Roadha Mihaaru
އަންނަ އަހަރުގެ ރިޔާސީ އިންތިޚާބު ވާދަވެރިވާނެ: ރައީސް

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބު ވާދަވެރިވާނެ: ރައީސް ޔާމީން

23 ޖެނުއަރީ 2017

ރާއްޖޭގައި އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ވާދަވެރިވާނެ ކަމަށާއި އެ އިންތިޚާބަށް ނުކުމެވަޑައިގަންނަވަން ބޭނުންފުޅުވަނީ އާންމުން ހިތްހަަޖެހޭ ފަދަ މަސައްކަތްޕުޅުތަކެއް އެމަނިކުފާނުގެ ފުރަތަމަ ދައުރުގައި ކުރެއްވުމަށް ފަހު ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ވާދަވެރިވާނެ ކަމަށާއި އެ އިންތިޚާބަށް ނުކުމެވަޑައިގަންނަވަން ބޭނުންފުޅުވަނީ އާންމުން ހިތްހަަޖެހޭ ފަދަ މަސައްކަތްޕުޅުތަކެއް އެމަނިކުފާނުގެ ފުރަތަމަ ދައުރުގައި ކުރެއްވުމަށް ފަހު ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

މ. ނާލާފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ، އެއްވެސް މީހަކާ ދެކޮޅަށް ގާނޫނާއި ޝަރީއަތުގެ ތެރެއިން ނޫނީ މި ސަރުކާރުން ފިޔަވަޅު ނާޅާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

އަންނަ އަހަރު ވާދަވެރި ރިޔާސީ އިންތިޚާބެއް އޮންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއިރު، އެ އިންތިޚާބަށް ނުކުމެވަޑައިގެންފާނެ ކަމަށް ބެލެވޭ ބޭފުޅުންގެ މައްޗަށް އެކިއެކި ކުށްތައް ސާބިތުވެ، އަންނަނީ ހުކުމް ތަންފީޒު ކުރަމުންނެވެ. އެހެންވެ 2018 ގައި ވާދަވެރި އިންތިޚާބެއް އޮވެދާނެ ކަމާ މެދު އިދިކޮޅު ފަރާތްތަކުން އަންނަނީ ޝައްކު އުފައްދަމުންނެވެ.

ރައީސް ޔާމީން މިއަދު ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުގައި، އެކި ރަށްރަށަށް ގިނަ ބަދަލުތަކެއް ގެނެވޭތޯ ބައްލަވަމުން އަންނަ ކަމަށެވެ. އެކަމަކު ހިޔާލު ތަފާތުވުންތަކާ ހެދި، ތަރައްގީ އަށް ހުރަސްއެޅެމުން ދާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ އެއް ނަސްލެއްގެ، އެއް ދީނެއްގައި އަދި އެއް ކަހަލަ ކަންތައްތަކެއް ގަބޫލުކުރާ ބައެއް. އެހާ ނަސީބުވެރި ނޫން ގޮތަކަށް މި ފެންނަނީ ހިޔާލު ތަފާތުވެގެން ދިޔަދިޔައީނުން ރަށުގެ ތަރައްގީ އަށް ކުރެވޭ މަސައްކަތުގައި ވެސް އަޅުގަނޑުމެންގެ ހިޔާލު ތަފާތުވުން. މި ކުރަހާލާ ރޮނގު ފާޅުކަން ބޮޑު، ރަށުގެ ތަރަައްގީ އަށް ޗާޓުގައި ކުރަހަން ބޭނުންވާ ރޮނގުތަކަށް ވުރެ،" އާންމުންގެ މެދުގައި އެކި ކަންކަންމުގައި ހިޔާލު ތަފާތުވުން ބޮޑުކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ތަރައްގީ އަށް މަސައްކަތް ކުރާ ކައުންސިލެއް އޮވެއްޖެ ނަމަ، ރަށުގައި މަޝްރޫއުތައް ހިންގަން ފަސޭހަވާނެ އެވެ. އަދި "ސަރުކާރުން ދިއްކޮށްލާ ވާފަށުގައި" ހިފައިގެން މަސައްކަތް ކުރާނެ ޓީމެއް އޮންނަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން މިއަދު ހަވީރު ނާލާފުއްޓަށް ވަޑައިގަތުމުން އެ ރަށުން މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން މިއަދު ހަވީރު ނާލާފުއްޓަށް ވަޑައިގަތުމުން އެ ރަށުން މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

