Roadha Mihaaru
ފަތިސް 05:06
އިރުއަރާ 06:20
މެންދުރު 12:24
އަސްރު 15:43
މަގްރިބް 18:21
ޢިޝާ 19:35
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ހެޔޮކަމާއެކު، ޒުވާންކަމުގެ ފައިދާ ހޯދާނެ ގޮތްތައް

މުސްކުޅިވުމުގެ ކުރިން ޒުވާންކަމުގެ ފައިދާ ހޯދާނެ ގޮތްތައް

30 ސެޕްޓެމްބަރ 2022

އުމުރުން ދުވަސްވެ މުސްކުޅިވުމުން އެ މީހުންނަށް ދޭން ޖެހޭ ލޯތްބާއި އަޅައިލުން މަދުވަމުންދާ ދުވަސްވަރެއްގައި އެފަދަ ކަންކަމާ މެދު ވިސްނައި ފިކުރުކޮށް، އެ ރިވެތި އަހުލާގު އަނބުރާ ގެނައުމަށް ކުރެވޭ އެއް މަސައްކަތަކީ އެކަމަށްޓަކައި ވަކި ދުވަހެއް ހާއްސަ ކޮށްލުމެވެ. ނަމަވެސް ކީރިތި ރަސޫލު ﷺ އިރުޝާދު ދެއްވާފައިވާ ފަދައިން މުސްކުޅިވުމުގެ ކުރިން ޒުވާންކަމުގެ ފައިދާ ހެޔޮ ގޮތުގައި ބޭނުން ކުރުމަށް އަހަރެމެންގެ ނަފްސުތައް ތަރުބިޔަތު ކޮށްފި ނަމަ އަހަރެމެން ކޮންމެ މީހަކު ވެސް މުސްކުޅި އުމުރަށް ދާނީ ރިވެތި އަހުލާގެއްގެ މަތީގަ އެވެ. އަދި އަހަރެމެން ކޮންމެ މީހަކު ވެސް މުޖުތަމައުގެ ކޮންމެ ގިންތިއެއްގެ ބަޔަކާ އެކު ވެސް މުއާމަލާތު ކުރާނީ އެންމެ ރިވެތި ގޮތުގަ އެވެ.

ޑރ. ސަޢުދުﷲ ޢަލީ ޑރ. ސަޢުދުﷲ ޢަލީ

އުމުރުން ދުވަސްވެ މުސްކުޅިވުމުން އެ މީހުންނަށް ދޭން ޖެހޭ ލޯތްބާއި އަޅައިލުން މަދުވަމުންދާ ދުވަސްވަރެއްގައި އެފަދަ ކަންކަމާ މެދު ވިސްނައި ފިކުރުކޮށް، އެ ރިވެތި އަހުލާގު އަނބުރާ ގެނައުމަށް ކުރެވޭ އެއް މަސައްކަތަކީ އެކަމަށްޓަކައި ވަކި ދުވަހެއް ހާއްސަ ކޮށްލުމެވެ. ނަމަވެސް ކީރިތި ރަސޫލު ﷺ އިރުޝާދު ދެއްވާފައިވާ ފަދައިން މުސްކުޅިވުމުގެ ކުރިން ޒުވާންކަމުގެ ފައިދާ ހެޔޮ ގޮތުގައި ބޭނުން ކުރުމަށް އަހަރެމެންގެ ނަފްސުތައް ތަރުބިޔަތު ކޮށްފި ނަމަ އަހަރެމެން ކޮންމެ މީހަކު ވެސް މުސްކުޅި އުމުރަށް ދާނީ ރިވެތި އަހުލާގެއްގެ މަތީގަ އެވެ. އަދި އަހަރެމެން ކޮންމެ މީހަކު ވެސް މުޖުތަމައުގެ ކޮންމެ ގިންތިއެއްގެ ބަޔަކާ އެކު ވެސް މުއާމަލާތު ކުރާނީ އެންމެ ރިވެތި ގޮތުގަ އެވެ.

