Roadha Mihaaru
ތައިލެންޑްގައި އާ ސަރުކާރެއް އުފެއްދިދާނެކަމާމެދު ސުވާލު

ތައިލެންޑްގައި އާ ސަރުކާރެއް އުފެއްދިދާނެ ކަމާމެދު ސުވާލު އުފެދިއްޖެ

03 ޖޫން 2023

ބެންކޮކް (ޖޫން 3) - މިދިޔަ މަހު ތައިލެންޑްގައި ބޭއްވި އާންމު އިންތިހާބަށް ފަހު ޕާޓީތަކުން އެއްގަލަކަށް ނޭރުމުން އެ ގައުމުގައި އާ ސަރުކާރެއް ނުއުފެއްދިދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.

ބެންކޮކް (ޖޫން 3) - މިދިޔަ މަހު ތައިލެންޑްގައި ބޭއްވި އާންމު އިންތިހާބަށް ފަހު ޕާޓީތަކުން އެއްގަލަކަށް ނޭރުމުން އެ ގައުމުގައި އާ ސަރުކާރެއް ނުއުފެއްދިދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.

ބަރުލަމާނީ ނިޒާމެއް އޮންނަ ތައިލެންޑްގެ ގާނޫނު އަސާސީ ބުނާ ގޮތުން ސަރުކާރެއް އުފެއްދުމަށް އެ ގައުމުގެ މަޖިލީހުގެ 50 ޕަސެންޓަށް ވުރެ ބޮޑު އަގުލަބިއްޔަތެއް ބޭނުންވާނެ އެވެ. އެކަމަކު ނިމިދިޔަ އިންތިހާބުގައި އެއްވެސް ޕާޓީއަކަށް އެކަނި އެ އަދަދަށް ގޮނޑި ކާމިޔާބު ވެފައެއް ނެތެވެ.

އާ ސަރުކާރެއް ގާއިމު ކުރުމުގައި ޕާޓީތަކަށް ހައްލެއް ނުހޯދިއްޖެނަމަ ދެން ދާން ޖެހޭނީ އާ އިންތިހާބަކަށެވެ.

މިދިޔަ މަހުގެ 14 ގައި ބޭއްވި އިންތިހާބުގައި އެ ގައުމުގެ މޫވް ފޯވާޑް ޕާޓީ އަށް ކާމިޔާބުވީ 151 ގޮނޑި އެވެ. ކުރީގެ ބޮޑު ވަޒީރު ޓަކްސިން ސިނަވަޓްރާގެ އާއިލާއިން ކޮންޓްރޯލް ކުރާ ފެއު ތައި ޕާޓީ އަށް ކާމިޔާބުވީ 141 ގޮނޑި އެވެ.

މީގެ އިތުރުން ޕޮޕިއުލިސްޓް ކޮންޒަވޭޓިވުން ކަމަށްވާ ބުމްޖައި ތައި ޕާޓީ އަށް 70 ގޮނޑި ލިބުނެވެ. އަދި އަސްކަރިއްޔާއަށް ތާއިދު ކުރާ ޕަލަންގް ޕްރަޗަރަތު ޕާޓީ އަށް 40 ގޮނޑި ކާމިޔާބުވި އެވެ. ވަގުތީ ގޮތުން މިވަގުތު ބޮޑުވަޒީރު ކަމުގައި ހުންނެވި ޕްރަޔޫތު ޗާން-އޯޗާގެ ޔުނައިޓެޑް ތައި ނޭޝަން އަށް 36 ގޮނޑި ލިބުނެވެ. ޑިމޮކްރެޓިކް ޕާޓީއަށް ލިބުނީ 25 ގޮނޑި އެވެ. ބާކީ ހުރި ގޮނޑިތައް ލިބުނީ އެހެން ކުދި ޕާޓީތަކަށެވެ.

އެންމެ ގިނަ ގޮނޑި ލިބުނު މޫވް ފޯވާޑް ޕާޓީގެ ލީޑަރު އަދި ބޮޑުވަޒީރުކަމުގެ ކެންޑިޑޭޓް ޕީޓާ ލިމްޖަރޮއެންރާޓް ސަރުކާރެއް އުފައްދަން މަސައްކަތް ކުރެއްވި ނަމަވެސް އަދި މިހާތަނަށް ޕާޓީތަކުގެ މެދުގައި ވަކި ގޮތަކަށް އެއްބަސް ވެވިފައެއް ނުވެ އެވެ.

ގައުމީ މަޖިލިސްގެ ނަމުން ނަން ދީފައިވާ ތައިލެންޑްގެ ގާނޫނު ހަދާ މަޖިލިސް ދެ ޗެމްބަރަކަށް ބަހާލެވިފައި ވެއެވެ. އެއީ 500 ގޮނޑި ހިމެނޭ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އާއި 250 މެންބަރުންގެ ސެނެޓެވެ.