Roadha Mihaaru
އާލިއާ، "ގޫޗީ" ބްރޭންޑުގެ އެމްބަސެޑަރަކަށް

އާލިއާ، "ގޫޗީ" ބްރޭންޑުގެ އެމްބަސެޑަރަކަށް

12 މެއި 2023

އިޓަލީގެ މަޝްހޫރު ފެޝަން ބްރޭންޑެއް ކަމަށްވާ "ގޫޗީ"ގެ އިންޓަނޭޝަނަލް ބްރޭންޑް އެމްބަސެޑަރަކަށް ބޮލީވުޑްގެ އެކްޓަރު އާލިއާ ބަޓް ހަމަޖައްސައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

އިޓަލީގެ މަޝްހޫރު ފެޝަން ބްރޭންޑެއް ކަމަށްވާ "ގޫޗީ"ގެ އިންޓަނޭޝަނަލް ބްރޭންޑް އެމްބަސެޑަރަކަށް ބޮލީވުޑްގެ އެކްޓަރު އާލިއާ ބަޓް ހަމަޖައްސައިފި އެވެ.

ގޫޗީން ވަނީ އިއްޔެ އެކަން އިއުލާންކޮށްފަ އެވެ. އެއާއެކު އާލިއާ އަކީ ގޫޗީ ބްރޭންޑުގެ އިންޓަނޭޝަނަލް އެމްބަސެޑަރުކަން ލިބުނު އިންޑިއާގެ ފުރަތަމަ މީހާ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، ގޫޗީގެ އެންމެ ފަހުގެ ބްރޭންޑް އެމްބެސެޑަރެއްގެ ހައިސިއްޔަތުން އާއިލާ ފުރަތަމަ ފަހަރަށް އާންމުންނަށް ފެންނާނީ އަންނަ އަހަރު ދެކުނު ކޮރެއާގެ ސޯލްގައި ބާއްވާ "ގޫޗީ ކްރޫސް 2024" ރަންވޭ ޝޯގަ އެވެ. އެ ޝޯއަކީ ދެކުނު ކޮރެއާގައި ގޫޗީ ބްރޭންޑް ތައާރަފު ކުރިތާ 25 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޝޯއެކެވެ.

މިފަހުން އާލިއާ ޚަބަރުތަކުގެ ސުރުހީއަށް އެރީ، އޭނާގެ މެޓް ގާލާ ޑެބިއު އިންނެވެ. މި މަހުގެ ފުރަތަމަ ދުވަހު ބޭއްވި މެޓް ގާލާގައި އާލިއާ ލައިގެން ހުރީ 100،000 އިތާމުތް ހަރުކޮށްގެން ހަދާފައިވާ ހުދު ކުލައިގެ ހެދުމެކެވެ.

ޕްރޮފެޝަނަލް ދިރިއުޅުމުގައި އާލިއާ އަންނަނީ ގާލް ގެޑޮޓް އާއި ޖޭމީ ޑޯނަންއާއެކު އޭނާގެ ހޮލީވުޑްގެ ފުރަތަމަ ފިލްމު، ނެޓްފްލިކްސްގެ ސްޕައި ތުރިލާ "ހާޓް އޮފް ސްޓޯން"ގެ މަސައްކަތް ކުރަމުންނެވެ. އެ ފިލްމު ޕްރިމިއާ ކުރަން ހަމަޖެހިފައި ވަނީ އަންނަ އޮގަސްޓު މަހުގެ 11 ވަނަ ދުވަހު އެވެ.