Roadha Mihaaru
ފައިނަލް މެޗެއްގައި ފޭވަރިޓުން ނުތިބޭނެ: އިވާން

ފައިނަލް މެޗެއްގައި ފޭވަރިޓުން ނުތިބޭނެ: އިވާން

01 މެއި 2023

މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި މާދަމާ ރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކްލަބް އީގަލްސް ބައްދަލު ކުރާއިރު، ފައިނަލް މެޗެއްގައި އެއްވެސް ޓީމަކީ ފޭވަރިޓެއް ނޫން ކަމަށް މާޒިޔާގެ ކޯޗު އިވާން ކޮލޭވް ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި މާދަމާ ރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކްލަބް އީގަލްސް ބައްދަލު ކުރާއިރު، ފައިނަލް މެޗެއްގައި އެއްވެސް ޓީމަކީ ފޭވަރިޓެއް ނޫން ކަމަށް މާޒިޔާގެ ކޯޗު އިވާން ކޮލޭވް ބުނެފި އެވެ.

މިއީ މާޒިޔާ ކުޅޭ ހަތަރުވަނަ ޕްރެޒިޑެންޓްސް ކަޕް ފައިނަލެވެ. އަދި އީގަލްސް މި މުބާރާތުގެ ފައިނަލްގައި ވާދަކުރާ ތިންވަނަ ފަހަރެވެ. ކޮންމެ ޓީމެއް ވެސް ވަނީ އެއް ފަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ. މާޒިޔާ މުބާރާތް ކާމިޔާބު ކުރީ 2015 ވަނަ އަހަރެވެ. އީގަލްސް މުބާރާތުގެ ތަށި އުފުލާލީ ޖެހިގެން އައި 2016 ވަނަ އަހަރެވެ.

އާދިއްތަ ދުވަހުގެ ރޭ ކުޅެން އޮތް ފައިނަލް މެޗު މާދަމާ ރެއަށް ފަސް ކުރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ބައިވެރިވެވަޑައިގެންނެވޭ ތާރީހެއްގައި ފައިނަލް މެޗު ކުޅުމަށެވެ. ކުރިން ގައުމީ މުބާރާތުގެ ނަމުގައި ކުޅެމުން އައި މުބާރާތް ފަހުން ހާއްސަ ކުރީ ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ މުބާރާތުގެ ގޮތުގަ އެވެ.

ފައިނަލް މެޗުގެ ކުރިން މިއަދު ގަލޮޅު ދަނޑުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އިވާން ބުނީ ފައިނަލް މެޗެއްގައި އެއްވެސް ޓިމަކީ ފޭވަރިޓުން ގޮތުގައި ނުދެކޭ ކަމަށާއި، ފައިނަލް މެޗެއްގައި ކޮންމެ ކޮޅަކަށް ވެސް ނަތީޖާ ބުރަ ވެދާނެ ކަމަށެވެ.

"އެއްވެސް ފައިނަލެއްގައި ފޭވަރިޓެއް ނޯންނާނެ. އެއީ މިއީ އެންމެ މެޗެއް. ކޮންމެ ޓީމަކަށް ވެސް ކާމިޔާބު ކުރެވިދާނެ ފުރުސަތު އޮންނާނެ،" އިވާން ބުންޏެވެ.

"އެހެންވެ އަހަރެން ގަބޫލެއް ނުކުރަން އަހަރެމެން (މާޒިޔާ) އަކީ މެޗުގެ ފޭވަރިޓުން ކަމަކަށް. އީގަލްސް ޓީމަށް އަހަރެމެން ފުރިހަމަ އަށް އިހުތިރާމް ކުރަން. އަހަރެމެންނަށް އެނގޭ މާދަމާ ރޭގެ މެޗަކީ އަހަރެމެންނަށް ވަރަށް އުނދަގޫ މެޗަކަށް ވާނެކަން."

ސީޒަން ހުޅުވަން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ވެސް މާޒިޔާ އާއި އީގަލްސް ވަނީ ބައްދަލު ކޮށްފަ އެވެ. އެ މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ މާޒިޔާ އެވެ. ނަމަވެސް ފުރަތަމަ މެޗާއި މާދަމާ ރޭ ކުޅެން ތައްޔާރުވާ ފައިނަލް މެޗަކީ މުޅިން ތަފާތު މެޗެއް ކަމަށް އިވާން ބުންޏެވެ.

އީގަލްސް އަކީ ވަރަށް ރަނގަޅަށް ތައްޔާރު ވެފައި އޮތް ޓީމެއްކަން ފުރަތަމަ މެޗުން ވެސް ފާހަގަވި ކަމަށް އިވާން ބުންޏެވެ.

