Roadha Mihaaru
އެމްޕީއެލުން ހަ ލައްކަ ރުފިޔާގެ ކޮމިއުނިޓީ ފަންޑެއްް

މުޖުތަމައަށް އެހީވާން އެމްޕީއެލުން 600،000ރ. ގެ ކޮމިއުނިޓީ ފަންޑެއް

25 ސެޕްޓެމްބަރ 2022

އިޖުތިމާއީ ހަރަކާތްތަކާއި މުޖުތަމައަށް އެހީތެރިވުމަށް އެމްޕީއެލުން 600،000ރ. ގެ ކޮމިއުނިޓީ ފަންޑެއް ރޭ އިފުތިތާހުކޮށްފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

އިޖުތިމާއީ ހަރަކާތްތަކާއި މުޖުތަމައަށް އެހީތެރިވުމަށް އެމްޕީއެލުން 600،000ރ. ގެ ކޮމިއުނިޓީ ފަންޑެއް ރޭ އިފުތިތާހުކޮށްފި އެވެ.

އެ ކުންފުންޏަށް 36 އަހަރު ފުރުން ފާހަގަކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި "ޕޯޓް ކޮމިއުނިޓީ ފަންޑް" އިފުތިތާހު ކުރުމަށް ފަހު، އެމްޕީއެލުން ބުނީ އިޖުތިމާއި ކަންކަމުގައި ކުރިން ވެސް ސްޕޮންސަޝިޕްތަކާއި މާލީ އެހީތެރިކަން ފޯރުކޮށްދޭ ކަމަށާއި އެއީ އެފަދަ ކަންކަން ހަރުދަނާ މިންގަޑެއްގެ ތެރޭގައި ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދިއުމުގެ ބޭނުމުގައި އުފެއްދި ފަންޑެއް ކަމަށެވެ.

ރައީސްގެ އިތުރުން ރޭގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެމްޕީއެލްގެ ބައެއް އިސްވެރިން ---ފޮޓޯ: ނިޝާން އަލީ | މިހާރު

ރައީސްގެ އިތުރުން ރޭގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެމްޕީއެލްގެ ބައެއް އިސްވެރިން ---ފޮޓޯ: ނިޝާން އަލީ | މިހާރު

"ޕޯޓް ކޮމިއުނިޓީ ފަންޑަކީ މުޖުތަމައުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށާއި މުޖުތަމައުގައި ދިރިއުޅުމުގެ ހާލަތު ކުރިއަރުވައި، ހިތްހަމަޖެހުމާއި ހިތްފަސޭހަ މާހައުލެއް ބިނާކުރުމަށް ކުރިއަށް ގެންދެވޭ ޕްރޮގްރާމެއް،" ހެންވޭރު ދަނޑުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލުން ދެއްކި ވީޑިއޯ ރިޕޯޓުގައި ބުންޏެވެ.

އެ ފަންޑުގެ ދަށުން ކޮންމެ އަހަރަކު އިޖުތިމާއީ އެކި ކަންކަމަށް އެ ކުންފުނިން ކަނޑައަޅާފައިވާ 600،000ރ. ބަހާފައި ވަނީ ދެ ކެޓަގަރީއަކަށެވެ.

ފުރަތަމަ ކެޓަގަރީގައި ހިމެނެނީ ތިން މަސް ދުވަހަަށް ވުރެ ގިނަ ދުވަސް ނުވާ ޕްރޮޖެކްޓްތަކެވެ. އެ ކެޓަގަރީގައި ޖުމުލަ އަށް ޕްރޮޖެކްޓް ހޮވައިލެވޭއިރު، އެ އިން ކޮންމެ ޕްރޮޖެކްޓަކަށް 50،000ރ. ދޭން ވަނީ ނިންމައިފަ އެވެ. ދެވަނަ ކެޓަގަރީ އަށް ހުށަހެޅޭނީ އަަހަރަކަށް ވުރެ ގިނަ ދުވަސް ނުވާ ޕްރޮޖެކްޓްތަކެވެ. އެ ކެޓަގަރީގެ ދަށުން ދެ ޕްރޮޖެކްޓަކަށް 100،000ރ. ދޭނެ އެވެ.

ޕޯޓް ކޮމިއުނިޓީ ފަންޑަށް ކުރިމަތިލެވޭނީ މުޖުތަމައާ ގުޅުން ހުރި ޖަމިއްޔާތަކަށާއި މަދަނީ ޖަމިއްޔާތަކާއި އެހީ ނުވަތަ ޗެރިޓެބްލް އޮގަނައިޒޭޝަންތައް އަދި ކްލަބް ޖަމިއްޔާތަކަށެވެ.

އެމްޕީއެލުން ބުނީ، އެ ކުންފުނީގެ އެހީއަށް އެދި ހުށަހަޅާ ޕްރޮޖެކްޓްތައް އިވެލުއޭޓް ކުރާއިރު ބޮޑަށް ބަލާނީ ފައިނޭންޝަލް ޕްލޭން އަދި ދެމެހެއްޓެނިވި ގޮތެއްގައި އެ ޕްރޮޖެކްޓެއްގެ ހިދުމަތް ލިބޭނެ ގޮތަކަށެވެ. އެގޮތުން، އެ ދެ ބަޔަށް އެކަނި 80 ޕަސެންޓް މާކްސް ލިބެ އެވެ. ބާކީ 20 ޕަސެންޓަކީ ޕްރޮޕޯސަލާއި އޭގެ އިނޮވޭޝަނަށް ދެ މާކްސް އެވެ.

އެމްޕީއެލް ކޮމިއުނިޓީ ފަންޑަށް ހުށަހެޅޭނީ އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި އާއި ޕްރޮޕޯސަލް ހުށަހެޅުމުގެ ތާރީހުތައް ފަހުން އާންމުކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.