Roadha Mihaaru
އަދީބާއި ޒިޔަތުގެ ހެކިބަސް އިންސާފަށް މުހިންމު: ޕީޖީ

އަދީބާއި ޒިޔަތުގެ ހެކިބަސް ނުނެގުމަކީ އެމްއެމްޕީއާރްސީ މައްސަލަ އެ ދެ މީހުންނާ ހިސާބުން ނިމުން: ޕީޖީ

04 ޖޫން 2023

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރިޝްވަތު ދިނުމާއި ރިޝްވަތު ގަބޫލުކުރުމާއި އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާތަކުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔާތުގެ ހެކިބަސް ނުނެގޭނެ ކަމަށް ނިންމައިފި ނަމަ އޭގެ މާނަ އަކީ އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތް އެ ދެ މީހުންނާ ހިސާބުން ނިމުން ކަމަށް ދައުލަތުން މިއަދު ބުނެފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރިޝްވަތު ދިނުމާއި ރިޝްވަތު ގަބޫލުކުރުމާއި އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާތަކުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔާތުގެ ހެކިބަސް ނުނެގޭނެ ކަމަށް ނިންމައިފި ނަމަ އޭގެ މާނަ އަކީ އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތް އެ ދެ މީހުންނާ ހިސާބުން ނިމުން ކަމަށް ދައުލަތުން މިއަދު ބުނެފި އެވެ.

ދައުލަތުން މިހެން ބުނީ އަދީބާއި ޒިޔާތުގެ ހެކިބަސް ނުނެގޭނެ ކަމަށް ނިންމަން ޔާމީންގެ އިތުރުން ދައުވާ ލިބޭ އަހްމަދު ކްރިކް ރިޒާގެ ފަރާތުން ވެސް އެދިފައިވާތީ، ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގަ އެވެ.

ދައުލަތުން ބުނީ މި މައްސަލާގައި ޔާމީންގެ ވަރަށް ގިނަ ހައްގުތަކެއް ދައުލަތުން ކަށަވަރުކޮށްދޭންޖެހޭ ކަމަށާއި ހަމަ އެއާ އެކު މިއީ ފަސް ލައްކަ މީހުންގެ ހައްގު ހިމެނޭ މައްސަލައެއް ކަމަށެވެ.

"ރައީސް ޔާމީންގެ ހައްގުތަކާ އެއްކޮށް މި މައްސަލަ އަކީ ދިވެހި ރައްޔިތުންގެ ހައްގު އެކުލެވިގެންވާ މައްސަލައެއް. މި މައްސަލަ އަކީ ދައުލަތުގެ ބައިތުލްމާލުން އެތައްކެއް ފައިސާއެއް ގެއްލިގެން ދިޔަ، އޭގެ ބޮޑު މައްސަލައެއްގައި، އޭގެ މުއާމަލާތަކާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ކުރެވޭ ދައުވާއެއް،" ވަކީލް ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ ހައްގުތަކާ އެކު، އަޅުގަނޑުމެންނަށް މި މައްސަލާގައި ނުފެންނަ ފަސް ލައްކަ ރައްޔިތުންގެ ހައްގު އެބަ އެކުލެވޭ."

ދައުލަތުން ބުނީ މިހާތަނަށް ރާއްޖޭގެ ޝަރުއީ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކުން، އަދީބާއި ޒިޔަތަކީ ޔާމީންގެ މައްޗަށް ކުރާ ދައުވާއާ ގުޅޭ އެމްއެމްޕީއާރްސީ ހިޔާނާތުގައި އެންމެ އިސްކޮށް ތިބި ދެ މީހުންކަން ސާބިތުވެފައިވާ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރްސީގެ އެމްޑީ އަބްދުﷲ ޒިޔަތު (ކ) އާ ސަލާމްކުރައްވަނީ. -- މިހާރު ފައިލް ފޮޓޯ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރްސީގެ އެމްޑީ އަބްދުﷲ ޒިޔަތު (ކ) އާ ސަލާމްކުރައްވަނީ. -- މިހާރު ފައިލް ފޮޓޯ

"އެ ދެ މީހުންނަކީ އެ ކޮރަޕްޝަނާއި ހިޔާނާތް ހިންގުމުގައި އިސްކޮށް އުޅުނު ދެ މީހުން،" ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

ކޮރަޕްޝަންގެ އަމަލުތަކަކީ އެންމެންނަށް އަންގައިގެން ފާޅުގައި ކުރާ ކަމެއް ނޫން ކަމަށާއި އެހެންވެ މި ބާވަތުގެ ކުށްތަކުގައި ކަން ހިނގި ގޮތް އާންމުކޮށް އެނގޭނީ އެކަމުގައި އުޅުނު ބަޔަކަށް ކަމަށް ދައުލަތުން ބުންޏެވެ.

