Roadha Mihaaru
ކަލައިދޫ-ދަނބިދޫ ކޯޒްވޭ ނުހެދި ލަސްވާތީ ކަންބޮޑުވެއްޖެ

ކަލައިދޫ-ދަނބިދޫ ކޯޒްވޭ ނުހެދި ލަސްވާތީ ކަންބޮޑުވެއްޖެ

22 ޑިސެމްބަރ 2022

ލ. ކަލައިދު އާއި ދަނބިދޫ ގުޅުވާލާ ކޯޒްވޭގެ އަމަލީ މަސައްކަތް ނުފެށި ލަސްވާތީ އެ ދެ ކައުންސިލުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ލ. ކަލައިދު އާއި ދަނބިދޫ ގުޅުވާލާ ކޯޒްވޭގެ އަމަލީ މަސައްކަތް ނުފެށި ލަސްވާތީ އެ ދެ ކައުންސިލުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ދެ ކައުންސިލް ގުޅިގެން ނެރުނު ގަރާރުގައި ބުނީ ކަލައިދޫ، ދަނބިދޫ އަދި އިސްދޫ ދާއިރާގެ ތަރައްގީއާ ގުޅިފައިވާ ކޯޒްވޭ ހެދުމަށް 2020، 2021 އަދި 2022 ވަނަ އަހަރުގެ ބަޖެޓު ފައިސާ ހިމަނާފައިވާ ކަމަށެވެ. އެކަމަކު، މިހާތަނަށް އައި އިރު ވެސް މަސައްކަތް ފަށާފައިނުވާ ކަމަށް ބުންޏެވެ.

ކޯޒްވޭއަށް އަންނަ އަހަރަށް ވެސް 18 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސާފައިވެ އެވެ.

ގަރާރުގައި ބުނީ ކޯޒްވޭ ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

އެހެންވެ، ވީ އެންމެ އަވަހަކަށް ކޯޒްވޭގެ އަމަލީ މަސައްކަތް ފެށޭނެ ދުވަހެއް އަންގައި، އެ މަސައްކަތް ފެށޭނެ ގޮތް ހަދައި ދިނުމަށް އެ ދެ ކައުންސިލްގެ ހުރިހާ މެމްބަރުން ސޮއިކުރައްވައި ނެރުއްވި ގަރާރުގައި އެދިފައިވެ އެވެ.

ކަލައިދޫ ކައުންސިލްގެ ރައީސް އަހުމަދު ޝިޔާމް "މިހާރު"އަށް ވިދާޅުވީ އެއް ކިލޯ މީޓަރުގެ ދުރުމިނުގައި އޮންނަ ދެ ރަށް ގުޅުވާލުމަށް 2019 ވަނަ އަހަރު އީއައިއޭ ވެސް ހަދާފައިވާ ކަމަށެވެ.

އެ މަސައްކަތް ނިމިއްޖެ ނަމަ، ދަނބިދުއާ އެއްފަސްގަނޑެއްގައި އޮންނަ ކަލައިދު އާއި އިސްދުއަށް އިގުތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން އެތައް ފަސޭހައެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ސަރުކާރަކުން ވެސް ވައުދުވޭ ކޯޒްވޭ ހަދަން. ބަޖެޓުގެ ތާށިކަމާ ހެދި ބްރިޖު ކޯޒްވޭގެ މަސައްކަތް ނުފެށި ލަސްވެގެންދާ ކަމަށް ބުނީ." ޝިޔާމް ވިދާޅުވި އެވެ.