Roadha Mihaaru
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:17
އަސްރު 15:21
މަގްރިބް 18:18
ޢިޝާ 19:30
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
މިސްކިތަށް ނުދިއުމުގެ ނުރައްކާ ވަރަށް ބޮޑު!

މިސްކިތަށް ނުދިއުމުގެ ނުރައްކާ ވަރަށް ބޮޑު!

03 ފެބުރުއަރީ 2023

މިސްކިތްތަކަކީ އެ ތަންތަނުގައި ﷲ ގެ ނަންފުޅު ހަނދުމަކުރުމަށާއި އެ ތަންތަން މަތިވެރިކޮށް އުފުލުމަށް ﷲ އިޒުނަ ދެއްވާފައިވާ ގެތަކެކެވެ. ހެނދުނާއި ހަވީރު އެ ގެތަކުގައި ﷲ އަށް ތަސްބީހަ ކިޔައި އުޅެން ޖެހެ އެވެ. (އައްނޫރު 36).

ޑރ. ސަޢުދުﷲ ޢަލީ ޑރ. ސަޢުދުﷲ ޢަލީ

މިސްކިތްތަކަކީ އެ ތަންތަނުގައި ﷲ ގެ ނަންފުޅު ހަނދުމަކުރުމަށާއި އެ ތަންތަން މަތިވެރިކޮށް އުފުލުމަށް ﷲ އިޒުނަ ދެއްވާފައިވާ ގެތަކެކެވެ. ހެނދުނާއި ހަވީރު އެ ގެތަކުގައި ﷲ އަށް ތަސްބީހަ ކިޔައި އުޅެން ޖެހެ އެވެ. (އައްނޫރު 36).

މިސްކިތްތައް މަތިވެރިކޮށް އުފުލުމަކީ އެ ތަނުގެ ތަނބުތަކާއި ފާރުތައް އުފުލުމެއް ނޫނެވެ. ނަމަވެސް އެ ތަނުގެ ގަދަރާއި މަތިވެރިކަން އިތުރު ކުރުމެވެ. މިގޮތުން ރުކޫއު ކުރުމާއި ސުޖޫދު ކުރުމާއި މުނާޖައާ ދެންނެވުމާއި ތަސްބީހަ ކިޔުން ފަދަ ކަންކަން އެތަނުގައި ކުރުމެވެ. އިންސާނާ ﷲ އާ ގުޅުވައިދޭ ރޫހާނީ މިއުރާޖެއް ފެށޭ ތަނެއް ކަމުގައި އެތަން ހެދުމެވެ. ހަމައެއާ އެކު މިސްކިތްތަކަކީ އިންސާނާ ތަރުބިޔަތު ކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެވިދާނެ ތަނެކެވެ. އެ ދައުރުގެ ބޭނުން ހިފުމަށްޓަކައި ސަމާލުކަން ދެވިދާނެ އެތައް ކަމެއް ވެ އެވެ.

އެއްކަމަކީ، އަޅުކަމުން ލިބޭ ދަރުމަ އިތުރުކުރަން މިސްކިތުގެ ބޭނުން ހިފުމެވެ. ކީރިތި ރަސޫލާ ﷺ ވަނީ މި ފުރުސަތުގެ އުފާވެރި ޚަބަރު ދެއްވައިފަ އެވެ. އެކަނި ހުރެ ކުރާ ނަމާދަށް ވުރެ ޖަމާއަތުގައި ކުރާ ނަމާދު 27 ގުނައަށް އިތުރުވެގެން ވާކަން ވަނީ ބަޔާންކުރައްވައިފަ އެވެ. މީހަކު އޭނާގެ ގޭގައި ފުރިހަމަ ގޮތުގައި ވުލޫއު ކޮށްގެން މިސްކިތާ ހަމައަށް ދާއިރު އަޅާ ކޮންމެ ފިޔަވަޅަކަށް ދަރަޖައެއް އުފުލި ފާފައެއް ފުހެވިގެންދާ ކަމަށް ވެސް އެކަލޭގެފާނު ވަނީ ބަޔާންކުރައްވައިފަ އެވެ. އޭނާ ނަމާދުގެ ޖަމާއަތުގައި ހުންނަހާ ހިނދަކު މަލާއިކަތް ބޭކަލުން އެ މީހާ އަށް ސަލަވާތްލެއްވުން އެދި ދުއާކުރުންމަތީ ދެމިހުންނަވާނެކަން ވެސް އެކަލޭގެފާނު ވަނީ ބަޔާންކުރައްވައިފަ އެވެ.

