Roadha Mihaaru
4 އަހަރު: މުޅި ނިޒާމާއި ތަރައްގީއަށް ބޮޑު ބަދަލެއް

ހަތަރު އަހަރުން މުޅި ނިޒާމާއި ތަރައްގީއަށް ބޮޑު ބަދަލެއް

17 ނޮވެމްބަރ 2022

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވިތާ ހަތަރު އަހަރު ފުރުނު އިރު އެމަނިކުފާނަށް ހާސިލް ކުރެވުނު ކަންކަމާ މެދު ދެކިވަޑައިގަންނަވާ ގޮތް ޖުމްހޫރީ ދުވަހު ހާމަކުރެއްވި އެވެ؛

މޫސާ ރަޝީދު މޫސާ ރަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވިތާ ހަތަރު އަހަރު ފުރުނު އިރު އެމަނިކުފާނަށް ހާސިލް ކުރެވުނު ކަންކަމާ މެދު ދެކިވަޑައިގަންނަވާ ގޮތް ޖުމްހޫރީ ދުވަހު ހާމަކުރެއްވި އެވެ؛

"ކުރިއާ އަޅާބަލާ ނަމަ މިހާރު އެތައް ގުނައަކުން ރާއްޖެ އަމާން ކުރެވިއްޖެ. އެ އިހުސާސް މުޖުތަމައުގައި މިހާރު އެބަ ހިނގާ، ޒަމާންތަކަކަށް ފަހު ސިޔާސީ ހަމަޖެހުން ރާއްޖެއަށް ގެނެވޭ ކަމުގެ ހިތްހަމަޖެހުން މިއަދު އެބަ ލިބޭ."

އިގްތިސާދީ ބޮޑެތި ކާރިސާތަކާ ކުރިމަތިލާން ޖެހި އެކަމުން ރާއްޖެ ސަލާމަތްކުރަން ކުރި މަސައްކަތުގެ ތެރެއިން ވެސް ހޯދި އެންމެ ބޮޑު އެއް ކާމިޔާބީއެއް ކަމަށް ސަރުކާރުން ދެކެނީ ދައުލަތް ހިންގުމާއި އިޖްތިމާއީ ދާއިރާއިން ގެނައި ބޮޑެތި ބަދަލުތަކެކެވެ. މީގެ ކުރިން ރާއްޖެ އޮތް ހާލަތާއި އަޅާކިޔުއްވަމުން ރައީސް ވެސް ވިދާޅުވީ މިހާރު އެންމެންގެ ޝަކުވާތައް އަޑު އަހައި ނިޒާމަށް ގެންނަން ޖެހޭ ބޮޑެތި ބަދަލުތައް ގެނެސްފައިވާ ކަމެވެ.

މި ސަރުކާރު އައީ ދައުލަތުގެ ހުރިހާ ދިމާލެއްގައި ޖަޒީރާ ދިރިއުޅުމުގެ ސިފަ ޖެއްސުމުގެ ބޮޑު ވައުދެއް ހިފައިގެންނެވެ. މި ސަރުކާރުން އެންމެ ބޮޑު ސަމާލު ކަމެއް ދިނީ ވެސް އަދި ފަހުރުވެރިވާ ކަމަކީ ވެސް ލާމަރުކަޒީ ކުރުވުމުގެ މަސައްކަތެވެ.

ރައީސް އޮފީހުން ހިއްސާ ކޮށްފައިވާ ބައެއް މައުލޫމާތުތަކުގައިވާ ގޮތުން ސަރުކާރުން ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ކައުންސިލްތަކަށް މާލީ ބާރުވެރިކަމާއި ބޮޑެތި ބާރުތަކެއް ވަނީ ދީފަ އެވެ. އަދި ކައުންސިލްތަކުގެ 33 ޕަސެންޓަކީ އަންހެނުން ކަމުގައި ހަމަޖައްސައި ފިރިހެނުންނާ އެއް ހަމައެއްގައި މަސައްކަތް ކުރުމަށް ވަނީ މަގުފަހި ކޮށްދީފަ އެވެ.

