Roadha Mihaaru
ބާސާގެ ދަނޑުގައި އެއްވަރު، ޓެން ހަގް ރުޅިގަދަ ވެފައި

ބާސާގެ ދަނޑުގައި އެއްވަރު، ޓެން ހަގް ރުޅިގަދަ ވެފައި

17 ފެބުރުއަރީ 2023

ބާސެލޯނާ (ފެބްރުއަރީ 17) - ޔޫއެފާ ޔޫރޮޕާ ލީގުގެ ނޮކައުޓް ބުރުގެ ޕްލޭއޮފްގެ ފުރަތަމަ ލެގުގައި ބާސެލޯނާގެ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑް 2-2 އިން އެއްވަރުވި މެޗުގައި ޔުނައިޓެޑަށް އިތުރު ގޯލް ޖެހެންވާނެ ކަމަށް ކޯޗު އެރިކް ޓެން ހަގް ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ބާސެލޯނާ (ފެބްރުއަރީ 17) - ޔޫއެފާ ޔޫރޮޕާ ލީގުގެ ނޮކައުޓް ބުރުގެ ޕްލޭއޮފްގެ ފުރަތަމަ ލެގުގައި ބާސެލޯނާގެ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑް 2-2 އިން އެއްވަރުވި މެޗުގައި ޔުނައިޓެޑަށް އިތުރު ގޯލް ޖެހެންވާނެ ކަމަށް ކޯޗު އެރިކް ޓެން ހަގް ބުނެފި އެވެ.

ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނިޓުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ބާސެލޯނާ އެވެ. މި ލަނޑު އެޓީމަށް ޖަހައި ދިނީ މާކޮސް އޮލޮންސޯ އެވެ. ނަމަވެސް އޭގެ ދެ މިނިޓު ފަހުން ޔުނައިޓެޑަށް އެއްވަރު ކޮށްދިނީ މާކަސް ރަޝްފޯޑެވެ. މިއީ ރަޝްފޯޑް މި ސީޒަން ގައި ޔުނައިޓެޑަށް ކާމިޔާބު ކޮށްދިން 22 ވަނަ ގޯލެވެ. މިއާ އެކު އޭނާ މިވަނީ މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ސީޒަން؛ 2019/2020 ސީޒަނުގައި ޖެހި ގޯލުގެ އަދަދާ އެއްވަރު ކޮށްފަ އެވެ.

ޔުނައިޓެޑުން މެޗުގައި ލީޑު ވެސް ނެގި އެވެ. މެޗުގެ 59 ވަނަ މިނިޓުގައި ޔުނައިތެޑުން ލީޑު ނެގީ ރަޝްފޯޑް ހުރަސްކޮށްލި ބޯޅައެއް ބާސެލޯނާގެ ޑިފެންޑަރު ޔޫލްސް ކޫންޑޭ ގައިގައި ޖެހިފައި ވަން ގޯލުންނެވެ. ބާސެލޯނާ އިން ނަތީޖާ އެއްވަރު ކުރީ 76 ވަނަ މިނިޓުގައި ރަފީނިއާ ޖަހައިދިން ގޯލުންނެވެ.

ރަޝްފޯޑް (މ) ޔުނައިޓެޑަށް އެއްވަރު ކޮށްދިން ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ރަޝްފޯޑް (މ) ޔުނައިޓެޑަށް އެއްވަރު ކޮށްދިން ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު ޓެން ހަގް ވަނީ ބާސެލޯނާގެ ކޫންޑޭ ރަތް ކާޑަކުން ސަލާމަތް ވެފައި ވާކަމަށާއި، ޔުނައިޓެޑް ލީޑުގައި އޮތް ވަގުތު އެޓީމަށް ސާފް ޕެނަލްޓީއެއް ލިބެން ޖެހޭ ކަމަށެވެ.

"އަހަރެމެން 2-1 އިން ލީޑުގައި އޮއްވައި މާކަސް ރަޝްފޯޑް އަށް ފައުލް ކުރި، އެއީ ސާފު ޕެނަލްޓީއެއް،" ޓެން ހަގް ބުންޏެވެ.

"އެއީ [ފައުލް ކުރީ] އޭރިއާ ތެރެއިން ނޫނީ ބޭރުން ކުރި ފައުލެއް ވިއަސް ރަތް ކާޑު ދައްކަން ޖެހޭ. އަހަރެން އެހިން ރެފްރީ ގާތު؛ ކީއްވެ ހޭ؟ އޭނާ ބުނީ އެ ކަމެއް ހިނގީ އޭރިއާ ބޭރުން ކަމަށާއި އެއީ ފައުލެއް ވެސް ނޫން ކަމަށް.

"ރެފްރީ އާއި ލައިންސްމަން ހުރީ މަންޒަރު ސާފް ވާ ހިސާބުގައި، އެހެން ނޫން ނަމަ ވީއޭއާރު ވެސް އެހުރީ. އެއީ ރަނގަޅަށް ދިޔަ ކަމެއް ނޫން، ގޯސް ނިންމުމެއް. ފަހަރުގައި ވެދާނެ އެއީ ބާސެލޯނާ އިން ޕްރެޝަރު ކުރީމައި ކަމަށް."