ދެވަނަ ކަމަކީ، މިސްކިތަށް ނުދިއުމުގެ ގެއްލުންތަކުން ސަލާމަތްވުމަށް މިސްކިތުގެ ބޭނުން ހިފުމެވެ. މިސްކިތަށް ނުގޮސް ތިބުމަކީ ނަބިއްޔާގެ ސުންނަތް ދޫކޮށްލުން ކަމަށާއި ސުންނަތް ދޫކޮށްލުމަކީ ކުފުރުވުން ކަމަށް ކީރިތި ނަބިއްޔާ ﷺ ބަޔާންކުރައްވާފައި ވެ އެވެ. އަދި ޖަމާއަތަށް މިސްކިތަށް ނުދިއުމަކީ އެފަދަ މީހުންގެ ގޭގޭގައި ރޯކޮށްލައްވަން އެކަލޭގެފާނު ހިތްޕުޅަށް އަރައިވަޑައިގަތް ކަމެއް ކަންވެސް ހަދީސުން ސާބިތުވެ އެވެ. އިބްނު މަސްއޫދު ވިދާޅުވެފައިވާ ގޮތުގައި މިސްކިތަށް ނުދިއުމަކީ މީހާގެ މުނާފިގުކަން ހާމަވާ ކަމެކެވެ. ރޯދަ ހިފައި ރޭއަޅުކަން ކޮށް އުޅޭ އެކަމަކު ޖަމާއަތަށް މިސްކިތަށް ނުދާ މީހެއްގެ ވާހަކަ އިބްނު އައްބާސްގެ އަރިހުގައި ދެންނެވުނު ހިނދު ވިދާޅުވީ އެފަދަ މީހުންނަކީ ނަރަކަވަންތަ ވެރިން ކަމަށެވެ.

މިސްކިތުގެ ދައުރުގެ ތެރެއިން ހިމެނޭ ތިންވަނަ ކަމަކީ، ހާސްކަމާއި ކަންބޮޑުވުމާއި ދަތި އުނދަގޫތައް މެދުވެރިވެގެން އުޅޭ ހާލަތްތަކުގައި އެކަންކަމުން އަރައިގަތުމަށްޓަކައި މިސްކިތުގެ ބޭނުން ހިފުމެވެ. އެއްދުވަހަކު ކީރިތި ނަބިއްޔާ ﷺ މިސްކިތަށް އަރައިވަޑައިގަތް އިރު އަބޫ އުމާމާ ކިޔާ ބޭކަލަކު މިސްކިތުގައި އިންނެވުމުން ނަމާދު ނޫން ވަގުތެއްގައި މިސްކިތުގައި އިންނަވަނީ ކީއްވެތޯ އެކަލޭގެފާނު ސުވާލު ކުރެއްވެވި އެވެ. އަބޫ އުމާމާ ދެންނެވީ އެއީ "ކަންބޮޑުވުންތަކާއި ދަރަނިތައް އޮތުން" ކަމަށެވެ. އެ ހިނދު މާތް ނަބިއްޔާ ހަދީސް ކުރެއްވި އެވެ. "އެ ކަލިމަތަކެއް ކަލޭގެފާނު ކިޔަވައި ވިދާޅުވެއްޖެ ނަމަ ތިޔަ ކަންބޮޑުވުންތައް ފިލައި ދަރަނިތައް އަދާކުރެވިގެންދާނެ ކަލިމަތަކެއް ވިދާޅުވެދެއްވަންތޯ އެވެ؟" އަބޫ އުމާމާ ދެންނެވި އެވެ. އާދޭހެވެ. ދެން އެކަލޭގެފާނު ހެނދުނާއި ހަވީރު ކިޔާނެ ދުއާއެއް ދަސްކޮށްދެއްވި އެވެ. އެއީ ކަންބޮޑުވުމާއި ހިތާމަ އާއި ނުކުޅެދުންތެރިކަމާއި ކަންނެތް ކަމާއި ފިނޑިކަމާއި ދަހިކަމާއި ދަރަނިވެރިވުމާއި މީހުންގެ ނުބައިކަމުން މިންޖުވުމަށް ކުރާ ދުއާ އެވެ. އެ ދުއާ ކުރެއްވުމަށް ފަހު އަބޫއުމާމާ ގެ ކަންބޮޑުވުން ފިލައި ގޮސް ދަރަނި އަދާކުރެވުނެވެ.

