Roadha Mihaaru
ސައޫދީއާ އެކު ރާއްޖޭން އީރާނާ އަލުން ގުޅެން ނިންމައިފި

ސައޫދީ-އީރާން ސުލްހަވުމުން ރާއްޖޭން ވެސް އަލުން އީރާނާ ގުޅެނީ

10 މާޗް 2023

ސައޫދީ އަރަބިއްޔާ އާއި އީރާންގެ ގުޅުން ކެނޑިފައި އޮންނަތާ ހަތް އަހަރު ފަހުން އަލުން ގުޅުންތައް ގާއިމުކުރުމަށް މިއަދު އެއްބަސްވުމާ އެކު ރާއްޖޭން ވެސް އީރާނާ އަލުން ސިޔާސީ ގުޅުން ގާއިމުކުރަން ނިންމައި ދެ ގައުމުގެ ނިންމުމަށް މަރުހަބާ ކިޔައިފި އެވެ.

ސައޫދީ އަރަބިއްޔާ އާއި އީރާންގެ ގުޅުން ކެނޑިފައި އޮންނަތާ ހަތް އަހަރު ފަހުން އަލުން ގުޅުންތައް ގާއިމުކުރުމަށް މިއަދު އެއްބަސްވުމާ އެކު ރާއްޖޭން ވެސް އީރާނާ އަލުން ސިޔާސީ ގުޅުން ގާއިމުކުރަން ނިންމައި ދެ ގައުމުގެ ނިންމުމަށް މަރުހަބާ ކިޔައިފި އެވެ.

ގައުމުތަކުގެ ސިޔާދަތަށް ހުރުމަތްތެރިކޮށް ހިތުމާއި ގައުމުތަކުގެ ދާޚިލީ ކަންކަމާ ނުބެހުމާ ގުޅޭ އަސާސް އަލުން ކަށަވަރުކޮށް ސައޫދީ އަރަބިއްޔާ އާއި އީރާން ސުލްހަވާން ނިންމީ ޗައިނާ މެދުވެރިއެއްގެ ގޮތުގައި އޮވެގެން ބޭއްވި މަޝްވަރާތަކަށް ފަހުގަ އެވެ.

" ...މިހެޔޮ ބަދަލުތަކުގެ އަލީގައި ދިވެހި ސަރުކާރުން އީރާނާ އެކު އަލުން ސިޔާސީ ގުޅުން ގާއިމުކުރުމަށް ނިންމައިފީމެވެ." ސަރުކާރުގެ ބަޔާނުގައި ބުންޏެވެ.

ރާއްޖޭން އީރާނާ ސިޔާސީ ގުޅުން ކަނޑާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މެއި 17، 2016 ގަ އެވެ. އެއީ މެދުއިރުމަތީގެ ސުލްހަޔާއި ހަމަޖެހުން ގެއްލޭ ފަދަ ކަންކަން އެ ގައުމުން ކުރާ ކަމަށް ބުނެ އެވެ. އެ އަހަރުގެ ޖެނުއަރީ މަހު ސައޫދީން އޮތީ އީރާނާ ގުޅުން ކަނޑާލައިފަ އެވެ.

ރާއްޖޭން އީރާނާ ސިޔާސީ ގުޚުން ކަނޑާލިކަން އިއުލާނުކޮށް މެއި 17، 2016 ގައި ކުރި ޓްވީޓް

އޭގެ ފަހުން ޖޫން 5، 2017 ގައި ގަތަރާ ވެސް ރާއްޖޭން ސިޔާސީ ގުޅުން ކަނޑާލި އެވެ. އެ ނިންމުން އައީ ވެސް ސައޫދީން ގަތަރާ ގުޅުން ކަނޑާލުމުންނެވެ. ނަމަވެސް ޖެނުއަރީ 6، 2021 ގައި މި ސަރުކާރުން ވަނީ އަލުން ގަތަރާ ގުޅުން ގާއިމުކުރަން ނިންމައިފަ އެވެ.

