އިސްލާމީ ތާރީހަށް ބަލާއިރު ޖިހާދަކީ ރަމަޟާން މަހާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއްކަން އެނގެ އެވެ. ކީރިތި ޤުރުއާނުގައި ވެސް ރަމަޟާން މަހުގެ ރޯދައާ ގުޅުން ހުރި އާޔަތްތަކެއް ބާވާލައްވާފައި (އަލްބަގަރާ 183-187) ވިދިގެން އެހެން ދެ އާޔަތަކަށް ފަހު ދެން އޮތް އާޔަތްތަކުގައި ޖިހާދުގެ ވާހަކަ ބަޔާން ކުރައްވާފައި ވެ އެވެ. (އަލްބަޤަރާ 190-193). ޖިހާދަކީ އެކަމަށް ތައްޔާރު ވުމަށްޓަކައި ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ގާބިލުކަން ބޭނުންވާ ކަމެއް ކަމަށް ވާހިނދު ރޯދައަކީ މިފަދަ ކަމަކަށް އިންސާނާ ތައްޔާރު ކުރުމަށް ލިބޭ ވަރުގަދަ ތަމްރީނެކެވެ. އެހެންވެ އެ މަހުގައި އަމަލީގޮތުން މުސްލިމުން ގިނަ ޖިހާދުތަކެއް ކޮށް، ކާމިޔާބީ ތަކެއް ހޯދާފައިވެ އެވެ.
08 އެޕްރީލް 2023
އިސްލާމީ ތާރީހަށް ބަލާއިރު ޖިހާދަކީ ރަމަޟާން މަހާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއްކަން އެނގެ އެވެ. ކީރިތި ޤުރުއާނުގައި ވެސް ރަމަޟާން މަހުގެ ރޯދައާ ގުޅުން ހުރި އާޔަތްތަކެއް ބާވާލައްވާފައި (އަލްބަގަރާ 183-187) ވިދިގެން އެހެން ދެ އާޔަތަކަށް ފަހު ދެން އޮތް އާޔަތްތަކުގައި ޖިހާދުގެ ވާހަކަ ބަޔާން ކުރައްވާފައި ވެ އެވެ. (އަލްބަޤަރާ 190-193). ޖިހާދަކީ އެކަމަށް ތައްޔާރު ވުމަށްޓަކައި ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ގާބިލުކަން ބޭނުންވާ ކަމެއް ކަމަށް ވާހިނދު ރޯދައަކީ މިފަދަ ކަމަކަށް އިންސާނާ ތައްޔާރު ކުރުމަށް ލިބޭ ވަރުގަދަ ތަމްރީނެކެވެ. އެހެންވެ އެ މަހުގައި އަމަލީގޮތުން މުސްލިމުން ގިނަ ޖިހާދުތަކެއް ކޮށް، ކާމިޔާބީ ތަކެއް ހޯދާފައިވެ އެވެ.
ހިޖުރައިން 1 ވަނަ އަހަރުގެ ރަމަޟާން މަހުގައި މުސްލިމުން އަދުއްވުންނާ ކުރިމަތިލުމަށް ނުކުތެވެ. އެއީ ހަމްޒަތު ބިން އަބްދުލް މުއްތަލިބުގެ ސަރިއްޔާގަ އެވެ. ސަރިއްޔާ އަކީ، ހަނގުރާމައިގެ ލަޝްކަރުގެ ތެރެއިން ވަކި ބަޔަކު ސިއްރިއްޔާތުގައި (އާންމުކޮށް ރޭނގަޑުގެ ވަގުތުގައި) ފޮނުވައި އަދުއްވުންނާ ކުރިމަތި ލުމެވެ. ކަންދިމާވި ގޮތުން މި ސަރިއްޔާގައި ގަތުލު ކުރުމެއް ނުހިނގި ނަމަވެސް މިއީ މުސްލިމުން އެ މީހުންގެ ހައްގުތައް ދިފާއު ކުރުމަށްޓަކައި އެންމެ ފުރަތަމަ ކަނޑި އުފުލި ފަހަރެވެ.
ހިޖުރައިން 2 ވަނަ އަހަރުގެ ރަމަޟާން މަހު އިސްލާމީ ތާރީހުގައި ވަރަށް މުހިންމު ހާދިސާއެއް ހިނގި އެވެ. އެއީ މުސްލިމުން މުޝްރިކުންނާ އިދިކޮޅަށް ކުރި ފުރަތަމަ ހަނގުރާމަ އެވެ. ބަދުރު ހަނގުރާމައިގެ ނަމުން މަޝްހޫރު ވެފައިވާ މި ހަނގުރާމައިގައި އަރަބި ޖަޒީރާގައި ކުފުރުގެ ދިދަ އުފުލަމުން ގެންދިޔަ މުޝްރިކުންގެ މައްޗަށް ވަރުގަދަ ކާމިޔާބެއް ހޯދި އެވެ. ތަގުދީރު ނިޔާކުރި ގޮތުން އެ ފަހަރު ވެސް ދިމާވެފައިވަނީ ރަމަޟާން މަހަކާ އެވެ.
