Roadha Mihaaru
އެތެރޭގެ އުދުހުންތަކުގައި ޑިޖިޓަލް އައިޑީ ބޭނުންކުރެވޭނެ

އެތެރޭގެ އުދުހުންތަކުގައި ޑިޖިޓަލް އައިޑީ ކާޑު ބޭނުންކުރެވޭ ގޮތް ހަދައިފި

29 މެއި 2023

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ޑިޖިޓަލް އައިޑީ ކާޑު ބޭނުންކުރެވޭ ގޮތް މިއަދު ހަދައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ޑިޖިޓަލް އައިޑީ ކާޑު ބޭނުންކުރެވޭ ގޮތް މިއަދު ހަދައިފި އެވެ.

ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ވަނީ ޑިޖިޓަލް އައިޑީ ކާޑު ޓެސްޓުކުރުމުގެ ގޮތުން 500 އަށް ވުރެ ގިނަ މީހުންނަށް އެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައި ދީފަ އެވެ. ނަމަވެސް، އެ ހިދުމަތް އަދި އާންމުކޮށް ދުލެއް ނުކުރެ އެވެ.

ވެލާނާ އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ނޫސްބަޔާނެއްގައި ބުނީ އެތެރޭގެ އުދުހުންތަކުގައި ފުރަން ދާ ދަތުރުވެރިން ޗެކިން ވުމަށް ޑިޖިޓަލް އައިޑީ ކާޑު މިހާރު ބޭނުން ކުރެވޭނެ ކަމަށެވެ.

އެ ކުންފުނިން ބުނީ ޑިފެންސް މިނިސްޓްރީން ނެރެފައިވާ ސާކިއުލާގައިވާ ގޮތަށް، އެތެރޭގެ އުދުހުންތަކުގައި ވެސް ފުރަން ދާ ފަސިންޖަރުން ޗެކިން ވުމަށް، ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (ދާސާ) އިން ބަލައިގަންނަ ލިޔެކިޔުންތައް ވެލާނާ އެއާޕޯޓްގެ ޗެކިން ކައުންޓަރުތަކުން ވެސް ބަލައިގަންނާނެ ކަމަށެވެ.

އެއާލައިން ޓިކެޓް ގަތުމަށާއި ޗެކިން ވުމަށާ އަދި ސެކިއުރިޓީ ޗެކް ޕޮއިންޓްތަކުން، ކާކުކަން ދެނެގަތުމަށް ޑިޖިޓަލް އައިޑީ ކާޑުގެ އިތުރުން، މުއްދަތު ހަމަނުވާ އިތުރު ރަސްމީ ލިޔެކިޔުންތައް ވެސް ބަލައިގަންނާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ. އޭގެ ތެރޭގައި ހިމެނެނީ؛

• ޕާސްޕޯޓް

• އައިޑީ ކާޑު

• ވޯކް ވިސާ ކާޑު / ޑިޖިޓަލް ވޯކް ވިސާ ކާޑު

• ލައިސަންސް ކާޑު / ޑިޖިޓަލް ލައިސަންސް ކާޑު

• އެއާޕޯޓް ސެކިއުރިޓީ ފާސް

• ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ފޮޓޯ އަދި އައިޑީ ކާޑު ނަންބަރު ޖެހި ރަސްމީ ލިޔުމެއް

ފްލައިމީގެ ބޯޓެއްގެ ތެރޭގައި ކްރޫއިން މަޑުކޮށްލައިގެން: އެތެރޭގެ އުދުހުންތަކުގައި ޑިޖިޓަލް އައިޑީ ކާޑު ބޭނުންކުރެވޭ ގޮތް ވަނީ ހަދައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ފްލައިމީގެ ބޯޓެއްގެ ތެރޭގައި ކްރޫއިން މަޑުކޮށްލައިގެން: އެތެރޭގެ އުދުހުންތަކުގައި ޑިޖިޓަލް އައިޑީ ކާޑު ބޭނުންކުރެވޭ ގޮތް ވަނީ ހަދައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެމްއޭސީއެލުން ބުނި ގޮތުގައި، ޑިޖިޓަލް އައިޑީ ކާޑު ބޭނުންކުރަން ފެށުމަކީ ޑިޖިޓަލައިޒްޑް ނިޒާމެއްގެ ދަށުން ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކުރަމުން އަންނަ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެކެވެ. ސަރުކާރުން ގާއިމުކުރާ މިކަހަލަ ނިޒާމުތަކުގެ އިތުރުން ދަތުރުވެރިންނަށް ފަސޭހަކާމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރެ އެވެ.

ސަރުކާރު ކުރިން ބުނެފައިވާ ގޮތުގައި، ޑިޖިޓަލް އައިޑީ ކާޑު ތައާރަފުކުރުމުން ކޮންމެހެން އަތުގައި ފިޒިކަލް އައިޑީ ކާޑެއް އޮތުން މަޖުބޫރެއް ނުވާނެ އެވެ. ޑިޖިޓަލް އައިޑީ ކާޑު ބޭނުންކޮށްގެން ހުރިހާ ހިދުމަތެއް ހޯދޭނެ އެވެ. ޑިޖިޓަލް އައިޑީކާޑު ބޭނުންކުރަން ފެށިޔަސް، ބޭނުން ނަމަ ކާޑު ޕްރިންޓް ވެސް ކުރެވޭ ގޮތަށް ހަދަން ސަރުކާރުން އޮތީ ޕްލޭންކޮށްފަ އެވެ.

މިދިޔަ ފެބްރުއަރީ މަހު ޓްރާންސްޕޯޓް މިނިސްޓްރީން ވެސް ވަނީ ފިޒިކަލް ލައިސަންސް ކާޑު ހެދުން ހުއްޓާލައި، ޑިޖިޓަލް ކާޑު ތައާރަފުކޮށްފަ އެވެ. އީފާސް އަދި ޕޮލިސް އެޕް މެދުވެރިކޮށް ޑިޖިޓަލް ލައިސަންސް ކާޑު ބަލައިލެވެ އެވެ.