Roadha Mihaaru
އޭއައި ތަމްރީނުކުރުން މެދުކަނޑާލަން ގޮވާލައިފި

އޭއައި ސިސްޓަމްތައް ތަމްރީނުކުރުން މެދުކަނޑާލަން ތަޖުރިބާކާރުން ގޮވާލައިފި

31 މާޗް 2023

ފަހަކަށް އައިސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ، އާޓިފިޝަލް އިންޓަލިޖަންސް (އޭއައި) ތަމްރީނު ކުރުމުގެ މަސައްކަތް މަޑުޖައްސާލަން، ބިލިއަނަރު އީލޮން މަސްކް އާއި އޭއައިގެ ގިނަ ތަޖުރިބާކާރުން ގޮވާލައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ފަހަކަށް އައިސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ، އާޓިފިޝަލް އިންޓަލިޖަންސް (އޭއައި) ތަމްރީނު ކުރުމުގެ މަސައްކަތް މަޑުޖައްސާލަން، ބިލިއަނަރު އީލޮން މަސްކް އާއި އޭއައިގެ ގިނަ ތަޖުރިބާކާރުން ގޮވާލައިފި އެވެ.

އިންސާނިއްޔަތަށް ކުރިމަތިވެދާނެ ނުރައްކާތަކާ ދެކޮޅަށް މަސައްކަތްކުރާ އިންސްޓިޓިއުޓް "ފިއުޗާ އޮފް ލައިފް" އިން، އޭއައިގެ ތަޖުރިބާކާރުން ހިމެނޭހެން 1،000 މީހަކު ސޮއިކޮށް ލިޔުނު ސިޓީއެއްގައި ވަނީ އިންސާނީ ވިސްނުމާ ވާދަކުރެވޭ ފެންވަރުގެ އޭއައި ތަމްރީނުކުރުމުގެ ސަބަބުން މުޅި އިންސާނިއްޔަތަށް ނުރައްކާ އަސަރު ކުރާނެ ކަމަށެވެ.

"ބާރުގަދަ އޭއައި ސިސްޓަމްތައް އުފައްދަން ވާނީ އެއިން ނިކުންނަ ނަތީޖާ ރަނގަޅުވެ، ނުރައްކާތައް މެނޭޖުކުރެވޭ ވަރަށް ގާބިލްކަން ހުރިކަން ކަށަވަރުވުމުން،" އެ ސިޓީގައި ބުންޏެވެ.

އެންމެ ފަހުން ނެރުނު އޯޕެންއޭއައި ކުންފުނީގެ "ޖީޓީޕީ-4" ޗެޓް ބޮޓަށް ވުރެ ވެސް ބާރުގަދަ އޭއައި އުފައްދަން މިހާރު ފަށާފައިވާ "ނުރައްކާތެރި ރޭސް" ހަ މަސް ދުވަހަށް މަޑުޖައްސާލަން އެ ސިޓީގައި ބުނެފައިވެ އެވެ.

އެފަދަ މަޑުޖައްސާލުމެއް ނުގެނެސްފި، ސަރުކާރުތަކުން އެކަމަށް ފިޔަވަޅުއަޅައި ވަގުތީ ގޮތުން އެކަންތައްތައް ސަސްޕެންޑު ކުރުމަށް ގޮވާލައިފައިވެ އެވެ.

އީލޮން މަސްކުގެ "ޓެސްލާ" ބްރޭންޑުގެ ކާރެއް؛ މީގައި ބޭނުންކުރާ އޮޓޯ ޕައިލޮޓް ފީޗާ އުފައްދާފައިވަނީ އޭއައި ބޭނުންކޮށްގެން

އީލޮން މަސްކުގެ "ޓެސްލާ" ބްރޭންޑުގެ ކާރެއް؛ މީގައި ބޭނުންކުރާ އޮޓޯ ޕައިލޮޓް ފީޗާ އުފައްދާފައިވަނީ އޭއައި ބޭނުންކޮށްގެން

"މަޑުޖައްސާލައި ދުވަސްވަރު، އޭއައި ލެބުތަކުންނާއި، ތަޖުރިބާކާރުން ގުޅިގެން އޭއައި ޑިޒައިންތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ޑިވެލޮޕްކޮށް ބޭނުންކުރަން ޖެހޭނެ،" ސިޓީގައި ބުންނެވެ.

ބޭރުގެ ނޫސްތަކުން ބުނާ ގޮތުގައި، މި ސިީޓީގައި އެޕަލްގެ ކޯ-ފައުންޑަރު ސްޓީވް ވޮޒްނިއަކް އާއި އޭއައިގެ ތަޖުރިބާކާރު ކެނެޑާގެ ކޮމްޕިއުޓަ ސައިންޓިސްޓް ޔޯޝުއާ ބެނިގޯ އަދި ހަމަ މިދާއިރާގެ ތަޖުރިބާކާރު ސްޓުއާޓް ރަސަލް ވެސް ވަނީ ސޮއިކޮށްފަ އެވެ.

"ދަ ފިއުޗާ އޮފް ލައިފް" އިންސްޓިޓިއުޓަކީ އީލޮން މަސްކު ފައުންޑޭޝަން އަދި ސިލިކޮން ވާލޭ ކޮމިއުނިޓީ ފައިންޑޭޝަނުން ހަރަދުކޮށްގެން ކުރިއަށް ގެންދާ އިންސްޓިޓިއުޓެކެވެ

ބިލިއަނަރު އީލޮން މަސްކު ވެސް އޭއައިއާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެކަމަކު، މަސްކުގެ "ޓެސްލާ" ކުންފުނީގެ ކާރުތަކުގެ އޮޓޯޕައިލެޓުގައި ބޭނުން ކުރަނީ އެ ޓެކްނޮލޮޖީ އެވެ.

މިދިޔަ އަހަރު މައިކްރޮސޮފްޓުން ފަންޑުކޮށް ނެރުނު އޯޕަންއޭއައިގެ ޗެޓް ބޮޓު މަޝްހޫރުވި ފަހުން، އެއާ ވާދަކުރަން ގިނަ އޭއައި ކުންފުނިތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އޭއައި ސިސްޓަމްތައް ބޭނުންކޮށްގެން "ފިޝިން" ކުރުމާއި، ނުބައި މައުލޫމާތު ފެތުރުމުގެ އިތުރުން ސައިބަކްރައިމްތަކަށް މަގުފަހި ކުރުމުގެ ބިރު އޮތްކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ދާދި ފަހުން ވެސް ވަނީ، އޭއައި ޗެޓްބޮޓަކުން ނުބައި މައުލޫމާތު ދިން ކަމުގެ މައްސަލައެއް ސޯޝަލްމީޑިއާގައި ފެންމަތިވެފަ އެވެ.