މި ގުޅުންތައް އިޔާދަކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ވައުދުތަކުގެ ތެރޭގައި ވެސް ހިމެނުނު ކަންކަމެވެ. ނަމަވެސް ގަތަރާ އެކު ވެސް އަލުން ގުޅުން ގާއިމްކުރީ ސައޫދީން ގަތަރާ އަލުން ގުޅުން ގާއިމުކުރުމުންނެވެ.

ސައޫދީ އާއި އީރާން ސުލްހަވެ ގުޅުންތައް އަލުން ގާއިމުކުރަން ނިންމިކަން މިއަދު އިއުލާނުކުރީ އެ ދެ ގައުމާއި ޗައިނާގެ ގުޅިފައިވާ ބަޔާނަކުންނެވެ. އޭގައި ބުނެފައިވަނީ ކުރިއަށް އޮތް ދެ މަސް ތެރޭ ދެ ގައުމުން ވެސް އެމްބަސީތައް އަލުން ހުޅުވާނެ ކަމަށެވެ. ކޮންމެ ގައުމަކުން ވެސް އަނެއް ގައުމެއްގެ މިނިވަންކަމަށް އިހްތިރާމްކޮށް ގައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމަށް ވަނީ އެއްބަސްވެފަ އެވެ. މީގެ އިތުރުން، ދެ ގައުމުން މީގެ ކުރިން ސޮއިކޮށްފައިވާ ބައެއް އެއްބަސްވުންތަކަށް އަލުން އަމަލުކުރަން ފަށަން ވެސް ވަނީ ނިންމައިފަ އެވެ.

ސައޫދީން އީރާނާ ސިޔާސީ ގުޅުން ކަނޑާލީ 2016 ވަނަ އަހަރު، އީރާންގެ ވެރިރަށް ތެހެރާންގައި މުޒާހަރާކޮށް، އެ ތަނުގައި ހުންނަ ސައޫދީ އެމްބަސީއަށް ގެއްލުންދީ ހުޅުޖެހި މައްސަލައިގަ އެވެ. އެކަން ކޮށްފައިވަނީ ސައޫދީގައި ޝީއީން އުޅޭ ހިސާބުތަކުގައި މުޒާހަރާކުރުމުގައި އިސްކޮށް އުޅުނު ޝީއީންގެ އިލްމުވެރިއެއް ކަމަށްވާ ޝައިޚް ނިމްރު ބަޣްރު އާލް ނިމްރު ދަންޖައްސައި މެރުމަށް ހުކުމްކޮށް އެ ހުކުމް ތަންފީޒުކުރުމާ އެކުގަ އެވެ. އޭގެ ފަހުން ސައޫދީން ވަނީ އީރާނަށް ޖާސޫސްކޮށްދޭ ކަމުގެ ތުހުމަތުގައި ޝީއީންގެ 30 މީހަކު ހައްޔަރުކޮށް އޭގެ ތެރެއިން 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވައިފަ އެވެ.

ސައޫދީގައި ހަމަނުޖެހުން އުފެއްދުމަށް އީރާން އަޑީގައި އޮވެގެން މަސައްކަތްކުރާ ކަމަށް ސައޫދީން ތުހުމަތުކުރެ އެވެ. ސައޫދީގެ އަވަށްޓެރި ޔަމަންގެ ހޫތީ ހަނގުރާމަވެރިނަށް ހަތިޔާރު ދެނީ ވެސް އީރާނުން ކަމަށް ސައޫދީ ބުނެ އެވެ. ހޫތީން ޑްރޯން ބޭނުންކޮށްގެން ސައޫދީގެ ތެލުގެ މަރުކަޒުތަކަށް ހަމަލާދޭން ފެށުމުން 2019 ވަނަ އަަހަރު މައްސަލަ އިތުރަށް ގޯސްވި އެވެ.