Roadha Mihaaru
ސާޖިން މަތީރަށްފުޅުގައި

ސާޖިން މަތީރަށްފުޅުގައި: ޝައުގުވެރި ވާހަކައެއް

09 އެޕްރީލް 2023

ރާއްޖޭގެ އެންމެ އުތުރުގެ ރަށްތަކުން ތާރީހީ އެތައް ބިނާއެއް ފެންނަން އެބަހުއްޓެވެ. ހއ. އަތޮޅުގައި ކުރިން މީހުން ދިރިއުޅުނު ރަށެއް ކަމަށްވާ ހަތިފުށި ކައިރީގައި މަތީރަށޭ ކިޔާ ރީތި ފަޅުރަށެއް އޮވެ އެވެ. އެ ރަށުގައި ހުންނަ "މަތީރަށްފުޅު" ކިޔުނު އާސާރީ ޒިޔާރަތަކީ ވެސް އޭގެން އެއް ބިނާ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މަތީރަށާ ގުޅޭ ޝައުގުވެރި އެތައް ވާހަކަތަކެއް، ތުންތުންމަތިން ދެކެވެމުން މިއަދާ ހަމައަށް އައިސްފައި އެބަހުއްޓެވެ. ފިނޮޅެއް ރަށަކަށް ބަދަލުވި ގޮތުގެ ވާހަކަ އާއި "މަތީރަށްފުޅު" ޒިޔާރަތަށް ނަދުރު ބުނުމުން ނަދުރު ފުދި، މަސްވެރިކަން ތިޔާގި ވާ ވާހަކައަކީ މިހާރު ވެސް އެ އަތޮޅުގައި މަޝްހޫރު ވާހަކަތަކެވެ.

ހއ. މަތީރަށުގެ މަތިން ނަގާފައިވާ ފޮޓޯއެއް.-- ފޮޓޯ: ސާޖިންގެ ޓީމް

ހއ. މަތީރަށުގެ މަތިން ނަގާފައިވާ ފޮޓޯއެއް.-- ފޮޓޯ: ސާޖިންގެ ޓީމް

މި ވާހަކަތައް ވީ ޒުވާން މަސްވެރިޔާ، ހަސަން ސާޖިން އަށް ވެސް ވަރަށް ޝައުގުވެރި ވާހަތަކަކަށެވެ. މަތީރަށްފުޅާ ބެހޭ އިތުރު މައުލޫމާތު ހޯދަން އޭނާ ބޭނުންވި އެވެ.

"މަތީރަށްފުޅުގެ ވާހަކަ އަހަރެމެންނަށް ފުރަތަމަ އިވުނީ އެ ރަށަށް އޮންނަ ހިސާބު ދޫކޮށް، ހއ. އުތީމަށް ވެސް ދިޔަ ފަހުން. އެހެންވިޔަސް، ބޭނުންވީ އެތަނުގެ މައުލޫމާތު އެއްކުރަން،" ސާޖިން ބުންޏެވެ.

ހއ. މަތީރަށުގައި ހުންނަ މަތީރަށްފުޅު ޒިޔާރަތް.-- ފޮޓޯ: ސާޖިންގެ ޓީމް

ހއ. މަތީރަށުގައި ހުންނަ މަތީރަށްފުޅު ޒިޔާރަތް.-- ފޮޓޯ: ސާޖިންގެ ޓީމް

"އެކި މީހުންނަށް ގުޅައިގެން، އެ ރަށާ ގުޅޭ މައުލޫމާތު ހޯދަން ވަރަށް މަސައްކަތްކުރިން. ހޯރަފުށީ މީހުންނަށް އެނގޭނެއޭ ބުނުމުން އެ ރަށަށް ގުޅައިގެން ވެސް މަސައްކަތް ކުރިން. އެކޮޅަށް ގުޅައިގެން އުޅެނިކޮށް އަހަރެމެންނަށް އެނގުނީ މިހާރު ފަޅުވެފައި އޮތް ހަތިފުށީގައި ކުރިން ދިރިއުޅުނު، އެ މައުލޫމާތު އެނގޭ ބޭފުޅަކު."

