Roadha Mihaaru
ކަނޑޫދޫ މިރުސް ތިޔާގިވެ، އަގުތައް ދަށްވެއްޖެ

ކަނޑޫދޫ މިރުސް ތިޔާގިވެ، އަގުތައް ދަށްވެއްޖެ

21 މާޗް 2023

މިދިޔަ ރޯދަމަހާ އަޅާ ބަލާއިރު ބާޒާރުގައި ކަނޑޫދޫ މިރުސް ތިޔާގިވެ، އަގު ވަރަށް ބޮޑަށް ވެއްޓިއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ ރޯދަމަހާ އަޅާ ބަލާއިރު ބާޒާރުގައި ކަނޑޫދޫ މިރުސް ތިޔާގިވެ، އަގު ވަރަށް ބޮޑަށް ވެއްޓިއްޖެ އެވެ.

ބާޒާރުގައި ކަނޑޫދޫ މިރުސް ކިލޯއެއް މިހާރު ލިބެން ހުރީ 330ރ. އަށެވެ. އެއީ މިދިޔަ އަހަރަށް ވުރެ ހަތަރު ގުނަ ހެޔޮ އަގެކެވެ. މިދިޔަ އަހަރުގެ ރޯދަ މަސް ފެށުނު އިރު މިރުސް ކިލޯއެއްގެ އަގު ހުރީ 1،200ރ. އަށެވެ.

މިރުހަކީ ކާބޯތަކެތި ހަދަން އެންމެ ގިނައިން ބޭނުން ކުރާ އެއް ބާވަތަކެވެ. އަދި ރޯދަ މަހު އެއަށް އޮންނަ ޑިމާންޑު އިތުރަށް އުފުލެވެ.

ކަނޑޫދޫ މިރުސް: މިރުސް ކިލޯއެއް ލިބެން ހުރީ 330ރ. އަށް-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކަނޑޫދޫ މިރުސް: މިރުސް ކިލޯއެއް ލިބެން ހުރީ 330ރ. އަށް-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މާރުކޭޓުގައި ދިވެހި އުފެއްދުންތައް ވިއްކާ ވިޔަފާރިވެރިއަކު ބުނީ، މި އަހަރުގެ ރޯދަ މަހު، އެއްވެސް ދައްޗެއް ނެތި މިރުސް ލިބެން ހުންނާނެ ކަމަށެވެ.

"މިހާރު މި ލިބުނީ ރޯދަ ސްޓޮކް. ހިޔެއް ނުވޭ، މި އަހަރު މިރުހަށް ދަތިވާނެ ހެނެއް. އަގުތައް ވެސް އެހާ ބޮޑުވާނެހެނެއް،" އޭނާ ބުންޏެވެ.

ލޯކަލް މާރުކޭޓުގެ ކޮންމެ ގޮޅިއަކުންހެން މިރުސް ލިބެން އެބަހުއްޓެވެ. ރާއްޖޭގައި އެންމެ ގިނައިން މިރުސް އުފައްދަނީ ކަނޑޫދޫންނެވެ.

އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު ރީހާން ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހު ވެސް އެ ރަށުން 1،200 ކިލޯގެ މިރުސް ބޭރު ކުރި ކަމަށެވެ. އަދި އިއްޔެ 1،400 ކިލޯގެ މިރުސް ބޭރުކޮށްފައިވެ އެވެ.

"ކޮންމެ ހަފްތާއަކު ތިން ދުވަހު މިރުސް ފޮނުވާނެ މާލެ. ރޯދައަށް އެއްވެސް ދަތިކަމެއް ނެތި މިރުސް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

ކަނޑޫދޫގައި 200 މިރުސް ދަނޑު ހައްދަ އެވެ. އެ އިން ކޮންމެ ދަނޑެއްގައި 5،000 އަކަފޫޓު ހުރެ އެވެ. ކަނޑޫދޫގެ އިތުރުން ލ. އަތޮޅާއި ގދ. ފިޔޯރީ އަދި ކ. ކާށިދޫ ކަހަލަ ރަށްރަށުގައި ވެސް ފުޅާދާއިރާއެއްގައި މިރުސް ހައްދަ އެވެ.