Roadha Mihaaru
މި ރަށުގެ ޒުވާނުން ވަށައިލި މުއްސަނދިކަން!

މި ރަށުގެ ޒުވާނުން ވަށައިލި މުއްސަނދިކަން!

25 އެޕްރީލް 2023

ވަޒީފާ ނުލިބިގެން އެންމެ ޒުވާނަކު ވެސް އދ. ދިގުރަށުގައި ބާކީވާކަށް ނުޖެހޭނެ އެވެ. އެހެން ރަށްރަށުގައި ވަޒީފާ ނުލިބިގެން ދިރިއުޅުން އުނދަގޫވިޔަސް މި ރަށުގައި އޮތީ ވަޒީފާ އޮތް އަދަދަށް މީހުން ނުލިބުމުގެ މައްސަލަ އެވެ.

ފަޒީނާ އަހުމަދު އދ. ދިގުރަށުން ފަޒީނާ އަހުމަދު

ވަޒީފާ ނުލިބިގެން އެންމެ ޒުވާނަކު ވެސް އދ. ދިގުރަށުގައި ބާކީވާކަށް ނުޖެހޭނެ އެވެ. އެހެން ރަށްރަށުގައި ވަޒީފާ ނުލިބިގެން ދިރިއުޅުން އުނދަގޫވިޔަސް މި ރަށުގައި އޮތީ ވަޒީފާ އޮތް އަދަދަށް މީހުން ނުލިބުމުގެ މައްސަލަ އެވެ.

ރިސޯޓްތަކުގައި ވަޒީފާ އަދާކުރި ގިނަ ޒުވާނުން ރަށަށް ބަދަލުވެ އަމިއްލަ ފައިމައްޗަށް ތެދުވެއްޖެ އެވެ. އޭގެތެރެއިން ގިނަ މީހުންނަކީ ގެސްޓް ހައުސް އޯނަރުންނެވެ. ނޫން ނަމަ އެ ވިޔަފާރީގެ ހިއްސާދާރުންނެވެ. ލޯކަލް ޓޫރިޒަމްގެ ތެރެއިން ރަނގަޅު އާމްދަނީ ލިބޭ ވިޔަފާރި ހިންގާ މީހުން ވެސް ގިނަ އެވެ.

މި ޚާއްސަ ކަމަކީ މި ރަށުގެ ޒުވާނުން ދައްކާ ނަމޫނާ އެވެ. ރާއްޖޭގައި މިވަގުތު އޮތް އެންމެ ޒުވާން އެއް ކައުންސިލާ އެކު މި ރަށުގެ ކުރީ ސަފުގައި އެތުރިފައި ތިބީ މުޅިން ވެސް ޒުވާނުންނެވެ. އެ މީހުންގެ އޮތީ އެއް ވިސްނުމެކެވެ.

ދިގު ރަށް ތުނޑި: ދުނިޔޭގެ ސަމާލުކަން ލިބިފައިވާ މި ތުނޑިއަކީ ލޯކަލް ޓޫރިޒަމްގައި މި ރަށަށް އޮތް ނަސީބު.

ދިގު ރަށް ތުނޑި: ދުނިޔޭގެ ސަމާލުކަން ލިބިފައިވާ މި ތުނޑިއަކީ ލޯކަލް ޓޫރިޒަމްގައި މި ރަށަށް އޮތް ނަސީބު.

މި ރަށް ވަށާލާފައިވާ ގުދުރަތީ ރީތިކަން، ޓޫރިސްޓުންނަށް ވިއްކައިގެން ރަށުގައި ތިބެ އާމްދަނީ ހޯދުމެވެ. ރަށަށް ކުރިއެރުމާއި ދިރުން ގެނުވުމެވެ. ދިގުރަށުގެ މި ކާމިޔާބީއާ ގުޅިފައި އޮތީ މި ވިޔަފާރީގައި ރިސްކު ނަގަން ކެރުމާއި ދައްކާ ހިތްވަރެވެ.

"ވަޒީފާ އެބަހުރި މި ރަށުގައި. އެ ވަރަށް ކުދިން ނުލިބެނީ. އެހެން ރަށްރަށާ ހިލާފަށް ރަށުން ބޭރަށް ދާ މީހުން ވެސް ވަރަށް މަދު," އާބާދީގައި 700 މީހުން ތިބި ކައުންސިލްގެ ރައީސް އިބްރާހިމް އުސްމާން ވިދާޅުވި އެވެ.

ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ މި ރަށުގެ އަތުން ގުނާލެވޭހާ މަދު ބަޔަކު ވެސް އޭނާ ގަބޫލުކުރައްވާ ގޮތުގައި, ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ރަށަށް ބަދަލުވާނެ އެވެ. ކައުންސިލުން މިގޮތަށް ގަބޫލުކުރަނީ, މި ރަށުގައި ލޯކަލް ޓޫރިޒަމްގައި ހުޅުވިފައިވާ ފަހި ފުރުސަތުތަކާއި ޒުވާނުން މި ދާއިރާ އިން ހޯދާ ކާމިޔާބީ ފެންނާތީ ކަމަށް އުސްމާން ވިދާޅުވި އެވެ.

ދިގުރަށް ބަނދަރު ސަރަހައްދު: އިގްތިސާދީ ގޮތުން ހަލަބޮލި ރަށެއް.

ދިގުރަށް ބަނދަރު ސަރަހައްދު: އިގްތިސާދީ ގޮތުން ހަލަބޮލި ރަށެއް.

ތަރައްގީގައި އެހެން ރަށްތަކާ ވާދަނުކުރެވުނަސް އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ލޯކަލް ޓޫރިޒަމްގައި ދިގު ރަށް މިއޮތީ މި އަތޮޅުގެ އެންމެ ކުރީގަ އެވެ. ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ ތުނޑިއަށް އަންނަ މީހުންނާއި ސަފާރީތަކުން ފައިބާ މީހުންނާ އެކު ޕީކް ސީޒަންގައި ރަށް އޮންނަނީ ފުރިފަ އެވެ.

"ދުވާލަކު 450-500 އާ ދޭތެރޭގައި ގެސްޓުން އުޅޭ މި ރަށުގައި. އެހެންވީމަ މި ވިޔަފާރިން ފުދޭވަރަކަށް ލާރި ވަންނާނެ," ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ރަށް ކުރިއަރުވަން ހޮވީ ޒުވާން ކައުންސިލެއް

ރާއްޖޭގެ ކައުންސިލްތަކުގެ ތެރެއިން އެންމެ ޒުވާން ކައުންސިލަރުންތަކެއް ތިއްބެވި އެއްތަނަކީ މި ރަށެވެ. މިހާ ޒުވާން ކައުންސިލަރުންތަކެއްގެ އަތް މައްޗަށް ދޫކޮށްލީ ކީއްވެތޯ މި ރަށަށް އަރާ ބައެއް މީހުން ސުވާލު އުފައްދަ އެވެ. ކައުންސިލަރުން ދެކެވަޑައިގަންނަވާ ގޮތުގައި އެ އިތުބާރު ގުޅިފައި އޮތީ ލޯކަލް ޓޫރިޒަމް ކުރިއަރަން އޮތް މި ރަށުގައި ޒުވާނުންގެ ވިސްނުން ކުރިއަށް ނެރުމެވެ.

ދިގު ރަށުގެ ކައުންސިލަރުން: ޒުވާނުން ކުރިއަރުވައި ފުރުސަތުތައް ހޯދައިދޭން ކައުންސިލުން އަންނަނީ މަސައްކަތް ކުރަމުން.

ދިގު ރަށުގެ ކައުންސިލަރުން: ޒުވާނުން ކުރިއަރުވައި ފުރުސަތުތައް ހޯދައިދޭން ކައުންސިލުން އަންނަނީ މަސައްކަތް ކުރަމުން.

ކައުންސިލަރު ކަމަށް ކުރިމަތިލާން ގިނަ ބަޔަކު އެދިގެން ވާދަކުރި ފަސް ކައުންސިލަރުން ވެސް ހޮވުނެވެ. ހަތަރު ކައުންސިލަރުން ނިސްބަތްވަނީ އެމްޑީޕީއަށެވެ.

ދިގުރަށް ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު. އެންމެ ޒުވާން ކައުންސިލެއް އޮތް އެއް ރަށް.

ދިގުރަށް ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު. އެންމެ ޒުވާން ކައުންސިލެއް އޮތް އެއް ރަށް.