އޭގެ ކުރިން ސާޖިންގެ ޓީމް މަތީރަށަށް ގޮސް، އެ ރަށުގައި ހުރި ޒިޔާރަތުގެ ފޮޓޯތަކާއި ވީޑިއޯތައް ނެގި އެވެ.

ހއ. މަތީރަށުގައި ހުންނަ މަތީރަށްފުޅު ޒިޔާރަތް.-- ފޮޓޯ: ސާޖިންގެ ޓީމް

ހއ. މަތީރަށުގައި ހުންނަ މަތީރަށްފުޅު ޒިޔާރަތް.-- ފޮޓޯ: ސާޖިންގެ ޓީމް

މަތީރަށްފުޅުގެ ތާރީހާ ގުޅޭ ވާހަކަތައް ސާޖިންއަށް ކިޔައިދިނީ ހަތިފުށީގައި 33 އަހަރު ވަންދެން ކުޑަކަތީބުކަން ކުރެއްވި އިބްރާހީމް ޒަކީ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެ ރަށު މީހުން އެހެން ރަށްރަށަށް ބަދަލުކުރި އިރު، ޒަކީ ދިރިއުޅުން ބަދަލުކުރެއްވީ މާލެއަށެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ ހުޅުމާލޭގަ އެވެ.

"ޒަކީބެގެ ނަންބަރު ލިބިގެން ވަރަށް ގުޅައިގެން ވެސް ފޯނަށް ޖަވާބެއް ނުލިބުނު. މިހާރު އުމުރުން ވަރަށް ދުވަސްވެފައި ހުރީ. އުމުރުން 86 އަހަރު ވެއްޖެ،" ސާޖިން ބުންޏެވެ.

ސާޖިން، ހއ. ހަތިފުށީގެ ކުރީގެ ކުޑަކަތީބު އިބްރާހިމް ޒަކީއާއެކު.

ސާޖިން، ހއ. ހަތިފުށީގެ ކުރީގެ ކުޑަކަތީބު އިބްރާހިމް ޒަކީއާއެކު.

ޒަކީއާ ބައްދަލުކުރެވޭ ގޮތް ވީ އޭނާގެ ދަރިއަކަށް ގުޅައިގެންނެވެ. މަތީރަށްފުޅާ ބެހޭ މައުލޫމާތު ހޯދަން ސާޖިންގެ އޮތް ޝައުގުވެރިކަން ބޮޑުވުމުން ހއ. އަތޮޅުގައި ހުރެފައި އެއް ދުވަހަށް މާލެ އައިސް، އިބްރާހިމް ޒަކީއާ ބައްދަލުކުރީ އެވެ.

ޒަކީ ވިދާޅުވީ، ހަތިފުށީގެ އުމުރުން ދުވަސްވީ މީހުން ކިޔައި އުޅުނު ގޮތުގައި، މަތީރަށްފުޅުގެ ވާހަކަ ފެށެނީ ހޯރަފުށީ ކައިރީގައި އޮތް ކުޑަ ފިނޮޅަކަށް ބޮޑު ފޮއްޓެއް ލެއްގި ހިސާބުން ކަމަށެވެ. އެ ފޮށި އެންމެ ފުތަރަމަ ފެނުނީ ކަނދުފައްޗެއްގައި މަސްބާނަން ނުކުމެ އުޅުން ހަތިފުށީ މީހަކަށެވެ. އެ ފޮއްޓާ މެދު ޝައުގުވެރިކަން އުފެދި، އޭނާގެ ރިތުން ފޮށި ހުޅުވަން މަސައްކަތް ކުރި ކަމަށްވެ އެވެ.

ހއ. މަތީރަށުގައި ހުންނަ މަތީރަށްފުޅު ޒިޔާރަތުގެ އެތެރެ.-- ފޮޓޯ: ސާޖިންގެ ޓީމް

ހއ. މަތީރަށުގައި ހުންނަ މަތީރަށްފުޅު ޒިޔާރަތުގެ އެތެރެ.-- ފޮޓޯ: ސާޖިންގެ ޓީމް

އެ ފޮށި ހުޅުވަން މަސައްކަތްކުރަން ފެށުމުން އޭނާގެ ހަށިގަނޑުގެ އެއްފަޅިން ވާގި ދޫވާ ކަހަލަ ގޮތެއް ހީވުމުން އަނެއް ދުވަހު އެ ފޮށި ހުޅުވަން އަންނަން ހިތުލައިގެން އޭނާ ދިޔައީ އެވެ.

