Roadha Mihaaru
ޕޯސްޓްމޯޓަމް ހެދިއްޔާ ހަށިގަނޑާ ހަވާލުނުވާނަން: އާއިލާ

ނުރުހުމުގައި ޕޯސްޓްމޯޓަމް ހަދައިފިނަމަ، ހަށިގަނޑާ ހަވާލުނުވާނަން: ރަޝީދުގެ އާއިލާ

27 އޮކްޓޯބަރ 2022

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދުގެ ހަށިގަނޑުގެ އާއިލާއާ ހަވާލު ނުކޮށް، ޕޯސްޓްމޯޓަމް ހަދަން އުޅޭތީ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދުގެ ހަށިގަނޑުގެ އާއިލާއާ ހަވާލު ނުކޮށް، ޕޯސްޓްމޯޓަމް ހަދަން އުޅޭތީ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިދިޔަ އަންގާރަ ދުވަހު ގދ. ހޯނޑެއްދޫގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ހައްޔަރުކުރި އަބްދުﷲ ރަޝީދު މަރުވި މައްސަލާގައި ފުލުހުންނަށް ވަނީ ގިނަ ފާޑުކިޔުންތަކެއް ކުރިމަތިވެފަ އެވެ. އޭނާ މަރުވީ މެޔަށް ތަދެއް އެރުމުން އޭނާއަށް ފަރުވާ ދިނުމަށް ފުލުހުން އިންކާރު ކުރުމުން ކަމަށް ތުހުމަތު ކުރެ އެވެ.

އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ފުލުހުން ބޭނުންވިޔަސް، އާއިލާއިން އެކަމަށް އިންކާރު ކުރެ އެވެ. އޭނާގެ ހަށިގަނޑު އަދިވެސް އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި ގަލޮޅު މޯޗަރީގަ އެވެ. އާއިލާ މީހުންނަށް އެތަނަށް ވަނުމުގެ ހުއްދައެއް ފުލުހުން ނުދެ އެވެ.

ރަޝީދުގެ އާއިލާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އޭނާގެ އަންހެނުން ބުނީ ހަށިގަނޑު މާލެ ގެނައީ އާއިލާއާ ހަވާލުކުރަން ކަމަށް ކުރިން ބެލެވުނަސް، އެކަމަށް އަދިވެސް ފުލުހުން ދެކޮޅު ހަދާ ކަމަށެވެ. އަދި ޕޯސްޓްމޯޓަމް ހަދަން ބޭނުންނުވާ ކަމަށް އާއިލާއިން ތަކުރާރުކޮށް ބުނެފައި ވަނިކޮށް، ފުލުހުންނަށް އަމިއްލައަށް އެކަން ނުކުރެވޭނެ ކަމަށާއި އެހެންވެ، ހަށިގަނޑު އާއިލާއާ ހަވާލުކުރަން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

"އެ މީހުން ކުރާ ތަހުގީގެއް ކުރަން އަޅުގަނޑުމެން ހުރަހެއް ނާޅަން ދެއްތޯ. އަޅުގަނޑުމެން ބުނީ އަޅުގަނޑުމެންނާ އެއްވެސް އެއްޗެއް ހިއްސާ ނުކޮށް، އެއްވެސް އެވިޑެންސެއް ހިއްސާ ނުކޮށް، އަނދިރީގައި ބައިތިއްބާފައި ޕޯސްޓްމޯޓަމް ނުހެދޭނެއޭ. އަހަރުމެންގެ ހައްގެއް ވެސް އެބައޮތޭ،" އަންހެން ބުންޏެވެ.

މަރުވި އަބްދުﷲ ރަޝީދު

މަރުވި އަބްދުﷲ ރަޝީދު

"މަރުވުމަށްފަހު ހަށިގަނޑަކީ އަހަރުމެންގެ އެއްޗެކޭ." އޭނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ރަޝީދަކީ ދުވަހަކު ވެސް މަސްތުވާތަކެތި ބޭނުންކުރި އަދި އެފަދަ ރެކޯޑެއް ވެސް އޮތް މީހެއް ނޫނެވެ.

ރަޝީދުގެ ބޮޑުބޭބެ ބުނީ އޭނާގެ މަންމައާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިއްޔެ ބައްދަލު ކުރުމަށްފަހު ހަށިގަނޑުގެ ޕާސްޕޯޓަމް ހަދާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި އާއިލާގެ ނުރުހުމުގައި ޕޯސްޓްމޯޓަމް ހަދައިފިނަމަ، ހަށިގަނޑާ ހަވާލުވާން އާއިލާއިން ބޭނުންނުވާ ކަމަށް އޭނާ ބުންޏެވެ.

"ގެންގޮސްފައި އަނބުރާ އަޅުގަނޑުމެން ބޭނުމެއް ނޫނޭ މަސްގަނޑެއް،" އޭނާ ބުންޏެވެ.

އަބްދުﷲ ރަޝީދުގެ ކޮއްކޮ ބުނީ ހަށިގަނޑު ގެނައި ފަހުން މިހާތަނަށް އޭނާގެ ހަށިގަނޑު ދައްކާފައިނުވާ ކަމަށެވެ. އަދި ފުލުހުން މަސައްކަތް ކުރަނީ ގަދަބާރުން އާއިލާގެ ނުރުހުމުގައި ޕޯސްޓްމޯޓަމް ހަދަން ކަމަށް އޭނާ ބުންޏެވެ.

"ތަކުރާރުކޮށް ބުނީ ތިމަންނަމެން ބޭނުމޭ ޕޯސްޓްމޯޓަމް ހަދަން. ނަހަދާ ދޫ ނުކުރާނަމޭ،" އޭނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ރަޝީދު މަރުވީ ފުލުހުން ގަސްދުގައި އޭނާ މަރާލުމުންނެވެ. އަދި އޭނާ ހައްޔަރުކުރި ވަގުތުން ފެށިގެން ވެސް އާއިލާއިން ދިޔައީ ފުލުހުން އަމަލުކުރި ގޮތް ބަލަމުން ކަމަށާއި އަދި އާއިލާގެ ފަރާތުން އެއްވެސް ހުރަހެއް އޭރު ފުލުހުންނަށް ކުރިމަތިކޮށްފައިނުވާ ކަމަށް އޭނާ ބުންޏެވެ.

ރަޝީދުގެ މަރުގެ މައްސަލަ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް އޮތީ ހުށަހަޅައިފަ އެވެ.