01 ޑިސެމްބަރ 2022
ރާއްޖޭގައި ދޭން މަސައްކަތްކުރި ޓެރަރިޒަމްގެ އެތައް ހަމަލާއެއް ފުލުހުންގެ މަސައްކަތުން ހުއްޓުވާފައިވާ ކަމަށް ބުނެފި ނަމަ ހިނިގަނޑު ފަޅައިގެންދާނެ މީހުން ވަރަށް ގިނަވާނެ އެވެ. އެއީ ޓެރަރިޒަމާ މެދު އާންމުންގެ ސީރިއަސްކަން ހުރި ހިސާބެވެ.
ރާއްޖޭގައި ދޭން މަސައްކަތްކުރި ޓެރަރިޒަމްގެ އެތައް ހަމަލާއެއް ފުލުހުންގެ މަސައްކަތުން ހުއްޓުވާފައިވާ ކަމަށް ބުނެފި ނަމަ ހިނިގަނޑު ފަޅައިގެންދާނެ މީހުން ވަރަށް ގިނަވާނެ އެވެ. އެއީ ޓެރަރިޒަމާ މެދު އާންމުންގެ ސީރިއަސްކަން ހުރި ހިސާބެވެ.
ޓެރަރިޒަމްގެ އަމަލުތައް ހިންގާ އެކި ޖަމާއަތްތަކުން އެކި ގައުމުތަކުގައި ވަކި ދުވަސްވަރަކާ ދިމާކޮށް ވަކި ހާއްސަ ގޮތަކަށް ހަމަލާ ދިނުމަކީ ކުރާ ކަމެކެވެ. ނުރައްކާތެރި އައިއެސް ޖަމާއަތުން އެއާޕޯޓްތަކުގައި ހަމަލާ ދިން ދުވަސްވަރެއް ވެސް ދިޔަ އެވެ. އެ ދުވަސްވަރު ރާއްޖޭން ވެސް ބަޔަކު ހައްޔަރުކުރި އެވެ. މި ދިވެހިންގެ ތެރެއިން އެކެއްގެ ސިކުނޑި ދޮވެލާފައި ހުރީ އަމިއްލައަށް މަރުވެގެން ހަމަލާ ދިނުމަށެވެ. ހައްޔަރުކުރި މީހުންގެ ގޭގެއިން ފެނުނީ އެ މީސްމީހުންގެ ފޯނާއި ލެޕްޓޮޕްތަކުން ފެނުނު، ގޮވާތަކެތި ހަދާ ގޮތުގެ ކުރެހުންތަކާ ގުޅޭ ގޮތަށް ހަދާފައި އެއްޗިއްސެވެ.
ހައްޔަރުކުރި މީހުން އެއްބަޔަކު އަނެއް ބަޔަކާ ދައްކާފައި ހުރި ވާހަކަތަކާއި ކޮށްފައިވާ ކަންކަމާއި ފެނުނު ތަކެއްޗާ ބަރާބަރަށް ގުޅެ އެވެ. އެކަމަކު ކޯޓުން "ސަލާމަތްވި ގޮތަކުން ސަލާމަތްވީ" އެވެ.
ހަމަ މިގޮތަށް، ބޮން ހެދުމުގެ މަސައްކަތުގައި އުޅެނިކޮށް، ބޮން ހަދާ ސާމާނާ އެކު ހައްޔަރުކުރުމުން ވެސް ނަތީޖާ އަންނަނީ ހަމަ އެއްގޮތަކަށެވެ.
ސަލްޓަން ޕާކުގައި 2007 ވަނަ އަހަރު ގޮއްވާލި ބޮމުގެ ބައިތަކެއް. މިއީ ރާއްޖޭގައި މިފަދަ ގޮތަކަށް ހަމަލާއެއް ދިން ފުރަތަމަ ފަހަރު. -- ފައިލް ފޮޓޯ: ހަވީރު
ޓެރަރިޒަމްގެ މައްސަލަތަކާ ގުޅޭ ގޮތުން ހާމަކުރާ މައުލޫމާތާއި ދައްކާ ވާހަކައަށް ސީރިއަސްކަމެއް ނުފެނެ އެވެ. ސޯޝަލް މީޑިއާ އާއި ނޫސްތަކުގެ ކޮމެންޓް ސެކްޝަނުން ވެސް ފެންނަނީ މުޅި ގައުމު ނާމާންކަމުގެ ތެރެއަށް ވައްޓާލާ ފަދަ ނުރައްކާތެރި ހަމަލާތައް ދޭން މަސައްކަތްކުރާ މީހުން އަހަރެމެންގެ ތެރޭގައި ނޫޅެޔޭ ބުނާ ކަހަލަ ވާހަކަތަކެވެ. މިދިޔަ މަހު ޓެރަރިޒަމްގެ ތުހުމަތުގައި އައްޑޫން ބަޔަކު ހައްޔަރުކުރުމުން ވެސް އެއީ ސަމާލުކަން އަނބުރާލުމުގެ ޑްރާމާއެކޭ ވެސް އެބަ ކިޔަ އެވެ.
