Roadha Mihaaru
ކެންސަރު ބަލީގައި މިހަލޮވިޗް މަރުވެއްޖެ

ކެންސަރު ބަލީގައި މިހަލޮވިޗް މަރުވެއްޖެ

16 ޑިސެމްބަރ 2022

ހިލޭ ޖެހުންތަކުން ގޯލް ޖެހުމުގައި މަޝްހޫރުވި ސާބިއާގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަދި ކޯޗު ސިނިސާ މިހަލޮވިޗް ކެންސަރު ބަލީގައި އުމުރުން 53 އަހަރުގައި މިއަދު ހަވީރު މަރުވެއްޖެ އެވެ.

ހިލޭ ޖެހުންތަކުން ގޯލް ޖެހުމުގައި މަޝްހޫރުވި ސާބިއާގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަދި ކޯޗު ސިނިސާ މިހަލޮވިޗް ކެންސަރު ބަލީގައި އުމުރުން 53 އަހަރުގައި މިއަދު ހަވީރު މަރުވެއްޖެ އެވެ.

މިހަލޮވިޗަށް ލޭގެ ކެންސަރު ޖެހިފައިވާކަން އޭނާ އިއުލާންކުރީ އިޓާލިއަން ލީގުގެ ބޮލޯނިއާގެ ކޯޗަކަށް ހުރިއިރު، 2019 ގެ ޖުލައި މަހު އެވެ. އެކަމަކު ކްލަބުން އޭނާ މަގާމުގައި ބެހެއްޓި އެވެ.

ތިން ފަހަރެއްގެ މަތިން ކީމޯތެރަޕީ ނަގައި އަދި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދި ނަމަވެސް މިހަލޮވިޗް ވަނީ ހޮސްޕިޓަލުގައި އޮވެ ޓީމަށް އިރުޝާދުދީފަ އެވެ. އަދި ހޮސްޕިޓަލުން ދޫކޮށްލުމުން މެޗުތަކަށް ގޮސް ބެންޗުން އިރުޝާދު ދިނެވެ. އޭނާގެ އެ ހިތްވަރަށް ގިނަ ބައެއްގެ ތައުރީފު އޮހުނެވެ.

ބޮލޯނިއާ އިން އޭނާ ކޯޗުކަމުން ވަކިކުރީ މި ސީޒަނުގެ ނަތީޖާތައް ދަށްވުމުން ސެޕްޓެމްބަރު މަހު އެވެ.

ޔޫގޮސްލާވިއާ އަށް އުފަން މިހަލޮވިޗް އަކީ ކްރޮއޭޝިއާ ހަނގުރާމައިގައި ރެފިއުޖީއެކެވެ. އޭނާ ވަނީ، މިހާރު ސާބިއާގެ ނަމުގައި ކުޅޭ ކުރީގެ ޔޫގޮސްލާވިއާ ޓީމަށް 1991-2003 އަށް ކުޅެފަ އެވެ. އެގޮތުން 1998 ގެ ވޯލްޑް ކަޕާއި 2000 ގެ ޔޫރޯގައި އެ ގައުމު ތަމްސީލުކުރި އެވެ.

މިހަލޮވިޗް ވިދާލީ ސާބިއާގެ މަޝްހޫރު ކްލަބް ރެޑްސްޓާ ބެލްގްރޭޑާ 1990 ވަނަ އަހަރު ގުޅުނު ހިސާބުންނެވެ. އޭގެ ފަހުން އޭނާ ވަނީ ޓަލީގެ ރޯމާ އާއި ސަމްޕްޑޯރިއާ އާއި ލާޒިއޯ އަދި އިންޓަ މިލާނަށް ކުޅެފަ އެވެ.

އޭނާ އަކީ 1999/2000 ގެ އިޓާލިއަން ލީގު ކާމިޔާބުކުރި ލާޒިއޯގެ ލެޖެންޑަރީ ޓީމުގެ މެމްބަރެކެވެ. ސްވެން-ގޯރާން އެރިކްސަންގެ ކޯޗުކަމުގައި މިހަލޮވިޗާ އެކު އެ ޓީމަށް ކުޅުނު ކުޅުންތެރިންގެ ތެރޭގައި ރޮބާޓޯ މަންޗިނީ އާއި އަލެސަންދްރޯ ނެސްޓާ އާއި ޕަވެލް ނެޑްވެޑް އާއި ސިމޮނީ އިންޒާގީ އަދި ހުއާން ސެބަސްޓިއަން ވެރޯން ހިމެނެ އެވެ.

ކުޅުން ހުއްޓާލުމަށް ފަހު މިހަލޮވިޗް ކޯޗިން ކެރިއަރު ފެށި 2006 ގައި އިންޓަގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ އެވެ. އޭގެ ފަހުން އޭނާ ވަނީ އެ ޓީމާ ވާދަވެރި އޭސީ މިލާނަށް ވެސް ކޯޗުކޮށްދީފަ އެވެ. އިޓަލީގެ މިހާރުގެ އެއް ވަނަ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ އަށް އުމުރުން 16 އަހަރުގައި މިލާނުގެ ސީނިއާ ޓީމުން ފުރުސަތު ދިނީ މިހަލޮވިޗެވެ.

އޭނާ ވަނީ ސާބިއާ ގައުމީ ޓީމަށް ވެސް ކޯޗުކޮށްދީފަ އެވެ.

ހިލޭ ޖެހުންތައް ޖެހުމުގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރެ ހިމެނޭ މިހަލޮވިޗް ވަނީ 28 ހިލޭ ޖެހުމުން ގޯލް ޖަހައި އިޓަލީ ލީގުގެ ރެކޯޑެއް ހަދައިފަ އެވެ.