Roadha Mihaaru
އެފްއޭއެމަށް ފިޔަވަޅު އަޅައިދޭން ފީފާގައި އެދިއްޖެ

އެފްއޭއެމަށް ފިޔަވަޅު އަޅައި ދޭން ފީފާގެ ކިބައިން އެދިއްޖެ

25 އޮކްޓޯބަރ 2022

ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު ޑޭވޯ ބާބާ އަށް ދޭން ޖެހޭ މުސާރަ އެފްއޭއެމުން ދީފައި ނުވާތީ އެ އެސޯސިއޭޝަނާ މެދު ފިޔަވަޅު އަޅައި ދޭން ފީފާގެ ކިބައިން އޭނާ އެދިއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު ޑޭވޯ ބާބާ އަށް ދޭން ޖެހޭ މުސާރަ އެފްއޭއެމުން ދީފައި ނުވާތީ އެ އެސޯސިއޭޝަނާ މެދު ފިޔަވަޅު އަޅައި ދޭން ފީފާގެ ކިބައިން އޭނާ އެދިއްޖެ އެވެ.

ޑޭވޯ ތަމްސީލު ކުރާ އެޖެންޓް ކުންފުނި، ދެކުނު ކޮރެއާގެ ޕީއެންޖޭ ކޯޕަރޭޝަނުން، ފީފާ އަށް ފޮނުވި ލިޔުމުގައި އެދިފައި ވަނީ، އެ ފައިސާ ނުދައްކަނީސް ފީފާގެ ޑިވެލޮޕްމެންޓް ފަންޑުން ދޫކުރާ ފައިސާ ބައެއް އެފްއޭއެމް އަށް ނުދިނުމަށާއި ވަކި މުއްދަތެއް ވަންދެން އިންޓަނޭޝަނަލް ފުޓްބޯޅަ މެޗެއް ނުވަތަ ހަރަކާތެއްގައި ރާއްޖެ އަށް ބައިވެރި ނުވެވޭނެ ގޮތަށް ސަސްޕެންޑް ކުރުމަށެވެ.

"ޕްލޭއާ ސްޓެޓަސް އާއި ޕްލޭއާސް ޓްރާންސްފާ އާ ބެހޭ ފީފާގެ ގަވާއިދުގެ އެނެކްސް 2 ގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ދައްކަން ޖެހޭ ފައިސާ ދައްކަންދެން، ފީފާގެ ޑިވެލޮޕްމަންޓް ފަންޑުން ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ލިބެން ޖެހޭ ޕަސެންޓް ހިފެހެއްޓުމަށް އަހަރެމެން އެދެމެވެ. މީގެ އިތުރުން މިކަން ވާން އޮތް ނަމަ ވަކި މުއްދަތަކަށް އިންޓަނޭޝަނަލް އެއްވެސް މެޗެއްގައި ނުވަތަ ހަރަކާތެއްގައި ރާއްޖޭގެ ފުޓްބޯލް އެސޯސިއޭޝަނަށް ބައިވެރި ނުވެވޭނެ ގޮތަށް ފުރުސަތު ހަނިކޮށްދެއްވުން ވެސް އެދެމެވެ،" ޕީއެންޖޭ ކޯޕަރޭޝަންގެ ލީގަލް ރެޕްރެޒެންޓޭޓިވް މިން ޕާކް ސޮއި ކޮށް ފީފާ އަށް ފޮނުވި ލިޔުމުގައި ބުނެފައި ވެ އެވެ.

އެ ލިޔުމުގައި ބުނެފައިވާ ގޮތުން، އެފްއޭއެމުން ޑޭވޯ އަށް ދޭން ޖެހެނީ، 39,919.34 އެމެރިކާ ޑޮލަރު (615،555 ރުފިޔާ) އެވެ. އެ ފައިސާ ދެއްކުމަށް ފީފާގެ ކޮމިޓީން ދިން 45 ދުވަހުގެ މުއްދަތު ހަމަވިއިރު ވެސް އެ ފައިސާ ދައްކާފައެއް ނުވެ އެވެ.

މިދިޔަ ހަފުތާގެ ހޯމަ ދުވަހު، އެފްއޭއެމްގެ ލޯޔަރު ފޮނުވި އީމެއިލްގައި ކޯޗު ޑޭވޭގެ މުސާރަ ކަމަށް ބުނެ ބޭންކުގެ ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) ގެ ކޮޕީއެއް ފޮނުވާފައިވާ ކަމަށް ލިޔުމުގައި ބުނެފައި ވެއެވެ. ނަމަވެސް ޓީޓީ ހަދާފައި ވަނީ 10،000 ޑޮލަރު ކަމަށް ވެސް މިން ޕާކު ބުނެފައި ވެއެވެ. ބޭންކު އޮފް ސިލޯން މެދުވެރިކޮށް ހަދައިފައިވާ ޓީޓީގެ ކޮޕީ "މިހާރު" އަށް ވެސް ވަނީ ލިބިފަ އެވެ.

"ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނުން ފީފާގެ ޕްލޭއާ ސްޓެޓަސް ޗެމްބާސްގެ އެންގުމާ އެގޮތަށް އަމަލު ނުކުރާކަން އަހަރެން ފާހަގަ ކުރަމެވެ. ޕްލޭއާ ސްޓެޓަސް ޗެމްބާސްއިން 45 ދުވަހުގެ ތެރޭގައި ޖުމުލަ އަދަދު 45 ދުވަހުގެ ތެރޭގައި ދެއްކުމަށް އެންގި ނަމަވެސް އެފަރާތުން [އެފްއޭއެމުން] މަސައްކަތް ކުރަނީ ފައިސާގެ އަދަދު ބައެއް ކަމަށްވާ 10،000 ޑޮލަރު ފޮނުވުމަށެވެ. ޖުމުލަ އަދަދެއް ނޫނެވެ،" މިން ޕާކުގެ ސިޓީގައި ބުނެފައިވެ އެވެ.

އެފްއޭއެމްގެ ވާޖިބާއި އަދި ފީފާގެ ޕްލޭއާ ސްޓެޓަސް ޗެމްބާސް އެންގުމާ ވެސް ތަކުރާރުކޮށް ހިލާފު ވަމުންދާތީ ހަރުކަށި ފިޔަވަޅެއް އަޅަން ޖެހޭ ކަމަށް ވެސް ޕީއެންޖޭ ކޯޕަރޭޝަންގެ ލިޔުމުގައި ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނީ ރީތި ގޮތުގައި މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކޮށްފައި ވާނެ ކަމަށެވެ. ނަމަވެސް އެފްއޭއެމުން އަނގަބަހުން އަލި ލިޔުމުން ބުނާ ވާހަކަތަކާ އެއްގޮތަށް ވެސް އަމަލު ކުރަމުން ނުދާކަން ފާހަގަ ކޮށްފައިވެ އެވެ.

އަދި ރާއްޖޭގައި މީގެ ކުރިން މަސައްކަތް ކުރި އެހެން ކޯޗުންނަށް ދޭން ޖެހޭ ފައިސާ އާއި ރާއްޖޭގެ ކްލަބްތަކަށް ކުޅެން އަންނަ ބިދޭސީ ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރައިގެ މައްސަލަތައް ވެސް ފީފާގައި ހުރިކަން ޕީއެންޖޭ ކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފަ އެވެ.

"އުއްމީދު ކުރަން ރާއްޖޭގެ ފުޓްބޯޅައިގައި އޮތް އެ ހާލަތާއި އޮތް ގިނަ މައްސަލަތަކަށް ރިއާޔަތް ކުރުމަށް ފަހު ފީފާއިން އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށް،" ލިޔުން ނިންމާލަމުން މިން ޕާކް ބުނެފައިވެ އެވެ.

ފައިސާ އާ ގުޅޭ ގިނަ މައްސަލަތަކެއްގެ ތެރޭ އެފްއޭއެމް ވަނީ ތާށި ވެފަ އެވެ. ކަރަންޓް ބިލްގެ ގޮތުގައި ސްޓެލްކޯ އަށް ދައްކަން ޖެހޭ 6.5 މިލިއަން ރުފިޔާ ނުދައްކައިގެން ސްޓެލްކޯއިން ވަނީ އެފްއޭއެމް ހައުސްގެ ކަރަންޓް ކަނޑާލަފަ އެވެ.

މިދިޔަ އަހަރު އޮކްޓޯބަރު މަހު ޅ. ކުރެއްދޫގައި ގައުމީ ޓީމުން ކުޅުނު މެޗުން މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) މެދުވެރިވެގެން އެފްއޭއެމް އަށް ދިން ފައިސާ، އަހަރެއްވީ އިރު ވެސް ކުޅުންތެރިންނަށް ބަހާފައެއް ނުވެ އެވެ. އެ މެޗުން ލިބެން ޖެހޭ 1.2 މިލިއަން ރުފިޔާގެ ތެރެއިން 1.1 މިލިއަން ރުފިޔާ އެފްއޭއެމް އަށް ލިބިފައިވާއިރު ވެސް އެ ފައިސާ ކުޅުންތެރިންނަށް ދީފައެއް ނުވެ އެވެ.

އެ ފައިސާ ދީފައި ނުވަނީ ދެ ސަބަބަކާ ގުޅިގެން ކަމަށް އެފްއޭއެމުން ކުރިން ބުންޏެވެ. ފުރަތަމަ ސަބަބަކީ އެ މެޗުގައި ގައުމީ ޓީމަށް ފައިސާ ދޭނެ ކަމަށް ބުނި ކުންފުނިތަކުގެ ތެރެއިން، ވިލާ އިން ދޭން ޖެހޭ 100،000 ރުފިޔާ ދީފައި ނުވުމެވެ. އަނެއް ސަބަބަކީ މިދިޔަ އަހަރު ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތުގައި ގައުމީ ޓީމުގެ ނަތީޖާ ދަށްވުމުން، ޓީމަށް އެޅި ފިޔަވަޅެއްގެ ގޮތުންނެވެ.

ކުރެއްދޫގެ މެޗާ ގުޅިގެން، އުއްޗު ސީދާ ދެއްވީ 500،000ރ. އެވެ. ދެން ހިމެނެނީ އެސްޓީއޯ އިން ދިން 500،000ރ. އާއި ދިރާގުން ދިން 100،000ރ. އެވެ. އެކަމަކު ވިލާއިން އެ ފައިސާ ދީފައި ނުވި ނަމަވެސް މި މަހު ކުރީކޮޅު އެ ފައިސާ ދޭނެ ކަމަށް ބުންޏެވެ. އެކަމަކު އަދި ވެސް އެ ފައިސާ ކުޅުންތެރިންނަށް ދީފައެއް ނުވެ އެވެ.