ވިއަވަތި ކޮންފަރެންސް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ވިއަވަތި ކޮންފަރެންސް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ބާރުތައް ދިނުމަށް "ވިޔަވަތި" ގެ ނަމުގައި ކޮންފަރަންސްތަކެއް ބާއްވައި އިތުރަށް ދިމާވާ ގޮންޖެހުންތަކާއި މަސައްކަތް ކުރުމުގައި ހުރި ދަތިތައް ހޯދައި އެކަންކަން ހައްލު ކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ވަނީ ކޮށްފަ އެވެ.

ޖަޒީރާ ދިރިއުޅުމަކަށް އޮތް އެންމެ ބޮޑު ހުރަހަކީ އެކަށީގެންވާ ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ނެތުން ކަމަށްވާތީ ސަރުކާރުން ވަނީ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީ ނިޒާމެއް ތައާރަފް ކޮށްފަ އެވެ.

އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގައި ހިދުމަތް ފަށައި ކުރިން ދަތުރު ކުރުމަށް ކުރަން ޖެހޭ ހަރަދު އެތައް ގުނައަކުން ވަނީ ހެޔޮ ކޮށްދީފަ އެވެ.

ރަށްރަށަށް ގެނައި ބޮޑެތި ބަދަލުތަކުގެ ތެރެއިން މި ސަރުކާރާ ހަމައިން ހާސިލްވެ ނިމޭނެ އެންމެ ބޮޑު ކަމަކީ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި 141 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރަން ވަނީ ފަށައިފަ އެވެ. ނިމިފައި ވަނީ 12 ރަށެއްގެ މަސައްކަތެވެ. އަދި 119 އަށެއްގެ އަމަލީ މަސައްކަތް ފަށާފައިވާ އިރު 10 ރަށެއްގެ މަސައްކަތް ފަށަން ކޮންޓްރެކްޓަރަކާ ހަވާލު ކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ސަރުކާރުގެ އުންމީދަކީ މި ދައުރަށް ފަހު ރާއްޖޭގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމް ކުރަން ޖެހޭ ރަށެއް ނުހުންނަ ވަރަށް މަސައްކަތް ކުރުމެވެ.

ނިންމާފައިވާ ޕީއެސްއައިޕީގެ ބައެއް އަދަދުތައް:

● ބަނދަރާއި ޖެޓީ: 46

● ކުޅިވަރުގެ ވަސީލަތްތައް: 113

● މިސްކިތް: 17

● އިއާދަކުރަނިވި ހަކަތައިގެ ނިޒާމް: 58

● އިންޖީނު ގެއާއި އޮފީސް އިމާރާތް ކުރުން: 81

● ސިއްހީ އަދި ތައުލީމީ ދާއިރާގެ އުމްރާނީ މަސައްކަތްތައް: 57

މިކަންކަމުގެ އިތުރުން މިދިޔަ އަހަރު އަހަރު ތެރޭގައި ތަރައްގީގެ "ނުފެންނަ" އެތައް މަސައްކަތްތަކެއް ވެސް ސަރުކާރުން ވަނީ ހިންގާފަ އެވެ. ދައުލަތް ހިންގުމާއި ނިޒާމަށް ގެނައި ބޮޑެތި ބަދަލުތަކެވެ.

ށ. ކޮމަންޑު އާއި މަތިކޮމަންޑޫގެ ބިން ހިއްކައިގެން އެ ދެ ރަށް ގުޅާލުމުގެ އަމަލީ މަސައްކަތް ކުރަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ށ. ކޮމަންޑު އާއި މަތިކޮމަންޑޫގެ ބިން ހިއްކައިގެން އެ ދެ ރަށް ގުޅާލުމުގެ އަމަލީ މަސައްކަތް ކުރަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އޭގެ އެންމެ މުހިންމު މަސައްކަތަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމެވެ.

ބިދޭސީ މަސައްކަތްތެރިން ފިޔަވައި އެހެން އެންމެނަށް އެންމެ ކުޑަ އުޖޫރަ މި އަހަރުން ފެށިގެން ތަންފީޒު ކުރުމާ ބެހޭ ގޮތުން ރައީސް އޮފީހުން ބުނީ ޓޫރިޒަމްގެ ދާއިރާގެ 13،000 މުވައްޒަފުންނަށް އެކަމުގެ ފައިދާ ލިބޭ ކަމަށެވެ. އަދި ސަރުކާރުގެ 15،400 މުވައްޒަފުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ 5،100 މުވައްޒަފުންނަށް ވެސް އޭގެ ފައިދާ ކުރި އެވެ.