ރަމަޟާން މަހަކީ މުސްލިމުންގެ ނަފުސުތަކަށާއި މުޅި އުންމަތަށް ހެޔޮ ބަދަލު ގެނައި އަދި ގެންނަމުންދާ މައްސަރެކެވެ. އެއީ އެއް މަރުހަލާއިން އަނެއް މަރުހަލާ އަށް ބަދަލުވެ އިސްލާހުވުމުގެ މައްސަރެކެވެ. މާތް ﷲގެ ވަހީބަސްފުޅުގެ މާނައިގައި ވަނީ "ތިޔަބައިމީހުން ނިކަމެތީން ކަމުގައި ވަނިކޮށް، ބަދުރު ހަނގުރާމައިގައި، ﷲ ތިޔަބައިމީހުންނަށް ނަސްރު ދެއްވި އެވެ،" (އާލްއިމްރާން 123) އެހެންވެ ކުރިން މުސްލިމުން ނިކަމެތި ހާލަތެއްގައި ތިއްބަސް ބަދުރުގެ ފަހުން ޝާނާއި ޝައުކަތު ލިބިގެންވާ ވަރުގަދަ ދައުލަތެއް ކަމުގައި މުސްލިމުން ވި އެވެ. މުޅިން އެހެން މަރުހަލާއަކަށް މުސްލިމުންނަށް ދަތުރު ކުރެވުނެވެ.
މުޅި ދުނިޔެ މުސްލިމުންގެ މި ވަރުގަދަ ދައުލަތާ ބެހޭ ގޮތުން އަޑު އެހި އެވެ. ޔަހޫދީންގެ ހިތްތަކަށް ބިރުވެރިކަން ވަނެވެ. މުޝްރިކުންނަށް ނާކާމިޔާބު ލިބުނެވެ. މުނާފިގުންތައް ހުނިޖެހި ފާޅުވާން ފެށި އެވެ. މިފަދަ ބޮޑެތި ބަދަލުތަކެއް ގެނައި ބަދުރު ހަނގުރާމަ އަކީ އާދައިގެ ހަނގުރާމަ އެއް ނޫނެވެ. އެހެނީ އެ ހަނގުރާމަ، ތާރީހުގެ މިސްރާބު މުޅިން ބަދަލުކޮށްލި އެވެ. މި ސަބަބަށްޓަކައި ބަދުރު ހަނގުރާމަ ހިނގި ދުވަހަށް މާތް ﷲ ދެއްވާފައިވާ ނަމަކީ ވެސް "ފުރުގާނު" ގެ ދުވަހެވެ. އެއީ ހެވާއި ނުބައި، ހައްގާއި ބާތިލު، އަދި ނިކަމެތިކަމާއި ވަރުގަދަކަން ފަދަ ކަންކަން އެއްކަމާ އަނެއްކަމާ ވަކި ކުރެވުނު ދުވަހެއް ކަމުގައި ބަދުރު ހަނގުރާމައިގެ ދުވަސް ވީތީ އެވެ.
ވީމާ މި ހާދިސާ ހިނގި، ރަމަޟާން މަހުގެ 17 ވަނަ ދުވަހަކީ އޭގެ ޒިކުރާތައް އައު ކޮށް އިހުތިފާލު ކުރަން ޖެހޭ ދުވަހެކެވެ. ސަބަބަކީ އިސްލާމީ އުންމަތް އެ ގަވައިދުތަކެއްގެ މަތީގައި ބިނާ ކުރެވިފައިވާ ވަރަށް މުހިންމު ގަވައިދުތަކެއް ބަދުރު ހަނގުރާމައިގެ ތެރެއިން މުސްލިމުންނަށް ދަސްކޮށްދެއްވާފައި ވާތީ އެވެ.
އެންމެ ފުރަތަމަ ގަވައިދަކީ ނަސްރު ލިބުން ވަނީ މާތް ﷲ ގެ ހަޒުރަތުންކަން މުސްލިމުން ދެނެގަތުމެވެ. ހަނގުރާމައިގައި ބައިވެރިވާ މީހުންގެ ގިނަ ކަމާއި ހަތިޔާރުގެ ވަރުގަދަ ކަން ކިތަންމެ މަތީ ދަރަޖައެއްގައި އޮތަސް މާތް ﷲ ނަސްރު ނުދެއްވާ ނަމަ އެ ބަޔަކަށް ނަސްރެއް ނުލިބޭނެ އެވެ. އަލްއަންފާލު ސޫރަތުގެ 10 ވަނަ އާޔަތުގައި މާތް ﷲ މިކަން ބަޔާން ކުރައްވާފައި ވެއެވެ. އެ ދުވަހު އެންމެ 313 މީހުން ހަމައެކަނި ދަތުރުމަތީގެ ހަތިޔާރާއި އެންމެ ދެ އަހާއި 70 ޖަމަލު ހިފައިގެން ގޮސް 100 އަހާއި 700 ޖަމަލާ އެކު 1000 ހަނގުރާމަވެރިންގެ ލަޝްކަރު މާތްﷲ ގެ ވާގިވެރިކަން ނުލިބުނު ނަމަ ބަލި ނުކުރެވުނީހެވެ.