އެކަމަކު މައުލޫމާތު އެނގޭ މީހުން ކިޔައިދިން ގޮތުން ނަމަ، މިދިޔަ ޖޫން މަހުން ފެށިގެން ފުލުހުން ފާރަލައި ބަލަމުން ދިޔަ މި މީހުންގެ އަތުން ވަރަށް ބާރުގަދަ ގޮއްވުންތަކަށް ބޭނުންކުރެވޭނެ ކެމިކަލް އާއި އެކަމާ ގުޅުން ހުރި އެހެން އެއްޗެހި ވެސް ފެނުނެވެ. މަސައްކަތްކުރީ ގިނަ ބަޔަކު އެއްވާ ތަނެއްގައި ހަމަލާ ދޭން ކަމަށް ބެލެވޭ ހެކިތައް ވެސް އެބަ ހުއްޓެވެ.
އެއްބަޔަކު ބުނަނީ ޓެރަރިޒަމްގެ ނުރައްކާ ސިޔާސީކޮށްލީ ކަމަށެވެ.
"ރާއްޖޭން ބޭރުގައި ކުރާ ހަނގުރާމަތަކަށް ދިވެހިން ދާތީ އެ ވާހަކަ ދައްކަން ފެށުމުން ވެސް އެންމެ ފުރަތަމަ މީހުން ޖެހީ ޖޯކު. ރާއްޖޭގެ އަގު ވައްޓާލަން، ހަދައިގެން ދައްކާ ވާހަކަ ކަމަށް ބުނި. އެކަމަކު ދުވަސްކޮޅަކުން ފެންނަން ފެށީ ހަނގުރާމައިގެ މައިދާނުގައި ދިވެހިން އުޅޭތަން ފެންނަ ފޮޓޯތަކާއި ވީޑިއޯތައް. މިކަން ވެސް ސިޔާސީ ކަމަކަށް ބަޔަކު ހެދީ،" ޓެރަރިޒަމާ ދެކޮޅަށް ރާއްޖޭގައި ކުރާ މަސައްކަތްތަކުގެ މައުލޫމާތު އެނގޭ ބޭފުޅަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ ޕޯޑިއަމްތަކުގައި ޓެރަރިޒަމްގެ ވާހަކަ ދެކެވުނު ގޮތުން، އެއްބަޔަކު އެކަމުގެ ނުރައްކާ އޮތް ވާހަކަ ދެއްކުމުން އަނެއްކޮޅުން އެއީ ދޮގެކޭ ކިޔާތީ، ޓެރަރިޒަމްގެ ފިކުރުގައި ތިބި މީހުންނަށް ވަރަށް ބޮޑު ހިތްވަރަކަށްވި އެވެ. އަދި ސިޔާސީ މީހުންގެ ފަހަތުން ހިމާޔަތް ހޯދައިގެން ތިބެ ނުރައްކާތެރި ފިކުރުތައް ފެތުރުން އިތުރުކުރި ކަމަށް ވިދާޅުވި އެވެ. މަސްތުވާތަކެތީގެ ވިޔަފާރި އާއި އެފަދަ ބޮޑެތި ކުށްތައް ކުރާ މީހުން ގޮތަށް، ޓެރަރިޒަމަށް ހިތްވަރުދީ އެ ފަދަ ކަންކަމަށް މީހުން ރެކްރޫޓު ކުރާ މީހުން ވެސް ސިޔާސީ މީހުންގެ ގޮތުގައި ލޭބަލްވެއްޖެ އެވެ. އެއިން މީހަކު ކިތަންމެ ވަރުގަދަ ހެއްކާ އެކު ހައްޔަރުކުރިޔަސް ސިޔާސީ ވާދަވެރިންނާ ދެކޮޅު އަމަލެއްގެ ގޮތުގައި އެ މީހެއްގެ ސިޔާސީ ޕާޓީން އިއުލާނުކޮށް، ބުނާހާ އެއްޗަކަށް އަތް ޖަހަން ތިބޭ ސަޕޯޓަރުންނަށް ވިސްނައިދެނީ އެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައުި ބަޔަކު ހައްޔަރުކުރަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު
"ދެން މަޑުމަޑުން ގޮސް މިއީ ސިޔާސީ ވާހަކައެކޭ ހީވާ ހިސާބަށް ދިޔައީ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހަރާކޮށްލަން ބަޔަކު ބޮމެއް ގޮއްވާލީމާ ވެސް އެއީ ހަގީގަތެއް ނޫން ކަމަށް ދައްކަން ބަޔަކު އުޅެފި. އެއީ މިކަން އޮތް ހިސާބަކީ."
