19 ޖެނުއަރީ 2023
އިންތިހާބުތައް ކައިރިވުމުން ދައުލަތުގެ އިސް ވެރިންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިން ރަށްރަށަށް ވަޑައިގަނެގެން ނޫނީ ނުނިންމޭ ކަންކަން ގިނަވާނެ އެވެ. ދަތުރުގައި ރަސްމީ ބޯޑެއް އަޅުވާފައި ހުއްޓަސް އޭގެ އަނެއް ފަރާތުގައި އޮންނާނީ ކެމްޕެއިނުގައި ސިޔާސީ ވައުދުތައް ވުމާއި ވޯޓު ކަށަވަރު ކުރުމަށް ކުރެވުނުހާ ކަމެއް ކުރުމެވެ. އިދިކޮޅުގައި ތިބޭ ބަޔަކު ދައުލަތުގެ ވަސީލަތް ބޭނުންކުރަނިއްޔޭ ކޮރަޕްޝަނޭ ނުފޫޒޭ ބާރަށް ގޮވާނެ އެވެ.
އިންތިހާބުތައް ކައިރިވުމުން ދައުލަތުގެ އިސް ވެރިންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިން ރަށްރަށަށް ވަޑައިގަނެގެން ނޫނީ ނުނިންމޭ ކަންކަން ގިނަވާނެ އެވެ. ދަތުރުގައި ރަސްމީ ބޯޑެއް އަޅުވާފައި ހުއްޓަސް އޭގެ އަނެއް ފަރާތުގައި އޮންނާނީ ކެމްޕެއިނުގައި ސިޔާސީ ވައުދުތައް ވުމާއި ވޯޓު ކަށަވަރު ކުރުމަށް ކުރެވުނުހާ ކަމެއް ކުރުމެވެ. އިދިކޮޅުގައި ތިބޭ ބަޔަކު ދައުލަތުގެ ވަސީލަތް ބޭނުންކުރަނިއްޔޭ ކޮރަޕްޝަނޭ ނުފޫޒޭ ބާރަށް ގޮވާނެ އެވެ.
އިންތިހާބުގެ ފޯރިގަނޑު ކެނޑުމާ އެކު މި ޝަކުވާ ވެސް ހުއްޓޭނީ އެވެ. އެކަމަކު މި ޝަކުވާ ކުރި ބަޔަކު އަނެއްކާ ވެރިކަމަށް އައިސް، އެ މީހުން ކުރިން މައްސަލައަކަށް ހަދައިގެން އުޅުނު ހުރިހާ ކަމެއް ކުރާނެ އެވެ. ދެން ޝަކުވާ ކުރާނީ ކުރީގެ އިންތިހާބުގައި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރި މީހުންނެވެ. މި ބުރު މިހެން ޖަހަމުން މިހިރަ ދަނީ އެވެ.
ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަރުގަދަ ކުރިމަތިލުމުގެ ތެރެއިން ވެސް ސަރުކާރަށް މި ތުހުމަތު އެބަ އާދެ އެވެ. އިދިކޮޅު ޕީޕީއެމުން ވެސް މޫސުމީ މި ވާހަކަ އެބަ ދައްކަ އެވެ.
ރިޔާސީ އިންތިހާބުގެ ތާރީހުތައް އިއުލާނުކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު އިލެކްޝަން ކޮމިޝަން (އީސީ) އިން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވެސް ވިދާޅުވީ އެ އިރެއްގައި އޮންނަ ސަރުކާރަކުން ކެމްޕެއިނުގައި ސަރުކާރުގެ ވަސީލަތްތައް ބޭނުންކުރާ ކަމުގެ ޝަކުވާ އަކީ އަބަދުވެސް އޮންނަ ޝަކުވާއެއް ކަމަށެވެ.