މުސްލިމުންނަށް އެ ދުވަހު ކާމިޔާބު ލިބުނީ މާތް ﷲގެ ހަޒްރަތުން އައި އާދަޔާ ހިލާފު "ހަތިޔާރު" ތަކެއްގެ އެހީގަ އެވެ. ވާރެ އާއި ނިދިޖެހުމާއި ކާފިރުންގެ ހިތްތަކަށް ވެއްދެވި ބިރުވެރިކަމާއި ގޮތެއް ކަނޑައެޅުމުގައި މުސްލިމުންނަށް ދެއްވި ހެޔޮ ތައުފީގާއި ކާފިރުންނަށް މި ތައުފީގު ނުލިބުމާއި މި ކަންކަމުގެ އިތުރުން ސީދާ ހަނގުރާމައިގެ މައިދާނުގައި މަލާއިކަތްބޭކަލުން ބައިވެރި ވަޑައިގަތުމާއި މި ކަންކަން ވެގެން ދިޔައީ ކާފިރުންނަށް ދުވަހަކު ވެސް ތަޖުރިބާ ނުކުރެވޭ ފަދަ ވަރުގަދަ ހަތިޔާރު ތަކަކަށެވެ.
މި ހުރިހާ ކަމަކީ މާތް ﷲ މެދުވެރި ކުރެއްވެވި ކަންތަކެވެ. އެހެންވެ އެކަލާނގެ ވަހީ ކުރައްވަނީ ނަސްރު ލިބުން ވަނީ ހަމައެކަނި އެކަލާނގެ ހަޒުރަތުން ކަމަށެވެ. އަދި މުސްލިމުން މުޝްރިކުން ގަތުލު ކުރި ހިނދު އެ އުރެން ގަތުލު ކުރެއްވީ އެކަލާނގެ ކަމާއި ކީރިތި ރަސޫލާ ﷺ ހިލަމުށެއް އުއްކަވާލެއްވި ހިނދު އެ އުއްކަވާލެއްވީ ވެސް އެކަލާނގެ ކަން ބަޔާން ކުރައްވާފައި ވެއެވެ. (އަންފާލު 17) އެބަހީ އެކަންކަން ވެގެން ދިޔައީ މާތް ﷲ ދެއްވި ނަސްރުގެ ބާރުންނެވެ. މިއީ މާތް ﷲ އަށް އިންސާނާ ނަސްރު ދޭހާ ހިނދަކު އެކަލާނގެ ނަސްރު ދެއްވާނެ ކަމުގެ ވަރުގަދަ އުންމީދާއި އަޒުމުގައި މަސައްކަތް ކުރުމަށް މުސްލިމުންނަށް ހިތްވަރު ލިބިގެންދާ ކަމެކެވެ.
ދެވަނަ ގަވައިދަކީ މާތް ﷲގެ ހަޒްރަތުން ނަސްރާއި ކާމިޔާބު ހޯދަން ބޭނުންވާ ނަމަ މުސްލިމުންގެ ސަފުތައް ވަރުގަދަ ކުރަންޖެހޭނެ ކަމެވެ. އެކަލާނގެ އަންގަވަނީ "އަދި ތިޔަބައިމީހުން ދެބަސްވެ، އަރާރުން ނުވާށެވެ!(ދެބަސްވެ، އަރާރުންވާ ނަމަ) ތިޔަބައިމީހުން ފިނޑިވެ، ތިޔަބައިމީހުންގެ ބާރު ނެތި ހިނގައިދާނެ އެވެ".(އަލްއަންފާލު 46) ބަދުރުގައި ކާމިޔާބު ލިބުނީ މުސްލިމުންގެ މަދު މީސްކޮޅުގެ ސަފުތައް ވަރުގަދަވީމަ އެވެ. ދެބަސްވުމެއް، އަރާރުން ވުމެއް ނެތީމަ އެވެ.
ބަދުރުން ދަސްވާ ތިންވަނަ ގަވައިދަކީ ނަސްރު ލިބުމަށްޓަކައި ގުރުބާންތަކެއް ވާން ޖެހޭ ކަމެވެ. ނަފްސާއި މުދަލާއި ވަގުތާއި މަސައްކަތުން ގުރުބާންތަކެއް ނުވެ މާތް ﷲގެ ނަސްރެއް ނުލިބޭނެ ކަމެވެ.