މި ފޮށީގެ ވާހަކަ ރަށު ތެރޭގައި ފެތުރި އަނެއް ދުވަހު މި ފޮށި ބަލަން ރަށުގެ މީހުން ދިޔަ އެވެ. ދިޔައިރު، މި ފޮއްޓަށް ފަސްއެޅި، ވަޅުލެވިފައި އޮތް ކަމަށްވެ އެވެ. ބުނެވޭ ގޮތުގައި، ހަމައެކަނި ފެންނަން ހުރީ އެ ފޮށީގައި އަރަބި އަކުރުން ލިޔެފައިވާ ލިޔުމެކެވެ. އެ ލިޔުމުގައި އޮތީ "ސައްޔިދުއް ސަރީފް އަލިއްޔުލް މައްކީ" އެވެ.

ހއ. މަތީރަށުގައި ހުންނަ މަތީރަށްފުޅު ޒިޔާރަތް.-- ފޮޓޯ: ސާޖިންގެ ޓީމް

ހއ. މަތީރަށުގައި ހުންނަ މަތީރަށްފުޅު ޒިޔާރަތް.-- ފޮޓޯ: ސާޖިންގެ ޓީމް

އެ ހިސާބުން އެއީ ސަންދޯކެއް ކަން އެ މީހުންނަށް އެނގުނު ކަމަށް ޒަކީ ވިދާޅުވި އެވެ.

އޭގެ ފަހުން އެ ފިނޮޅު ބޮޑުވެ، ރަށަކަށް ބަދަލުވި ކަމަށް ކިޔާ އުޅެ އެވެ. މި ސަންދޯއް ވަޅުލެވިފައިވާ ތަނުގައި ޒިޔާރާތް ބިނާ ކުރި ކަމަށް ވަނީ އޭރުގެ ސަރުކާރުންނެވެ. އަދި އެތަން ހިއާކުރުމުގައި ބޭނުންކޮށްފައި ވަނީ، މާލޭ މަޝްހޫރު ބޮޑު ގަނޑުވަރުގައި ބޭނުންކުރި ލޮއެ ކަމަށް ކިޔާ އުޅެ އެވެ.

ހއ. މަތީރަށުގައި ހުންނަ މަތީރަށްފުޅު ޒިޔާރަތް.-- ފޮޓޯ: ސާޖިންގެ ޓީމް

ހއ. މަތީރަށުގައި ހުންނަ މަތީރަށްފުޅު ޒިޔާރަތް.-- ފޮޓޯ: ސާޖިންގެ ޓީމް

ޒަކީ ވިދާޅުވި ގޮތުގައި، އެ ޒިޔާރަތުގެ ކުރިބޯށީގައި ހިޖުރީ ގޮތުން 1200ގެ އަހަރެއްގެ ތާރީހެއް ލިޔެފައިވާ ކަމަށް ތުންތުންމަތިން އަޑުއިވިފައިވެ އެވެ.

އެ ރަށުގައި ހުންނަ ބޮޑު ދިދަ ދަނޑިއާ ގުޅިގެން ވެސް ޝައުގުވެރި ވާހަކައެއް ދެކެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ދަނޑިއަކީ އެ ރަށަށް ލެއްގި ދަނޑިއެއް ކަމަށް ބުނެ އެވެ. އެ ދަނޑި ޒިޔާރަތުގައި ޖަހަން ބަޔަކު މަސައްކަތް ކުރި އެވެ. ނަމަވެސް އެކަން ކާމިޔާބުވާ ގޮތް ނުވެ، އެ ދުވަހު އެ މީހުން ރަށުން ފޭބީ އެވެ. އެކަމަކު، އޭގެ ދުވަހެއް ފަހުން އެ މީހުން އެ ރަށަށް ދިޔައިރު، އެ ދަނޑި ހުރީ މިހާރު ހުރި ތަނުގައި ކޮޅަށް ޖެހިފައި ކަމަށް ބުނެ އެވެ.

