Roadha Mihaaru
ވެޓެރަންސް ލީގު: އީގަލްސް ކަޓުވާލައި ބުރު ކުއާޓާ އަށް

ވެޓެރަންސް ލީގު: އީގަލްސް ކަޓުވާލައި ބުރު ކުއާޓާ އަށް

11 އެޕްރީލް 2023

އެފްއޭއެމް ވެޓެރަންސް ލީގުގައި އިއްޔެ ހަވީރު ފަހަތުން އަރައި 5-2 އިން ކްލަބް އީގަލްސް ބަލިކޮށް ބުރު ސްޕޯޓްސް ކްލަބް ކުއާޓާ ފައިނަލްގެ ޖާގަ ޔަގީންކޮށްފި އެވެ.

އެފްއޭއެމް ވެޓެރަންސް ލީގުގައި އިއްޔެ ހަވީރު ފަހަތުން އަރައި 5-2 އިން ކްލަބް އީގަލްސް ބަލިކޮށް ބުރު ސްޕޯޓްސް ކްލަބް ކުއާޓާ ފައިނަލްގެ ޖާގަ ޔަގީންކޮށްފި އެވެ.

އީގަލްސް އިން ފުރަތަމަ ހާފުގައި ދެ ފަހަރު ލީޑު ނެގި ނަމަވެސް ބުރުން ވަނީ ނަތީޖާ އެއްވަރު ކޮށްފަ އެވެ. އަބްދުﷲ ނަސީރު މެޗުގެ ފުރަތަމަ ލަނޑު ޖަހައި އީގަލްސް އަށް ލީޑު ނަގައިދީފައި ވަނިކޮށް ބުރުން އެއްވަރު ކުރީ މުހައްމަދު މައުސޫމް ޖެހި ގޯލުންނެވެ. ހާފު ނިމެން މިނިޓަކަށް ވެފައި ވަނިކޮށް މުހައްމަދު ފަޒީން އީގަލްސް އަށް ދެ ވަނަ ފަހަރަށް ލީޑު ހޯދައިދިނެވެ. އެކަމަކު ހާފުގެ އެންމެ ފަހު މިނިޓުގައި ބުރަށް އެއްވަރު ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު އިބްރާހިމް ހަލީލް އެވެ.

ދެ ވަނަ ހާފު ފެށި ގޮތަށް ބުރުން ލީޑު ނެގީ އީގަލްސްގެ އިސްމާއިލް ޝަރީފް އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. އަދި އެ ޓީމުގެ ފަހު ދެ ލަނޑު ޖަހައިދިނީ ހުސެއިން ހަބީބް އެވެ.

މި ނަތީޖާއާ އެކު އީގަލްސް އަށް ވަނީ މުބާރާތް ނިމިފަ އެވެ. ތިން ޓީމު ވާދަކުރާ ގުރޫޕް އޭގެ މެޗްތައް ކުޅެ ނިމިފައި ވާއިރު، ތިން ޓީމަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. އެއް ވަނަ ޓީމުގެ ގޮތުގައި ކުއާޓާ އަށް ދަތުރުކުރީ ފައިދާ އެއް ގޯލާއެކު އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ. ބުރު ސްޕޯޓްސް އަށް ފައިދާ އަދި ގެއްލުނު ގޯލެއް ވެސް ނެތެވެ. އީގަލްސް ކެޓީ ގެއްލުން އެއް ގޯލާއެކު އެވެ.

ގުރޫޕް ބީ އަދި ސީ ގައި ވެސް ހަތަރު ޓީމެއް ވާދަ ކުރެ އެވެ. މި ދެ ގުރޫޕުން ވެސް ތިން ޓީމު ކުއާޓާ ފައިނަލަށް ހޮވޭނެ އެވެ.

ހުއްރިއްޔާ އަދި ޕޮލިސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް

ހުއްރިއްޔާ އަދި ޕޮލިސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް

އާދިއްތަ ދުވަހުގެ ހަވީރު ގުރޫޕް ސީގެ ހުއްރިއްޔާ ސްޕޯޓްސް ކްލަބާއި ޕޮލިސް ކްލަބް ބައްދަލުކުރި މެޗު ވަނީ 1-1 އިން އެއްވަރު ވެފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ހުއްރިއްޔާގެ އަހުމަދު ސަމާއު އެޓީމަށް ލީޑު ނަގައިދީފައި ވަނިކޮށް ޕޮލިސް އިން އެއްވަރު ކުރީ އަބްދުﷲ އިބްރާހިމް މަނިކު ޖަހައިދިން ގޯލުންނެވެ.

މި ނަތީޖާއާ އެކު މި ގުރޫޕްގެ ކޮންމެ ޓީމަކަށް ވެސް ވަނީ ދެ މެޗު ކުޅެވިފަ އެވެ. ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިގެން މޯސްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) އާއި ޕޮލިސް ކްލަބް ކުއާޓާގެ ޖާގަ ޔަގީން ކޮށްފައި ވާއިރު، ހުއްރިއްޔާ ކުލުނު ދެ މެޗުން ލިބެނީ ދެ ޕޮއިންޓެވެ. އަދި ފުލުގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް ވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ.

މި ގުރޫޕުގައި ބާކީ އޮންނާނީ އެމްއެސްއެމް އާއި ޕޮލިސް ބައްދަލުކުރާ މެޗާއި، ހުއްރިއްޔާ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރާ މެޗެވެ.

މިއަދު ހަވީރު މުބާރާތުގައި ގުރޫޕް ބީގެ ފޯރިގަދަ މެޗެއް ކުޅޭނެ އެވެ. ބައްދަލުކުރާނީ މިދިޔަ އަހަރުގެ ޗެމްޕިއަން، ހުޅުމާލެ ވެޓެރަންސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ.

ނިއު ކުޅުނު ދެ މެޗު ވެސް އެއްވަރު ވެފައި ވާއިރު، ކުޅުމާލެ ވެޓެރަންސް ވަނީ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިފަ އެވެ. މި ގުރޫޕުގައި ހިމެނޭ ދިވެހި ސިފައިންގެ ކްލަބަށް ވެސް ދެ މެޗުން ދެ ޕޮއިންޓް ލިބިފައި ވާއިރު، ސްޓެލްކޯ އަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.