Roadha Mihaaru
ސްޓެމް ފެއާ: ދަރިވަރުންގެ ހުށަހެޅުންތަކުން އުންމީދު

ސްޓެމް ފެއާ: ދަރިވަރުންގެ ހުށަހެޅުންތަކުން އުންމީދު

05 މާޗް 2023

ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ސްޓެމްގެ މާއްދާތަކުގެ އެހީގައި ހައްލު ހޯދޭނެ އީޖާދީ އެތައް ވިސްނުމެއް، މާލޭގެ ސްކޫލުތަކަށް ހުޅުވާލައިގެން ބޭއްވި "އުރީދޫ ސްޓެމް ފެއާ 2023" އިން ފެނުނެވެ. ސްޓެމްގެ މާއްދާތައް ކަމަށްވާ، ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި މެކެނިކްސްގެ އެތައް މައުލޫމާތަކާއި އަމަލީ މަސައްކަތް ކުރާނެ ގޮތުގެ މައުލޫމާތު ފެއާގައި ދިނެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ސްޓެމްގެ މާއްދާތަކުގެ އެހީގައި ހައްލު ހޯދޭނެ އީޖާދީ އެތައް ވިސްނުމެއް، މާލޭގެ ސްކޫލުތަކަށް ހުޅުވާލައިގެން ބޭއްވި "އުރީދޫ ސްޓެމް ފެއާ 2023" އިން ފެނުނެވެ. ސްޓެމްގެ މާއްދާތައް ކަމަށްވާ، ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި މެކެނިކްސްގެ އެތައް މައުލޫމާތަކާއި އަމަލީ މަސައްކަތް ކުރާނެ ގޮތުގެ މައުލޫމާތު ފެއާގައި ދިނެވެ.

ދަރިވަރުން ކިޔައިދިން ގޮތުގައި، މެކެނިކްސްގެ ބައިން ރޮބޮޓިކްސްއާ ގުޅުން ހުރި ގިނަ މަސައްކަތްކުރާނެ ގޮތުގެ މައުލޫމާތާއި ތަޖުރިބާ އެ ފެއާއިން ލިބުނެވެ.

ފެއާއަށް ދަރިވަރުން ހުށަހަޅާފައިވާ މަސައްކަތްތަކުން ދައްކައިދީފައި ވަނީ ރާއްޖޭގައި ހުރި ވަސީލަތްތަކުގެ ބޭނުން ހިފައިގެން ހަކަތަ އުފައްދާނެ ގޮތާއި، ރައްކާތެރިކޮށް ކުނި މެނޭޖު ކުރާނެ ގޮތްތަކާއި ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރާނެ ގޮތާއި، ދަނޑުވެރިކަމާއި ވެށީގައި ހުރި އެކި ވަސީލަތްތަކުގެ ބޭނުން ހިފައިގެން ތިމާވެއްޓާ ރައްޓެހި ގޮތްތަކެއް ހޯދޭނެ އީޖާދުތަކަކެވެ.

މި ފެއާގައި ގްރޭޑު 4 އިން ފެށިގެން މަތީގެ ގްރޭޑްތަކުގެ ދަރިވަރުން ބައިވެރިވެފައިވާ އިރު، ޖަޖުން ވެސް ވަނީ ވަރަށް އީޖާދީ ހުށަހެޅުންތައް ލިބުނު ކަމަށް ބުނެފަ އެވެ.

"މި ފެއާއިން ފެނިގެން ހިނގައްޖެ ގައުމަށް ފައިދާކުރަނިވި ސަސްޓެއިނަބިލިޓީއަށް ބޭނުން ކުރެވޭނެ މޮޅު ހިޔާލުތަކެއް. އަދި ދަރިވަރުންނަކީ ސްޓެމްގެ ދާއިރާތަކުން ދަރިވަރުންގެ ހުރި ގާބިލުކަން ވެސް ފެނިގެން ހިނގައްޖެ. އުއްމީދަކީ ދެން އޮތް ފެއާއަކުން މިއަށް ވުރެ ވެސް ފުރިހަމަ ޕްރޮޖެކްޓުތަކެއް ފެނުން." ފަނޑިޔާރުކަން ކުރެއްވި އެމްޕީއެލްގެ ޑޭޓާ ސެންޓަ މެނޭޖަރު އަބްދުﷲ ސަމީރު ވިދާޅުވި އެވެ.