"ޒުވާނުންގެ އެކިއެކި ހަރަކާތްތަކަށް ވެސް ބިން ދޫކުރަން ޖެހޭއިރު، އަޅުގަނޑުމެންނާ އެއް ފިކުރެއްގެ ކައުންސިލެއް އޮންނަ ނަމަ އެ ކަންތައްތައް ފަސޭހަވެގެން ދާނެ. އެހެން ނޫންނަމަ އެ މައްސަލަތައް ހައްލުކުރުމުގައި އެތައް މައްސަލަތަކެއް ދިމާވެދާނެ،" ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.

"ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ހޮވައިފިނަމަ، ކުރިއަށް އޮތް ތަނުގައި ސަރުކާރުން ހިންގަން ނިންމާފައިވާ މަޝްރޫއުތައް ފަސޭހަ ވެގެންދާނެ."

ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރުން އަންނަނީ ރަށްރަށަށް ދިމާވެފައިވާ މައްސަލަތައް ބަލައި އެ ކަންތައްތައް ވީހާ ވެސް ކުރު މުއްދަތެއްގެ ތެރޭގައި ހައްލުކުރަން މަސައްކަތް ކުރަމުންނެވެ. އަދި ނުކޮށްދެވޭ ކަންތައްތަކުގެ ވާހަކަތައް އެމަނިކުފާނުގެ ސަރުކާރުން ނުދައްކާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. .

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މާޒީގައި ދިމާވެފައިވާ ކަންތައްތަކުން ފިލާވަޅު ނަގަންޖެހެ އެވެ. އަދި އޭގެ ތެރޭގައި ގޯސް ކަމެއް އުޅޭ ނަމަ އަޖުމަ ބެލުމުގެ ގޮތުން ވެސް ދެ ވަނަ ފުރުސަތެއް ދީގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ތަރައްގީއަށްޓަކައި ކުރީގެ ސަރުކާރުތަކަށް ރައްޔިތުން ފުރުސަތުތަކެއް ދީފި ކަމަށާއި ނަމަވެސް އެ ފަރާތްތަކަށް އަލުން އެ ފުރުސަތު ދިނުމުގައި ސަމާލުވާންޖެހޭ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ކުރީގެ ސަރުކާރުތަކަށް ވެސް ނުހިންގުނު އެތައް މަޝްރޫއެއް މިހާރު ހިންގަމުން އަންނަ ކަމަށެވެ. އަދި އެއީ ރައްޔިތުން ދުވަހަކު ވެސް ތަސައްވަރު ކުރި ކަންތައްތަކެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ތިން އަހަރަށް އިޝާރާތް ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، އެ މުއްދަތުގައި ގިނަ ކަންތައްތަކެއް ވެފައި ނެތުމުން، އެ ކަންތައްތައް ފޫ ބަައްދަން ޖެހުނީ އެމަނިކުފާނުގެ ވެރިކަމުގައި މިދިޔަ ތިން އަހަރުގެ ތެރޭގައި ކަމަށެވެ.

"ކީއްވެގެންތޯ ކުރީގައި އޮތް ތިން އަހަރުގެ ތެރޭގައި، ބޭނުން ނުވެފައި ނުފުދި ކަންތައްތައް ނުވީތޯ، މި ތިން އަހަރަށް އެ ހުރިހާ ކަމެއް ބަަންޑުން ޖެހިގެން އުޅެނީ؟ ހަމަ ރަނގަޅު ސުވާލެއް ނޫންތޯ؟،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން މ. އަތޮޅަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގައި ވަނީ ނާލާފުށީގެ އިތުރުން ދިއްގަރާއި މުލަކަށް ވެސް ވަޑައިގެންފަ އެވެ.