Roadha Mihaaru
މަނަދޫ ސިޓީ ހޮޓާ ބިން ކައުންސިލަށް، މަސައްކަތް ފަށާނެ

މަނަދޫ ސިޓީ ހޮޓާގެ ބިން ކައުންސިލަށް، މަސައްކަތް ވަރަށް އަވަހަށް ފަށާނެ

12 ފެބުރުއަރީ 2023

ނ. މަނަދޫގައި ސިޓީ ހޮޓާ ހެދުމަށް ހަވާލުކުރި ބިމުގެ މައްސަލަ ހައްލުކޮށް ވަރަށް އަވަހަށް މަސައްކަތް ފަށާނެ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ނ. މަނަދޫގައި ސިޓީ ހޮޓާ ހެދުމަށް ހަވާލުކުރި ބިމުގެ މައްސަލަ ހައްލުކޮށް ވަރަށް އަވަހަށް މަސައްކަތް ފަށާނެ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް މަނަދޫގައި 50 ކޮޓަރީގެ ހޮޓަލެއް ހަދަން، ހާޑްވެއާ ވިޔަފާރީގެ އެންމެ ވަރުގަދަ އެއް ކުންފުނި، ވެލިގާ ހާޑްވެއާގެ ހިއްސާދާރުން ހިންގާ ސްޓޯން ހޮޓެލްސްއާ ޓޫރިޒަމް މިނިސްޓްރީން ހަވާލުކުރީ ޑިސެމްބަރު 29، 2021 ގަ އެވެ.

އެ މަސައްކަތަށް އެ ކުންފުނިން ވަނީ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި 412،963 ޑޮލަރު ވެސް ދައްކައިފަ އެވެ. ނަމަވެސް، ބިން ހަވާލު ނުކުރާތީ އަދި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު އެ މަސައްކަތުގައި ކައުންސިލާއެކު މުއާމަލާތް ކުރަން ޖެހުން ފަދަ ގޮންޖެހުންތަކާ ހެދި އަހަރަކަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ވެސް މަސައްކަތެއް ނުފެށެ އެވެ.

މަނަދޫ ކައުންސިލްގެ ރައީސް އަބްދުއްރަހްމާން ސޮބީހު މިއަދު ވިދާޅުވީ 132،000 ފޫޓުގެ ބިމުގައި ސިޓީ ހޮޓާ ހަދަން މިނިސްޓްރީއާ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ބާރުތައް އެ ރަށު ކައުންސިލަށް ބަދަލުކުރަން ނިންމައި މިދިޔަ ބުރާސްފަތި ދުވަހު ސޮއިކޮށްފައިވާ ކަމަށެވެ.

އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައްކާފައިވާ ފައިސާ މަނަދޫ ކައުންސިލަށް ހޯދައިދިނުމަށް ފެންނަ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ލަފާ ދީފަ އެވެ. އެހެންވެ، އެ ކުންފުންޏަށް ވަރަށް އަވަހަށް ބިން ހަވާލުކުރާނެ ކަމަށާއި އެއާއެކު، ހޮޓަލުގެ އަމަލީ މަސައްކަތް ފަށާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދީފައިވާ ކަމަށް ސޮބީހު ވިދާޅުވި އެވެ.

މަނަދޫގައި މި ވަގުތު ހަތަރު ގެސްޓް ހައުސްއެއް ހިންގަ އެވެ. އިތުރު ގެސްޓް ހައުސް ހިންގުމަށް އެ ރަށުގެ ލޭންޑް ޔޫސް ޕްލޭނުގައި ވަނީ 5،000 އަކަފޫޓުގެ 8 ބިމެއް ކަނޑައަޅައިފަ އެވެ. އަންނަ މަހުގެ 23 ގައި ފަށާ ރޯދަ މަހަށް ފަހު ބިން ދޫކުރަން ފަށާނެ ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ.

"އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރުކުރުން. އަގުބޮޑު ރިސޯޓުތައް ކައިރީގައި އެބައޮތް. އަދި ކައިރި ރަށްރަށުގައި ވެސް ފުޅާ ދާއިރާއެއްގައި މިކަން އެބަ ކުރޭ. ލޯކަލް ޓޫރިޒަމްގެ މުސްތަގުބަލް އެބައޮތް މި ރަށުގައި. އެކަން ޕްރޮމޯޓުކުރަން އާސާރީ ތަންތަން ވެސް މި ރަށުގައި އެބަހުރި،" ސޮބީހު ވިދާޅުވި އެވެ.

މަނަދޫ ސިޓީ ހޮޓަލުގެ އެއްބަސްވުމުގައި ސޮއިކުރާތާ 30 މަސް ދުވަހުގެ ތެރޭގައި ކޮންސްޓްރަކްޝަން މަސައްކަތްކުރަން ނިންމައި، އޮޕަރޭޝަނަށް ގެންނަން ޖެހެ އެވެ. ސްޓޯން ހޮޓެލްއަށް އެ ބިން ހަވާލުކުރީ 50 އަހަރު ދުވަހަށް، އަކަ ފޫޓަކަށް ހަތަރު ޑޮލަރުގެ މަގުންނެވެ. ކުލި ހިނގަން ފަށާނީ އޮޕަރޭޝަނަށް ގެނެވުމުންނެވެ.