Roadha Mihaaru
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:17
އަސްރު 15:21
މަގްރިބް 18:18
ޢިޝާ 19:30
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
އާންމުންގެ ހިޔާލު: މާފުއްޓަށް މިހެންވީ ކީއްވެ؟

އާންމުންގެ މަސްހުނި ހިޔާލުތަކެއް: މާފުއްޓަށް މިހެންވީ ކީއްވެ؟

25 ނޮވެމްބަރ 2022

ކ. މާފުށީގައި ހިންގަމުން އަންނަ މިލިއަން ޑޮލަރުގެ ޓޫރިޒަމާއެކު އުފަންވި އިޖުތިމާއީ މައްސަލަތަކާ ބެހޭ ގޮތުން އިއްޔެ، "މިހާރު"ގެ މެދުސަފުހާގައި ޝާއިއުކުރި ރިޕޯޓްތައް ކިޔުމަށް ފަހު އެކަކު ކޮމެންޓް ކުރި އެވެ: "ހަމަ ތިހާވަރު ވެއްޖެތަ؟"

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

ކ. މާފުށީގައި ހިންގަމުން އަންނަ މިލިއަން ޑޮލަރުގެ ޓޫރިޒަމާއެކު އުފަންވި އިޖުތިމާއީ މައްސަލަތަކާ ބެހޭ ގޮތުން އިއްޔެ، "މިހާރު"ގެ މެދުސަފުހާގައި ޝާއިއުކުރި ރިޕޯޓްތައް ކިޔުމަށް ފަހު އެކަކު ކޮމެންޓް ކުރި އެވެ: "ހަމަ ތިހާވަރު ވެއްޖެތަ؟"

އެ ވާހަކަތައް އެތައް ބަޔަކަށް ގަބޫލެއް ނުކުރެވުނެވެ. އަނެއް ބަޔަކު ބުނަނީ، އެހާ ވަރުވީ އިރު އެ މަންޒަރަށް ބަލަހައްޓައިގެން ތިބީ ކީއްވެ ހެއްޔޭ އެވެ!

މާފުށީގެ މުޅި އާންމު ދިރިއުޅުމަށް ކުރިމަތިވެފައިވާ އަނދިރިކަން ސިފަކޮށްދެމުން، އަހުމަދު ހަމްދޫން ލިޔެފައިވާ ރިޕޯޓަށް "މިހާރު" ގެ ވެބްސައިޓަށް އެކަނި ވެސް އެތައް ބައިވަރު ކޮމެންޓެއް ލިބުނެވެ.

"ދެރަކަމެއް! ދެން އޮތް ގޮތަކީ، ހުޅުމާލެ ފޭސް ކައިރި އެހެން ރަށަކަށް މާފުށި މީހުން ބަދަލު ކުރުން! ޑޮލަރު ލިބޭހާ ދުވަހަކު ތިކަން ހުއްޓާކަށް އެކަން ކުރާ ބަޔަކު އެއްބަހެއް ނުވާނެ! ވިއްޔާ ވާނީ ގޯސް! ދުނިޔަވީ ކަންތަކަށް އިންސާނާ މާބޮޑަށް ދަހިވެތިވީމާ ކުރިމަތިވާނީ ހިތާމަޔާއި ހިތްދަތިކަން! އެއީކީ މީހަކު ބުނަންޖެހޭ އެއްޗެއް ނޫން! ޒަމާން ހެކިދޭ ހަގީގަތްތައް،" ކޮމެންޓެއްގައި ވެ އެވެ.