"އަޅުގަނޑު ގަބޫލުކުރަނީ ރައްޔިތުން ބޭނުންވީ ރަށުގެ ތަރައްގީއަށް ޒުވާނުންނަށް އިސްކަންދޭން. ކައުންސިލަރުން އެކަންޏެއް ނޫން. މި ރަށް ލީޑްކުރަނީ މުޅިން ވެސް ޒުވާނުން. ރަށުގެ ތިބި ތަޖުރިބާކާރުންގެ އެހީއާ އެކު. އަޅުގަނޑުމެންނަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ރައްޔިތުންގެ ފަރާތުން," އޭނާ ވިދާޅުވި އެވެ.

"ފުރުސަތުތައް ދެ ގުނަވާނެ"

އެކި ޑިޒައިންތަކުގެ ރީތި އިމާރާތްތަކުގެ ދޭތެރެއިން މިހާރު ފެންނަން ހުރީ ކޮޅަށް ޖަހަމުންދާ ކޮންކްރީޓް އިމާރާތްތަކެވެ.

މި ރަށުގައި 225 އެނދުގެ 22 ގެސްޓް ހައުސް ހިންގަ އެވެ. ވަށައިގެން ފެންނަން ހުރި ކޮންކްރީޓް އިމާރާތްތައް ކޮޅަށް ޖެހުމުން މި އަދަދު, ދެގުނަ ނުވަތަ ތިން ގުނަ އިތުރުވާނެ އެވެ. ރަށުން ބޭރުގެ އިންވެސްޓަރުންނާ އެކު ޓޫރިޒަމް ފެށި މި ރަށަށް މިހާރު އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ މުޅި ރަށުގެ އިގްތިސާދު ޒުވާނުން ކޮންޓްރޯލްކުރުމެވެ.

ދިގުރަށުގައި ހަދަމުން އަންނަ އިމާރާތެއް: ހުޅުވަން ތައްޔާރުވާން ގާތްވެފައި ހުރި ގިނަ ގެސްޓްހައުސްތައް މި ރަށުގައި އެބަހުރި.

ދިގުރަށުގައި ހަދަމުން އަންނަ އިމާރާތެއް: ހުޅުވަން ތައްޔާރުވާން ގާތްވެފައި ހުރި ގިނަ ގެސްޓްހައުސްތައް މި ރަށުގައި އެބަހުރި.

"ބޭރުގެ އިންވެސްޓަރުން އައިތާ ފަސް ވަރަކަށް އަހަރު ފަހުން މި ރަށުގެ ޒުވާނުން މި ވިޔަފާރި ތެރެއަށް ވަދެ އިންވެސްޓްކުރަން ފެށީ. އުފަލާ އެކު މިހާރު ފާހަގަކޮށްލަން ޖެހޭ ގާތްގަނޑަކަށް 50 ޕަސެންޓަކީ މި ރަށުގެ ކުދިން," އުސްމާން ވިދާޅުވި އެވެ.

"ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މިތަނުގައި މެޖޯރިޓީ ވެސް ނަގާނީ ރަށުގެ ޒުވާނުން. ވަރަށް ބާރު ސްޕީޑުގައި ތަންތަން އިމާރާތްކުރުން ވެސް ކުރިއަށް އެބަދޭ."

އޭނާ ވިދާޅުވި ގޮތުގައި އިމާރާތް ކުރަމުން އަންނަ މިހާތަނަށް ރަޖިސްޓްރީ ނުކުރާ ގިނަ ގެސްޓްހައުސްތައް ނިސްބަތްވަނީ މި ރަށުގެ ޒުވާނުންނަށެވެ. މީގެތެރޭގައި ގިނައީ ރިސޯޓްތަކުގެ ވަޒީފާގައި އުޅެ އަމަލީ ތަޖުރިބާ މި ދާއިރާ އިން ހޯދައިގެން އަންނަ މީހުންނެވެ.

ދިގުރަށް: ލޯކަލް ޓޫރިޒަމްގައި މި އަތޮޅުގެ އެންމެ ކުރީގައި އޮތީ މި ރަށް.

ދިގުރަށް: ލޯކަލް ޓޫރިޒަމްގައި މި އަތޮޅުގެ އެންމެ ކުރީގައި އޮތީ މި ރަށް.