އަނެއް ހަގީގަތަކީ ހަމަ ހަގީގަތުގައި ވެސް "ޓެރަރިޒަމް" އަކީ ސިޔާސީ ނަހަމަ ބޭނުން ހިފުމަށް ގެންގުޅޭ ބަހަކަށް ވުމެވެ. ސިޔާސީ ވާދަވެރިން ހިފައި ހައްޔަރުކުރަން އެ މީހުން ޓެރަރިސްޓުންނަށް ހަދާ ކަމަށް ބުނާއިރު ޓެރަރިޒަމާ ސީދާ ގުޅުން ހުންނަ މީހުން ހައްޔަރުކުރުމުން އެއީ އިސްލާމް ދީނާ ދެކޮޅަށް ހިންގާ އަމަލުތައް ކަމަށް ބުނާ ބުނުމެވެ.
ސޯޝަލް މީޑިއާގައި ސިޔާސީ އެކްޓިވިސްޓުން، ޓެރަރިޒަމްގެ ކޮންމެ ކަމަކާ ގުޅުވައިގެން ދައްކާފައި ހުންނަ ވާހަކަތަކަކީ މީގެ ހެއްކެވެ.
އަނެއް ބަޔަކު ދެކޭ ގޮތުގައި ޓެރަރިޒަމްގެ މައްސަލަތައް ސަމާސާ ކަމެއްގެ ގޮތުގައި ސިފަވާން ފެށީ އެފަދަ މައްސަލަތަކުގައި ކޯޓު މަރުހަލާއިން ހަމަ އެއް ކަމެއް ވެސް ސާބިތު ނުވެޔޭ ބުނާ ވަރަށް ކަންކަން ދިއުމުން ކަމަށެވެ.
"ސީރިޔާ އަށް ހަނގުރާމައަށް ދިޔަކަން ސާބިތުކުރަން ސީރިއާ ސަރުކާރުން ލިޔުމެއް ބޭނުންވާ ހިސާބަށް ކޯޓުތަކުން ޑިމާންޑްކޮށްފައި އެބަހުރި. ޓެރަރިޒަމަކީ ރާވައިގެން ހިންގާ އެންމެ ބޮޑު އެއް ޖަރީމާ ކަމަށް ވާއިރު އާންމު އުސޫލުން ހެކި ވަޒަންކޮށްގެން ސާބިތުވާނެ އެއް ކަމެއް ވެސް ނޯންނާނެ،" ޓެރަރިޒަމްގެ ތަހުގީގުތަކުގައި އުޅޭ ފުލުހަކު ކިޔައިދިނެވެ.
އޭނާ ބުނި ގޮތުގައި ޓެރަރިޒަމްގެ ސީރިއަސް މައްސަލަތަކުގައި ދައުވާކުރުމުން ސާބިތު ނުވުމާއި ކޯޓު މަރުހަލާގައި މައްސަލަތައް ދިގުލައިގެން ދިއުމުން، ތުހުމަތުގައި ތިބޭ މީހުން ބަންދުން ދޫވެ ހެއްކަށް ނުފޫޒު ފޯރުވުން ފަދަ ކަންކަމާ ހެދި ބޮޑެތި ތަހުގީގުތަކުގެ ބޭނުން ކެނޑެ އެވެ.
ފުލުހުން ރ. މަޑުއްވަރީގައި، ހަރުކަށި ފިކުރުގެ ބަޔަކު ހޯދައި ހައްޔަރުކުރުމަށް އޮޕަރޭޝަނެއް ހިންގަނީ.
