Roadha Mihaaru
ޓެކްސް ބޮޑުކުރަން ކޮމިޓީން ފާސްކޮށްފި

އިސްލާހުތައް ބޭރު ކޮށްލައި ސަރުކާރުން ފޮނުވި ގޮތަށް ޓެކްސް ބޮޑު ކުރަން ކޮމިޓީން ފާސްކޮށްފި

31 އޮކްޓޯބަރ 2022

ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް މެމްބަރުން ހުށަހެޅި އިސްލާހުތައް ބޭރު ކޮށްލައި ސަރުކާރުން ފޮނުވި ގޮތަށް މުޅި މަޖިލީހުގެ ކޮމިޓީން އެ ބިލު ފާސް ކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް މެމްބަރުން ހުށަހެޅި އިސްލާހުތައް ބޭރު ކޮށްލައި ސަރުކާރުން ފޮނުވި ގޮތަށް މުޅި މަޖިލީހުގެ ކޮމިޓީން އެ ބިލު ފާސް ކޮށްފި އެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅީ ޖީއެސްޓީ އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 16 ޕަސެންޓަށް ބޮޑު ކުރުމަށެވެ.

އެ ބިލަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވީ ޖީއެސްޓީ އާއި ޓީޖީއެސްޓީ މިހާރު ވެސް ގާނޫނުގައި އޮތް ގޮތަށް ހަ ޕަސެންޓާއި 12 ޕަސެންޓުގައި ބެހެއްޓުމަށެވެ.

ނަމަވެސް އެމްޑީޕީގެ 56 މެމްބަރުން އެކަމާ ދެކޮޅަށް ވޯޓު ދިނުމާ އެކު އެ އިސްލާހުތައް ފާހެއް ނުވި އެވެ.

ޓެކްސް ބިލަށް އިތުރު އިސްލާހުތައް ހުށަހެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެވެ.

އާޒިމް ހުށަހެޅުއްވީ ޓީޖީއެސްޓީގެ ގޮތުގައި 16 ޕަސަންޓުގެ ބަދަލުގައި 14 ޕަސެންޓްގެ ޓެކްސްއެއް ނެގުމަށެވެ. އެކަމާ ގުޅޭ ގޮތުން ނެގި ވޯޓުގައި 46 މެމްބަރުން ވޯޓު ދެއްވީ އިސްލާހު ފާސް ނުކުރުމަށެވެ. އަދި އެ އިސްލާހު ފާސް ކުރަން 15 މެމްބަރުން ވޯޓު ދެއްވި އެވެ.

އާޒިމް ހުށަހެޅުއްވި ދެވަނަ އިސްލާހުގައި ބުނެފައި ވަނީ ގެސްޓްހައުސްތަކުން ނަގާ ޓީޖީއެސްޓީގެ އަދަދު އިތުރު ނުކުރުމަށެވެ. އެ އިސްލާހަށް 19 މެމްބަރުން ތާއިދު ކުރެއްވި އެވެ. ނަމަވެސް 44 ވޯޓު ދެއްވީ އެ އިސްލާހު ފާސް ނުކުރުމަށެވެ.

އޭގެ އިތުރުން ޓެކްސް ގާނޫނަށް އަމަލު ކުރަން ފަށާ ތާރީހަކީ 2023 ގެ އޭޕްރިލް ކަމުގައި ހެދުމަށް އާޒިމް ހުށަހެޅުއްވި އިސްލާހަށް ވެސް 45 މެމްބަރުން ދެކޮޅަށް ވޯޓު ދެއްވުމުން އެ އިސްލާހު ވެސް ފާހެއް ނުވި އެވެ.

އެ އިސްލާހުތައް ބޭރުކޮށްލުމަށް ފަހު ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުޅުވާލީ ސަރުކާރުން ފޮނުވި ގޮތަށް ބިލު ފާސް ކުރަން ވޯޓު ދެއްވުމަށެވެ. އެކަމަށް ތާއީދު ކުރައްވައި 50 މެމްބަރުން ވޯޓު ދެއްވި އެވެ. އަދި ސަރުކާރުން ފޮނުވި ގޮތަށް ފާސް ކުރަން ނުފެންނަ ކަމަށް 19 މެމްބަރުން ވޯޓު ދެއްވި އެވެ.

އެހެންކަމުން މުޅި މަޖިލީހުގެ ކޮމިޓީން ބިލު ފާސް ވެއްޖެ ކަމަށް ރިޔާސަތުން އެންގެވި އެވެ. އަދި މާދަމާ ރިޕޯޓް ފޮނުވުމަށް ފަހު ތަޅުމަށް ފޮނުވުމަށް އެޖެންޑާ ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.