"ފުރަތަމަ މެޗުގައި މާޒިޔާ މޮޅުވި، އެކަމަކު މާދަމާ މިއީ ތަފާތު މެޗެއް. ފުރަތަމަ މެޗުން ޔަގީނުން ވެސް އަހަރެމެންނަށް ފެނުނީ އީގަލްސް އަކީ ވަރަށް ރަނގަޅަށް ތައްޔާރު ވެފައި އޮތް ޓީމެއްކަން،" އިވާން ބުންޏެވެ.

"އެނގެން ވާނެ މާޒިޔާގެ ޓާގެޓް އަބަދުވެސް ވަރަށް މަތި ވާނެ. އެހެންވެ މާދަމާ އަހަރެމެން މަސައްކަތް ކުރާނީ މެޗުން މޮޅުވާން. އެކަމަކު އަހަރެންނަށް ޔަގީން މިއީ ފަސޭހަ ކަމެއް ނޫން ކަން."

މިދިޔަ އަހަރު މާޒިޔާ އަށް ގެއްލުނު ހަމައެކަނި ލޯކަލް މުބާރާތަކީ ޕްރެޒިޑެންޓްސް ކަޕެވެ. މިދިޔަ އަހަރުގެ ފައިނަލްގައި މާޒިޔާ ބަލިވީ ކްލަބް ވެލެންސިއާ އަތުން 2-1 އިންނެވެ. ނަމަވެސް އެއީ މާޒީ ކަމަށާއި މާޒިޔާ އިން އެ މެޗުގައި ހިނގާދިޔަ ކަންކަމާ ނުވިސްނާނެ ކަމަށް އިވާން ބުންޏެވެ.

މި އަހަރުގެ ފައިނަލަށް މާޒިޔާ ދަތުރު ކުރީ ސެމީ ފައިނަލްގައި 8-0 ގެ ބޮޑު ސްކޯ އަކުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށްފަ އެވެ. ކޯޗު އިވާން ބުނީ ކޮންމެ ޓީމެއްގެ ވެސް މައްސަލަތަކެއް ހުންނާނެ ކަމަށާއި، ފައިނަލްގައި ނުކުންނާނީ ސީދާ މެޗަށް ފުރިހަމައަށް ކޮންސެންޓްރޭޓް ކޮށްގެން ކަމަށެވެ.

ފައިނަލަށް ނުކުންނައިރު ދެ ޓީމަށް ވެސް އަނިޔާގެ މައްސަލަތައް ކުރިމަތި ވެފައި ވެއެވެ. އެގޮތުން މާޒިޔާގެ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ) އަނިޔާއިން ރަނގަޅުވަމުން އަންނަ ކަމަށާއި އޭނާގެ އެންމެ ފަހުގެ ޓެސްޓް މިއަދު ކުރާނެ ކަމަށް ކޯޗު ބުންޏެވެ.

ފުރަތަމަ މެޗުގައި އަނިޔާވި އަހުމަދު ނޫމާން (ނޫމްބެ) މެޗު ސްޓާޓް ނުކުރިއަސް ބޭނުން ޖެހިއްޖެ ހާލަތެއްގައި ކުޅެން ތައްޔާރަށް ކުރި ކަމަށާއި ނަމަވެސް އަލީ ފާސިރު (ސެންޓޭ) އަދިވެސް މުޅިން ރަނގަޅު ނޫން ކަމަށް ކޯޗު ފާހަގަ ކުރި އެވެ. އަދި ސާބިއާ ސްޓްރައިކަރު ސްޓެފާން މިހައިލޮވިޗްގެ އަމިއްލަ މައްސަލަތަކެއް ހުރި ކަމަށާއި ދެން ތިބި ކުޅުންތެރިން ތިބީ ފިޓްކޮށް ކަމަށް ކޯޗު އިވާން ބުނެފައި ވެއެވެ.

މާޒިޔާ ވަނީ މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި 2-0 އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. ދެވަނަ މެޗުގައި ބުރު ސްޕޯޓްސް ކްލަބް އަތުން 1-0 އިން ބަލިވި ނަމަވެސް މާޒިޔާ ސެމީ އަށް ދިޔައީ ފައިދާ ގޯލުގެ ތަފާތުން ގުރޫޕްގެ އެއްވަނައިގަ އެވެ.

އީގަލްސް އާއި މާޒިޔާ ބައްދަލުކުރާ ފައިނަލް މެޗު ފަށާނީ މާދަމާ ރޭ 9 ޖަހާއިރެވެ.