Roadha Mihaaru
ރޮނާލްޑޯ އެނބުރި އައި މެޗުން މޮޅުވެ ޔުނައިޓެޑް އަނެއް ބުރަށް

ރޮނާލްޑޯ އެނބުރި އައިސް ގޯލް ޖެހި މެޗުން މޮޅުވެ ޔުނައިޓެޑް އަނެއް ބުރަށް

28 އޮކްޓޯބަރ 2022

މިދިޔަ ހަފުތާގައި ޕްރިމިއާ ލީގު މެޗެއްގައި ކުޅެން އަރަން ދެކޮޅު ހެދުމުން ދިން އަދަބުން ސަލާމަތްވެ އެނބުރި އައިސް ރޭ، ޔުރޮޕާ ލީގުގައި މޯލްޑޮވާގެ ޝެރިފް ޓިރަސްޕޯލް އަތުން 3-0 އިން މެންޗެސްޓާ ޔުނައިޓެޑް މޮޅުވި މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ލަނޑު ޖަހައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މިދިޔަ ހަފުތާގައި ޕްރިމިއާ ލީގު މެޗެއްގައި ކުޅެން އަރަން ދެކޮޅު ހެދުމުން ދިން އަދަބުން ސަލާމަތްވެ އެނބުރި އައިސް ރޭ، ޔުރޮޕާ ލީގުގައި މޯލްޑޮވާގެ ޝެރިފް ޓިރަސްޕޯލް އަތުން 3-0 އިން މެންޗެސްޓާ ޔުނައިޓެޑް މޮޅުވި މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ލަނޑު ޖަހައިފި އެވެ.

މި ނަތީޖާއާ އެކު ޔުނައިޓެޑަށް ވަނީ ގްރޫޕުގެ ގަދަ ދެ ޓީމުގެ ތެރޭ ހިމެނޭނެކަން ކަށަވަރުވެ އަނެއް ބުރުން ޖާގައެއް ލިބިފަ އެވެ. އެއް ވަނަ ހޯދައިފި ނަމަ އެ ޓީމަށް ގަދަ 16 ޓީމުގެ ބުރުން ފުރުސަތު ލިބޭނެ އެވެ. ދެ ވަނަ އަށް ގޮސްފި ނަމަ ޖެހޭނީ އޭގެ ކުރިން ޕްލޭއޮފް ބުރެއް ކުޅޭށެވެ. މި ގްރޫޕުގެ އެއް ވަނަ ކަށަވަރުވާނީ އަންނަ ބުރާސްފަތި ދުވަހުގެރޭ ޔުނައިޓެޑާއި ސްޕެއިނުގެ ރެއާލް ސޮސިއެޑާ ކުޅޭ މެޗުންނެވެ.

މި ވަގުތު 15 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތީ ސޮސިއެޑާޑެވެ. ޔުނައިޓެޑް އޮތީ 12 ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ. ޝެރިފް ތިން ޕޮއިންޓާ އެކު ތިން ވަނައިގައި އޮތްއިރު ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ސައިޕްރަސްގެ އޮމޯނިއާ އެވެ.

އަމިއްލަ ދަނޑުގައި ޔުނައިޓެޑުން ރޭ ޝެރިފްއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ފުރަތަމަ ގޯލް 44 ވަނަ މިނެޓުގައި ޖަހައިދިނީ ޕޯޗުގީސް ފުލްބެކް ޑިއޯގޯ ޑަލޯ އެވެ. އަދި ދެ ވަނަ ގޯލް 65 ވަނަ މިނެޓުގައި ޖެހީ މާކަސް ރަޝްފޯޑެވެ. ރޮނާލްޑޯ، ޔުނައިޓެޑުގެ ތިން ވަނަ ލަނޑު ޖެހީ 81 ވަނަ މިނެޓުގަ އެވެ. މިއީ އޭނާގެ ކެރިއަރުގެ 701 ވަނަ ގޯލެވެ.

ރޮނާލްޑޯ ކުޅެން އަރަން ދެކޮޅު ހެދީ މިދިޔަ ހަފުތާގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން 3-0 އިން ޔުނައިޓެޑް މޮޅުވި މެޗުގަ އެވެ. އޭގެ އަދަބެއްގެ ގޮތުން އޭނާ ވަނީ ޗެލްސީއާ 1-1 އިން އެއްވަރުވި މެޗުގެ ސްކޮޑުން ބާކީކޮށްފަ އެވެ. އަދި ތަމްރީން ހަދަން ޖެހުނީ 21 އަހަރުން ދަށުގެ ޓީމާ އެކު އެވެ.

ރޮނާލްޑޯ އަށް ލީގު މެޗުތަކުން އެކަށީގެންވާ ފުރުސަތު ނުދޭތީ އޭނާ ހުންނަނީ ހިތްހަމަނުޖެހިފަ އެވެ. ބެލެވޭ ގޮތުގައި ޖެނުއަރީ މަހު ކްލަބް ދޫކޮށްލާނެ އެވެ. ޔުރޮޕާ ލީގުގައި ކުޅެން ޖެހޭތީ ރޮނާލްޑޯ ވަނީ ސީޒަން ފެށުމުގެ ކުރިން ވެސް ކްލަބް ބަދަލުކުރަން މަސައްކަތްކޮށްފަ އެވެ. އެކަމަކު އެ އުމުރުގައި އޭނާ އަށް ބޮޑު ހޭދައެއް ކުރަން އެއްވެސް ކްލަބަކުން ބޭނުންނުވީ އެވެ.

ޔުނައިޓެޑުގައި ވިދާލުމަށް ފަހު ރެއާލް މެޑްރިޑާއި ޔުވެންޓަސް އަށް ކުޅުމަށް ފަހު ރޮނާލްޑޯ އެނބުރި ޔުނައިޓެޑާ ގުޅުނީ މިދިޔަ ސީޒަނުގަ އެވެ. އޭނާ ވަނީ ފުރަތަމަ ސީޒަނުގައި އެދެވޭ ކުޅުމެއް ދައްކައިފަ އެވެ. އެކަމަކު މި ސީޒަނުގައި ހަވާލުވި ކޯޗު އެރިކް ޓެން ހާގްގެ ޕްލޭނުގައި ރޮނާލްޑޯ ނުހިމެނެ އެވެ.