އިމާރާތްކުރަމުން އަންނަ ތަންތަނުގެ ތެރެއިން ބައެއް ތަންތަނަށް ބާކީ އޮތީ ހުއްދަ ދިނުމެވެ. އިމާރާތްކުރުމުގެ ސްޕީޑް ހުރި ވަރަށް ބަލާއިރު މި އަހަރު ނިމޭނެ ކަމަށް ބެލެވޭ 50 ރޫމާ ނުލައި ވެސް 100 ރޫމްގެ މަސައްކަތް ވަނީ އެކި މަރުހަލާތަކުގަ އެވެ.

އާމްދަނީ ހޯދޭނެ ވަސީލަތްތައް ހުރި މި ރަށުގެ ޒުވާނުން ލޯކަލް ޓޫރިޒަމްގައި ކުރިއަރައިދާން ލަސްވި ސަބަބަކީ ވިޔަފާރި ފެށުމުގައި ކުރިމަތިވި މާލީ ދަތިތަކެވެ. އަމިއްލަ ފައިމައްޗަށް ތެދުވަން ފަސޭހައިން ލޯނު ލިބޭނެ ގޮތެއް ފަހިވެފައި ނެތުމެވެ. އެ އިތުބާރާއި ޔަގީންކަން އޮތް ނަމަ ބައެއް ޒުވާނުންގެ ބަހުން ނަމަ މި ރަށް ހޯދައި ނުފެނުނީހެވެ.

ގެސްޓް ހައުސްއެއް އިމާރާތްކުރަނީ: މި ރަށުގެ ގިނަ ތަންތަން މިހާރު ހިންގަނީ މި ރަށުގެ ޒުވާނުން.

ގެސްޓް ހައުސްއެއް އިމާރާތްކުރަނީ: މި ރަށުގެ ގިނަ ތަންތަން މިހާރު ހިންގަނީ މި ރަށުގެ ޒުވާނުން.

"ވަރަށް ބޮޑު ޗެލެންޖަކަށް ވި ކަމެއް އެއީ. އެކަމަކު މަޑުމަޑުން ފަސޭހަކަމާ އެކު މިހާރު ލޯނުތައް އެބަލިބޭ. އެކަމަކު ބޭނުންވާ ވަރަކަށް ނޫން. މި ރަށުގެ ކުދިން ވަރަށް ބޮޑަށް އިންވެސްޓްކުރަން ބޭނުންވެފައި ތިބީ," އޭނާ ވިދާޅުވި އެވެ.

ރަށުން ގޯތިދޫކުރުން ލަސްވުމަކީ ވެސް ހުރަހެކެވެ. އެކަމަކު މި މަހުގެ ތެރޭގައި 70 އަށް ވުރެން ގިނަ ގޯއްޗަށް އޮތީ ހުޅުވާލައިފަ އެވެ. މިއީ އަނެއްކާވެސް މި ރަށުގެ އާއްމު ހާލަތު ރަނގަޅުވެ އިގްތިސާދަށް އަންނާނެ ކުރިއެރުމެއްގެ ގޮތުގައި ކައުންސިލުން ދެކެ އެވެ.

މީހުން ދިރިއުޅޭ ރަށެއްގައި ގެސްޓް ރޫމްތައް ގިނަވުމުން މެނޭޖްކުރަން ވެސް އުނދަގޫތަކެއް ކުރިމަތިވާނެ އެވެ. އެކަމަށް ކައުންސިލުން ހޯދި ހައްލަކީ އިމާރާތް ކުރެވޭނެ ލިމިޓެއް ކަނޑައެޅުމެވެ. ގަވައިދުގައި ކަނޑައަޅާފައިވާ ގޮތުން 15 މީޓަރަށް ވުރެން މައްޗަށް އިމާރާތެއް ނުކުރެވޭނެ އެވެ.

މި ރަށުގެ ރޫމްތައް ވިއްކާ އެކި އަގުތައް އުޅޭއިރު 700ރ އިން ފެށިގެން ދުވާލަކަށް 1,200ރ. އިން މަތިން ވިއްކާ ރޫމްތައް ވެސް އެބަހުއްޓެވެ. މީގެ މަންފާ ރަށުގެ ހުރިހާ ރައްޔިތުންނަށް ވެސް ކުރާނެ ކަމަށް ކައުންސިލުން ގަބޫލުކުރެ އެވެ.