މިސްކިތަށް ނުގޮސް ތިބުމަކީ ނަބިއްޔާގެ ސުންނަތް ދޫކޮށްލުން ކަމަށާއި ސުންނަތް ދޫކޮށްލުމަކީ ކުފުރުވުން ކަމަށް ކީރިތި ނަބިއްޔާ ﷺ ބަޔާންކުރައްވާފައި ވެ އެވެ. އަދި ޖަމާއަތަށް މިސްކިތަށް ނުދިއުމަކީ އެފަދަ މީހުންގެ ގޭގޭގައި ރޯކޮށްލައްވަން އެކަލޭގެފާނު ހިތްޕުޅަށް އަރައިވަޑައިގަތް ކަމެއް ކަންވެސް ހަދީސުން ސާބިތުވެ އެވެ.

ވީމާ ދިރިއުޅުމުގެ ހަޔާތުގައި ދިމާވާ މިފަދަ ކަންކަމުން ސަލާމަތްވުމަށްޓަކައި ސަބަބުތަކުގައި ހިފައިގެން މަސައްކަތް ކުރުމާއެކު ﷲ ގެ ހަޒްރަތުގައި ޝަކުވާ ދަންނަވައި ސަލާމަތަށް އެދުމާއި މިކަން ކުރުމަށް މިސްކިތުގެ ބޭނުން ހިފުން މުހިންމެވެ.

މިސްކިތުގެ ދައުރުގެ ތެރެއިން ހިމެނޭ ހަތަރުވަނަ ކަމަކީ، މުސްލިމުންގެ އެއްބައިވަންތަކަމާއި އުހުއްވަތްތެރިކަން ވަރުގަދަ ކުރުމެވެ. ޖަމާއަތުގެ ނަމާދަކީ ޖުމްހޫރު އިލްމުވެރިން ވިދާޅުވާ ގޮތުގައި ސުންނަތްކަން ގަދަވެގެންވާ ސުންނަތެކެވެ. އިސްލާމީ މުހިންމު ޝިއާރެކެވެ. މިގޮތަށް ޖަމާއަތް އެއްކުރުމުގެ ބޭނުމަކީ ޖިސްމުތަކެއް އެއްތަން ކުރުމެއް ނޫނެވެ. ނަމަވެސް ﷲ ގެ ރުހިވޮޑިގަތުން ހޯދުމާ އެކު ލޯތްބާއި ހަމްދަރުދީގެ އަސާސްގެ މަތީ މުޖުތަމައުގައި ކޮންމެ ފަރުދަކު ވެސް ބައިވެރި ވުމެވެ. އަމިއްލަ އެދުންތަކަށް އެކަނި ބެލުމުގެ ބަދަލުގައި ތިމާގެ އަހާ އަށް ވެސް މޮޅު ގޮތްތައް މެދުވެރިވުމަށް އިސްކަން ދިނުމެވެ. ޖަމާއަތަށް ﷲގެ ހަޒްރަތުން ބަރަކާތް ލިބިގެންވެ އެވެ. އެއާ ހިލާފަށް ވަކިވަކިވެ ދިއުން އެއީ ނަރަކަވަންތަވެރިވުމަށް މަގުފަހިވާ ނުރައްކާތެރި ކަމެކެވެ.

