މި ރޯދަމަހުގެ އުމްރާ އަށް މީހުން ގެންދިޔަ ގުރޫޕެއްގެ ފްލައިޓް ޗާޓަރު ކޮށްދީ، ޓިކެޓް ނަގައިދިން ކުންފުންޏަށް ދައްކަންޖެހޭ ފައިސާގެ ދެ ޗެކް ބައުންސްވެ، 140 އާ ގާތްކުރާ އަދަދެއްގެ އުމްރާވެރިން ސައޫދީގައި ތާށިވެދާނެ ކަމުގެ ބިރު މި ވަގުތަށް ބޮޑުވެއްޖެ އެވެ.
13 އެޕްރީލް 2023
މި ރޯދަމަހުގެ އުމްރާ އަށް މީހުން ގެންދިޔަ ގުރޫޕެއްގެ ފްލައިޓް ޗާޓަރު ކޮށްދީ، ޓިކެޓް ނަގައިދިން ކުންފުންޏަށް ދައްކަންޖެހޭ ފައިސާގެ ދެ ޗެކް ބައުންސްވެ، 140 އާ ގާތްކުރާ އަދަދެއްގެ އުމްރާވެރިން ސައޫދީގައި ތާށިވެދާނެ ކަމުގެ ބިރު މި ވަގުތަށް ބޮޑުވެއްޖެ އެވެ.
އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގުރޫޕްގެ ހަވާލުގައި 138 މީހަކު މިދިޔަ މަހާއި މި މަހު ޗާޓަރު ފްލައިޓެއްގައި ޖިއްދާ އަށް ގެންދިޔަ އެވެ. އެ މީހުންގެ ޓިކެޓްގެ އަގަށް 141،450 ޑޮލަރު އަރާފައިވާއިރު، ފްލައިޓް ޗާޓަރު ކޮށްދިން ޓްރެވެލް 2 މޯލްޑިވްސް އިން އަލް މަޝްއަރު އުމްރާ ގުރޫޕުން ދޫކުރި ދެ ޗެކް ވަނީ ބައުންސް ވެފައި ކަމަށް އެނގިފައި ވެ އެވެ.
އެ ގުރޫޕްގެ އުމްރާވެރިން ރާއްޖެ އައުމަށް ތާވަލު ކޮށްފައި ވަނީ މި މަހުގެ 27 ގަ އެވެ. އެކަމަކު، މިއަދާ ހަމައަށް ވެސް އަލް މަޝްއަރު އުމްރާ ގުރޫޕުން ފައިސާ ނުދައްކާތީ، ޓްރެވެލް 2 މޯލްޑިވްސް އިން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީގެ ސަމާލުކަމަށް ވެސް އެ މައްސަލަ ގެނެސްފައިވާ ކަމަށް އެ މައްސަލަ އެނގޭ މީހަކު "މިހާރު" ބުންޏެވެ.
ބައުންސްވި ދެ ޗެކްގެ ތަފުސީލު ވެސް މިހާރު ވަނީ އިސްލާމިކް މިނިސްޓްރީއާ ހިއްސާކޮށްފަ އެވެ.
"އުޅެއުޅެ އެ ފައިސާ އުމްރާ ގުރޫޕުން ލިބޭ ގޮތެއް ނުވީ. އެހެންވެ މިނިސްޓްރީ އަށް އެ މައްސަލަ ހުށަހެޅީ،" މައްސަލައިގެ ހަގީގަތް އެނގޭ މީހާ ބުންޏެވެ.
އަލް މަޝްއަރު އުމްރާ ގުރޫޕްގެ އިސް އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، ޓިކެޓް ނަގައިދީ، ފްލައިޓް ޗާޓަރު ކުރި ކުންފުންޏަށް ދޫކުރީ "ކޭޝް ޓްރާންސްފާ" ކުރާނެ ކަމުގެ ގެރެންޓީގެ ޗެކެއް ކަމަށެވެ.
"އަޅުގަނޑުމެން ދެންނެވި ޗެކް ޖަމާކުރުމުގެ ކުރިން އަޅުގަނޑުމެންނަށް ނޮޓިފައި ކޮށްލަން. އެއީ ހަމައެކަނި ގެރެންޓީ ޗެކެއް،" މިހާރު މައްކާގައި ހުންނެވި، އަލް މަޝްއަރު އުމްރާ ގުރޫޕްގެ އޮފިޝަލް ވިދާޅުވި އެވެ.
ނަމަވެސް ޓްރެވެލް 2 މޯލްޑިވްސް އިން ބުނީ، ފައިސާ ދެއްކުމަށް އަލް މަޝްއަރު އުމްރާ ގުރޫޕުން އެކި ތާރީހުތައް ދީ، އެކަމަކު އެކަން ކޮށް ނުދިމުން ޗެކް ޖަމާކުރީ ކަމަށެވެ.
