Roadha Mihaaru
އާ އަހަރު ރަނގަޅު، އެކަމަކު ޕީކް ސީޒަން ދަށް!

އާ އަހަރު ރަނގަޅު، އެކަމަކު ޕީކް ސީޒަން ދަށް!

30 ޑިސެމްބަރ 2022

އާ އަހަރުގެ އޮކިއުޕެންސީ ރަނގަޅު ނަމަވެސް ޕީކް ސީޒަންގެ ޖުމްލަ އޮކިއުޕެންސީ އެހާ ރަނގަޅު ނޫން ކަމަށް ބައެއް ރިސޯޓުތަކުން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އާ އަހަރުގެ އޮކިއުޕެންސީ ރަނގަޅު ނަމަވެސް ޕީކް ސީޒަންގެ ޖުމްލަ އޮކިއުޕެންސީ އެހާ ރަނގަޅު ނޫން ކަމަށް ބައެއް ރިސޯޓުތަކުން ބުނެފި އެވެ.

"މިހާރު" އަށް މައުލޫމާތު ދިން، ނަން ޖަހަން ބޭނުން ނުވާ ރިސޯޓެއްގެ ޖެނެރަލް މެނޭޖަރު ވިދާޅުވީ، މި އަހަރުގެ އޮކިއުޕެންސީ ހީކުރިވަރަށް ވުރެ މާބޮޑަށް ވެސް ދަށް ކަމަށެވެ. އަދި މިދިޔަ އަހަރަށް ވުރެ ވެސް ޕީކް ސީޒަންގެ އޮކިއުޕެންސީ ފެންނަނީ ދަށްކޮށް ކަމަށެވެ.

"މިދިޔަ އަހަރަށް ވުރެ ގާތްގަނޑަކަށް 20 ވަރަކަށް ޕަސެންޓް ދަށްކޮށް މި ފެންނަނީ. އެހެންމިވީ، ޔޫރަޕުން އަންނަ ޓޫރިސްޓުން މަދުވީމަ. އަޅުގަނޑުމެންގެ ރިސޯޓަކީ ޔޫރަޕްގެ ޓޫރިސްޓުންނަށް ޑިޕެންޑްވާ ތަނެއް،" އޭނާ ވިދާޅުވި އެވެ.

ސޮނޭވާ ޖާނީގެ ޕޫލް އޭރިއާ. ގިނަ ރިސޯޓުތަކުގެ އޮކިއުޕެންސީ އުންމީދު ކުރިވަރަށް ވުރެ ދަށް-- ފޮޓޯ: މިހާރު

ސޮނޭވާ ޖާނީގެ ޕޫލް އޭރިއާ. ގިނަ ރިސޯޓުތަކުގެ އޮކިއުޕެންސީ އުންމީދު ކުރިވަރަށް ވުރެ ދަށް-- ފޮޓޯ: މިހާރު

ޅ. އަތޮޅުގައި ހިންގާ ފުށިފަރު ރިސޯޓުގެ ޖެނެރަލް މެނޭޖަރު އަހުމަދު ސިއާރު ވިދާޅުވީ، ކުރިއަށް އޮތް ހަފްތާގައި ރިސޯޓު އޮތީ ފުލްކޮށް ކަމަށެވެ. އެހެން ނަމަވެސް ޕީކް ސީޒަން ފެށުނީ އުންމީދު ކުރިވަރަށް ވަރު އޮކިއުޕެންސީ ދަށްކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އާންމުކޮށް ޕީކް ސީޒަން އެވްރެޖްކޮށް އުޅެނީ 80 ޕަސެންޓުގައި. އެކަމަކު މި އަހަރު ވަރަށް ގިނަ ރިސޯޓުތައް އުޅެނީ 70 ޕަސެންޓަށް ވުރެ ވެސް ދަށުގައި،" އޭނާ ވިދާޅުވި އެވެ.

