Roadha Mihaaru
"އިޔާދަކުރަނިވިހަކަތައިގެ އެހެން ޓެކްނޮލޮޖީތައް ބޭނުން"

އިޔާދަކުރަނިވި ހަކަތަ އުފައްދާ އެހެން ޓެކްނޮލޮޖީތައް ވެސް ރާއްޖެއަށް ބޭނުންވޭ: ޝައުނާ

24 ނޮވެމްބަރ 2022

ސޯލާ ނޫން އިޔާދަކުރަނިވި ހަކަތަ އުފައްދާ އެހެން ޓެކްނޮލޮޖީތައް ވެސް ރާއްޖެއަށް ބޭނުންވާ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސޯލާ ނޫން އިޔާދަކުރަނިވި ހަކަތަ އުފައްދާ އެހެން ޓެކްނޮލޮޖީތައް ވެސް ރާއްޖެއަށް ބޭނުންވާ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ-އީޔޫގެ ދެވަނަ ބިޒްނަސް ރައުންޑް ޓޭބަލް ބައްދަލުވުން ފެށުމުގެ ގޮތުން މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ޝައުނާ ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރިކުރުމުގެ ފުރުސަތުތައް ރާއްޖޭގައި އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ މި ވަގުތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު ދުނިޔޭގެ ހޫނުމިން ހުރީ 1.1 ޑިގްރީގައި. މީގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް ވަރަށް ބޮޑު އަސަރެއް ކުރޭ. އޭގެ ސަބަބުން ސާފު ފެން ލިބުން ދަތިވުމާއި ކަނޑުގެ ދިރުންތައް ނެތިދިއުން ފަދަ ބައިވަރު ކަންތައްތައް އެބަ ކުރިމަތިވޭ،" ޝައުނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"މިހާރު މި މައްސަލަ ހައްލުކުރަން މަސައްކަތް ނުކޮށްފި ނަމަ، ކުރިއަށް އޮތް އަށް އަހަރުގެ ތެރޭގައި ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީއަށް މަތިވުން އެކަށީގެންވޭ."

އީޔޫ އާއި ރާއްޖެއާ ދެމެދު ކުރިއަށް ގެންދާ ބިޒްނަސް ރައުންޑް ޓޭބަލް ހޮޓެލް ޖެންގައި ކުރިއަށް ގެންދަނީ -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

އީޔޫ އާއި ރާއްޖެއާ ދެމެދު ކުރިއަށް ގެންދާ ބިޒްނަސް ރައުންޑް ޓޭބަލް ހޮޓެލް ޖެންގައި ކުރިއަށް ގެންދަނީ -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

އިޔޫގެ ވަރަށް ގިނަ ކުންފުނިތަކުން ބައިވެރިވި އެ ރަސްމިއްޔާތުގައި ޝައުނާ ވިދާޅުވީ، އެ ހާލަތަށް ދިޔަނުދިނުމަށް ތިން ދާއިރާއަކުން ރާއްޖެއަށް އިންވެސްޓްކުރެވިދާނެ ކަމަށެވެ. އެއީ؛

• އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް އިންވެސްޓްކުރުން.

• ބަޔޯޑައިވާސިޓީގެ ދާއިރާއިން އިންވެސްޓްކުރުން.

• ކުނި ނައްތާލުމަށް އިންވެސްޓްކުރުން.

ޝައުނާ ވިދާޅުވި ގޮތުގައި އެއީ ސަރުކާރުން ގެންގުޅޭ ނޫއިގުތިސާދުގެ ސިޔާސަތު ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތުގައި މުހިންމު ދައިރާތަކެކެވެ.

އިޔާދަކުރަނިވި ހަކަތަ އުފައްދަން ރާއްޖޭގައި މިހާރު އާންމުކޮށް ބޭނުންވާ ކުރަނީ އަވިން ހަކަތަ އުފައްދާ ޓެކްނޮލޮޖީ އެވެ. އެހެންވެ، ޝައުނާ ވިދާޅުވީ އިޔާދަކުރަނިވި ހަކަތަ އުފައްދާ އެހެން ޓެކްނޮލޮޖީތައް ރާއްޖެ ގެނެސް، އެކަމަށް އިންވެސްޓްކުރާ ވިޔަފާރިވެރިން ހޯދަން ވެސް ޝައުގުވެރިކަން އެބައޮތް ކަމަށެވެ.

ރާއްޖެއަކީ ކުޑަ ގައުމެއް ވީމަ މި ވަސީލަތްތައް ގާއިމްކުރަން ވެސް ފަސޭހަވާނެ. އަދި ރާއްޖެއަކީ މިފަދަ އާ ޓެކްނޮލޮޖީތައް ޓެސްޓްކުރަން ރަނގަޅު 'ލެބޯޓަރީއެއް' ކަމަށް ވެސް އަޅުގަނޑުމެން ގަބޫލުކުރަން. އޭރަށް ފަހުން ބޮޑު ސްކޭލެއްގައި އެ ޓެކްނޮލޮޖީގެ ބޭނުންހިފޭ ގޮތް ވެސް ހެދިދާނެ: ޝައުނާ، ތިމާވެއްޓާ ބެހޭ މިނިސްޓަރު

އޭގެ މިސާލެއްގެ ގޮތުގައި ވިދާޅުވީ ހައިޑްރޮޖަން ޓެކްނޮލޮޖީ އާއި ލޯ އެމިޝަން ޓްރާންސްޕޯޓް ޓެކްނޮލޮޖީ ފަދަ ނިޒާމުތައް ރާއްޖެއަށް ތައާރަފުކުރެވިދާނެ ކަމަށެވެ.

"އެއީ އީޔޫގައި މިހާރު ވަރަށް ބޮޑަށް ލިބޭ، ފުޅާދާއިރާއެއްގައި ޓެސްޓްކުރަމުން އަންނަ ޓެކްނޮލޮޖީތަކެއް،" ޝައުނާ ވިދާޅުވި އެވެ.

"ރާއްޖެއަކީ ކުޑަ ގައުމެއް ވީމަ މި ވަސީލަތްތައް ގާއިމްކުރަން ވެސް ފަސޭހަވާނެ. އަދި ރާއްޖެއަކީ މިފަދަ އާ ޓެކްނޮލޮޖީތައް ޓެސްޓްކުރަން ރަނގަޅު 'ލެބޯޓްރީއެއް' ކަމަށް ވެސް އަޅުގަނޑުމެން ގަބޫލުކުރަން. އޭރަށް ފަހުން ބޮޑު ސްކޭލެއްގައި އެ ޓެކްނޮލޮޖީގެ ބޭނުންހިފޭ ގޮތް ވެސް ހެދިދާނެ."

ޝައުނާ ވިދާޅުވި ގޮތުގައި، އިކޯ ޓޫރިޒަމްގެ ދާއިރާ މިހާރު ރާއްޖޭގައި ވަރަށް ބޮޑަށް ފުޅާވަމުން އަންނައިރު، ސާފް ޓޫރިޒަމް އަށް އޮތް ޝައުގުވެރިކަން ވެސް އަންނަނީ ބޮޑުވުމުންނެވެ. އެހެންވެ، އެއީ ވެސް ވިޔަފާރިވެރިންނަށް ރާއްޖޭގައި އިންވެސްޓްކުރެވިދާނެ ދާއިރާތައް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.