ހަތަރުވަނަ ގަވައިދަކީ، އަދުއްވުންނާ ކުރިމަތިލުމަށްޓަކައި ވީ ވަރަކުން ތައްޔާރުވާން ޖެހޭނެ ކަމެވެ. މާތް ﷲ އަންގަވަނީ، އެ އުރެންނާ ދެކޮޅަށް ކުޅަދާނަވީހާ ބާރެއް ތައްޔާރު ކުރުމަށެވެ. އަދި އަސްތައް ވެސް ބަނދެ، ތައްޔާރު ކުރުމަށެވެ. އެއީ އެ ކަމުން ﷲ ގެ އަދުއްވުންނާއި މުސްލިމުންގެ އަދުއްވުންނާއި އެ ނޫން އެހެން ބަޔަކު ވިއަސް ބިރުގެންނެވުމަށެވެ. (އަލްއަންފާލު 60).
ފަސްވަނަ ގަވައިދަކީ ކޮންމެ ކަމެއްގައި ވެސް ކީރިތި ރަސޫލާ ﷺ ގެ އަމުރުފުޅަށް ކިޔަމަންވާން ޖެހޭނެ ކަމެވެ. މާތް ﷲ އަންގަވަނީ އެކަމަކުން ދިރުން ދޭ ކޮންމެ ކަމަކަށް ރަސޫލާ ގޮވާލައްވާ ހިނދު ﷲ އަށާއި ރަސޫލާ އަށް އިޖާބަ ދިނުމަށެވެ. (އަލްއަންފާލު 24).
އާދެ، މިގޮތަށް މިފަދަ ގަވައިދުތައް ބަދުރު ހަނގުރާމައިގައި އެކަށައެޅިގެން ދިއުމުން މި ގަވައިދުތަކުން އިބުރަތް ލިބި، ދިރިއުޅުމަށް ބަދަލުތަކެއް އަންނަން ޖެހެ އެވެ. މުސްލިމުން އެކަކު އަނެކަކާ މެދު އޮންނަ ގުޅުން ބަދަހިކޮށް، އެކުވެރިކަން އާލާ ކުރަން ޖެހެ އެވެ. ނަފުސާއި މުދަލާއި ވަގުތާއި މަސައްކަތުން ގުރުބާންވާން ޖެހެ އެވެ. ހަށިގަނޑުގެ ސިއްހަތު ވަރުގަދަކޮށް، ނަފުސާނީ ގޮތުން ދުޅަހެޔޮކަން އިތުރު ކުރަން ޖެހެ އެވެ. ކެތްތެރިކަން ވަރުގަދަ ކުރަން ޖެހެ އެވެ. ޖިހާދަށްޓަކައި ނަފުސު ތައްޔާރު ކުރަން ޖެހެ އެވެ. ޖިހާދު ކުރަން ޖެހިއްޖެ ނަމަ ޖިހާދު ކުރަން ވެސް ޖެހެ އެވެ. ﷲ އާއި ރަސޫލާގެ އަމުރުތަކަށް ކިޔަމަންވާން ދަސްކުރަން ޖެހެ އެވެ. މާތް ﷲ އާ ކުށްތަން ވެވޭނީ އޭރުންނެވެ. ﷲ ގެ ހަޒުރަތުން ނަސްރު ލިބޭނީ އޭރުންނެވެ.
ގުޅުން ބަދަހިކުރަން ލިބުނު ފުރުސަތު ދޫކޮށްނުލާ!
މަޑުމައިތިރި ކަމާއެކު ވާހަކަ ދައްކަން އާދަކުރުން
ރޯދައިގެ ސަވާބު ފުރިހަމަކުރެވޭނީ ފިތުރު ޒަކާތާ އެކު
އީމާންކަމާއި އިންސާނިއްޔަތަށް ގަދަރުކުރުން
ލައިލަތުލްގަދްރި ވިލޭރޭ ސިއްރު ކުރެވިފައިވާ ސަބަބުތައް
ރޯދައިގެ އަޅުކަމަށް ގެންގުޅޭ ނުރަނގަޅު ވިސްނުމާ ދުރުވުން
ޖަމާއަތުގައި ނަމާދު ކުރަން ވަގުތު ހުސްކުރާނެ ގޮތްތައް
އިސްލާމީ ޖިހާދަކަށް ވަނީ ކިހިނެއް؟
ހަރާމް ވާނީ ހަމައެކަނި ﷲ ހަރާމް ކުރެއްވި ކަންތައްތައް
ހައްދުފަހަނައެޅުން ދޫކޮށް، މެދުމިނުގައި ހިފަހައްޓާ!