ފަސްވަނަ ކަމަކީ، އެއް ނިޒާމެއްގެ ތެރޭގައި އެއް ވެރިއަކަށް ތަބާވެ ތިބެ ކަންކަން ކުރަން ދަސްކުރުމެވެ. މި ޒަމާނުގެ ބަހުރުވައިން ނަމަ ޓީމެއްގެ ގޮތުގައި އެކުގައި މަސައްކަތް ކުރުމުގެ ރޫހު އުފެއްދުމާއި އެގޮތަށް މަސައްކަތް ކުރުމެވެ. ނަމާދުގައި ސަފުތައް ތަރުތީބު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ކީރިތި ރަސޫލާ ﷺ ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމެކެވެ. މިގޮތުން އެކެއްގެ ފަޔާއި އަނެކެއްގެ ފައި އަދި އެކެއްގެ ކޮނޑާއި އަނެކެއްގެ ކޮނޑު ސީދާ ވާގޮތަށް ސަފުގައި ގުދުގުދު ނުލައްވައި ސަފު ހަދަން އެކަލޭގެފާނު ވަނީ އިރުޝާދު ދެއްވައިފަ އެވެ. ސީދާ ނޫން ސަފުތަކަށް ﷲ ބައްލަވާ ވޮޑިގެން ނުވާނެކަން ވަނީ ބަޔާން ކުރައްވައިފަ އެވެ. ހަމައެއާ އެކު ދެ މީހުންގެ ދެމެދުގައި ހުސް ޖާގަތައް ނުބާއްވައި އެއްބިނާއެއް ފަދަ ގޮތަކަށް ތިބެން ވެސް އެކަލޭގެފާނު އިރުޝާދު ދެއްވަ އެވެ. ނަމަވެސް މީގެ މާނައަކީ އެކަކު އަނެކަކަށް އުނދަގޫވާ ވަރަށް އަދި ނަމާދުގެ އެހެން ސުންނަތްތައް އަދާ ނުކުރެވޭ ވަރަށް އެކަކު އަނެކަކާ ގާތްވުމެއް ނޫނެވެ. މަޖިލީހެއްގައި މީހަކަށް ތަންދޭން އެދެފި ނަމަ ތަންދޭން ޖެހެ އެވެ. ތިމާއަށް ތަނަވަސްކަން ލިބޭނީ އޭރުންނެވެ. (އަލްމުޖާދަލާ 11). މި ކަންކަމުގެ އިތުރުން ސަފުތައް މެދުނުކެނޑުމަށް ވެސް ނަބިއްޔާ ﷺ އިރުޝާދު ދެއްވާފައި ވެ އެވެ.

މުފްތީ މެންކް، އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާ ވިދާޅުވަނީ: ހުތުބާތަކަކީ މުޖުތަމައުގެ މީހުންނަށް އެ ވަގުތަކަށް އެނގުން ލާޒިމުވާ ކަންތައްތަކެއް ހިމަނާލެވޭ އެއްޗެއް.--- ފޮޓޯ: ނިޝާން އަލީ| މިހާރު

މުފްތީ މެންކް، އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާ ވިދާޅުވަނީ: ހުތުބާތަކަކީ މުޖުތަމައުގެ މީހުންނަށް އެ ވަގުތަކަށް އެނގުން ލާޒިމުވާ ކަންތައްތަކެއް ހިމަނާލެވޭ އެއްޗެއް.--- ފޮޓޯ: ނިޝާން އަލީ| މިހާރު

މީގެ މާނައަކީ ސަފެއް ބުރިވެފައިވާ ފަދަ ގޮތަށް ހުސްޖާގައެއް ސަފުގައި ނުބޭއްވުމެވެ. ނަމާދުކުރާ ތަނެއްގެ ގޮތުން ތަނުގައި ހުންނަ އެއްޗަކާ ހެދި މެދު ކެނޑޭ ކެނޑުމެއް ނޫނެވެ. މި ހުރިހާ ކަމަކުން އެނގިގެން ދަނީ ސަފު ހެދުމުގެ ނިޒާމާއި ވެރިންގެ އަމުރުތަކަށް ތަބާވުމުގެ ނިޒާމު މިސްކިތުގެ ތެރެއިން މުސްލިމުން ދަސްކުރަންޖެހޭ ކަމެވެ.