"މިލިއަން ޑޮލަރުގެ ޓޫރިޒަމާ އެކު ދިރިއުޅުން ފުނޑިއްޖެ،" މި ސުރުހީގެ ދަށުގައި ހަމްދޫން ލިޔެފައިވާ ރިޕޯޓަށް އައި ކޮމެންޓްތަކުގައި، ޖުމުލަކޮށް ގިނަ މީހުން ބުނެފައި ވަނީ، މައްސަލަ އަކީ ޓޫރިޒަމް ނޫން ކަމަށެވެ. އޭގެ ބަދަލުގައި، އެ ޓޫރިޒަމް ފުޅާވަމުން ދިޔަ ވަރަކަށް ރަށް ނުބެލެހެއްޓުމަކީ ވެވިފައިވާ ވަރަށް ބޮޑު އިހުމާލެއް ކަމަށް އެ މީހުން ދެކެ އެވެ.

"މީގަ މިހިރަ ގިނަ ކަންބޮޑުވުންތަކަކީ ފުލުހުންނާއި ކައުންސިލުން އެ މީހުންގެ ޒިންމާ ރަނގަޅަށް އަދާކުރާ ނަމަ ހުއްޓުވޭނެ ކަންކަން. ނަމަވެސް ދިވެހިރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ކަންވާ ފަދައިން ގާނޫނު ތަންފީޒު ކުރުމުގައި ފުލުހުން ވާތުފަޔަށް ބުރަވެވެނީ. ގާނޫނު ތަންފީޒު ނުކުރެވެނީ،" ކޮމެންޓެއްގައި ވެ އެވެ.

ބައެއް މީހުން ބުނެފައިވާ ގޮތުގައި، އެ އާޓިކަލްގައި ބުނެފައިވާ މައްސަލަތައް ޓޫރިޒަމާ ގުޅުވޭކަށް ނެތެވެ. ސަބަބަކީ، ރާއްޖޭގެ ބައެއް އެހެން ރަށްރަށުގައި ވެސް ލޯކަލް ޓޫރިޒަމް ފެށިފައިވާ އިރު، މާފުށީގައި ދިމާވެފައިވާ ވަރުގެ މައްސަލަތަކެއް ދިމާވެފައި ނެތުމެވެ. އެ ރަށުގެ އާންމު އެތައް ބަޔަކާ ވާހަކަ ދެއްކުމަށް ފަހު ހަމްދޫން ލިޔެފައިވާ ގޮތުގައި، ރަށް މުޅިން އޮތީ ހަލާކުވެފަ އެވެ. އަދި ޅަދަރިން ބޮޑުކުރަން އެކަށީގެންވާ މާހައުލެއް ނެތް ކަމަށް އެ މީހުން ބުނާ ކަމަށް އޭނާގެ ރިޕޯޓްގައި ވެ އެވެ. ބައެއް މީހުން ސުވާލުކޮށްފައި ވަނީ، އެހެންވިއްޔާ މާލެ އަތޮޅުގެ އެހެން ރަށްރަށުން އެ މަންޒަރު ނުފެންނަންވީ ކީއްވެތޯ އެވެ.

މާފުށީގެ މަގެއްގެ މަތީގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ޓޫރިސްޓުންތަކެއް މަޑުކޮށްލައިގެން.---ފޮޓޯ: ނިޝާން އަލީ| މިހާރު

މާފުށީގެ މަގެއްގެ މަތީގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ޓޫރިސްޓުންތަކެއް މަޑުކޮށްލައިގެން.---ފޮޓޯ: ނިޝާން އަލީ| މިހާރު

ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު މާލެ އަތޮޅުގެ ރަށްރަށުގެ 70 ޕަސެންޓް ކުށަކީ މާފުށީގެ ކުށްތަކެވެ. އޭގެ މާނައަކީ، އެ ރަށުގައި ހަގީގަތުގައި ވެސް މައްސަލަތަކާއި ކުށްތައް ގިނަ ކަމެވެ. ފުލުހުންގެ ފަރާތުން ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވެފައިވާ ގޮތުގައި ވެސް މާފުށީގައި މަސްތުވާތަކެއްޗާއި ގޭންގު ކުށްތައް ގިނަ އެވެ. މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރޭގައި އެ ރަށުގެ ކުޑަކުދިން ގެންގުޅެ އެވެ. މާލޭގައި އޮޕަރޭޓް ކުރާ ގޭންގުތަކުގެ ގޮފިތައް މާފުށީގައި ހަރަކާތްތެރިވެ އެވެ. ބައެއް ކަހަލަ ހަމަނުޖެހުންތައް މާފުށީގައި ކޮންޓްރޯލް ކުރަނީ އެ ރަށަށް މާލެ އިން ގޭންގުތައް ގޮސްގެންނެވެ. މިއީ ފުލުހުން ދެއްކި ވާހަކަތަކެވެ.