ޔުނައިޓެޑްގެ ކޯޗު ޓެން ހަގް (ވ) ، ރޭގެ މެޗުގައި ކޯޗާ ޝަކުވާ ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޔުނައިޓެޑްގެ ކޯޗު ޓެން ހަގް (ވ) ، ރޭގެ މެޗުގައި ކޯޗާ ޝަކުވާ ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޔުނައިޓެޑްގެ މިޑްފީލްޑަރު ފްރެޑް އަތުގައި ބޯޅަ ޖެހުނު ކަމަށް ބުނެ ބާސެލޯނާ އިން ވެސް ޕެނަލްޓީއަކަށް އެޕީލް ކުރި އެވެ. ފުރިހަމަ ވަގުތު ހަމަވުމުން ބާސެލޯނާގެ ކޯޗު ޒަވީ ވަނީ ރެފްރީ އާ ދެބަސް ވެސް ވިއެވެ.

ޔުނައިޓެޑާއި ބާސެލޯނާ އަށް ވެސް ޕެނަލްޓީއެއް ނުދިނުމުން ޕެނަލްޓީގެ ކަންކަން ހަމަހަމަ ވީތޯ އެހުމުން ޓެން ހަގް ބުނީ އެކަން އެހެންނުނިންމޭނެ ކަމަށެވެ. އޭނާ އަށް ފްރެޑްގެ އަތުގައި ބޯޅަ ޖެހުނު ތަން ނުފެންނަ ކަމަށާއި، ރަޝްފޯޑް ވައްޓާލި އިރު ޔުނައިޓެޑް ލީޑުގައި އޮތުމުން އެއީ މުޅި މެޗުގެ ނަތީޖާއަށް އޭގެ އަސަރު ކުރާނެ ކަމެއް ކަމުގައި ޓެން ހަގް ބުންޏެވެ.

ބާސެލޯނާ ރޭގެ މެޗު ކުޅުނީ އަނިޔާގައި ތިބި އުސްމާން ޑެމްބެލޭ އާއި ކެޕްޓަން ސާޖިއޯ ބުސްކެޓްސް ނުލަ އެވެ. ދެވަނަ ލެގުގެ ކުރިން ބާސެލޯނާ އަށް ވަނީ އިތުރު ހާސްކަމެއް ކުރިމަތި ވެފަ އެވެ.

ބާސެލޯނާގެ މިޑްފީލްޑް ގައި މުހިއްމު ދައުރެއް އަދާ ކުރާ ގަވީ އަށް ރޭގެ މެޗުގައި ދެއްކި ރީނދޫ ކާޑާ އެކު އޭނާ ވަނީ ކާޑު ހަމަވެގެން ދެވަނަ ލެގަށް ސަސްޕެންޑް ވެފަ އެވެ. މީގެ އިތުރުން ފުރަތަމަ ހާފުގައި އެޓީމުގެ ޕެޑްރީގެ ހޭމްސްޓްރިންގަށް އަނިޔާ ވެގެން ވަނީ ބަދަލު ކޮށްފަ އެވެ. މި އަނިޔާއާ ގުޅިގެން އަންނަ ހަފްތާ ކުޅޭ ދެވަނަ ލެގު އޭނާ އަށް ކުޅެވޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.

ޔުނައިޓެޑަށް ވެސް ވަނީ އަނިޔާގެ މައްސަލަ ދިމާ ވެފަ އެވެ. އެޓީމުގެ ކްރިސްޓިއަން އެރިކްސަން އާއި ސްކޮޓް މެކްޓޮމިނޭ އަދި އެންޓޮނީ މާޝިއަލް ވެސް ތިބީ އަނިޔާގަ އެވެ. މީގެ އިތުރުން ލިސަންޑްރޯ މާޓިނޭޒް އާއި މާސެލް ސަބިޓްޒާ ރޭގެ މެޗު ނުކުޅުނީ ސަސްޕެނަޝަނުގައި ތިބުމުންނެވެ.

ޔޫރޮޕާ ލީގު ނޮކައުޓް ބުރުގެ ކޮލިފައިން ފުރަތަމަ ލެގުގައި ރޭ ކުޅުނު އެހެން މުހިއްމު މަޗުތަކަށް ބަލައިލާއިރު، ޔުވެންޓަސް ވަނީ އަމިއްލަ ދަނޑުގައި ފްރާންސްގެ ނަންޓްސް އާ ވާދަކޮށް 1-1 އިން އެއްވަރު ވެފަ އެވެ. އަދި އިޓަލީގެ ރޯމާ ވަނީ ރަށުން ބޭރުގައި އޮސްޓްރިއާގެ ރެޑްބުލް ސަލްޒަބާގާ ދެކޮޅަށް ކުޅެ 1-0 އިން ބަލި ވެފަ އެވެ.