އޭޕްރިލް 9، 2021: ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް މާލެތެރޭގައި ބެނާތައް ހަރުކޮށްފައި--. ފޮޓޯ: ނިޝާން އަލީ/މިހާރު
"އަބަދުވެސް އަންނަ ޝަކުވާއެއް އެ އިރެއްގައި އޮންނަ ސަރުކާރަކުން ކެމްޕެއިން ކުރެއްވުމުގެ ތެރޭގައި ސަރުކާރުގެ ވަސީލަތްތައް ކުރައްވައޭ. ދެން ގިނަ ފަހަރު، ބޭނުންކުރައްވާއިރު އެ ބޭނުންކުރައްވަނީ ތަންކޮޅެއް އުނދަގޫ، ނުސީދާ ގޮތަކަށޭ ދެންނެވޭނީ. މިސާލަކަށް، ދައުލަތުން ނުވަތަ ސަރުކާރުން ބާއްވަންޖެހޭ ކޮންމެވެސް ޖަލްސާއެއް ބޭއްވެވުމަށްޓަކައި ދައުލަތުގެ، ސަރުކާރުގެ އިސް ބައެއް ބޭފުޅުން އެތަނަށް ދަތުރުކުރެއްވުމަށް ފަހުގައި އެ ޖަލްސާ ނިންމެވުމަށް ފަހުގައި، މިސާލަކަށް، ދެން އެތަނުގައި ހިންގަވާފާނެ ކޮންމެވެސް ކަހަލަ ހަރަކާތެއް،" ފުއާދު ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވާ ދަތުރުތަކާއި މި ދުވަސްވަރު ސަރުކާރުގެ އެކި ކުންފުނިތަކުގެ ވެރިން ރަށްރަށަށް ވަޑައިގަތުމާއި މި ހުރިހާ ކަމެއްގައި ވެސް މި ތުހުމަތު އެބަ ކުރެ އެވެ. އެކަމަކު މި ވާހަކައަށް ރައްދު ދެއްވައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިދިޔަ ހަފްތާގެ ރަސްމީ ޕްރެސް ބްރީފިންގައި ވިދާޅުވީ ރަސްމީ ބައެއް ކަންކަމުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ކަމަށާއި އެއީ ކޮންމެ ތަނެއްގައި ހުންނެވި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށް ވާތީ ކަމަށެވެ.
މިއުވާންގެ މި ވާހަކައަށް ރައްދު ދީ، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނީ ކެމްޕެއިން ދަތުރުތަކުގެ ތެރެއަށް ރަސްމީ ކަންކަން ވެއްދުމަކީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ މެންބަރަކު ވިދާޅުވި ގޮތުގައި ކެމްޕެއިނަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރާ މައްސަލަ ބަލަން އުނދަގުވާ އެއް ސަބަބަކީ އެއީ ކަމަށެވެ. ވެރިކަމުގައި ހުންނަވާ ބޭފުޅަކު ކެމްޕެއިންތަކުގައި އަމަލުކުރައްވަންވީ އުސޫލުތަކެއް ކަނޑައެޅިފައި ނެތް ކަމަށާއި ރަސްމީ އާއި ނުރަސްމީ އެއްވުމުން މައްސަލަ ބަލަން ހުރަސްއެޅޭ ކަމަށެވެ. އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވެސް ވިދާޅުވީ މިހެންނެވެ.
"...ސަރުކާރުން ވެސް ނުފޫޒު ފޯރުވާނެ. އެއީ ކޮންމެ ސަރުކާރެއް އޮތަސް އެ ސަރުކާރު ހިންގާ ޕާޓީއަށް، ސަރުކާރު ހިންގާ ޕާޓީ ނޫން ޕާޓީއަށް އޮންނަ ފުރުސަތުތައް ތަންކޮޅެއް މަދުވާނެ. މިސާލަކަށް، ރައީސުލް ޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކު ހަމަ ރައީސުލްޖުމްހޫރިއްޔާގެ ލަގަބާ އެކު ދެއްތޯ ކެމްޕެއިން ކުރުމަށް ވަޑައިގަންނަވާނީ ވެސް. އެހެންވީމާ ފަހަރުގައި އާންމު ގޮތެއްގައި އެހެން ކެންޑިޑޭޓަކާ ތަފާތު ގޮތަކަށް އިތުރު އިނާޔަތްތަކާ އިތުރު ފުރުސަތުތަކެއް ހުރެދާނެ،" އީސީގެ ޕްރެސް ކޮންފަރެންސްގައި ހަބީބް ވިދާޅުވި އެވެ.