ދުވަސްވީ މީހުންނަށް ކަމޭހިތައި އަޅާލާ ބަޔަކު ކަމުގައި އަހަރެމެން ވާނެ އެވެ. ވީމާ މުސްކުޅިވުމުގެ ކުރިން ޒުވާންކަމުގެ ފައިދާ ހެޔޮގޮތުގައި ހިފުމަށްޓަކައި ފަރުވާތެރިވެ ސަމާލުވާން ޖެހޭ ކަންތައްތަކެއް ވެ އެވެ.

އަގީދާ ވަރުގަދަކުރުމާއި އަޅުކަންތައް ފުރިހަމަ އަށް އަދާކުރުން

ޒުވާންކަމުގެ ފައިދާ ހެޔޮކޮށް ހިތުމުގެ ތަރުބިޔަތުގައި އެންމެ ފުރަތަމަ ކަމަކީ މާތްﷲ ގެ އެއްކައުވަންތަ ކުރުމުގެ އަގީދާ އިތުރަށް ކަށަވަރު ކުރުމެވެ. އެކަލާނގެއީ މި ކައުނު ހައްދަވައި ކައުނުގެ އެންމެހައި ކަންކަން ތަދުބީރު ކުރައްވާ ކަލާނގެކަން އިތުރަށް ޔަގީން ކުރުމެވެ. އެ ފަރާތަށް އިތުބާރު ބޮޑުކޮށް ވަކީލު ކުރުމެވެ.

އެހެނީ އެކަލާނގެ އަށް ވަކީލު ކޮށް އީމާންވާ ނަމަ އެ ބަޔަކު ދިފާއު ކުރެއްވުމުގައި އެކަލާނގެ ވޮޑިގެންވާނެ އެވެ. ހަމަ މިއާއެކު މިންވަރަށް އީމާންވުން އައު ކުރުމަކީ ވެސް މުހިންމު ކަމެކެވެ. އެއްވެސް މުސީބާތެއް އެކަލާނގެ އިޒުނައާ ނުލައި ކުރިމަތިނުވާނެ ކަމާއި އަޒަލުއްސުރެ ލިޔުއްވިފައިވާ ކަމެއް މެނުވީ މެދުވެރި ނުވާނެ ކަން ގަބޫލު ކުރުން ވެސް މުހިންމެވެ. ދެވަނަ ކަމަކީ އަޅުކަންކޮށް ހެޔޮ އަމަލުތައް ގިނަ ކުރުމެވެ. އިންސާނާގެ ފިތުރަތު ސަލާމަތުން ބެހެއްޓުމަށްޓަކައި މިއީ މުހިންމު ކަމެކެވެ. ބޭކާރު ކަންކަމުގައި ވަގުތު ނަގާލައި ޒުވާންކަން ދުއްވާލުމަށް ވުރެ މިގޮތް ފައިދާ ބޮޑުވާނެ އެވެ. ތިންވަނަ ކަމަކީ އަބަދުވެސް ތައުބާވެ، އިސްތިގުފާރުކޮށް، ތަސްބީހަ ކިޔައި އުޅެން އާދަ ކުރުމެވެ.

ޔޫނުސްގެފާނަށް ކުރިމަތިވެ ވަޑައިގެންނެވި މުސީބާތުން ސަލާމަތްވެ ވަޑައިގަތީ ތަސްބީހަ ކިޔުއްވާ ބޭކަލަކު ކަމުގައި ވެވަޑައިގަތީމަ އެވެ. އައްބާސްގެފާނާއި އަލީގެފާނު ވިދާޅުވެފައި ވެ އެވެ. "ފާފަކުރުމުން މުސީބާތްތައް ކުރިމަތިވެ އެވެ. ތައުބާވުމުން އެ އިން ސަލާމަތް ވެއެވެ."