ފުށިފަރަކީ 63 ރޫމް ހިންގާ ފަސް ތަރީގެ ރިސޯޓެކެވެ. އެ ރިސޯޓެކޭ އެއްގޮތަށް ރާއްޖޭގެ މަދު، ބައެއް ރިސޯޓުތަކުގެ ޕީކް ސީޒަންގެ އޮކިއުޕެންސީ އަށް މާ ބޮޑު ބަދަލެއް ނާދެ އެވެ.

ޕެރެޑައިސް އައިލެންޑް ރިސޯޓު. އެ ރިސޯޓުގެ އޮކިއުޕެންސީ އުޅެނީ 90 ޕަސެންޓަށްވުރެ މަތީގައި-- ފޮޓޯ: މިހާރު

ޕެރެޑައިސް އައިލެންޑް ރިސޯޓު. އެ ރިސޯޓުގެ އޮކިއުޕެންސީ އުޅެނީ 90 ޕަސެންޓަށްވުރެ މަތީގައި-- ފޮޓޯ: މިހާރު

އެކަމަކު ޕެރެޑައިސް އައިލެންޑް ރިސޯޓުގެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ނާހިދު ވިދާޅުވީ، އެ ރިސޯޓުގެ އޮކިއުޕެންސީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ފެންނަނީ ރަނގަޅަށް ކަމަށެވެ.

"އަޅުގަނޑުމެންގެ ރިސޯޓުގެ އޮކިއުޕެންސީ ރަނގަޅު ހަމަ. އެކަމަކު ބައެއް ތަންތަނުގެ އޮކިއުޕެންސީ ދަށް ކަމަށް އަޑު އެބަ އިވޭ. އެކަމަކު އަޅުގަނޑުމެންނަށް އޮކިއުޕެންސީގައި އެއްވެސް މައްސަލައެއް ނެތް،" އޭނާ ވިދާޅުވި އެވެ.

އޮކިއުޕެންސީ ދަށް ރިސޯޓުތަކުން އެ ވާހަކަތައް ކިޔައިދޭން ބޭނުންވަނީ ނަން ނުޖަހަ އެވެ. އޮކިއުޕެންސީ އެހާ ރަނގަޅު ނޫން ރިސޯޓެއްގެ އިސް ބޭފުޅަކު ވިދާޅުވީ، އެވްރެޖްކޮށް އޮކިއުޕެންސީ އުޅެނީ 60 ޕަސެންޓާޢި 65 ޕަސެންޓާ ދޭތެރޭގައި ކަމަށެވެ.

ކުކޫން ރިސޯޓުގެ ރެސްޓޯރެންޓް އޭރިއާ. އާ އަހަރުގެ އޮކިއުޕެންސީ އުޅެނީ ގިނަ ރިސޯޓުތަކުގައި ފުލްކޮށް-- ފޮޓޯ: މިހާރު

ކުކޫން ރިސޯޓުގެ ރެސްޓޯރެންޓް އޭރިއާ. އާ އަހަރުގެ އޮކިއުޕެންސީ އުޅެނީ ގިނަ ރިސޯޓުތަކުގައި ފުލްކޮށް-- ފޮޓޯ: މިހާރު

"މިއީ ޕީކް ސީޒަނާ ބަލާ އިރު ވަރަށް ބޮޑު ވެއްޓުމެއް. ރަނގަޅު، ނިއު އިޔާ ވީކް މިކޮޅުގައި ވެސް އޮތީ ފުލްކޮށް، އެކަމަކު އަންނަ ޖެނުއަރީ މަހުގެ ބާކީ ބައި އަދި ފެންނަނީ އެހާ ރަނގަޅަށް ނޫން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މި އަހަރުގެ އޮކިއުޕެންސީ އެހާ ބޮޑަށް ދަށްވެގެން އުޅެނީ، ޔޫރަޕްގެ އިގްތިސާދު އެހާ ބޮޑަށް އަޑިއަޅައިލުމުން ކަމަށެވެ.