ލޯކަލް ޓޫރިޒަމް މި ރަށުގައި ކުރިއެރުމަކީ ރައްޔިތުންގެ އެއްބާރުލުމެވެ. އިންތަކާއި މިންތައް ކަނޑައަޅައިގެން ކުރިއަށް ގެންދާތީ, މިކަމާ ދެކޮޅަށް ނުކުންނާނެ އެކަކު ވެސް މި ރަށުގައި ނުހުންނާނެ އެވެ. ގެސްޓް ހައުސް ހިންގާ އެންމެން އެ ގަވައިދުތަކަށް ބޯލަނބަ އެވެ.

ކައުންސިލުން އެކުވަލާމުން އަންނަ މި ރަށުގެ ޑިވެލޮޕްމަންޓް ޕްލޭންގައި ވެސް އޮތީ ޓޫރިޒަމުން މި ރަށަށް ނަފާ ހޯދޭނެ ހުރިހާ ގޮތެއް ހޯދައިފަ އެވެ. ގޯތި ދޫނުކުރާތާ ޒަމާންވީ މި ރަށުން 100 ގޯތި ދޫކޮށް, އެތަންތަން ތަރައްގީކުރަން އެހީތެރިކަން ފޯރުކޮށްދިނުމާއި ބޭންކްތަކުން ފަސޭހަކޮށް ލޯން ހޯދައިދިނުމާއި މުޅި ދުނިޔޭގެ ސަމާލުކަން ލިބިފައި އޮތް ތުނޑިއަށް އިތުރަށް ޕްރޮމޯޓްކޮށް މިހާރަށް ވުރެން އާމްދަނީ ދެގުނަ ކުރެވޭނެ ގޮތެއް ބެލުން ޕްލޭންގައި ހިމެނެ އެވެ.

"އަޅުގަނޑުމެންގެ ޕްލޭނަކީ ފަތުރުވެރިކަމާ ގުޅުން ހުރި ކަންކަން މި ފަސް އަހަރުގެ ތެރޭގައި ކުރިއަށް ގެންދިއުން. މަގުތައް އެއްވަރުކޮށް, ހެދުމުގެ ޕްރޮޖެކްޓެއް ކުރިއަށް ގެންދަން އެބަ މަސައްކަތް ކުރަން. މިހާރު ކުރިއަށް ދަނީ ފެނާއި ނަރުދަމާ. ގޮނޑުދޮށް ހިމާޔަތްކުރުން ވެސް އެބައޮތް," އުސްމާން ވިދާޅުވި އެވެ.

ދިގުރަށުގެ ޑައިވަރަކު ޑައިވްކުރަނީ: ލޯކަލް ޓޫރިޒަމްގައި ފުރުސަތުތައް ގިނަ ރަށެއް.

ދިގުރަށުގެ ޑައިވަރަކު ޑައިވްކުރަނީ: ލޯކަލް ޓޫރިޒަމްގައި ފުރުސަތުތައް ގިނަ ރަށެއް.

ބަނދަރުގެ މަސައްކަތް އެމްޓީސީސީއަށް ދީފައިވާ އިރު ގޮނޑުދޮށް ހިމާޔަތްކުރުން ވެސް އެ ކުންފުންޏާ ހަވާލުކުރާނެ ކަމުގެ ޔަގީންކަން ކައުންސިލަށް ވަނީ ލިބިފަ އެވެ.

މި ހިދުމަތްތަކާ އެކު މި ރަށަށް ވަށާލާފައި އޮތީ ކުރިއެރުމެވެ. ވިޔަފާރި ކުރިއަރުވައި އޭގެތެރޭގައި އުޅެން ހިތްވަރު ހުރި މި ރަށުގެ ޒުވާނުންނަށް އޮތީ އުޖާލާ މުސްތަގުބަލެއް ކަމަށް ކައުންސިލުން ދެކެ އެވެ. މި ވިސްނުމަށް ބަލާއިރު, ލޯކަލް ޓޫރިޒަމްގައި އެންމެ ކުރިއަރާފައިވާ ރަށްތަކުގެ ލިސްޓަށް މި ރަށް ނާރަންވީ ސަބަބެއް ނެތެވެ.