ސްކޫލްގެ ގްރޭޑް 9 ގައި ކިޔަވަމުން އަންނަ އަޔާން ބުނީ ސީނިއާ ކެރިއާ އާ ހަމައަށް ދަންދެން އެތުލެޓިކްސް އަދި ފުޓްބޯޅައިން ވެސް ކުރިއަށް ދިއުމުގެ ވިސްނުން އެބަ ހުރި ކަމަށެވެ.

"ވަކި ކުޅިވަރަކަށް ހާއްސަ ވާކަށް އަދި ނުވިސްނަން،" ޔޫސުފް ރަމީޒު (ޔޫއްޓޭ) ގެ ކޯޗު ކަމުގެ ދަށުން އޭނާ ވެލެންސިއާގެ އެކަޑަމީގައި ވެސް ޓްރޭން ކުރަމުން އަންނަ އަޔާން ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް އާސެނަލް އަށް ސަޕޯޓް ކުރާ އަޔާން އެންމެ ކުޑަ އިރުން ފެށިގެން އުޅެވިފައި ހުރީ ފުޓްބޯޅައިގެ ތެރޭގަ އެވެ. އެތުލެޓިކްސް ކުރިއަށް ގެންދަނީ މުބާރާތް ކައިރިވާ ދުވަސްވަރު އެވެ.

އަޔާން އާސެނަލްގެ އެމިރޭޓްސް ސްޓޭޑީއަމްގައި: އޭނާ އަކީ އާސެނަލްގެ ސަޕޯޓަރެއް

އަޔާން އާސެނަލްގެ އެމިރޭޓްސް ސްޓޭޑީއަމްގައި: އޭނާ އަކީ އާސެނަލްގެ ސަޕޯޓަރެއް

ހައްޖަ ވެސް ބުނީ، ވަކި ކުޅިވަރަކުން ކުރިއަށް ދިއުމަށް އޭނާ، އަޔާން އަށް ބާރު ނާޅާ ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެ ޗޫޒް ކުރާނީ އާންބެ، އެ ހިސަބަށް ދިޔައީމަ އެއެއް ޗޫޒު ކުރާނެ،" އޭނާ ބުންޏެވެ.

އަޔާން ބުނީ އެތުލެޓިކްސް އަށް ހާއްސަ ބައެއް އެކަޑަމީތަކުން އޭނާ އެ އެކަޑަމީތަކާ ގުޅެން ދައުވަތު ލިބިފައިވާ ކަމަށެވެ.

އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ޖުނިއާ ބައިގެ 4 ގުނަ 100 މީޓަރުގެ ރިލޭގެ ރަން މެޑަލް އިސްކަންދަރު ސްކޫލަށް ހޯދައިދިން އަޔާން މުބާރާތުގައި ވާދަ ކުރީ އިސްކަންދަރު ސްކޫލްގެ ނަމުގަ އެވެ.

އަޔާންގެ ބައްޕަ މުހުދިން އާމިރު، އަޔާން، ހައްޖަ، އަޔާންގެ ކޮއްކޮ، އަޔާންގެ ބޭބެ ޒާން: ފުޓްބޯޅަ އާއި އެތުލެޓިކްސްގެ ތެރެއިން ބޭނުން ކުޅިވަރެއްގައި ކުރިއަށް ދިއުމާ މެދު އާއިލާގެ އިއުތިރާޒެއް ނެތް

އަޔާންގެ ބައްޕަ މުހުދިން އާމިރު، އަޔާން، ހައްޖަ، އަޔާންގެ ކޮއްކޮ، އަޔާންގެ ބޭބެ ޒާން: ފުޓްބޯޅަ އާއި އެތުލެޓިކްސްގެ ތެރެއިން ބޭނުން ކުޅިވަރެއްގައި ކުރިއަށް ދިއުމާ މެދު އާއިލާގެ އިއުތިރާޒެއް ނެތް

"އެއީ ސްކޫލް އަކީ އެންމެ ކުޑައިރު ފެށިގެން އުޅެމުން އަންނަ ތަން ވީމަ ސްކޫލު ނަމުގައި ވާދަކުރީ،" ކްލަބެއްގެ ނުވަތަ އެކަޑަމީއެއްގެ ނަމުގައި މުބާރާތުގައި ވާދަ ނުކުރީ ކީއްވެތޯ އެހުމުން، އަޔާން ބުންޏެވެ.

ފުޓްބޯޅަ ދަނޑުގައި ޒުވާން ވިންގް ފޯވާޑް އަދި އެތުލެޓިކްސް ޓްރެކްގައި ސްޕްރިންޓްގެ އެންމެ ހަލުވި ޒުވާން ދުވުންތެރިޔާ އަށް ފުޓްބޯޅަ ކޮމިޔުނިޓީންނާއި އެތުލެޓިކްސް ކޮމިޔުނިޓީން ވެސް ޑިމާންޑް އެބައޮތެވެ. އެ ދެ ކުޅިވަރުން ވެސް އުންމީދީ އެތުލީޓެއްގެ ގޮތުގައި އޭނާގެ ނަން އޮތީ ފާހަގަ ވެފަ އެވެ.