މީގެ އިތުރުން ޓީޗަރުންގެ މުސާރައިގެ އޮނިގަނޑާއި ސިވިލް ސާވަންޓުންގެ މުސާރައިގެ އޮނިގަނޑަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.

ބިދޭސީ މަސައްކަތްތެރިންގެ ދާއިރާ ހަމައަކަށް އެޅުވުމަށްޓަކައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވައިދުގެ ތެރެއަށް ފެއްތުމާއި އެ ނޫން ފަރާތްތައް ފުރުވާލުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރި އެވެ.

ތައުލީމީ ދާއިރާ ނަމްބަރުން:

● ހިލޭ ޑިގްރީގެ ފުރުސަތު ލިބުނު ދަރިވަރުން: 15،547

● ސްޓޫޑަންޓް ލޯނު ލިބުނު ދަރިވަރުން: 1986

● ޕްރޮފެޝަނަލުން އުފައްދަން ސްކޯލާޝިޕް ލިބުނު ދަރިވަރުން: 173

● ސްކޮލާޝިޕްތަކާއި އެހެނިހެން ފުރުސަތުތައް: 741

މާލެ: މޭ 17، 2017- މަތީ ތައުލީމަށް ކިޔެވުމަށް އެޑިއުކޭޝަން މިނިސްޓްރީން ދޭ ލޯން ސްކީމުގެ ލިޔުން ދަރިވަރުންނާ ހަވާލުކުރުމުގެ ގޮތުން ޢިޔާސުއްދީން ސްލޫލުގައި ބޭއްވި ޖަލްސާގެ ތެރެއިން.--ފައިލް ފޮޓޯ: މިހާރު

މާލެ: މޭ 17، 2017- މަތީ ތައުލީމަށް ކިޔެވުމަށް އެޑިއުކޭޝަން މިނިސްޓްރީން ދޭ ލޯން ސްކީމުގެ ލިޔުން ދަރިވަރުންނާ ހަވާލުކުރުމުގެ ގޮތުން ޢިޔާސުއްދީން ސްލޫލުގައި ބޭއްވި ޖަލްސާގެ ތެރެއިން.--ފައިލް ފޮޓޯ: މިހާރު

މި ސަރުކާރުން ހާސިލް ކޮށްފައިވާ އަދި ހާސިލް ކުރަން ހުރި ކަންކަން ވަރަށް ގިނަ އެވެ. ހިލޭ ޑިގްރީ، އާރްޓީއެލް އަދި ލާމަރުކަޒީ ނިޒާމަށް މިދިޔަ ހަތަރު އަހަރު ތެރޭގައި ގެނައި ބައެއް ބަދަލުތަކަކީ އެތައް ދައުރަކަށް ދެމިގެން ދާނެ ކަންކަމެވެ.

ރައީސް ވިދާޅުވެފައިވާ ގޮތުގައި އެ ހުރިހާ ކަމެއްގެ ކާމިޔާބީގެ ސިއްރަކީ މިހާރު އޮތް ހަމަޖެހުމެވެ. ސިޔާސީ ގޮތުން ހިންދެމިލެވޭނެ ފުރުސަތު އެންމެންނަށް ފަހިވެފައި އޮތުމެވެ. ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑު ތަން ރަނގަޅު ކަމެވެ.

"ކުރިއާ އަޅާބަލާ ނަމަ މިހާރު އެތައް ގުނައަކުން ރާއްޖެ އަމާން ކުރެވިއްޖެ. އެ އިހުސާސް މުޖުތަމައުގައި މިހާރު އެބަ ހިނގާ، ޒަމާންތަކަކަށް ފަހު ސިޔާސީ ހަމަޖެހުން ރާއްޖެއަށް ގެނެވޭ ކަމުގެ ހިތްހަމަޖެހުން މިއަދު އެބަ ލިބޭ،" ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވަމުން ރައީސް ވިދާޅުވި އެވެ.