"މާފުށި ތިއޮތީ ފައިސާ އަށް ގޮސް ހުސްވެފައި. އަމިއްލަ ރަށް ތިއޮތީ ނުވެސް ދަންނަ ހައެއްކަ މީހުންނަށް ވިއްކާލައިފައި،" އެކަކު ކުރި ކޮމެންޓެއްގައި ބުނެފައި ވެ އެވެ.

"މާފުއްޓަށް އެހެންވީ ކީއްވެ؟ ލޯކަލް ޓޫރިޒަމް އޮތީ މާފުށީގައި އެކަންޏެއް ނޫން. އެހެން ރަށަކުން ތި މައްސަލަތައް ތި ހިސާބަށް ދިޔަ ވާހަކައެއް ނީވޭ."

އާންމުން ގޮވާލައިފައި ވަނީ، ލޯކަލް ޓޫރިޒަމް އޭގެ ކޮންސެޕްޓްގައި ކުރިއަށް ގެންދިއުމަށެވެ. އަދި ގަވައިދުތަކާއި ގާނޫނުތައް ތަންފީޒު ކުރާ ރަށަކަށް މާފުށި ހެދުމަށެވެ.

"އެހެން ނޫނީ މާފުށީގެ ޓޫރިޒަމް ވެސް ފުނޑިދާނެ،" އެކަކު ހިޔާލު ދީފައި ވެ އެވެ.

އިއްޔެގެ "މެދުސަފުހާ"ގައި ޝާއިއުކުރި، އާންމުންގެ ތެރޭގައި ބޮޑު ބަހުސަކަށް ވި އަނެއް ރިޕޯޓަކީ އާސިމާ ނިޒާރު ލިޔެފައިވާ "މާފުށީ ވީކެންޑް: ރަލާއި ޑްރަގާއި ހަށިވިއްކުން ހައްދުން ނައްޓައިފި" އެވެ. މިއީ، އިއްޔެ ޓުވިޓާގައި ވެސް ވަރަށް ބޮޑު ބަހުސަކަށް ވެގެން ދިޔަ މައުލޫއެކެވެ.

ވަރަށް ގިނަ ދީނީ އިލްމުވެރިންގެ ކަންބޮޑުވުންތައް މި މައުލޫއުގައި ފާޅުކޮށްފައި ވެ އެވެ. އެއް ބަޔަކު ބުނަނީ، ރާއްޖޭގެ ރަށްތައް ދުނިޔަވީ އުފަލަށް "ވިއްކާލަނީ" ކަމަށެވެ.

އާސިމާގެ ރިޕޯޓްގައި ބޮޑަށް ލިޔެފައި އޮތީ، "މިހާރު"ގެ ޓީމު އެ ރަށުގައި ވީކެންޑްގައި ފެނުނު މަންޒަރުތަކާއި މާފުށީގައި ވީކެންޑްތަކުގައި މުޅިން އެހެން ރަށަކަށް ބަދަލުވާ ވާހަކަ އެވެ. އެއީ، މާލެ އިން އެތައް ބަޔަކު ގޮސް، ޑްރަގް ވިއްކާ ވާހަކަ އާއި ރަށު ތެރޭގައި ބިޔަރާއި ރާ ބޯވާހަކަ އާއި މާލެ އިން އަންހެން ކުދިން ގޮސް ހަށިވިއްކާ ކަމަށް ރައްޔިތުން ބުނާ ވާހަކަތަކެވެ. ގޭންގުތަކާއި ގުރޫޕުތައް އެ ރަށަށް ދާ ވާހަކަ އެވެ: އޭނާ ކުރުކޮށް ބުނެފައި ވަނީ ރާއްޖޭގެ ރަށަކުން ފެނިދާނެ ހުރިހާ ނުބައި ކަމެއް ވީކެންޑްތަކުގައި މާފުށިން ފެންނަ ކަމަށް ބުނެ އެ ރަށުގެ މީހުން ޝަކުވާ ކުރާ ވާހަކަ އެވެ.

