Roadha Mihaaru

ބްރެޒިލް ބަލިކޮށް ވޯލްޑް ކަޕަށް ފަހު ވެސް މޮރޮކޯގެ ފެންވަރު ސާބިތު ކޮށްދީފި

ޓަންޖިއޭ، މޮރޮކޯ (މާޗު 26) - މިދިޔަ އަހަރުގެ ވޯލްޑް ކަޕުގެ ބޮޑު ކާމިޔާބީއަށް ފަހު މޮރޮކޯ ކުޅުނު ފުރަތަމަ މެޗުގައި 2-1 އިން ބްރެޒިލް ބަލިކޮށް އެޓީމުގެ ފެންވަރު ސާބިތުކޮށްދީފި އެވެ.

ބްރެޒިލް ބަލިކޮށް މޮރޮކޯގެ ފެންވަރު ސާބިތު ކޮށްދީފި
މުހައްމަދު ޒަޔާން ޒާހިރު
މުހައްމަދު ޒަޔާން ޒާހިރު

26 މާޗް 2023

ޓަންޖިއޭ، މޮރޮކޯ (މާޗު 26) - މިދިޔަ އަހަރުގެ ވޯލްޑް ކަޕުގެ ބޮޑު ކާމިޔާބީއަށް ފަހު މޮރޮކޯ ކުޅުނު ފުރަތަމަ މެޗުގައި 2-1 އިން ބްރެޒިލް ބަލިކޮށް އެޓީމުގެ ފެންވަރު ސާބިތުކޮށްދީފި އެވެ.

ރަހުމަތްތެރިކަމުގެ މި މެޗުގެ 29 ވަނަ މިނިޓުގައި މޮރޮކޯ އިން ލީޑު ނެގީ ސުފިއާން ބޫފާލް ޖަހައިދިން ގޯލުންނެވެ. ބްރެޒިލްގެ އާ ކެޕްޓަން ކާލޯސް ކަސެމީރޯ 67 ވަނަ މިނިޓުގައި ނަތީޖާ އެއްވަރު ކޯށްދީފައި ވަނިކޮށް މޮރޮކޯ މޮޅު ކޮށްދިން ލަނޑު 79 ވަނަ މިނިޓުގައި ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި އަބްދުލްހަމްދީ ސަބީރީ އެވެ.

ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ބްރެޒިލް ވަރުގަދަކޮށް ކުޅުނު ނަމަވެސް މޮރޮކޯ އިން ވަނީ ކައުންޓާ އެޓޭކް ތަކުގައި ނުރައްކާ ކޮށްފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ހަކީމް ޒިޔެޝް އަށް މޮރޮކޯއަށް ލީޑު ފުޅާކޮށްދޭން ފުރުސަތުތަކެއް ލިބި ނާކާމިޔާބު ވީއިރު، މޮރޮކޯގެ ގޯލްކީޕަރު ޔަސީން ބޯނޯ ވަނީ ރޮޑްރިގޯ ފޮނުވާލި ނުރައްކާތެރި ބޯޅައެއް ދިފާއު ކޮށްފަ އެވެ.

މިއީ މޮރޮކޯ އިން ބްރެޒިލް ކޮޅަށް ލަނޑެއް ވެސް ކާމިޔާބު ކުރި ފުރަތަމަ މެޗެވެ. މީގެ އިތުރުން މިއީ އެފްރިކާ ބައްރުގެ ގައުމެއް އަތުން ބްރެޒިލް ބަލިވި ދެ ވަނަ ފަހަރެވެ. މިދިޔަ އަހަރުގެ ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި ބްރެޒިލް ވަނީ ކެމަރޫން އަތްދަށު ވެފަ އެވެ.

މިދިޔަ އަހަރުގެ ވޯލްޑް ކަޕުން މޮރޮކޯ ކެޓީ ސެމީ ފައިނަލް ގައި ފްރާންސް އަތުން ބަލިވެގެންނެވެ. އޭގެ ކުރިން ކްރޮއޭޝިއާ އަތުން ބަލިވެގެން ބްރެޒިލް ވަނީ ކުއާޓާ ފައިނަލުން ކަޓައިފަ އެވެ.

މޮރޮކޯގެ ހެޑް ކޯޗު ވަލީދު ރެގްރަގީ ވަނީ މި މެޗަށް ވޯލްޑް ކަޕް ގައި އެޓީމުގައި ހިމެނުނު ކުޅުންތެރިންގެ އިތުރުން ގައުމީ ޓީމަށް މުޅިން އާ ހަތް ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ. އިންޓެރިމް ކޯޗު ރަމޯން މެނޭޒެސް ވަނީ މޮރޮކޯއާ ދެކޮޅަށް ބްރެޒިލްގެ ވަރުގަދަ ޓީމެއް ނަގައިފަ އެވެ. ވޯލްޑް ކަޕް ގައި ކުޅުނު މުހިއްމު ކުޅުންތެރިންގެ ތެރެއިން ރޭގެ މެޗުން ފުރުސަތު ނުލިބުނީ އަނިޔާގައި ތިބި ނޭމާ އާއި މާކީނިއޯސް އަދި ރިޗާލިސަން އަށެވެ.