ކެމްޕެއިނަށް ސަރުކާރުގެ ވަސީލަތްތައް ބޭނުންކުރާކަން ފާޅުގައި އެނގުނަސް އެކަމާ ފިޔަވަޅެއް ނޭޅޭ. -- ފޮޓޯ: ނިޝާން އަލީ/މިހާރު
ހަބީބު ވިދާޅުވީ ކޮންމެ އިންތިހާބަކާ ދިމާކޮށް ވެސް ވޯޓުލާ މީހުންނަށް އެކި ނުފޫޒުތައް އަންނަ ކަމަށެވެ. މިއީ އީސީން ކަންބޮޑުވާ މައްސަލައެއް ކަމަށް ހަބީބު ވިދާޅުވި އެވެ. އެކަމަކު އޭނާ ވިދާޅުވީ ހުރިހާ ހިސާބަކުން ވެސް ވޯޓަށް ނުފޫޒު ފޯރުވާ ކަމަށާއި އާއިލާ ތެރޭގައި ވެސް އެކަން އޮންނަ ކަމަށެވެ. އެކަމަކު އިންތިހާބުގައި ވޯޓު ލާ މަރުކަޒުގައި، އެ މީހަކު ބޭނުން މީހަކަށް ވޯޓު ދިނުމަށް އެއްވެސް ނުފޫޒެއް ނުފޯރާނެކަން އީސީން ކަށަވަރުކޮށްދޭނެ ކަމަށް ހަބީބް ވިދާޅުވި އެވެ.
އީސީގެ ރައީސް ފުއާދު ވިދާޅުވީ ދައުލަތުގެ ވަސީލަތްތައް ކެމްޕެއިނަށް ބޭނުންކުރުން ފަދަ މައްސަލަތައް ބެލުން ގާނޫނީ ގޮތުން މިހާރު ހަވާލުވެފައި އޮންނަނީ އޭސީސީއާ ކަމަށާއި އެފަދަ މައްސަލައެއް އީސީ އަށް ހުށަހެޅިޔަސް އޭސީސީއަށް ފޮނުއްވާނެ ކަމަށެވެ. އަދި އޭސީސީއަށް ވަކިން ވެސް މައްސަލަ ހުށަހެޅިދާނެ ކަމަށް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ރަސްމީ ކެމްޕެއިން ފެށުނު ކަމަށް "ގާނޫނީ ގޮތުން" ވާނީ އީސީ އިން އިއުލާނުކުރުމުން ރައީސްކަމަށް ކުރިމަތިލައި، ކެންޑިޑެސީ ރަސްމީކޮށް އިއުލާނުކުރުމުންނެވެ. އެހެންވެ އޭގެ ކުރިން މި ވާ ވައުދުތަކާއި ކެމްޕެއިނު ގާނޫނީ ގޮތުން މައްސަލައަކަށް ނުވާނެ ކަމަށް އެއްބަޔަކު ދެކެ އެވެ.
ސަރުކާރުން ވެސް ނުފޫޒު ފޯރުވާނެ. އެއީ ކޮންމެ ސަރުކާރެއް އޮތަސް އެ ސަރުކާރު ހިންގާ ޕާޓީއަށް، ސަރުކާރު ހިންގާ ޕާޓީ ނޫން ޕާޓީއަށް އޮންނަ ފުރުސަތުތައް ތަންކޮޅެއް މަދުވާނެ: އީސީގެ ނައިބު ރައީސް ހަބީބް
އޭސީސީގެ ކުރީގެ މެންބަރު ވިދާޅުވި ގޮތުގައި، މިފަދަ ހާލަތެއްގައި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން އެއީ މައްސަލައަކަށް ވާނެ އެވެ.
