Roadha Mihaaru
ސްވިޒަލެންޑުން ސްޕެއިން ބަލިކޮށްފި، ޕޯޗުގަލް ކުރީގައި

ސްވިޒަލެންޑުން ސްޕެއިން ބަލިކޮށްފި، ޕޯޗުގަލް ކުރީގައި

25 ސެޕްޓެމްބަރ 2022

ޒަރަގޯޒާ (ސެޕްޓެމްބަރު 25) - ހަތަރު އަހަރު ތެރޭ ފުރަތަމަ ފަހަރަށް ސްޕެއިންގެ ގައުމީ ފުޓުބޯޅަ ޓީމަށް އަމިއްލަ ފަސްގަނޑުގައި ނާކާމިޔާބާ ކުރިމަތިލާން ޖެހުނު އިރު، ރަށުން ބޭރުގައި ފަސޭހަ ކަމާ އެކު ޗެކް ރިޕަބްލިކް ބަލިކޮށް ޕޯޗުގަލް، ޔުއެފާ ނޭޝަންސް ލީގު އޭ ގެ ގުރޫޕް 2 ގެ އެއް ވަނައަށް ޖެހިލައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޒަރަގޯޒާ (ސެޕްޓެމްބަރު 25) - ހަތަރު އަހަރު ތެރޭ ފުރަތަމަ ފަހަރަށް ސްޕެއިންގެ ގައުމީ ފުޓުބޯޅަ ޓީމަށް އަމިއްލަ ފަސްގަނޑުގައި ނާކާމިޔާބާ ކުރިމަތިލާން ޖެހުނު އިރު، ރަށުން ބޭރުގައި ފަސޭހަ ކަމާ އެކު ޗެކް ރިޕަބްލިކް ބަލިކޮށް ޕޯޗުގަލް، ޔުއެފާ ނޭޝަންސް ލީގު އޭ ގެ ގުރޫޕް 2 ގެ އެއް ވަނައަށް ޖެހިލައިފި އެވެ.

ސްޕެއިން ބަލިވީ އަމިއްލަ ގައުމުގައި ސްވިޒަލެންޑާ ވާދަކޮށް 2-1 އިންނެވެ. މިއީ މިދިޔަ އަހަރުގެ ނޭޝަންސް ލީގު ފައިނަލް ގައި ފްރާންސް އަތުން ބަލިވި ފަހުން ސްޕެއިން މި މުބާރާތުގައި ބަލިވި ފުރަތަމަ މެޗެވެ.

އެޓީމު އަމިއްލަ ފަސްގަނޑުގައި އެންމެ ފަހުން ބަލިވީ 2018 ގެ އޮކްޓޫބަރު މަހު، ނޭޝަންސް ލީގު ގުރޫޕް ސްޓޭޖުގައި އިންގްލެންޑު އަތުން 3-2 އިންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ސްވިޒަލެންޑުންނެވެ. ރުބެން ވާގާސް ނަގައިދިން ކޯނަރެއް ބޮލުން ޖަހައި މި ލަނޑު އެޓީމަށް ޖަހައިދިނީ މި ސީޒަނުގައި އިންގްލެންޑުގެ މެންޗެސްޓާ ސިޓީއާ ގުޅުނު ޑިފެންޑަރު މެނުއެލް އަކަންޖީ އެވެ.

ފުރަތަމަ ހާފު ނިމެނިކޮށް ޒެންޑެން ޝަކީރީ، ސްވިޒަލެންޑަށް ލީޑު ފުޅާ ކޮށްދޭން ހަމަލާއެއްފޮނުވާލި ނަމަވެސް ސްޕެއިންގެ ގޯލްކީޕަރު އުނައި ސިމޯން ވަނީ ދިފާއު ކޮށްފަ އެވެ.

ފަހު ހާފު ފެށިގެން 10 ވަނަ މިނިޓުގައި ސްޕެއިން އިން އެއްވަރުކުރީ މާކޯ އަސެންސިއޯގެ އެހީތެރިކަމާ އެކު ޖޯޑީ އަލްބާ ޖަހައިދިން ލަނޑުންނެވެ. ނަމަވެސް އޭގެ ތިން މިނިޓު ފަހުން ކޯނަރެއްގައި ސްވިޒަލެންޑުން ވަނީ ދެވަނަ ފަހަރަށް ލީޑު ނަގައިފަ އެވެ. މި ލަނޑަކީ ކޯނަރަކުން ހުރަސްވި ބޯޅަ އަކަންޖީ އޭރިއާ ތެރެއިން ޖައްސާލުމުން ބްރީޒް އެމްބޯލޯ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ދެ ވަނަ ފަހަރަށް ނަތީޖާ އެއްވަރުކުރަން ސްޕެއިން އިން ކުރި މަސައްކަތުގައި މާކަސް ލޮރެންޓޭ އާއި އިތުރު ވަގުތުގައި ކާލޯސް ސޮލާ ފޮނުވާލި ހަމަލާ ދިފާއުކުރީ ސްވިޒަލެންޑުގެ ގޯލްކީޕަރު ޔާން ސޮމާ އެވެ.

