Roadha Mihaaru
ތައިލޭންޑްގެ މަނަވަރެއް ފެތި ސިފައިންތަކެއް ގެއްލިއްޖެ

ތައިލޭންޑްގެ މަނަވަރެއް ފެތި ސިފައިންތަކެއް ގެއްލިއްޖެ

19 ޑިސެމްބަރ 2022

ތައިލޭންޑްގެ ކަނޑުގެ ސިފައިންގެ މަނަވަރެއް ތޫފާނެއްގައި ޖެހި ރޭ ދަންވަރު ފެތުމުގެ ސަބަބުން، އެއިން ދަތުރުކުރި ކަނޑުގެ ސިފައިންގެ ތެރެއިން 31 ސިފައިން ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަން ފަށައިފި އެވެ.

ތައިލޭންޑްގެ ކަނޑުގެ ސިފައިންގެ މަނަވަރެއް ތޫފާނެއްގައި ޖެހި ރޭ ދަންވަރު ފެތުމުގެ ސަބަބުން، އެއިން ދަތުރުކުރި ކަނޑުގެ ސިފައިންގެ ތެރެއިން 31 ސިފައިން ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަން ފަށައިފި އެވެ.

ތައިލޭންޑްގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި އެ މަނަވަރު ރޭ ދަންވަރު ފެތުނީ، ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ދަތުރަކަށް ނުކުމެ އުޅެނިކޮށް، ގޮނޑުދޮށުން ފެށިގެން 20 މޭލު ބޭރުން ދަތުރު ކުރަނިކޮށެވެ. ޖުމްލަ 106 ސިފައިން ދަތުރުކުރި މި މަނަވަރުން ސަލާމަތް ކުރެވުނު މީހުންގެ ތެރެއިން ގިނަ މީހުންގެ ހާލު ސީރިއަސް ކަމަށް އެ ގައުމުގެ ކަނޑުގެ ސިފައިންގެ ތަރުޖަމާނު ވިދާޅުވި އެވެ.

މި ހާދިސާ ހިނގި އިރު، ތައިލޭންޑް ކަނޑުއޮޅީގައި އުފެދިފައި ހުރި ތޫފާނެއްގެ ސަބަބުން، އެ މަނަވަރު ދަތުރު ކުރި ސަރަހައްދުގެ ކަނޑުގެ ރާޅުތައް ވަރަށް ބޮޑެވެ. ގަދަ ވަޔާއި ބޮޑެތި ރާޅުތަކުގެ ތެރެއިން ދަތުރު ކުރަނިކޮށް މަނަވަރު ވަރަށް ބޮޑަށް އަރި އަޅާލައި، މަނަވަރުގެ އެތެރެއަށް ލޮނުގަނޑު ވަނުމާއެކު، މަނަވަރުގެ ކަރަންޓު ކެނޑުނެވެ.

ކަރަންޓު ކެނޑުމާއެކު އިންޖީނު ވެސް ނިވުމުން، މަނަވަރުގެ އެތެރެއަށް އެޅުނު ލޮނުތައް ބޭރުކުރުމަށް ޕަމްޕުތައް ހިންގޭނެ ގޮތެއް ނުވެގެން އުޅެނިކޮށް، އިތުރަށް ރާޅުތައް އަރައި މުޅި މަނަވަރުގައި ފެން ބޮޑުކޮށްލި އެވެ. އިތުރު ތިން މަނަވަރާއި ދެ ހެލިކޮޕްޓަރު އެ ސަރަހައްދަށް ގޮސް، ޕަމްޕުތައް ބޭނުންކޮށްގެން އެ މަނަވަރު އަޑިއަށް ދިޔަނުދީ ސަލާމަތް ކުރެވޭތޯ ތިން ގަޑިއިރަށް ވުރެ ގިނަ ވަގުތު މަސައްކަތް ކުރި އެވެ.

ނަމަވެސް ޕަމްޕުތަކުން ލޮނުގަނޑު ބޭރުކުރެވޭ މިންވަރަށް ވުރެ ބޮޑަށް ރާޅުތަކާ އެކު މަނަވަރުގެ އެތެރެއަށް ލޮނު އެޅެމުންދާ މިންވަރު އިތުރުވުމުން، ކުރިއަށް ވުރެ ބޮޑަށް މަނަވަރު އަރިވެ އެންމެ ފަހުން އަޑިއަށް ދިޔައީ އެވެ.

މަނަވަރުން ސަލާމަތް ކުރެވުނު 78 މީހުން އެއްގަމަށް ގެނެސް، ހޮސްޕިޓަލުތަކުގައި މިހާރު އަންނަނީ ފަރުވާ ދެމުންނެވެ. އަދި ގެއްލުނު 31 ސިފައިން ހޯދުމުގެ މަސައްކަތް އިތުރު މަނަވަރުތަކާއި ހެލިކޮޕްޓަރުތައް ފޮނުވައިގެން މިހާރު ވެސް އަންނަނީ ކުރަމުންނެވެ.

މި ހާދިސާގައި ފެތުނު، އެޗްޓީއެމްއެސް ސުޚޮތާއި އަކީ އެމެރިކާގެ ބޯޓުޔާޑެއްގައި ބަނދެ 1987 ވަނަ އަހަރު ޚިދުމަތަށް ނެރެފައިވާ މަނަވަރެކެވެ. ތައިލޭންޑްގެ ކަނޑުގެ ސިފައިންގެ ތެރޭގައި ބޭނުންކުރާތާ 36 އަހަރު ވެފައިވާ މި މަނަވަރަކީ، އެ ގައުމުގެ ވައިގެ ދިފާއީ ބޭނުންތަކާއި ކަނޑުމަތީގެ ހަމަލާތަކުގައި ބޭނުންކުރުމަށް ޚާއްސަކޮށްފައިވާ މަނަވަރެކެވެ.