Roadha Mihaaru
ސީއެސްސީ: ގާނޫނަށް ވުރެ މަތީގައި!

ސީއެސްސީ: ގާނޫނަށް ވުރެ މަތީގައި!

21 ޑިސެމްބަރ 2022

ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކުރުމާއި ފިޔަވަޅު އެޅުމުގެ ޝަކުވާ އަބަދު ވެސް ބޮޑެވެ. އަމިއްލަ ކުންފުނިތަކާއި ދައުލަތުގެ މުވައްޒަފުން ވެސް މިކަމުން އިސްތިސްނާއެއް ނުވެ އެވެ. އެހެން ނަމަވެސް އެފަދަ މުވައްޒަފުންނަށް ގެއްލުނު ހައްގު އިއާދަކުރަން ކޯޓުތަކުން އެންގުމުން އެއަށް ތަބާނުވުމަކީ މާ ސީރިއަސް ކަމެކެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކުރުމާއި ފިޔަވަޅު އެޅުމުގެ ޝަކުވާ އަބަދު ވެސް ބޮޑެވެ. އަމިއްލަ ކުންފުނިތަކާއި ދައުލަތުގެ މުވައްޒަފުން ވެސް މިކަމުން އިސްތިސްނާއެއް ނުވެ އެވެ. އެހެން ނަމަވެސް އެފަދަ މުވައްޒަފުންނަށް ގެއްލުނު ހައްގު އިއާދަކުރަން ކޯޓުތަކުން އެންގުމުން އެއަށް ތަބާނުވުމަކީ މާ ސީރިއަސް ކަމެކެވެ.

ވަކިން ހާއްސަކޮށް ދައުލަތުންނެވެ. ރާއްޖޭގައި އެންމެ ގިނަ މުވައްޒަފުންގެ ބެލެނިވެރި މުއައްސަސާ ކަމަށްވާ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާ މެދު މިހާރު އޮތީ އެ ޝަކުވާ އެވެ. ކޯޓުތަކުގެ ނިންމުންތަކަށް ގޮންޖަހައި، އެއަށް އަމަލު ނުކުރުމުގެ ތުހުމަތެވެ. "ގާނޫނަށް ވުރެ މަތީގައި" އުޅޭ ކަމުގެ ތުހުމަތެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ސަސްޕެންޑްކުރި މުވައްޒަފަކަށް އަލުން ވަޒީފާ އަށް ނެރުމަށާއި ގެއްލުނު މުއްދަތުގެ މުސާރަ އަށް 376،000ރ. ދޭން ޓްރައިބިއުނަލުން އެންގުމުން ސީއެސްސީން ދިޔައީ ހައި ކޯޓަށެވެ. އެ ކޯޓުން ނިންމީ މައްސަލަ ބަލައިނުގަތުމަށެވެ.

މިއީ ކުރިން ސީއެސްސީން އުޅޭ ގޮތެއް ނޫން. ގާނޫނު ތަސައްވުރެއް ނުކުރާނެ ދެއްތޯ ދައުލަތަކުން ނުވަތަ ދައުލަތުގެ މުއައްސަސާއަކުން ގާނޫނަށް ބޯނުލަބާ ތިބޭނެ ކަމަކަށް.

ޓްރައިބިއުނަލްގެ ނިންމުން އެގޮތުގައި ދެމިއޮތުމުން ސިވިލް ކޯޓުން މިދިޔަ މަހު ތަންފީޒު މަރުހަލާގައި އެންގީ ހަތް ދުވަސް ތެރޭގައި އެ މީހާ ވަޒީފާ އަށް ނެރުމާ އެކު ދޭންޖެހޭ ފައިސާ ދިނުމަށެވެ. އެ އަމުރު ވެސް ސީއެސްސީން އިސްތިއުނާފްކުރި އެވެ. އަނެއްކާ ވެސް ހައި ކޯޓުން ނިންމީ މައްސަލަ ބަލައިނުގަތުމަށެވެ.

އެކަމަކު އަދިވެސް ސީއެސްސީން އެ އަމުރެއް ތަންފީޒެއް ނުކުރެ އެވެ.

"ދެން އަޅުގަނޑުމެން އެދިފައި އޮންނާނީ އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށްވާތީ ސީއެސްސީގެ އިސްވެރިންނަށް ފިޔަވަޅު އަޅައިދޭން،" އެ މައްސަލާގައި މަސައްކަތް ކުރައްވާ ވަކީލަކު ވިދާޅުވި އެވެ.

ސީއެސްސީގެ ގިނަ ބަޔަކު ވަޒީފާ އަދާކުރާ ވެލާނާ ބިލްޑިން --- ފޮޓޯ/ މިހާރު

ސީއެސްސީގެ ގިނަ ބަޔަކު ވަޒީފާ އަދާކުރާ ވެލާނާ ބިލްޑިން --- ފޮޓޯ/ މިހާރު

"ކޯޓުން ބުނީ ތަންފީޒީ ފިޔަވަޅު އެޅުމޭ ދެން އޮތީ. އެޅޭ ފިޔަވަޅެއް އަދި ނެތް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސީއެސްސީން މިހާރު އަމަލުކުރަނީ ގާނޫނާ ކަނޑައެޅިގެން ޚިލާފްވެ، ކޯޓުގެ އަމުރުތަކަށް ގޮންޖަހާ އުސޫލުންނެވެ.