މިދިޔަ ހަފުތާ ބަންދުގައި މާފުށީ ގެސްޓްހައުސްއެއްގެ ޑީޖޭގައި ބަޔަކު ނަށަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިދިޔަ ހަފުތާ ބަންދުގައި މާފުށީ ގެސްޓްހައުސްއެއްގެ ޑީޖޭގައި ބަޔަކު ނަށަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގަބޫލުކުރަން ދަތިވިޔަސް، އެއީ އެ ރަށުގައި ހަމަ ހިނގާ ކަންކަން ކަމަށް އޭނާގެ ރިޕޯޓްގައި ލިޔެފައި ވެ އެވެ. އެހެންވެ، އެ ރިޕޯޓަށް ކޮމެންޓްކުރި ބައެއް މީހުން ބުނަނީ ހުޅުމާލޭގެ ދެވަނަ ފޭސް އަށް މާފުށީ މީހުން އަވަހަށް ބަދަލުކޮށް އެ މީހުންގެ ދަރިން އެކަމުން ސަލާމަތްކުރުން މާ ބުއްދިވެރި ކަމަށެވެ.

"ގޭންގެއް ހުއްޓުވުމަކީ ރާއްޖޭގައި ކުރެވުނު ކަމެއް ނޫން. ރަލެއް ނުހުއްޓުވޭނެ. ޑްރަގެއް ނުހުއްޓުވޭނެ. ދެން އޮތް ގޮތަކީ މާފުށިން އެ މީހުން ފޭބުން،" އެކަކު ލިޔެފައި ވެ އެވެ.

އާންމުންނާއި ކުޑަކުދިންނަށް ވެސް ބައިވެރިވެވޭ ގޮތަށް ޑީޖޭތައް ބޭއްވުމާއި އާންމުންނަށް އުނދަގޫވާ ވަރަށް ރޭގަނޑު ބާރަށް ލަވަޖެހުމާއި އުސޫލުތަކަށް ޓޫރިސްޓުން އުޅުމަށް ބާރު ނޭޅުން ފަދަ އެތައް ކަމެއް މާފުށީގައި ވަނީ އާންމުވެފަ އެވެ.

އެ ހިސާބަށް އެ ރަށުގެ ކަންކަން ދިޔައިރު، މިވީ ހުރިހާ ދުވަހު އެ ރަށު މީހުން އެ ވާހަކަ ނުދައްކާ ހިމޭނުން ތިބީ ކީއްވެތޯ ވެސް އެތައް ބަޔަކު ސުވާލުކުރި އެވެ. އަދި އެވަރު ވެގެންދާއިރު، ކައުންސިލާއި ފުލުހުންނާއި ކަމާ ބެހޭ އިދާރާތައް ކޮބައިތޯ ވެސް އެހި އެވެ.

"ކުޑަކުޑަ މި ވަރުގެ ރަށެއް ނުބެލެހެއްޓިގެން އުޅޭ ވާހަކަ ތި ދައްކަނީ. ރާއްޖޭގައި ކަމެއް ފަށައިފިތަ؟ ކޮންމެވެސް ކަމެއް ހަލާކުނުވެއެއް ނުދާނެ،" އެއް ކޮމެންޓެއްގައި ބުނެފައިވެ އެވެ.

"ހަމަ ހުސް އިހުމާލު."