ކެތްތެރިވުމާއި ދެބަސްވުންތަކުން ދުރުހެލިވުމާއި ހެޔޮގޮތް އުންމީދުކުރުން

ހަތަރުވަނަ ކަމަކީ ކެތްތެރިވުމެވެ. އީމާންތެރިކަން ފުރިހަމަވަނީ ކެތްތެރިވެގެންނެވެ. ކެތް ކުރުމަކީ ވަރަށް ގިނަ ނަފުސާނީ ބަލިތަކެއްގެ ފަރުވާ އެކެވެ. އަވަސްވެގަތުމަކީ ޝައިތާނާގެ ފުށުން އަންނަ ކަމެކެވެ. މަޑުމައިތިރި ކަމާއި ހިލްމުވެރި ކަމަކީ މާތްﷲ ގެ ހަޒުރަތުން އަންނަ ކަމެކެވެ.

ކީރިތި ރަސޫލު ﷺ ހަދީސް ކުރައްވާފައި ވެ އެވެ. "ވަރުގަދަ މީހަކީ ތަޅާފޮޅައިގެން ގަދަވާ މީހާއެއް ނޫނެވެ. ނަމަވެސް ވަރުގަދަ މީހަކީ ރުޅި އަންނަ ހިނދު އޭގެ މައްޗަށް ގަދަވެގަންނަ މީހާ އެވެ."

އިންސާނާ އަށް ފުރިހަމަ ކަމެއް ލިބެނީ ރުޅީގެ މައްޗަށް ގަދަވެގަތުމުގެ ބާރު އެ މީހަކަށް ލިބިފައި ވުމުންނެވެ. ޒުވާން ދުވަސްވަރު އެ ކަމަށް ނުހޭނިއްޖެ ނަމަ ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭނެ އެވެ.

ފަސްވަނަ ކަމަކީ ދެބަސްވުންތަކާއި އަރައިރުންތައް ދޫކޮށްލުމެވެ. މާތްﷲ އަންގަވަނީ އެ ކަން ދޫކޮށްލުމަށެވެ. ނޫން ނަމަ ނާކާމިޔާބުވާނެ ކަމަށެވެ. އަދި ބާރުތައް ނެތި ހިނގައިދާނެ ކަމަށެވެ. ބުއްދިވެރިއަކީ ބައިބައިވުންތައް ކުރިމަތިވެދާނެ އެންމެހައި ކަންކަމުން ސަލާމަތްވާން މަސައްކަތް ކުރާ މީހާ އެވެ.

ހަވަނަ ކަމަކީ އަބަދުވެސް ހެޔޮ ގޮތް އުންމީދު ކުރުމެވެ. ފަރުދީ ގޮތުން ކޮންމެ މުސްލިމަކަށް ވެސް އަދި ޖަމާއީ ގޮތުން އިސްލާމީ އުންމަތަށް އަދި އިސްލާމް ދީނަށް ވެސް ހީނަރުކަން އަންނާނެކަން ނުވަތަ "ބަލި" ޖެހޭނެ ކަން ގަބޫލު ކުރަން ވާނެ އެވެ. ނަމަވެސް "މަރެއް" ނުވާނެ އެވެ. މާނައަކީ ނިކަމެތި ކަމެއް ލިބިދާނެ އެވެ. އެކަމަކު ނެތިގެންނެއް ނުދާނެ އެވެ.