"ނަޝީދަށް ދިން ހަމަލާގައި ވެސް ޓެރަރިޒަމްގެ މައްސަލަތަކުގެ ރެކޯޑް ހުރި މީހުން އެބަތިބި. މިހާރު އައްޑޫން ހައްޔަރުކޮށްގެން އުޅޭ މީހުންގެ ތެރޭގައި ވެސް އެބަ ތިބި ކުރިން ދައުވާ ލިބި، ބަންދުން ދޫވެފައި ތިބި މީހުން. މާނަ އަކީ މިހާ ބޮޑެތި ސީރިއަސް ތުހުމަތުތަކުގެ ޝަރީއަތް ލަސްވެ މީހުން ދޫވެ އަނެއްކާ ހަމަ އެ މީހުން ކުރަން ބޭނުންވާ ކަންކަން ކުރަން ފުރުސަތު އެބަ ލިބެޔޭ."
ޓެރަރިޒަމްގެ މައްސަލަތަކުގައި މީހުން ހައްޔަރުކުރުމާއި ދައުވާކުރުމަކީ ހެއްކެއް ނެތި، ހަމަ ތިބެފައި ބަޔަކު ބަންދުކުރަން ހިންގާ އޮޕަރޭޝަންތަކެއް ހީވާ އެންމެ ބޮޑު އެއް ސަބަބަކަށް، ދައުވާތައް ސާބިތު ނުވުމާއި އެފަދަ މައްސަލަތަކުގައި ހިމެނޭ މީހުން ދޫވެފައި ތިބުން ހިމެނެ އެވެ.
އޭނާ ކިޔައިދިން ގޮތުގައި، ބޮން ހަދާނެ ގޮތާއި ބޮމުގެ ހަމަލާ ދޭ މީހުންނާ ކޮށްފައި ހުންނަ މުއާމަލާތާއި ތުހުމަތުގައި ހައްޔަރުކުރާ މީހުންގެ މެދުގައި ކޮށްފައި ހުންނަ މުއާމަލާތްތައް، ޓެރަރިޒަމްގެ މައްސަލަތަށް ޖޯކަކަށް ހަދައިގެން އުޅޭ މީހުންނަށް ފެނިއްޖެ ނަމަ ވިސްނުން ބަދަލުވެދާނެ އެވެ. އެކަމަކު ނުރައްކާތެރި މިފަދަ މައުލޫމާތަކީ ޝަރީއަތުގައި ވެސް އާންމުކޮށް ސިއްރުކުރާ އެއްޗިއްސަށް ވާތީ އާންމުންނަށް މި ފެންނަނީ މަންޒަރުން ކުޑަ ތަންކޮޅެކެވެ.
ޓެރަރިސްޓު ހަމަލާ ދޭން ޖެހިލުން ނުވާ އެތައް ބަޔަކު އަހަރެމެންގެ ތެރޭގައި ތިބިކަން ގަބޫލު ނުކޮށް މިކަން ވެސް ސިޔާސީކޮށްލައިގެން ހަރުކައްޓާއި މަޑުކައްޓޭ ކިޔައި ޖޯކަކަށް ހަދައިގެން ތިއްބާ ދެން ކުރިމަތިވެދާނެ ގެއްލުން އަންދާޒާ ވެސް ކޮށްނުލެވެ އެވެ. ޓެރަރިޒަމްގެ އަމަލުތަކާއި އެހެން ކުށްތަކާ އަޅާކިޔެން ނެތީ ގެއްލުމާއި ނުރައްކާ މާ ބޮޑުކަމުންނެވެ.
އައިއެސް މެމްބަރެއް ކަމަށްބުނާ ހޫދަށް 5 ދައުވާއެއް
ހަރުކަށި ފިކުރުގެ ބަޔަކު ހަމަލާއެއް ރާވާކަމުގެ ތުހުމަތު
ޓެރަރިޒަމް ހިންގަން އުޅުނު ހަ މީހަކު ހައްޔަރުކޮށްފި
ޓެގް އެޅުވީ ދައުވާ ނުކުރެވި ދޫކޮށްލަން ޖެހުނު މީހުންގެ
"ޓެރަރިސްޓް" އަމީންގެ ބަންދަށް އިތުރު ހަތް ދުވަސް
އަމީންގެ ބަންދަށް 15 ދުވަސް
އެންމެ ނުރައްކާ ތުހުމަތުކުރެވޭ މީހުން އުދުހެނީ
ހަނގުރާމައަށް ދާން އުޅުނު ދެމަފިރިއަކު ހައްޔަރުކޮށްފި
ޓެރަރިޒަމަށް އެހީވާ ލިސްޓުގެ އެސެސްމަންޓެއް ހަދަނީ
ހައި ކޯޓުން ދޫކޮށްލިތާ 24 ގަޑިއިރު ނުވަނީސް ބަންދަށް