Roadha Mihaaru
އިންޑިއާ ކަނޑުން 2.5 ޓަނުގެ ޑްރަގްސް އަތުލައިގަނެފި

ރާއްޖެ، އިންޑިއާ އަދި ލަންކާއަށް އެތެރެކުރަން އުޅުނު 2.5 ޓަނުގެ މަސްތުވާތަކެތި އަތުލައިގަނެފި

14 މެއި 2023

ރާއްޖެ އާއި އިންޑިއާ އަދި ސްރީ ލަންކާ އަށް ކަނޑުމަގުން އެތެރެކުރަން އުޅުނު 2.5 ޓަނުގެ މަސްތުވާތަކެތި އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން އިއްޔެ އަތުލައިގަނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖެ އާއި އިންޑިއާ އަދި ސްރީ ލަންކާ އަށް ކަނޑުމަގުން އެތެރެކުރަން އުޅުނު 2.5 ޓަނުގެ މަސްތުވާތަކެތި އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން އިއްޔެ އަތުލައިގަނެފި އެވެ.

ޓައިމްސް އޮފް އިންޑިއާ އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި، އިންޑިއާގެ ކޮޗީގެ ބޭރުން ދަތުރުކުރި ބޯޓަކުން އެ ތަކެތި އަތުލައިގަތީ އެންސީބީ އާއި އިންޑިއާގެ ނޭވީ ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ. މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްޕެޓަމައިން (މެތު)ގެ 2.5 ޓަނު އަތުލައިގަތް ކަމަށް އެންސީބީއާ ހަވާލާދީ އެ ނޫހުގައި ވެ އެވެ.

އެންސީބީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ސަންޖޭ ކުމާރު ސިންގް ވިދާޅުވީ، އެ ތަކެތީގެ މަގުމަތީ އަގު 15،000 ކްރޯޑު ރުޕީސް (28 މިލިއަން ރުފިޔާ) އަށް އަރާ ކަމަށެވެ. ބޯޓު ދަތުރުކުރީ ޕާކިސްތާނުން ފުރައިގެން ކަމަށާއި އެ މައްސަލާގައި އެ ގައުމުގެ މީހަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބެލެވޭ ގޮތުގައި އެ ބޯޓުގައި ހުރި މަސްތުވާތަކެއްޗަކީ އިންޑިއާ، ސްރީ ލަންކާ އަދި ރާއްޖޭގައި ވިއްކަން އެތެރެކުރަން އުޅުނު އެއްޗެހި. އާންމުކޮށް މި ބާވަތުގެ ޑްރަގްސް ގެންނަނީ އީރާނު، ޕާކިސްތާނު އަދި އަފްގާނިސްތާނުން،" އޭނާ ވިދާޅުވި އެވެ.

ސިންގް ވިދާޅުވި ގޮތުގައި، އަތުލައިގަތް ބޯޓު މިހާރު ވަނީ ކަނޑުއަޑިއަށް ފެތިފަ އެވެ. އެކަމަކު، އެ ބޯޓުން ގެންދިޔަ މަސްތުވާތަކެތި ހުރި 134 ބަސްތާ ނަގައި އެ އެޖެންސީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަފްގާނިސްތާނުން ބޭރުކުރާ މެތު އަތުލައިގަތުމަށް އެންސީބީ އާއި އިންްޑިއާގެ ނޭވީ ސިފައިން ގުޅިގެން މިދިޔަ އަހަރު ފެބްރުއަރީން ފެށިގެން އަންނަނީ "އޮޕަރޭޝަން ސަމޫދުރަގުޕްތު"ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ. އެ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް ގިނަ އަދަދެއްގެ މަސްތުވަތާކެތި އަތުލައިގަނެފައިވެ އެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެންމެ ގިނައިން އެތެރެ ކުރަނީ ކަނޑުމަގުންނެވެ. ކަމާބެހޭ އިދާރާތަކުން މީގެ ކުރިން ހިންގި ބައެއް އޮޕަރޭޝަންތަކުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ވެސް މިގޮތަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފައިވެ އެވެ.