"މިހާރު ޗައިނާ ހުޅުވާލައިފިއްޔާ އެބައޮތް ރާއްޖެ އަށް ޓޫރިސްޓުން އިތުރުވުމުގެ ފުރުސަތު. އެކަމަކު މި ވަގުތު ޔޫރަޕްގެ ހާލަތު އޮތް ގޮތުން އަންނަ އަހަރު ވެސް ޓޫރިސްޓުން އަންނަ ވަރު މަދުވާނެ ކަމަށް ބެލެވެނީ،" އޭނާ ވިދާޅުވި އެވެ.

ބައެއް ރިސޯޓުތަކުގެ ޕީކް ސީޒަން އެހާ ރަނގަޅު ނޫން ކަމަށް ބައެއް ފަރާތްތަކުން ބުނަމުން އަންނަ އިރު، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، ކުރީ އަހަރުތަކާ އަޅާ ބަލާ އިރު އަންދާޒާ ކުރި ނަންބަރުތައް ޑިސެމްބަރު މަހު ނުލިބުނު ނަމަވެސް، ރާއްޖެއަށް ޓޫރިސްޓުން އަންނަ ވަރު އިތުރުވަމުން އަންނަ ކަމަށެވެ.

"އެންމެ ބޮޑު ކަމަކަށް މިއުޅެނީ ފްލައިޓްތަކުގެ އަގުތައް މާ ބޮޑީ. ބިޒްނަސް ކްލާސް ޓިކެޓެއް ޔޫރަޕުން މިދިޔަ އަހަރަށް ވުރެ 4،000 ޑޮލަރު އަގު ބޮޑު. އެެހެންވީމަ އަގުތަކާ ހެދި މިކަން ދިމާވެދާނެ،" އޭނާ ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވީ، ޓޫރިސްޓުން އައުން އިތުރުވާ އިރު ރިސޯޓުތަކުން ވެސް ޓޫރިސްޓުން އައުން މަދުވާނަމަ، އެތަނަކުން ވެސް މާކެޓު ކުރުމުގައި ތަފާތު ގޮތްތައް ގެންގުޅެން ޖެހޭ ކަމަށެވެ. އަދި މާކެޓު ޝެއާ ގެއްލޭ ނަމަ އެކަން ހާސިލު ކުރަން އެ ފަރާތްތަކުން އަމިއްލަ އަށް ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 1.6 މިލިއަން ޓޫރިސްޓުން ވަނީ އައިސްފަ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ ގާތްގަނޑަކަށް ތިން ލައްކަ ޓޫރިސްޓުން އިތުރު އަދަދެކެވެ. މިއަހަރުގެ ޕީކް ސީޒަންގައި ޑިސެމްބަރު މަހު ވެސް ވަނީ މިދިޔަ އަހަރަށް ވުރެ ހަތް ޕަސެންޓު އިތުރުވެފަ އެވެ.

އެއް އަހަރުން އަނެއް އަހަރަށް ރާއްޖޭގެ ޓޫރިޒަމް ފުޅާ ވަމުން އަންނަ އިރު ޖުމްލަ ބެޑް ކެޕޭސިޓީ ވެސް އަންނަނީ އިތުރުވަމުންނެވެ. އެހެންވެ، ރާއްޖެ އަންނަ ޓޫރިސްޓުންނަށް ވެސް ގިނަ އޮޕްޝަންތަކެއް މިހާރު ހުރެ އެވެ. ރިސޯޓުތަކައި ގެސްޓްހައުސްތަކުގެ ވާދަވެރިކަން އިތުރުވުމުން، ހިންގާ ފަރާތްތަކަށް އާމްދަނީ އިތުރު ކުރަން ވެސް ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފަ އެވެ. މިފަހަރުގެ ޕީކް ސީޒަންގައި ވެސް ދިމާވެގެން އުޅެނީ އެފަދަ މައްސަލަތަކެކެވެ.