Roadha Mihaaru
އަރާމުކުރަން ބޭނުންވާތީ ނަޕޯލީގެ ކޯޗު މަގާމުން ވަކިވަނީ

އަރާމުކުރަން ވަގުތު ބޭނުންވާތީ ނަޕޯލީގެ ކޯޗު މަގާމުން އިސްތިއުފާ ދެނީ

30 މެއި 2023

ކޯޗިންގައި ވަރުބަލި ވެއްޖެ ކަމަށް ބުނެ، އަރާމުކުރަން ވަގުތު ހޯދަން ނަޕޯލީ އަށް 33 އަހަރަށް ފަހު އިޓާލިއަން ލީގު މި ސީޒަނުގައި ކާމިޔާބުކޮށްދިން ކޯޗު ލޫސިއާނޯ ސްޕަލެޓީ އެ ޓީމު ދޫކޮށްލަން ނިންމައިފި އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

ކޯޗިންގައި ވަރުބަލި ވެއްޖެ ކަމަށް ބުނެ، އަރާމުކުރަން ވަގުތު ހޯދަން ނަޕޯލީ އަށް 33 އަހަރަށް ފަހު އިޓާލިއަން ލީގު މި ސީޒަނުގައި ކާމިޔާބުކޮށްދިން ކޯޗު ލޫސިއާނޯ ސްޕަލެޓީ އެ ޓީމު ދޫކޮށްލަން ނިންމައިފި އެވެ.

އިޓަލީ އަށް އުފަން 64 އަހަރުގެ ކޯޗު ނަޕޯލީއާ ހަވާލުވީ 2021 ވަނަ އަހަރުގެ ޖުލައި މަހު އެވެ. ނަޕޯލީއާ އެކު ހަދައިފައިވާ އެއްބަސްވުމުގައި ސްޕަލެޓީ އަށް ބާކީ އޮތީ އަހަރެކެވެ.

"އަހަރެންނަށް އަރާމުކުރަން ވަގުތު ބޭނުންވޭ. މި ހުރީ ވަރުބަލިވެފަ. އަންނަ ސީޒަނުގައި ނަޕޯލީގެ ކޯޗުކަމުން ނުފެންނާނެ. އެހެން ޓީމަކަށް ވެސް ނުދާނަން" ނަޕޯލީ ދޫކޮށްލާކަން އިއުލާން ކުރަމުން ސްޕަލެޓީ ބުނެފައި ވެ އެވެ.

ނަޕޯލީގެ ރައީސް އޮރޭލިއޯ ޑި ލޮރެންޓިސް ވިދާޅުވީ ކޯޗުގެ ނިންމުމަށް ކްލަބުން އިހުތިރާމް ކުރާނެ ކަމަށެވެ.

"ސްޕަލެޓީ ވަނީ ކްލަބުން ޝުކުރު އަދާކުރާ ވަރުގެ ކަމެއް ކޮށްދީފަ. ކްލަބް ދޫކޮށްލުމުގެ ފުރިހަމަ އިހްތިޔާރު ސްޕަލެޓީ އަށް އޮންނާނެ" ދިގު އިންތިޒާރަށް ނިމުން ގެނެސްދިން ކޯޗަށް ޝުކުރު އަދާކުރަމުން އޮރޭލިއޯ ވިދާޅުވެފައި ވެ އެވެ.

ނަޕޯލީ އިން 1990 ވަނަ އަހަރަށް ފަހު މި ސީޒަނުގެ އިޓާލިއަން ލީގު ކާމިޔާބު ކުރިއިރު ސްޕަލެޓީގެ ކޯޗުކަމުގައި އެޓީމު މޮޅު ކުޅުމެއް ދެއްކި އެވެ. ފަސް މެޗު ބާކީ އޮއްވައި ލީގު ކާމިޔާބުކޮށް ދިބެވެ. އަދި ޔޫއެފާ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލަށް އެޓީމު ގެންގޮސް ދިނެވެ.

ސްޕަލެޓީގެ ބަދަލުގައި އެޓީމުގެ ކޯޗުކަމަށް ހަމަޖައްސާނެ ކަމަށް ބެލެވެނީ ކުރިން ރޯމާ އާއި ސެލްޓަ ވީގޯ އަދި ބާސެލޯނާ އަށް އިރުޝާދުދިން ލުއިސް އެންރީކޭ އެވެ. މިދިޔަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ފަހު ސްޕެއިން ގައުމީ ޓީމު ދޫކޮށްލި ފަހުން އެންރީކޭ ހުރީ ކޯޗިންގައި ހުހަށެވެ.

ސްޕަލެޓީގެ ކޯޗުކަމުގައި ނަޕޯލީ ކުޅޭ ފަހު މެޗުގައި އަންނަ އާދީއްތަ ދުވަހު ލީގުގައި ނުކުންނާނީ ސަމްޕްޑޯރިއާއާ ދެކޮޅަށެވެ.