Roadha Mihaaru
ޑރ. އުމަރު: ކެމިކަލްއަށް އެންމެން ހޭލުންތެރިވާންވީ!

ޑރ. އުމަރު: ކެމިކަލްއަށް އެންމެން ހޭލުންތެރިވާންވީ!

30 މާޗް 2023

ކާބޯތަކެތި ބޭނުން ކުރުމުގައި އެ އުފައްދާ ގޮތާ މެދު ވިސްނާލަން ހެއްޔެވެ؟ އެއަށް އަޅާ ކެމިކަލްގެ މިންވަރާއި ރައްކާތެރިކަމާ މެދުގަ އެވެ. އެކަމަކު އަނެއް ސުވާލަކީ، މި ކަންބޮޑުވުން އޮތަސް އެކަން ބަލާނީ ކިހިނެއްތޯ އެވެ. އެ މައުލޫމާތު ލިބޭނީ ކިހިނެއް ހެއްޔެވެ؟

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކާބޯތަކެތި ބޭނުން ކުރުމުގައި އެ އުފައްދާ ގޮތާ މެދު ވިސްނާލަން ހެއްޔެވެ؟ އެއަށް އަޅާ ކެމިކަލްގެ މިންވަރާއި ރައްކާތެރިކަމާ މެދުގަ އެވެ. އެކަމަކު އަނެއް ސުވާލަކީ، މި ކަންބޮޑުވުން އޮތަސް އެކަން ބަލާނީ ކިހިނެއްތޯ އެވެ. އެ މައުލޫމާތު ލިބޭނީ ކިހިނެއް ހެއްޔެވެ؟

ޓޮކްސިކޮލޮޖީ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ، ޕެތޮލޮޖިސްޓް އިންސްޕެކްޓާ އޮފް ޕޮލިސް ޑރ. ހަސަން އުމަރު ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރަން، ކަމާ ގުޅޭ އިދާރާތަކުން ވެސް ހާއްސަ އިސްކަމެއްދީ އިތުރަށް ފިޔަވަޅުތައް ވަރުގަދަކުރަން ޖެހިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ދަނޑުވެރިން އުފައްދާ ތަކެތީގައި ވެސް ޓްރިކާ ނުވަތަ ލޭބަލް ޖަހައިގެން، އެއީ ކިހާ ވަރެއްގެ ކެމިކަލެއް ބޭނުންކޮށްގެން އުފައްދާ ތަކެތިކަން އާންމުންނަށް ކިޔައިދެވިދާނެ ކަމަށެވެ. އެއީ މިހާރު ވެސް ބައެއް ގައުމުތަކުގައި އެކަން ކުރަމުން އަންނަ އުސޫލެވެ.

މި ލޭބަލްތަކުގެ ތަފްސީލް ދެއްވަމުން އޭނާ ވިދާޅުވި ގޮތުގައި މޭވާ އާއި ތަރުކާރީގައި، ހަތަރު ނަންބަރު އިން ސްޓިކާއެއް ޖަހާފައިވާ ނަމަ އެއިން ދައްކުވައިދެނީ އެއީ ކެމިކަލް ބޭނުންކޮށްގެން އުފައްދާ ތަކެތި ކަމެވެ. އަދި ނުވަ ނަންބަރު ހިމެނޭ ސްޓިކާއެއް ނަމަ އެއީ އޯގަނިކްކޮށް އުފައްދާފައިވާ އެއްޗެކެވެ.

އެކަމަކު މިފަދަ އަސާސީ މައުލޫމާތު ވެސް މިކަމާ ގުޅޭ ގޮތުން ނޭނގޭތީ އެ ސްޓިކާ އިންތޯ ވެސް މިހާރު ބަލައިލުމެއް ނެތެވެ.

ޑރ. އުމަރު ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަން އިތުރު ކުރަން ދަނޑުވެރިންގެ އިތުރުން އާންމުން ވެސް ހޭލުންތެރިވާން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ، ބާޒާރުން ގަންނަ ތަކެތި، ބޭނުންކުރުމުގެ ކުރިން ރަނގަޅަށް ދޮވެ ސާފުކުރުމަށް އިސްކަން ދޭންޖެހޭ ކަމަށެވެ.

ޑރ. އުމަރު "މިހާރު" އާ ވާހަކަ ދައްކަނީ -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ޑރ. އުމަރު "މިހާރު" އާ ވާހަކަ ދައްކަނީ -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އޭނާ ވިދާޅުވީ ރާއްޖޭގައި ދަނޑުވެރިކަން ކުރުމުގެ އުސޫލުތަކެއް ކަނޑައަޅަފައި ހުއްޓަސް އެކަން އެންމެ ރަނގަޅަށް މޮނީޓާ ނުކުރެވޭ ކަމަށެވެ. އުސޫލުތަކެއް ހުއްޓަސް ދަނޑުވެރިން އެއަށް އަހުލުވެރި ކުރެވިފައި ނެތް ކަމަށާއި، އެހެން ނޫން ނަމަ، ކެމިކަލް ބޭނުން ކުރުމުގެ ގެއްލުން ކުޑަ ގޮތްތައް ދަނޑުވެރިންނަށް ވެސް އެނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކެމިކަލްގެ އިތުރުން ގަހަށް ޖެހޭ ބަލިތަކުން ރައްކާތެރިވާނެ ގޮތްތައް ވެސް ދަނޑުވެރިންނަށް ކިޔައިދޭން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

"ކެމިކަލްތައް ބޭނުން ކުރާކަށް ނުޖެހޭ. ނެޗުރަލް ޕެސްޓް ކިލާސް ވެސް އެބަހުރޭ. އޭތި އެނގިއްޖެއްޔާ ދަނޑުވެރިންނަށް ވެސް ފަސޭހަވާނެ. އެބަހުރި އެކަން އެނގޭނެ، ދިވެހިން ލިޔެފައިހުރި ފޮތްތައް ވެސް. މިކަމުގައި ކުރެވެން އޮތް ކަމަކީ ދަނޑުވެރިން ހޭލުންތެރިކުރުން."

ރާއްޖޭގައި ކެމިކަލް ބޭނުން ކުރުމުގައި ހަމައެއް ލަމައެއް ނެތް އިރު، މި ވަގުތަށް އޮތް ހަމައެކަނި ހައްލަކީ، އަމިއްލަ އަށް ރައްކާތެރިވުމެވެ. ދަނޑުވެރިކަމުގެ ބާވަތްތައް ބޭނުންކުރުމުގެ ކުރިން ސާފުކޮށް ދޮވެގެން ބޭނުން ކުރުމެވެ. ނުވަތަ ތޮށި މަށައިގެން ނުވަތަ ތޮށި ނޮޅައިގެން އެ ބޭނުންކުރުމެވެ.