ތާރީހަށް ނަޒަރު ހިންގާލާށެވެ! މުސްލިމުންނަށް ކުރިއެރުމާއި އާރާއި ބާރު ލިބިފައިވީ ދުވަސްތައް ފެންނާނެ އެވެ. ހަމަ އެފަދައިން މުސްލިމުންނަށް މިހާރު ނިކަމެތިކަން ލިބިފައިވާ ތަން ފެންނާނެ އެވެ. އެކަމަކު އުންމީދު ކަނޑާލައި މާޔޫސް ވުމަކީ މުސްލިމުންގެ ގޮތެއް ނޫނެވެ. ހަމަ އެއާއެކު ގަދައަޅައި މަސައްކަތް ކުރުމަކީ ވެސް މުހިންމު ކަމެކެވެ. އުޑުން ރަނާއި ރިއްސެއް ނުވެހޭނެ އެވެ. އެ މީހެއްގެ ސުވާ ހޯދާނީ އެ މީހެއްގެ އުދެލިންނެވެ.

އިސްލާމީ އުހުއްވަތްތެރިކަން ދެމެހެއްޓުން

ހަތްވަނަ އަދި އެންމެ މުހިންމު ކަމަކީ އިސްލާމީ އުހުއްވަތްތެރިކަން ދެމެހެއްޓުމެވެ. ހިތުގެ ޝުއޫރުތަކާއި ދުލުގެ ބަސްތަކާއި ގުނަވަންތަކުގެ އަމަލުތަކުން މި އުހުއްވަތްތެރިކަން ފެނިގެން ދިއުމެވެ. އެކަމަށްޓަކައި މުއުމިނުން އެކަކު އަނެކަކަށް އަދި އެއްބަޔަކު އަނެއް ބަޔަކަށް ވާގިވެރިވާން ޖެހޭނެ އެވެ. މުސްލިމުންގެ މައްޗަށް އަދާވާތްތެރި ކާފިރުންގެ އެހީ ހޯދައިގެން ނުވާނެ އެވެ. އެބަހީ އެފަދަ ވާގިވެރިކަމުން މުސްލިމުންނަށް ދެރަ ނިކަމެތިކަން މެދުވެރިވާ ކަންކަން ކޮށްގެން ނުވާނެ އެވެ.

ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވަނީ "މުސްލިމަކީ އަނެއް މުސްލިމުގެ އެއްބަނޑުއެއްބަފާ އަހެއް ފަދަ މީހެކެވެ. އޭނާ، އޭނާގެ އަހާ އަށް އަނިޔާވެރި ނުވާނެ އެވެ. ގެއްލުމެއް ލިބެން ދޫކޮށެއް ނުލާނެ އެވެ."

އަދި ހައްޖަތުލް ވަދާއުގެ ހުތުބާގައި އެކަލޭގެފާނު ހަދީސް ކުރެއްވި އެވެ. "ތިޔަބައިމީހުންގެ މި ދުވަސް އަދި މި މަސް އަދި މި ރަށް ހުރުމަތްތެރިވެގެންވާ ފަދައިން ތިޔަބައިމީހުންގެ ލެއާއި މުދަލާއި އަބުރު ހުރުމަތްތެރިވެގެންވެ އެވެ."

އުހުއްވަތްތެރިކަން ދެމެހެއްޓުމަށްޓަކައި އެކަކު އަނެކަކަށް އެހީވާން ޖެހެ އެވެ. ހާލުގައި ޖެހިފައިވާ މީހުންނާއި މުސްކުޅިންނާއި މަގު ގެއްލިފައިވާ މީހުންނާއި މުސީބާތްތައް ކުރިމަތިވެފައިވާ މީހުންނަށް އެހީވުމަކީ އިސްލާމީ އިޖުތިމާއީ ރައްކާތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ. އުހުއްވަތްތެރިކަން ދެމެހެއްޓުމަށްޓަކައި އާތިފީ އިހުސާސްތަކުގެ މައްޗަށް ތިމާގެ ބުއްދީގެ ބާރު ފޯރުވަން ޖެހެ އެވެ. ދީނަށް އޮންނަ ގީރަތްތެރިކަމުގެ ދަށުން ވިއަސް އަދުއްވުން ޖަހާ މަޅި ތަކުން ސަލާމަތްވާން ޖެހެ އެވެ. އިހުސާސްތަކާއި ޝުއޫރުތަކަކީ އެއްފަހަރު ކެކިފައި އަނެއް ފަހަރު ހިނދިފަ ހުންނަ އެއްޗެކެވެ. ބުއްދިވެރިންނަނީ ކަންކަމުގެ ހައްލަށް ވިސްނާ މީހުންނެވެ. އެކަންކަމުގެ ނިމުން އަތުވެދާނެ ގޮތަކަށް ބަލާ މީހުންނެވެ. އެހެން ނޫން ނަމަ ނަތީޖާ ނުބައިވާނެ އެވެ.

