Roadha Mihaaru
ލަންކާ އިންޝުއަރެންސްގެ ރާއްޖޭގެ ހިދުމަތްތައް ހުއްޓާލަނީ

ސްރީ ލަންކާ އިންޝުއަރެންސް އިން ރާއްޖޭގައި ދޭ ހިދުމަތްތައް ހުއްޓާލަނީ

11 ޖެނުއަރީ 2017

އިންޝުއަރެންސްގެ ހިދުމަތް ދޭ ސްރީ ލަންކާގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ ސްރީ ލަންކާ އިންޝުއަރެންސް (އެސްއެލްއައި) އިން ރާއްޖޭގައި ދެމުން އަންނަ ހިދުމަތްތައް ހުއްޓާލަން ނިންމައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

އިންޝުއަރެންސްގެ ހިދުމަތް ދޭ ސްރީ ލަންކާގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ ސްރީ ލަންކާ އިންޝުއަރެންސް (އެސްއެލްއައި) އިން ރާއްޖޭގައި ދެމުން އަންނަ ހިދުމަތްތައް ހުއްޓާލަން ނިންމައިފި އެވެ.

ލަންކާ ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޓީއެމްއާރު ބަންގްސަ ޖަޔާ ލަންކާގެ ޑެއިލީ ނޫހަށް މިއަދު ވިދާޅުވި ގޮތުގައި ރާއްޖެ އާއި ސީޝެލްސްގައި ހިންގާ އޮޕަރޭޝަންތަކުން ދަނީ ގެއްލުން ވަމުންނެވެ. އެ ގޮތުން، އެސްއެލްއައި އަށް ވުރެ ފަހުން ރާއްޖޭގައި ހިދުމަތް ދޭން ފެށި ލަންކާގެ އަމިއްލަ އިންޝުއަރެންސް ކުންފުންޏެއް ކަމަށްވާ ސިލިންކޯ އިން ވަނީ، އޭނާ ވިދާޅުވި ގޮތުގައި، އެސްއެލްއައިގެ މާކެޓް ޝެއާ ނަގައިފަ އެވެ.

"އެހެންވެ، ރާއްޖޭގެ އޮޕަރޭޝަންތައް ހުއްޓާލަން ވަނީ ނިންމާފައި،" ބަންގްސަ ޖަޔާ ވިދާޅުވި އެވެ.

އޭގެ އިތުރުން، ރާއްޖެ އާއި ސީޝެލްސްގައި ވެސް އިންޝުއަރެންސް ކުންފުނިތައް ބަލަހައްޓާ ދައުލަތުގެ އިދާރާ އަށް އެސްއެލްއައިން ޑިޕޮސިޓުގެ ގޮތުގައި ދެއްކި 250،000 ޑޮލަރު (3.9 މިލިއަން ރުފިޔާ) އަނބުރާ ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެސްއެލްއައިން ރާއްޖޭގެ އޮޕަރޭޝަންތައް ހުއްޓާލަން ނިންމިއިރު، އެ ކުންފުންޏަށް ވަނީ މާލީ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފަ އެވެ. އެ މައްސަލަތައް ކުރިމަތިވީ ލަންކާގެ ކުރީގެ ސަރުކާރުން އެ ކުންފުނި ހިންގަން ހަވާލުކުރި ފަރާތްތަކުން ހިންގި ކޮރަޕްޝަނާ ހެދި ކަމަށް އާ ސަރުކާރުން ތުހުމަތު ކުރާއިރު، އެ މައްސަލަތައް ލަންކާގެ ކަމާ ބެހޭ އިދާރާތަކުން ދަނީ ތަހުގީގުކުރަމުންނެވެ.

އެސްއެލްއައި އާއި ސިލިންކޯގެ އިތުރުން، ލަންކާގެ އަމާނާ ތަކާފުލް އިން ވެސް ރާއްޖޭގައި އިންޝުއަރެންސްގެ ހިދުމަތް ދެ އެވެ. އޭގެ އިތުރުން އިންޝުއަރެންސްގެ ހިދުމަތް ދޭ ފަރާތްތަކުގެ ގޮތުގައި ދެން ރާއްޖޭގައި ހަރަކާތްތެރި ވަނީ ދިވެހި ކުންފުނިތައް ކަމަށް އެލައިޑާއި ސޮލަރެލް އަދި ދިވެހި އިންޝުއަރެންސެވެ.

އާ ކުންފުނިތަކަކުން އިންޝުއަރެންސް މާކެޓަށް ވަންނަމުން އަންނައިރު، މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބޭ އާމްދަނީ ވެސް ވަނީ މައްޗަށް ގޮސްފަ އެވެ. އެ ގޮތުން، މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު އިންޝުއަރެންސް ކުންފުނިތަކަށް ފައިދާގެ ގޮތުގައި ލިބުނު މިންވަރު އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދެގުނަ އިތުރުވެ، 42.2 މިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.