Roadha Mihaaru
އދ.ގެ މެންބަރަކަށްވުމުގެ ހައްގު ފަލަސްތީނަށް އެބައޮތް

އދ.ގެ މެންބަރަކަށްވުމުގެ ހައްގު ފަލަސްތީނަށް އެބައޮތް

21 ނޮވެމްބަރ 2022

އދ. މަޖިލީހުގައި، ދައުލަތެއްގެ ފުރިހަމަ މަގާމު ލިބުމުގެ ގާނޫނީ އަދި ތަބީއީ ހައްގު ފަލަސްތީނަށް ލިބިގެންވާ ކަމަށް، ފަލަސްތީނުން ބުނެފި އެވެ.

އދ. މަޖިލީހުގައި، ދައުލަތެއްގެ ފުރިހަމަ މަގާމު ލިބުމުގެ ގާނޫނީ އަދި ތަބީއީ ހައްގު ފަލަސްތީނަށް ލިބިގެންވާ ކަމަށް، ފަލަސްތީނުން ބުނެފި އެވެ.

އަރަބް ނިއުސް އަށް އިއްޔެ ދެއްވި އިންޓަވިއުއްގައި، އދ. ގައި ހުންނަވާ ފަލަސްތީނުގެ ސަފީރު ރިޔާޒް މަންސޫރު ވިދާޅުވީ އދ.ގެ ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު އެމެރިކާ އަށް ލިބިފައި ނެތް ނަމަ، މީގެ އެތައް އަހަރެއް ކުރިން އދ.ގެ ފުރިހަމަ މެމްބަރުކަން ފަލަސްތީނަށް ލިބުނީސް ކަމަށެވެ.

ސަފީރު ވިދާޅުވި ގޮތުގައި އދ. މަޖިލީހުގައި ފަލަސްތީނަށް ފުރިހަމަ މެމްބަރުކަން ލިބުމަކީ، ފަލަސްތީނާއި އިޒްރޭލުގެ މިނިވަން ދެ ދައުލަތް ގާއިމުކުރުމަށް އެޅިގެންދާނެ ވަރަށް މުހިންމު ފިޔަވަޅަކަށް ވާނެ އެވެ. އަދި އެ ހައިސިއްޔަތު ފަލަސްތީނަށް ލިބިއްޖެ ނަމަ، ފަލަސްތީނާއި އިޒްރޭލާ ދެމެދު ސުލްހަ ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދިއުމަށް މަގު ފަހިވާނެ އެވެ.

އދ.ގެ މަޖިލީހުގައި ފަލަސްތީނަށް މިހާރު ލިބިފައިވަނީ އޮބްޒާވަރެއްގެ މަގާމާއި ހައިސިއްޔަތެވެ. އެހެންކަމުން އޮބްޒާވަރެއްގެ ދަރަޖައިން، ފުރިހަމަ ދައުލަތެއްގެ ދަރަޖައަށް ބަދަލުކުރުމުގެ ގަރާރެއްގެ ހުށަހަޅައިދިނުމަށް އެދި ސަލާމަތީ މަޖިލީހުގެ މެމްބަރު ގައުމުތަކާ އެކު، ސަފީރު ރިޔާޒް މިއަހަރުގެ ކުރީކޮޅުން ފެށިގެން ގެންދަވަނީ މަޝްވަރާ ކުރައްވަމުންނެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި އދ. މަޖިލީހުގައި އޭނާ އަށް ދީފައިވާ މަގާމަށް ބަލާއިރު ވެސް، އދ.ގެ ފުރިހަމަ މެމްބަރަކަށް ވުމުގެ ތަބީއީ އަދި ގާނޫނީ ހައްގު ފަލަސްތީނަށް ލިބިގެންވާކަން ސާބިތުވެ އެވެ. އދ. މަޖިލީހަށް ފަލަސްތީނުން ކަނޑައަޅާ ސަފީރަށް، ރަސްމީ ގޮތުން މުޚާތަބުކުރާ ގޮތަކީ، "ޕާމަނަންޓް އޮބްޒާވާ އޮފް ދަ ސްޓޭޓް އޮފް ޕަލަސްޓައިން ޓު ދަ ޔުނައިޓެޑް ނޭޝަންސް" އެވެ.

ފަލަސްތީނުން އޭނާ އަށް ދީފައިވާ ރަސްމީ މަގާމުގައި، ސްޓޭޓް އޮފް ޕަލަސްޓައިން" އޮތުމުން ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަށް އދ. މަޖިލީހުން ވެސް ގަބޫލުކުރާ ކަން ދޭހަވާ ކަމަށް ސަފީރު ވިދާޅުވި އެވެ. އެހެންކަމުން މިހާރު އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ކަމަށް ސަފީރު ވިދާޅުވި އެވެ.

އިޒްރޭލު ސަރުކާރުގެ އަމަލުތައް މިހާރު ހުރި ގޮތުން، ފަލަސްތީނާއި އިޒްރޭލުގެ މިނިވަން ދެ ދައުލަތުގެ ބަދަލުގައި ހަމައެކަނި އިޒްރޭލުގެ ޔަހޫދީ ދައުލަތަކަށް މަގު ފަހިވަމުންދާ ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ. އަދި މި ނުބައި ޖަރީމާ ހުއްޓުވައި ފަލަސްތީނު މީހުންގެ ހައްގުތައް ކަށަވަރު ހޯދުމަށް މަސައްކަތް ކުރެވޭނީ، ފަލަސްތީނަށް ފުރިހަމަ މެންބަރުކަން ލިބިގެން ކަމަށް ސަފީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އދ.ގެ އާންމު މަޖިލީހުގެ ފުރިހަމަ މެމްބަރުކަން ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ސަލާމަތީ މަޖިލީހުގެ މި ދައުރުގެ މެންބަރުންގެ ތެރެއިން ބައެއް ގައުމުތަކުގެ ތާއީދު މިހާރުވެސް އޮތީ ލިބިފަ އެވެ. އޭގެ ތެރޭގައި އަޔަލޭންޑާއި ނޯވޭގެ އިތުރުން އަލްބޭނިއާގެ ތާއީދު ވެސް މިހާރު އޮތީ ފަލަސްތީނަށް ކަމަށް ސަފީރު ވިދާޅުވި އެވެ.