"މިއީ ކުރިން ސީއެސްސީން އުޅޭ ގޮތެއް ނޫން. ގާނޫނު ތަސައްވުރެއް ނުކުރާނެ ދެއްތޯ ދައުލަތަކުން ނުވަތަ ދައުލަތުގެ މުއައްސަސާއަކުން ގާނޫނަށް ބޯނުލަބާ ތިބޭނެ ކަމަކަށް،" އޭނާ ވިދާޅުވި އެވެ.

"ކޯޓަކުން އަމުރެއް ނެރުނީމަ ވެސް ތަންފީޒު ނުކުރާތީ މައްސަލައަކީ."

އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާޕަމަންޓް ސެކެޓްރީ މުސްއަބު އަބްދުﷲ ގެ މައްސަލާގައި ސީއެސްސީން އަމަލުކުރި ގޮތް ވެސް އެއީ އެފަދަ މިސާލެކެވެ. އޭނާއަށް ބަދަލުގެ ގޮތުގައި 1.1 މިލިއަން ދޭން ހައި ކޯޓުން އެންގިޔަސް، އެ ހުކުމަށް ކޮމިޝަނުން އަމަލެއް ނުކުރި އެވެ.

"މިއީ އިންސާފަށް ހުރަސް އެޅުން ނޫން ދެން ކޮންމެ ކަމެއްތޯ؟."

ހުކުމަށް އަމަލު ނުކުރާތީ ފަަސް ދުވަސް ތެރޭގައި ފައިސާ ދޭން ސިވިލް ކޯޓުން އަމުރެއް ނެރުނެވެ. އެ އަމުރު ކޮމިޝަނުން ހައި ކޯޓުގައި އިސްތިއުނާފް ކުރީ ހުކުމް ތަންފީޒު މަރުހަލާގައި ސީއެސްސީން އަމަލު ކުރަންޖެހޭ އެއްވެސް ކަމެއް ފުރިހަމަ ކުރުމެއް ނެތި އެވެ.

ހުކުމް ތަންފީޒު ކުރުމުގެ ނިޒާމު އޮންނަ ގޮތުން ފައިސާ ދައްކަން ކުރާ ހުކުމެއް އިސްތިއުނާފް ކުރިޔަސް، ހުކުމަށް އަމަލު ކުރުމުގެ ގޮތުން ފައިސާ ކޯޓަށް ޖަމާ ކުރަން އެވެ. އެ ފައިސާ ޖަމައެއް ނުކުރި އެވެ. ސުޕްރީމް ކޯޓަށް ސީއެސްސީން އަސްލު އިސްތިއުނާފްކުރީ ވެސް ހުށަހެޅީ އޭގެފަހުންނެވެ.

މި މައްސަލާގައި ހައި ކޯޓުގެ ފަނޑިޔާރުންގެ ސުވާލުތައް އަމާޒުވުމުން ޖެހިގެން އައި އަޑުއެހުމުގައި ކޮމިޝަނުން އަމާންދީ، ބޭނުންވީ މައްސަލަ އަނބުރާ ގެންދާށެވެ. ސަބަބެއްގެ ގޮތުގައި ބުނީ ގާނޫނީ ހުއްޖަތެއް ދެއްކެން ނެތުމެވެ.

މި ހިސާބުން ދައުލަތުގެ އެންމެ ބޮޑު އެއް މުއައްސަސާ އަށް މި އަމާޒުވީ ޝަރުއީ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ތުހުމަތެވެ. އެއްވެސް ގާނޫނީ ބަހުސެއް ނެތީސް، ހަމައެކަނި ފައިސާ ދިނުން ލަސްކުރުމަށްޓަކައި ހައި ކޯޓުގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފުމުގެ ތުހުމަތެވެ.

"މިއީ އިންސާފަށް ހުރަސް އެޅުން ނޫން ދެން ކޮންމެ ކަމެއްތޯ؟. ސިވިލް ކޯޓުގައި ހުކުމް ތަންފީޒު ކުރުމުގެ ކަންތައްތައް ހުއްޓުވުން ފިޔަވައި އެ ނޫން އެއްވެސް ކަމެއް ނޫން." މުސްއަބުގެ ވަކީލް ހައި ކޯޓުގައި ފާހަގަކުރި ކަންބޮޑުވުމަކީ އެއީ އެވެ.

"އަޅުގަނޑުމެން އަބަދުވެސް ބަލަނީ އިސްތިއުނާފް ކުރެވޭނެ ފުރުސަތެއް އޮތިއްޔާ އެ މަރުހަލާތައް ނިންމާފައި ތަންފީޒުކުރަން."

ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފަނީތޯ ތަކުރާރުކޮށް ފަނޑިޔާރުން ކުރި ސުވާލަށް ނޫނެކޭ ބުނުން ފިޔަވައި ކޮމިޝަނުން ދިން އިތުރު ޖަވާބެއް ނެތެވެ.

މުވައްޒަފުންތަކެއް އޮފީހަކަށް ވަންނަނީ --- ފޮޓޯ/މިހާރު

މުވައްޒަފުންތަކެއް އޮފީހަކަށް ވަންނަނީ --- ފޮޓޯ/މިހާރު

ގާނޫނީ ހުއްޖަތެއް އަދި ސަބަބެއް ނެތީސް، މައްސަލަ އިސްތިއުނާފް ކުރުމަކީ ސީއެސްސީން އިސްތިއުނާފްގެ ބޭނުން ނާޖާއިޒްގެ ގޮތުގައި ހިފާ ކަމަށް ކުރެވޭ ތުހުމަތަކަށް ލިބޭ ބާރަކަށް ނޫނީ ނުވެ އެވެ. އަދި އެއީ މަދަނީ އިޖްރައާތުގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅިދާނެ ފަދަ ކަންކަން ވެސް މެ އެވެ.

ސީއެސްސީގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވި ގޮތުގައި ބަދަލު ދޭން ހުކުމެއް ކުރިޔަސް، އެ ކޮމިޝަންގެ އަބަދުވެސް ވިސްނުމަކީ އިސްތިއުނާފްގެ މަރުހަލާތައް ނިމުމުން ނޫނީ ފައިސާ ދޫ ނުކުރުމެވެ. އެއީ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ކުރުމަށް ކުރާ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައިވަރު ފައިސާތަކެއް ދޭން މި އަންގަނީ. އިސްތިއުނާފް ނިމުމުގެ ކުރިން ފައިސާ ދީފަ އޮއްވާ އިސްތިއުނާފުން އަޅުގަނޑުމެންނާ އެއްކޮޅަށް ނިމިއްޖެއްޔާ ދެން އެ ފައިސާ ރިކަވާކުރުން ފަސޭހަ ކަމަކަށް ނުވާނެ." ނާސިހު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަބަދުވެސް ބަލަނީ އިސްތިއުނާފް ކުރެވޭނެ ފުރުސަތެއް އޮތިއްޔާ އެ މަރުހަލާތައް ނިންމާފައި ތަންފީޒުކުރަން. އޭރުން އެއްވެސް ސުވާލެއް އިތުރަކަށް ނޯންނާނެ ދެއްތޯ އުފައްދާކަށް." އޭނާ ވިދާޅުވި އެވެ.

ނާސިހު ވިދާޅުވި ގޮތުގައި މުވައްޒަފުންނަށް އަލުން ވަޒީފާދޭން އަންގާއިރު، އެ މަގާމުގައި އެހެން މުވައްޒަފަކު އައްޔަން ކޮށްފައި ހުއްޓަސް ހުކުމް ތަންފީޒު ކުރަން ޖެހޭ ހާލަތްތައް އާދެ އެވެ. އަދި ދާދިފަހުން އަމަލުކުރަން ފެށި މަދަނީ އިޖްރައާތުގެ ގާނޫނު އޮތްގޮތުން ވެސް މިކަމުގައި ބައެއް ދަތިތަކެއް ދިމާވާ ކަމަށް އޭނާ އެވެ.

"މަދަނީ އިޖްރައާތުގެ ގާނޫނު އައިމަ މި ޖެހެނީ ހުކުމެއް އިސްތިއުނާފް ކުރިޔަސް، ހުކުމް ތަންފީޒު ކުރަން. އަމުރެއް އައިމަ ނޫނީ ތަންފީޒު ފަހެއް ނުކުރެވޭ. ކޯޓުގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ލަސްވުން ފަދަ ކަންކަން ދިމާވެގެން ބައެއް ޑިލޭތައް އެބަ އާދޭ އިސްތިއުނާފް ކުރުމުގައި." އޭނާ ވިދާޅުވި އެވެ.

"ބައެއް ފަހަރު އިސްތިއުނާފް މުއްދަތު ހަމަނުވަނީސް، ހުކުމް ތަންފީޒު ކުރަން ޖެހޭ މުއްދަތު އެބަ ހަމަވޭ. އަސްލު މިފަހަކުން މި އިޝޫ ދިމާވީ."

ކޯޓުތަކުގެ ނިންމުންތަކާއި އެންގުންތަކަށް ތަބާވުމުން ދައުލަތާއި ދައުލަތުގެ މުއައްސަސާތައް ވެސް އިސްތިސްނާއެއް ނުވެ އެވެ. ސީއެސްސީ ކަމަށް ވިޔަސް ކޯޓުތަކުގެ ނިންމުންތަސް ތަންފީޒު ނުކޮށް، ނިޒާމުގެ ބޭރުން އުޅުމުގެ ފުރުސަތު އޮވެގެން ނުވާނެ އެވެ.