ހއ. މަތީރަށުގައި ހުންނަ މަތީރަށްފުޅު ޒިޔާރަތުގެ އެތެރެ.-- ފޮޓޯ: ސާޖިންގެ ޓީމް

ހއ. މަތީރަށުގައި ހުންނަ މަތީރަށްފުޅު ޒިޔާރަތުގެ އެތެރެ.-- ފޮޓޯ: ސާޖިންގެ ޓީމް

"އޭރު ކިތަންމެ ވިއްސާރަވެ، މޫސުން ގޯސްވިޔަސް, ކޮންމެ ހުކުރު އަދި ހޯމަ ވިލޭރެއަކު, ހަތިފުށީގައި ހުންނަ ހާދިމު މަތީރަށަށް ދަތުރުކޮށް, އެ ރަށުގައި ދުންބުރުވާ, ޒިޔާރަތުގައި އޮންނަ ކަމަށް ބުނާ "ސައްޔިދުއް ސަރީފް އަލިއްޔުލް މައްކީ"ގެ މައްޗަށް ސޮލަވާތްފުޅު ފާތިހާ ކިޔަވާ ކަމަށްވޭ،" ޒަކީ ވިދާޅުވި އެވެ.

"އޭނާގެ އަހަރުމަތި ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރަކު ރަބީއުލް އައްވަލު މަހުގެ 11 ވަނަ ދުވަހު އެ ރަށަށް ގޮސް ހަތިމެއް ވެސް ކުރޭ."

ހއ. މަތީރަށުގެ މަތިން ނަގާފައިވާ ފޮޓޯއެއް.-- ފޮޓޯ: ސާޖިންގެ ޓީމް

ހއ. މަތީރަށުގެ މަތިން ނަގާފައިވާ ފޮޓޯއެއް.-- ފޮޓޯ: ސާޖިންގެ ޓީމް

އެ ޒިޔާރަތަށް ނަދުރު ބުނުމުން ނަދުރު ފުދޭ ކަމުގެ ވާހަކަ މުޅި އަތޮޅަށް ފެތުރި، ކޮންމެ ދުވަހަކު ގިނަ ބަޔަކު ނަދުރު ބުނަން އެ ރަށް ދިޔަ ކަމަށްވެ އެވެ. އަދި މަސްވެރިކަން ދަށްވުމުން އެ ރަށަށް މަސްދޯނިތައް ބީއްސުމާއި ސަލަވާތްފުޅު ކިޔަވަން މީހުން ދިއުމާއި މާލޫދު ކިޔަވަންދާ މީހުން މުޅި ރާއްޖެއިން ވެސް އިތުރުވި ކަމަށް ބުނެ އުޅެ އެވެ.

"މަތީރަށަށް މަސް ދޯނިތައް ބީއްސުމުން މަސްވެރިކަން ތިޔާގިވާ ކަމަށް ގިނަ ބަޔަކު ކިޔާ އުޅުނު. ނަމަވެސް، މިއަދު މި ރަށަށާއި މި ޒިޔާރަތަށް މާ ބޮޑު އަޅާލުމެއް ނެތް. އެފަދަ ބޭނުމެއްގައި ވެސް މިހާރު މި ރަށަށް މީހުން ގޮހެއް ނޫޅޭ،" ސާޖިން ބުންޏެވެ.

ސާޖިން ރާއްޖޭގެ "އުތުރުން ދެކުނަށް" ފެށި ދަތުރުގައި މިހާރު ހއ. އަތޮޅުގެ 12 ރަށަކަށް ހިނގައްޖެ އެވެ. އޭނާ މިހާރު ހުރީ ހއ. ފިއްލަދޫގަ އެވެ. މި ރޯދަ މަހު ވެސް އޭނާ އަންނަނީ ރަށްރަށަށް ދަތުރު ކުރަމުންނެވެ. އަދި މި ދަތުރުގައި ކޮންމެ ރަށަކާ ގުޅޭ މައުލޫމާތު އޭނާ އަންނަނީ އެއްކުރަމުންނެވެ.