"ކެމްޕެއިނަކަށް ވިޔަސް ނުވިޔަސް، ދައުލަތުގެ ވަސީލަތެއް ނުވަތަ އެއްޗެއް ވަކި މީހަކަށް ފައިދާ ހޯދައިދިނުމަށް ބޭނުންކުރުމަކީ ކުށެއް. އެފަދަ މައްސަލަތައް ބެލޭނެ،" އޭނާ ވިދާޅުވި އެވެ.
އެކަމަކު އަޖައިބަކީ މިހެން މިކަން އޮތަސް، ކެމްޕެއިނަކާ ގުޅިގެން ކުރާ މިފަދަ ކަމެއްގައި ގާނޫނާއި ގަވައިދުތަކުގެ އާރެއް ބާރެއް ހުރި ކަމަށް ނުވާތީ އެވެ. އެހެން ބައެއް ގައުމުތަކުގައި ހުންނަ ގޮތަށް، ކެމްޕެއިންތަކުގައި އަމިއްލަ ހަރަދާއި ސިޔާސީ ބޭފުޅުން އެ މީހުންގެ ރަސްމީ ހައިސިއްޔަތުން ކުރައްވާ ކަންކަމާ ބަލާނެ ފޯމިއުލާތައް ހަދާފައި ނެތަސް ރާއްޖޭގައި ވެސް އަމަލުކުރެވޭނެ ގާނޫނުތައް ހުރިކަން އެބަ އެނގެ އެވެ.
އޭސީސީގައި ކުރިން މަސައްކަތް ކުރައްވާފައިވާ ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި އިންތިހާބުތަކާ ދިމާކޮށް ހިންގާ މިފަދަ ކަންކަން ބެލުމަކީ އެ އިރެއްގައި އޮންނަ ސަރުކާރަކުން އަބަދުވެސް ވަރަށް ފިއްތުން އަންނަ ކަމެކެވެ.
"އެހެންވެ ބަޔާނެއް އެއްޗެސް ނެރެލާފައި، ސަމާލުވާށޭ، އެކަން އެހެން ނުކުރާށޭ ކިޔާފައި ތިބެނީ. މީހަކު މައްސަލައެއް ހުށަހެޅިޔަސް އެޔަކުން ވެސް ނުކުންނަ ރަނގަޅު ނަތީޖާއެއް ވެސް ނެތް. މިހާތަަނަށް ނެތް ވީކަމެއް،" އޭނާ ވިދާޅުވި އެވެ.
އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބުގެ ތެރޭގައި މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުން އޭރުގެ ޕީޕީއެމް ސަރުކާރަށް، ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ކެމްޕެއިނަށް ބޭނުންކުރާތީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ފުލުހުންނާއި އޭސީސީ އާއި އީސީ އަށް ވެސް ހުށަހެޅި އެވެ.
އޭރު ފާޑުކިޔުންތައް މާ ވަރުގަދަވުމުން ޕީޕީއެމްގެ އޭރުގެ ނައިބު ރައީސް އަދި މިހާރު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރައްދު ދެއްވީ ދެ ވަނަ ދައުރަކަށް "ރައީސް އަބްދުﷲ ޔާމީން ހޮވާނީ ސަރުކާރުގެ ވަސީލަތްތަކާއި މުވައްޒަފުން ވެސް ބޭނުންކޮށްގެން" ކަމަށް ވިދާޅުވެ އެވެ.
"...ދެން މި ބުނަނީ ސަރުކާރުގެ އެންމެން ނުކުމެ ކެމްޕެއިން ކުރަނިއްޔޭ. އަޅުގަނޑު ދައްނަވާނީ އާނއެކޭ. މުޅި ސަރުކާރު އެކީގައޭ އަޅުގަނޑުމެން ކެމްޕެއިން ކުރާނީ. އެ މީހުންނަށް [އިދިކޮޅު] އެ އުޅެނީ މަލްޓި ޕާޓީ ޑިމޮކްރެސީ ނޭނގިގެން. ޕާޓީ ނިޒާމުގައި ވެރިކަމަށް ޕާޓީއެއް އައީމާ އެ ޕާޓީ ތަމްސީލް ކުރާ މެމްބަރުން މަގާމުތަކުގައި ތިއްބަވާނީ،" މަޖީދީ މަގުގައި ކުރިން ސޯސަން ސްޓޯރު ހިންގި އިމާރާތު ގައި ހަދާފައިވާ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތު ގައި އަބްދުއްރަހީމް ވިދާޅުވުވެފައިވެ އެވެ.
