Roadha Mihaaru
ނިއު ޒީލެންޑާއި އިންގްލެންޑް ސެމީ ފައިނަލަށް

ނިއު ޒީލެންޑާއި އިންގްލެންޑް ސެމީ ފައިނަލަށް

06 ނޮވެމްބަރ 2022

ޓީޓްވެންޓީ ކްރިކެޓް ވޯލްޑް ކަޕުގެ ސުޕަ 12 ޓީމުގެ ބުރުގެ ގްރޫޕް އެކަކުން ނިއު ޒީލެންޑާއި އިންގްލެންޑް ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ޓީޓްވެންޓީ ކްރިކެޓް ވޯލްޑް ކަޕުގެ ސުޕަ 12 ޓީމުގެ ބުރުގެ ގްރޫޕް އެކަކުން ނިއު ޒީލެންޑާއި އިންގްލެންޑް ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މީގެ ތެރެއިން އިންގްލެންޑް ޖާގަ ހޯދީ އިއްޔެ ސްރީ ލަންކާ އަތުން ހަތަރު ވިކެޓުން މޮޅުވެގެންނެވެ.

މި ގްރޫޕުން ނިއު ޒީލެންޑާއި އިންގްލެންޑް އަދި އޮސްޓްރޭލިއާ އަށް ވެސް ލިބުނީ ހަތް ޕޮއިންޓެވެ. އެކަމަކު ރަން ރޭޓުން ކުރި ހޯދައި ނިއު ޒީލެންޑް އެއް ވަނަ ހޯދީ އެވެ. އިންގްލެންޑް ދިޔައީ ދެ ވަނަ އަށެވެ. މުބާރާތް ބާއްވާ ގައުމު ކަމަށްވާ އޮސްޓްރޭލިއާ ތިން ވަނަ އަށް ދިއުމުން ސެމީން ޖާގައެއް ނުލިބެ އެވެ. ލަންކާ ހަތަރު ޕޮއިންޓާ އެކު ދިޔައީ ހަތަރު ވަނަ އަށެވެ.

ބުދަ ދުވަހު އޮންނަ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ނިއު ޒީލެންޑް ވާދަކުރާނީ ގްރޫޕް ދޭއްގެ ދެ ވަނަ ޓީމާ އެވެ. އަދި ބުރާސްފަތި ދުވަހު އޮންނަ ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި އިންގްލެންޑް ބައްދަލުކުރާނީ ގްރޫޕް ދޭއްގެ އެއް ވަނަ ޓީމާ އެވެ.

ސިޑްނީގައި އިއްޔެ ލަންކާ އާއި އިންގްލެންޑް ކުޅުނު މެޗުގައި ޓޮސް ދިމާވުމުން ލަންކާ ގަސްދުކުރީ ކުޅެން އަރާށެވެ. ލަންކާ އިން 20 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން 141 ލަނޑު ހެދި އެވެ. ޖަވާބުގައި އިންގްލެންޑް ކުޅެން އަރާ 19.4 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 144 ލަނޑު ހަދައިގެން މޮޅުވި އެވެ.

މި މެޗުގައި ލަންކާ އިން އެންމެ މޮޅަށް ކުޅުނީ 45 ބޯޅައިން 67 ލަނޑު ހެދި ޕަތުމް ނިސަންކާ އެވެ. އިންގްލެންޑުން އެންމެ މޮޅަށް ކުޅުނީ 30 ބޯޅައިން 47 ލަނޑު ހެދި އެލެކް ހޭލްސް އެވެ.