ހަވަނަ ކަމަކީ، އުންމަތުގެ އިލްމީ ސަގާފީ ފެންވަރު މިސްކިތުގެ ތެރެއިން މަތި ކުރުމެވެ. މިކަން ކުރެވިދާނެ ދެ ގޮތެއް އޮވެ އެވެ. އެއްގޮތަކީ ނަމާދުގައި ކިޔެވޭ ޤުރްއާނުގެ އާޔަތްތަކާއި ހުތުބާތަކުގެ ތެރެއިންނެވެ. ކީރިތި ޤުރްއާނަކީ އޭގައި އަގީދާ އާއި އަޅުކަމާއި ޝަރީއަތާއި އަހުލާގާއި ރިވެތި ވައުޒުތަކާއި އިބުރަތް ލިބެނިވި ހާދިސާތަކާއި މިސާލުތައް ހިމެނޭ ފޮތެކެވެ. އެހެންކަމުން އެކަންކަން ދަސްކޮށް ދިރިއުޅުމުގެ ހަޔާތާ ގުޅުވާލެވިދާނެ އެވެ. ހުތުބާތަކަކީ މުޖުތަމައުގެ މީހުންނަށް އެ ވަގުތަކަށް އެނގުން ލާޒިމުވާ ކަންތައްތަކެއް ހިމަނާލެވޭ އެއްޗެކެވެ. އަރަބި ބަސް ނުދަންނަ މީހުންނަށް އެ ބައެއްގެ އަމިއްލަ ބަހުން ހުތުބާގެ ބައިތައް އެކުލަވާލުމަކީ މައްސަލައެއް ނޫނެވެ. އަދި ޤުރްއާނަކީ އޭގެ މާނަ ތަރުޖަމާ ކުރެވިދާނެ އެއްޗެކެވެ. އެކަމަކު، ނަމާދުގައި ކިޔަވާއިރު ތަރުޖަމާ ނުކިޔޭނެތީ ނަމާދުގައި ކިޔެވި އާޔަތްތައް ހަނދާން ކުރެވޭތޯ ބަލައި ފަހުން އެ އާޔަތްތަކުގެ މާނައިގެ ތަރުޖަމާ ބަލައި އެ އިން ތިމާގެ އިލްމީ ސަގާފީ ފެންވަރު މަތިކުރެވިދާނެ އެވެ.

މިސްކިތުގެ ތެރެއިން އިލްމާއި ސަގާފަތު ކުރިއެރުވުމަށް ކުރެވިދާނެ ދެވަނަ ކަމަކީ ތަފާތު އެކިއެކި މުނާސަބަތު ތަކުގައި އަދި ބައެއް ނަމާދުތަކުގެ ފަހުގައި ނުވަތަ ކުރީގައި މިސްކިތުގައި އެކި މައުލޫއުތަކަށް ދަރުސްތައް ކުރިއަށް ގެންދިއުމެވެ. އެ މައުލޫއުތަކުގެ ތެރޭގައި ތަފާތު އެހެން އިލްމުތަކުގެ ދަރުސްތައް ވެސް ކުރިއަށް ގެންދެވިދާނެ އެވެ. ސަހާބީންގެ ޒަމާނުގައި ޅެމުގެ ހަވީރު ކުރުންތައް ވެސް މިސްކިތުގައި ބޭއްވި އެވެ.

މިސްކިތުގެ ދައުރުގެ ތެރެއިން މި ލިޔުމުގައި ފާހަގަކޮށްލާ އެންމެ ފަހު ކަމަކީ، ސިޔާސީ އަދި އިޖުތިމާއީ ބައެއް މުހިންމު ކަންކަމުގެ މަޝްވަރާތަކާއި މަހާސިންތާތައް ބޭއްވުމަށް މިސްކިތުގެ ބޭނުން ހިފުމެވެ. މިކަމަށްޓަކައި މިސްކިތުގެ ތެރެއިން ނަމާދަށް ހާއްސަ ކޮށްފައި އޮންނަ ބައިގެ އިތުރުން މިފަދަ ކަންކަމަށް ހާއްސަކޮށް ޖާގަތައް ހެދިދާނެ އެވެ. އޭރުން އެ ތަނުގައި އެއްވެ ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން އިޖުތިމާއީ ރޫހާއި ގައުމީ ރޫހާއި ދީނީ ރޫހު އުފެއްދިދާނެ އެވެ. މި ފާހަގަކުރި ކަންކަމުގެ އިތުރުން ވެސް މިސްކިތުގެ ދައުރުގެ ބޭނުން ހިފިދާނެ އެކި ގޮތްތައް ހުރެދާނެ އެވެ. ބޭނުންވަނީ މިސްކިތްތަކަކީ ތަރުބަވީ މުއައްސަސާއެއް ކަމުގައި ވުމެވެ.