ޑަލޮޓް (މ)، ޕޯޗުގަލްގެ ތިންވަނަ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

ޑަލޮޓް (މ)، ޕޯޗުގަލްގެ ތިންވަނަ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

ސްޕެއިން ބަލިވުމުގެ ފައިދާ ނަގައި، ޕޯޗުގަލް އެއްވަނައަށް ޖެހިލީ 4-0 އިން ޗެކް ރިޕަބްލިކް ބަލިކޮށްފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ޑިއޯގޯ ޑަލޮޓް ޕޯޗުގަލް އަށް މި މެޗުގައި ދެ ލަނޑު ޖަހައިދިން އިރު، ބްރޫނޯ ފެނާންޑޭޒް ވެސް ވަނީ ލަނޑު ޖަހައިފަ އެވެ. އަދި ލިވަޕޫލްގެ ޑިއޯގޯ ޖޮޓާ ވެސް ވަނީ ފަހު ހާފުގައި ކުޅެން އަރައި ލަނޑު ޖަހައިފަ އެވެ.

މެޗު ފަށައިގެން ވަރަށް ކުރީކޮޅު، ރޮނާލްޑޯ ބޮލުން އެރި ބޯޅައެއްގައި ޗެކް ރިޕަބްލިކްގެ ގޯލްކީޕަރު އެ ބޯޅަ ދިފާއުކުރަން އެރި ވަގުތު ރޮނާލްޑޯގެ ނޭފަތްމަތި ވަނީ ފަޅައިގެން ގޮސްފަ އެވެ. ނަމަވެސް ދަނޑު ބޭރުން ފަރުވާ ހޯދުމަށް ފަހު އޭނާ ވަނީ އަލުން ކުޅުމުގައި ބައިވެރި ވެފަ އެވެ.

މެޗުގެ 33 ވަނަ މިނިޓުގައި ޑަލޮޓް، ޕޯޗުގަލް އަށް ލީޑު ނަގައިދިނީ، ރަފައެލް ލެއާއޯ ހުރަސްކޮށްލި ބޯޅައަކުންނެވެ. އަދި ފުރަތަމަ ހާފު ގެ އިތުރު ވަގުތުގައި މާރިއޯ ރުއީ ތިރިތިރިން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައިން ލީޑު ފުޅާ ކޮށްދިނީ ފެނާންޑޭޒް އެވެ.

މި ހާފު ނިމުމުގެ ކުރިން ރޮނާލްޑޯގެ އަތުގައި ބޯޅަ ޖެހިގެން ޗެކް ރިޕަބްލިކަށް ޕެނަލްޓީއެއް ވެސް ލިބުނެވެ. ނަމަވެސް ޕެޓްރިކް ޝިކް ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލު މަތިން ބޭރަށެވެ.

އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން ޕޯޗުގަލްގެ ތިންވަނަ ލަނޑު ޑަލޮޓް ޖަހައިދިނީ 52 ވަނަ މިނިޓުގަ އެވެ. އަދި ޓީމުގެ ހަތަރު ވަނަ ލަނޑު ފުރިހަމަ ވަގުތު ހަމަވާން އަށް މިނިޓަށް ވެފައި ވަނިކޮށް ޖޮޓާ ޖެހީ، ކޯނަރަކުން ހުރަސްވި ބޯޅަ ރޮނާލްޑޯ ބޮލުން ފޮނުވާލުމުން ގޯލު ކުރިމަތިން ހުރަސްވާން ދަނިކޮށް ފާ ޕޯސްޓުގައި ހުރެ ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ.

މި ނަތީޖާއާ އެކު ޕޯޗުގަލް އެއް ވަނައަށް ޖެހިލީ ކުޅުނު ފަސް މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. ސްވިޒަލެންޑު އަތުން ބަލިވި ސްޕެއިން ދެ ވަނައިގައި އޮތީ އަށް ޕޮއިންޓާ އެކު އެވެ.

ނޭޝަންސް ލީގު ފައިނަލް ބުރުން ޖާގަ ހޯދާ ޓީމެއް ޔަގީން ވާނީ އަންގާރަ ދުވަހުގެ ރޭ ސްޕެއިން އާއި ޕޯޗުގަލް ކުޅޭ މެޗަށް ފަހު އެވެ.

ރެެލިގޭޝަނުން ސަލާމަތްވާން އެރޭ ޗެކް ރިޕަބްލިކް ނުކުންނާނީ ސްވިޒަލެންޑާ ދެކޮޅަށެވެ. ޗެކް ރިޕަބްލިކަށް ހަތަރު ޕޮއިންޓް ލިބިފައި ވާއިރު، ސްވިޒަލެންޑް ވަނީ ހަ ޕޮއިންޓް ހޯދައިފަ އެވެ.