އެ ފެއާގައި ފަނޑިޔާރުކަން ކުރެއްވި ވިލާ ކޮލެޖުގެ ކޮމްޕިއުޓަ ސައިންސް ސްކޫލްގެ ހެޑް، އުދުމާ އަބްދުއްލަތީފު ވިދާޅުވި ގޮތުގައި އެ ފެއާއިން ސްޓެމްއަށް ދަރިވަރުންގެ ހިތުގައި އޮތް ލޯތްބާއި ޝައުގުވެރިކަން ވަރަށް ބޮޑަށް ފެނުނެވެ. އަދި އީޖާދީ އުފެއްދުންތެރިންތަކެއް ނެރެވޭނީ، ދަރިވަރުންނަށް އެ ފަދަ ފުރުސަތުތަކެއް ދީގެން ކަމަށާއި، ސްޓެމްގެ ދާއިރާތަކުން ކުރިއަށް ދިއުމަށް ދަރިވަރުންނަށް ހިތްވަރު ދޭންޖެހޭ ކަމަށް ވިދާޅުވި އެވެ.

ފެއާގައި ފަނޑިޔާރުކަން ކުރެއްވި ރިނިއުބަލް އެނާޖީ މޯލްޑިވްސްގެ ޕްރިންސިޕަލް އިންޖިނިއާ އެންޑް ޝެއާހޯލްޑާ ފާތިނާ އަބްދުލް ހަކީމް ވިދާޅުވީ ޕްރޮޖެކްޓުތަކަށް ހުށަހަޅާފައި ހުރީ ކޮމްޕްލެކްސް ހިޔާލުތަކެއް ކަމަށެވެ.

"މި ފެއާއިން ސްޓެމް ދާއިރާއިން ރާއްޖޭގެ މުސްތަގުބަލަށް އޮތް ކުރިމަގު ވަރަށް ބޮޑަށް ފެނިގެން ހިނގައްޖެ. އުއްމީދުކުރަން މި ދަރިވަރުންނަކީ މި ދާއިރާއިން މުސްތަގުބަލުގައި ފެނިގެންދާނެ ކުދިންތަކެއް ކަމަށް." އޭނާ ވިދާޅުވި އެވެ.

ދަރިވަރުންގެ އީޖާދުތައް ދައްކާލަނީ. -- ފޮޓޯ: އުރީދޫ

ދަރިވަރުންގެ އީޖާދުތައް ދައްކާލަނީ. -- ފޮޓޯ: އުރީދޫ

އުރީދޫގެ ސްޓެމްފެއާ އަށް އެ ކުންފުނީގެ އެމްބެސަޑަރު، "ޒުވާން ދަނޑުވެރިޔާ" ރަމްޒީ ހަސަން ވެސް ވަނީ ޒިޔާރަތްކޮށް އޭނާގެ ހިޔާލު ހިއްސާކޮށްފަ އެވެ.

"ދަނޑުވެރިކަމުގައި ވެސް ބޭނުން ހިފޭނެ ޕްރޮޖެކްޓުތަކެއް ފެނުމުން ވަރަށް އުފާވެއްޖެ. ދަނޑުވެރިކަމަކީ ސްޓެމްގެ އެހީގައި ވަރަށް ފުޅާކުރެވެން އޮތް ދާއިރާއަކަށް ވީއިރު، އެފަދަ ގިނަ ހިޔާލުތަކެއް މުސްތަގުބަލުގައި ފެންނާނެ ކަމަށް އުއްމީދު ކުރަން." އޭނާ ބުންޏެވެ.

އުރީދޫ ސްޓެމް ފެއާ އަކީ ވަރަށް ކާމިޔާބު ފެއާއެއްގެ ގޮތުގައި އެ ކުންފުނިން ސިފަ ކުރެ އެވެ. އަދި ފެއާއިން ރާއްޖޭގެ ކުރިމަގާ މެދު ކުރެވޭ އުއްމީދުތައް އިތުރުވެއްޖެ ކަމަށް ވެސް ބުންޏެވެ.

އެ ފެއާ ކުރިއަށް ދިޔައީ ހަފްތާ ބަންދުގަ އެވެ. ފެއާގެ އޯވަރޯލް އެންމެ މޮޅު ސްކޫލަކަށް ހޮވުނީ އިސްކަންދަރު ސްކޫލެވެ. މިއީ އުރީދޫ އިން ވިމެން އިން ޓެކް މޯލްޑިވްސް އާއި އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ބޭއްވި ފެއާއެކެވެ.