"މިއަދާ ހަމައަށް ވެސް ފައިސާ ޓްރާންސްފާއެއެއް ނުކުރެވޭ. އެކިއެކި ތާރީހުތައް ދެމުން ގެންދަނީ. އަޅުގަނޑުމެންނާ އޮންނަ ގާތްކަމެއްގެ ސަބަބުން އެކި އެއާލައިންތަކުން ފްލައިޓްތައް ހަމަޖައްސައިދޭ. އެކަމަކު، މުއްދަތަށް ފައިސާ ނުދައްކާ ކަމަށް ވަންޏާ އެ ބޭފުޅުންގެ އިތުބާރު ވެސް ގެއްލޭނެ،" ފްލައިޓް ޗާޓަރު ކޮށްދިނުމުގައި އެހީތެރިވި ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
އަލް މަޝްއަރު ގުރޫޕުން ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވީ، މައްސަލަ ހައްލު ކުރުމަށް އިސްލާމިކް މިނިސްޓްރީ އާއި ޓްރެވެލް 2 މޯލްޑިވްސްއާ ދެމެދު ވާހަކަތައް ދެއްކެވެމުން އަންނަ ކަމަށެވެ.
ޓްރެވެލް 2 މޯލްޑިވްސް އަށް 141،000 އަށް ވުރެ ގިނަ ޑޮލަރު ނުދައްކައިފި ނަމަ އެ ފްލައިޓް ކެންސަލް ކުރުމުގެ ބިރު ބޮޑެވެ. އެހެންވެއްޖެ ނަމަ އަލް މަޝްއަރު އުމްރާ ގުރޫޕްގެ ހަވާލުގައި އުމްރާ އަށް ގެންދިޔަ 138 މީހުން ރާއްޖެ ގެނައުމުގައި އުނދަގޫތަކެއް ވެދާނެ އެވެ.
އެކަމަކު، މައްސަލަ ހައްލު ކުރުމަށް ތިން ފަރާތުން ވެސް މިހާރު މަސައްކަތް ފަށާފައިވާތީ އަދި ވާނެ ގޮތެއް ޔަގީނެއް ނޫނެވެ.
އަލް މަޝްއަރު އުމްރާ ގުރޫޕުން މި ރޯދަމަހުގެ އުމްރާ ޕެކޭޖުގެ އަގަކީ 36،500ރ. އެވެ. އެއީ 30 ދުވަހުގެ އުމްރާގެ އަގެވެ. އޭގެ ތެރޭގައި ހިމެނެނީ މައްކާ އާއި މަދީނާގައި ތިބުމުގެ ހަރަދާއި ދެކޮޅު ޓިކެޓާއި ވިސާ އާއި ދަތުރުފަތުރު އަދި ތިން އިރުގެ ކެއުމުގެ ހަރަދެވެ.
ޗެކް ބައުންސްވި މައްސަލައާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއާ "މިހާރު" އިން މެސެޖުން މުއާމަލާތްކުރި ނަމަވެސް ޖަވާބެއް ނުދެއްވަ އެވެ. ފޯނެއް ވެސް ނުނަންގަވަ އެވެ.
މި ރޯދަމަހު އުމްރާ އަށް މީހުން ގެންދިޔަ ސަފާ ގުރޫޕްގެ މީހުންނަށް ވެސް ފަހު ވަގުތު ވިސާ ހަމަނުޖެހި، ފުރަތަމަ ފުރަން ކަނޑައެޅި ތާރީހަށް ނުފުރުނެވެ. އެ މީހުންނަށް ފުރުނީ އެހެން ކުންފުންޏެއް މެދުވެރިކޮށް، ވިސާ ނަގައިގެން، ފްލައިޓެއް ޗާޓަރު ކޮށްގެންނެވެ.
ޗެކް ބައުންސްވި އުމްރާ ކުންފުނި "ގެއްލިއްޖެ"
ޗެކް ބައުންސްވި ގުރޫޕްގެ ކަންކަން ބަލަން: މިނިސްޓަރު
ދިވެހި އުމްރާވެރިންނަށް ވެކްސިންގެ މައްސަލައެއް ނެތް
ހާލުގައި ޖެހުނު އުމްރާވެރިން ހޮނިހިރު ދުވަހު ގެންނަނީ
ހިޖްރަ ގްރޫޕު ޖޫރިމަނާކޮށް ފިޔަވަޅުތަކެއް އަޅައިފި
ހައްލެއް ނުވި، އަނެއްކާވެސް ހުރިހާ ބުރައެއް ސަރުކާރަށް
ހިޖުރަގްރޫޕުން ހާލުގައިޖެއްސި މީހުން ސަރުކާރުން ގެންނަނީ
އުމްރާއަށް ދިޔަ 24 މީހަކު ރާއްޖެ ނާދެވިފައި
މަޝްއަރު ޓުއާސްގެ މައްސަލަތައް ފުލުހުންނަށް ހުށަހަޅައިފި
އުމްރާއަށް ގެންދިއުމުގެ ހުއްދައަށް އެދުމުގެ ފުރުސަތު