"އިދިކޮޅު ފަރާތްތަކަށް ދަންނަވާލަން އޮތީ އަޅުގަނޑުމެން [ކެމްޕެއިނަށް] ނުކުންނާނީ މުޅި ސަރުކާރު އެކީގައޭ. ހަމަ ވަސީލަތްތައް ބޭނުންކޮށްގެނޭ އިންތިޚާބު ކާމިޔާބު ކުރާނީ."
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން، އެންމެ ފަހުގެ ރިޔާސީ އިންތިހާބާ ދިމާކޮށް ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުން ހުއްޓުވުމަށް ހަރުދަނާ ގާނޫނެއް ހަދައި ތަންފީޒުކުރަން ޖެހެ އެވެ. އެފަދަ ގާނޫނެއްގައި، އިންތިޚާބަށް ނުފޫޒު ފޯރުވަން މަޝްރޫތައް އިއުލާން ކުރުން ހުއްޓުވުމާއި ދައުލަތުގެ ކުންފުނިތައް ކެމްޕެއިނަށް ބޭނުން ކުރުން ހުއްޓުވުން ފަދަ ކަންކަން ހިމެނުމަށް ޓްރާސްޕޭރެންސީން އިލްތިމާސްކުރި އެވެ. އެ ރިޕޯޓުގައި ވެސް ބުނެފައިވަނީ ކޮންމެ އިންތިހާބަކާ ދިމާކޮށް ވެސް، ދައުލަތުގެ ވަސީލަތްތައް ކެމްޕޭނަށް ބޭނުންކުރާ ކަމުގެ ޝަކުވާ ލިބޭ ކަމަށެވެ.
އެކަމަކު މިއީ ހަމަ ކޮންމެ އިންތިހާބަކަށް ދައްކާ މޫސުމީ ވާހަކަ އެވެ. މި ބުރު މިހެން ޖަހަމުން މިހިރަ ދަނީ އެވެ. ކޮންމެ ބަޔަކަށް ވެސް މައްސަލަ ފެންނާނީ އިދިކޮޅުގައި ތިބޭއިރު އެވެ.
ސަރުކާރު ބަދަލުވާތީ ބައެއް ކަންކަން ނުކުރަން އަންގައިފި
ރައީސް ނިންމެވި ބައެއް ނިންމުންތައް ވެސް އޭސީސީ އަށް
ރަސްމީ ދަތުރެއްގެ ހަވާސާގައި ކެމްޕެއިންކުރެވޭނެ: އޭސީސީ
އޭސީސީ ނުހިނގާ، ކޮރަޕްޝަނެއް ވެސް ނުހުއްޓުވޭ: ނާޒިމް
ނާއިފްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކޮށްދޭން އެދިއްޖެ
އޭސީސީ އާއި ހޮންކޮންގެ އައިސީއޭސީ ދެމެދު އެއްބަސްވުމެއް
ކުރީގެ ޑިފެންސް ޗީފް ޝިޔާމްގެ މައްޗަށް ކުށް ސާބިތުނުވި
ޕީއެސްއެމްގެ ހިޔާނާތުގެ މައްސަލަ ބަލަން އޭސީސީ އަށް
އޭސީސީގެ އެންގުމަށް ތަބާނުވާން ލަފާދިނީ ޕީޖީ އޮފީހުން!
ޑރ. އަލީ ލަތީފަށް މަނީ ލޯންޑަރިންގެ ތުހުމަތު ވެސް