Roadha Mihaaru
ރޮބީނިއޯ ނުވަ އަހަރަށް ޖަލަށް ލާން އިޓަލީން އަންގައިފި

ރޮބީނިއޯ ނުވަ އަހަރަށް ޖަލަށް ލާން އިޓަލީ އިން ބްރެޒިލަށް އަންގައިފި

21 ފެބުރުއަރީ 2023

ބްރަސިލިއާ (ފެބްރުއަރީ 21) - ރޭޕް ކުރުމުގެ ކުށް ސާބިތުވެފައިވާތީ، ބްރެޒިލްގެ ކުރީގެ ފޯވާޑް ރޮބީނިއޯ ނުވަ އަހަރަށް ޖަލަށް ލާން އިޓަލީން ބްރެޒިލަށް އަންގައިފި އެވެ.

ބްރަސިލިއާ (ފެބްރުއަރީ 21) - ރޭޕް ކުރުމުގެ ކުށް ސާބިތުވެފައިވާތީ، ބްރެޒިލްގެ ކުރީގެ ފޯވާޑް ރޮބީނިއޯ ނުވަ އަހަރަށް ޖަލަށް ލާން އިޓަލީން ބްރެޒިލަށް އަންގައިފި އެވެ.

އިޓަލީގެ އޭސީ މިލާނަށް ވެސް ކުޅުނު ފޯވާޑްގެ މައްޗަށް ތުހުމަތު ކުރެވުނީ، އިޓަލީގައި އެންހެނަކު ރޭޕް ކުރި މައްސަލަ އެވެ. އެ އަންހެން މީހާ އަށް ބަނގުރާ ބޯން ދިނުމަށް ފަހު ރޭޕް ކުރުމުގައި ބްރެޒިލްގެ އިތުރު ފަސް ފިރިހެނުންނާ އެކު ރޮބީނިއޯ ބައިވެރިވިކަން ސާބިތުވާ ކަމަށް ބުނެ މިލާންގެ ކޯޓަކުން ވަނީ 2017 ގައި ހުކުމް ވެސް ކޮށްފަ އެވެ. ކޯޓުން ޝަރީއަތް ހިނގީ އޭނާގެ ގައިރު ހާޒިރުގަ އެވެ.

އިޓަލީގެ ސުޕްރީމް ކޯޓުން 2020 ގައި ވަނީ ދަށު ކޯޓުގެ ހުކްމަށް ތާއީދުކޮށްފަ އެވެ. މިދިޔަ ހަފުތާގައި އިޓަލީގެ ޖަސްޓިސް މިނިސްޓްރީން ވަނީ ރޮބިނިއޯ ހޯދަން އިންޓަޕޯލް ނޯޓިސް ނެރަފަ އެވެ.

ރޮބީނިއޯ އަށް ނުވަ އަހަރުގެ ޖަލުގެ އަދަބެއް ތަންފީޒުކުރަން އިޓަލީން އެންގީ ބްރެޒިލްގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށެވެ.

އެ މިނިސްޓްރީން ވަނީ ވަކި މީހެއްގެ ނަން ނުބުނެ އެފަދަ ޑިމާންޑެއް އެ މިނިސްޓްރީ އަށް ލިބިފައިވާކަން ކަށަވަރުކޮށް ދީފަ އެވެ.

މިކަމާ ބެހޭ ގޮތުން ރޮބީނިއޯގެ ވަލީލް އަދި މިހާތަނަށް ވާހަކައެއް ނުދައްކަ އެވެ.

އެ މިނިސްޓްރީން ބުނީ އިޓަލީން އެދިފައިވާ މައްސަލަ ބްރެޒިލްގެ ޖަސްޓިސް މިނިސްޓްރީން ދިރާސާ ކުރާނެ ކަމަށެވެ.

ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީ އަށް ވެސް ކުޅުނު ރޮބީނިއޯ މީގެ ކުރިން ބުނީ އެފަދަ ކަމެއްގައި އޭނާ ބައިވެރިވެފައި ނުވާނެ ކަމަށެވެ.