ޒުވާނުންގެ ގައިގައި ހުންނަ ޖޯޝީ ލެއަކީ ވަރަށް ބާރުގަދަ އެއްޗެކެވެ. މިސާލަކަށް ދީނުގެ ހުކުމްތައް ދެނެގަތުމުގައި މުޖުތަހިދު އިލްމުވެރިންގެ މެދުގައި ތަފާތު ދޭހަތައް ހުންނަ މައްސަލަތަކުގައި އެ އިން އެއް ދޭހަ އެކަނި އެއީ ދީން ކަމުގައި ބަލައި އެހެން ދޭހަތައް އެއީ ދީނުގައި އޮންނަ ގޮތް ނޫން ކަމަށް ގަބޫލުކޮށްފި ނަމަ އެފަދަ ޒުވާނަކަށް އެ ވަދެވުނީ ސަލާމަތް ވާން އުނދަގޫ ޖަންގައްޔަކަށެވެ. އެފަދަ މީހަކަށް ކުރެވޭނެ ކަންކަމާ މެދު ވިސްނާލާށެވެ.

ހިތުގައި ތައައްސުބުގެ އަލިފާންގަނޑެއް ރޯވެ އަނދައަނދައި ހުންނާނެ އެވެ. އޭނާގެ މުސްލިމް އެހެން އަހުން ކާފިރުން ކަމަށް ހަދާނެ އެވެ. އެ މީހުންގެ ލެއާއި މުދަލާއި އަބުރު އެއީ ހުރުމަތެއް ނެތް އެއްޗެތި ކަމަށް ހަދާނެ އެވެ. އެ ހުރިހާ ކަމެއް އޭނާ ކުރާނީ އޭނާގެ ހިތުން އިސްލާމްދީނަށް ނަސްރު ދިނުމުގެ ގޮތުންނެވެ. ދީނަށްޓަކައިވާ ގުރުބާނެއް ކަމަށް ބަލައިގެންނެވެ. ސުވަރުގެ އަށް ވަނުމަށް ކުރާ ޖިހާދެއް ކަމަށް ދެކިގެންނެވެ. ނަމަވެސް ހަގީގަތަކީ އެ ކަމުގެ އާހިރު ނަތީޖާއަކީ އިސްލާމީ އުހުއްވަތްތެރިކަން ގެއްލި ދިއުމެވެ. ޒުވާނެއްގެ ހައިސިއްޔަތުން ހަގީގަތުގައި ދީނަށް ނަސްރު ނުދެވުމެވެ. އެހެންކަމުން އަހަރެމެންގެ ތެރެއިން ކޮންމެ މީހަކު ވެސް އެ މީހެއްގެ ޒުވާންކަމުގެ ފައިދާ ހެޔޮގޮތުގައި ހިފައި، މުސްކުޅިވުމުގެ ކުރިން އެ ކަމަށް ނަފުސު ހާނުވަން ޖެހެ އެވެ. އިސްލާމްދީނަށާއި މުސްލިމް ޖަމާއަތަށާއި އެ މީހެއްގެ އާއިލާ އަށާއި އަދި އަމިއްލަ ނަފުސުގެ ބާއްޖަވެރިކަމާއި ކުރިއެރުމަށް އެންމެ ހެޔޮ ގޮތަކީ އެއީ އެވެ.