Roadha Mihaaru
ލޮނުޒިޔާރަތް ޕާކު މަރާމާތުކޮށްދޭނެ ބަޔަކު ހޯދަނީ

ލޮނުޒިޔާރަތް ޕާކުގެ ތަންތަން ވަރަށް ބޮޑަށް ހަލާކުވުމުން މަރާމާތުކޮށްދޭނެ ބަޔަކު ހޯދަނީ

18 އެޕްރީލް 2023

ލޮނުޒިޔާރަތް ޕާކުގެ އާބާތުރަ ފިލުވައި، މަރާމާތުކޮށް ބަލަހައްޓައިދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން އިއްޔެ އިއުލާންކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ލޮނުޒިޔާރަތް ޕާކުގެ އާބާތުރަ ފިލުވައި، މަރާމާތުކޮށް ބަލަހައްޓައިދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން އިއްޔެ އިއުލާންކޮށްފި އެވެ.

އެ އިއުލާނުގައި ބުނީ ލޮނުޒިޔާރަތް ޕާކުގެ އެކި ދިމާލުގައި ހުރި ތަންތަން ވަރަށް ބޮޑަށް ހަލާކުވެ، މަރާމާތުކުރުމަށް ބޭނުންވެފައިވާ ކަމަށެވެ.

އެހެންވެ، ޕާކު ތެރޭގަ އާއި ޕާކާ އިންވެގެން އޮތް ސަރަހައްދުތަކުގައި ކުރަން ހުރި މަސައްކަތްތައް އަމިއްލަ ހަރަދުގައި ކޮށްދޭނެ ބަޔަކު ހޯދަން ބޭނުން ވާތީ، އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އިއުލާނުގައި ބުންޏެވެ.

ލޮނުޒިޔާރަތް ޕާކު: ޕާކުގެ ތަންތަން ވަރަށް ބޮޑަށް ހަލާކުވުމުން މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން ސިޓީ ކައުންސިލުން ވަނީ އިއުލާންކޮށްފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ލޮނުޒިޔާރަތް ޕާކު: ޕާކުގެ ތަންތަން ވަރަށް ބޮޑަށް ހަލާކުވުމުން މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން ސިޓީ ކައުންސިލުން ވަނީ އިއުލާންކޮށްފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެ މަސައްކަތަށް އަގު ހުށަހެޅުމަށް ދީފައިވާ ސުންގަޑިއަކީ މި މަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިންނެވެ.

އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުންޏާއި ޕާޓްނާޝިޕާއި ލޯކަލް އިންވެސްޓްމަންޓް އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.

ތަފާތު ގިނަ ވައްތަރުތަކުގެ މާ ގަސްތަކާއި ބަގީޗާ ގަސްތައް އިންދައި، މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދުގެ ބެއްލެވުމުގެ ދަށުން ލޮނުޒިޔާރަތް ޕާކު ހެދީ ދައުލަތުގެ ބަޖެޓުން 16.8 މިލިއަން ރުފިޔާ ހަރަދު ކޮށްގެންނެވެ. ނޮވެމްބަރު 11، 2020 ގައި ސަރުކާރުން އެ ޕާކު ހުޅުވީ މާލޭގައި ދިރިއުޅޭ މީހުންނަށް ހިތްފަސޭހަކަމާއި ހިތްހަމަޖެހުން ލިބޭނެ ފެހި ސަރަހައްދެއް ހެދުމުގެ ގޮތުންނެވެ.

ލޮނުޒިޔާރަތް ޕާކު ބެލެހެއްޓުމަށް މިހާރުގެ ސިޓީ ކައުންސިލުން މާ ބޮޑު މަސައްކަތެއް ނުކުރާ ކަމަށް ބުނެ މިދިޔަ އަހަރު ބައެއް މީހުން ފާޑުކިޔުން އެ ކައުންސިލަށް އަމާޒުވި އެވެ. އެކަމަކު ސިޓީ ކައުންސިލުން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.