"އަދީބާއި ޒިޔަތަކީ އަދުލުވެރިކަން ގެއްލިފައިވާ ދެ މީހުން ކަމަށް ބަލައި މި އިއްޒަތްތެރި ކޯޓުން ފަނޑިޔާރު އަދީބާއި ޒިޔަތުގެ ހެކިބަސް މި މައްސަލާގައި ނުނެގޭނެ ކަމަށް ނިންމަވައިފި ކަމުގައިވާ ނަމަ މުޅި މުޅި މުޖުތަމައުއަށް، މުޅި ގައުމަށް އެ ދެވޭ މެސެޖަކީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ބޮޑު މައްސަލަ އަދީބާއި ޒިޔާތާ ހިސާބުން ނިމިގެން ދަނިއްޔޭ، އެއީ އޭ އަޅުގަނޑުމެން ގަބޫލުކުރާ ސްޓޭންޑަކީ،" އަދީބާއި ޒިޔަތުގެ ހެކިބަސް މުހިންމުކަމަށް ފާހަގަކުރައްވަމުން ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

ވަކީލް ވިދާޅުވީ އެކަމަކު އެއީ އެކަން އޮތް ގޮތް ނޫން ކަމަށާއި އަދީބާއި ޒިޔަތުގެ ހެކިބަސް ނެގޭނެ އިސްތިސްނާތައް ގާނޫނުތަކުގައި އެބަހުރި ކަމަށެވެ. އަދި އެ އިސްތިސްނާތައް ޝަރީއަތަށް ތަކުރާރުކޮށް ކިޔައިދީފައިވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ހައްގުތަކާ އެކު، އަޅުގަނޑުމެންނަށް މި މައްސަލާގައި ނުފެންނަ ފަސް ލައްކަ ރައްޔިތުންގެ ހައްގު އެބަ އެކުލެވޭ: ދައުލަތް

ޔާމީންގެ ދިފާއުން އެދެމުން ދަނީ އަދީބާއި ޒިޔަތުގެ ހެކިބަސް ނަގައިގެން ވެސް ނުވާނެ ކަމަށެވެ. އެކަމަކު ދައުލަތުން ބުނީ ހެކިބަސް ނަގަން ޖެހޭނެ ކަމަށާއި އޭގެ ފަހުން އެ ހެކިބަސް ވަޒަންކުރައްވައި ދެއްވާނެ ބުރަދަނެއް ގާޒީ ކަނޑައަޅުއްވާނީ ކަމަށެވެ. އަދުލުވެރި ހެކިވެރިއެއްގެ ހެކިބަހަށް ދޭނެ ފުރިހަމަ ބުރަދަން ނުދެވުނަސް އެ ދެ މީހުންގެ ހެކިބަހަށް ކޮންމެވެސް ބުރަދަނެއް އޮންނާނެ ކަމަށް ދައުލަތުން ބުންޏެވެ. ދައުލަތުން ބުނީ އެއީ އެ މީހުންގެ ހެކިބަހާ ގުޅުވާލެވޭ އިތުރު ހެކި ދައުލަތުން ހުށަހަޅާފައިވާ ނަމަ އެކަމާ ގުޅުވާލައިގެން ދެވޭނެ ބުރަދަން ކަމަށެވެ.

އެހެންވެ އަދީބާއި ޒިޔަތުގެ ހެކިބަހަކީ މައްސަލައިގެ އިންސާފަށް ވާސިލްވުމަށް އަދި ދިވެހި ރައްޔިތުންގެ ހައްގު ނެގެހެއްޓުމަށް ވެސް ވެސް ނަގަންޖެހޭ ހެކިބަހެއް ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން އާ ހެކީގެ ގޮތުގައި "ޕެންޑޯރާ ޕޭޕާސް" ހުށަހަޅާފައިވާ ކަމަށް ބުނަނީ ދިފާއަށް ރަނގަޅަށް ފަހުމް ނުވާތީ ކަމަށާއި ދައުލަތުން ހުށަހަޅާފައިވަނީ ޕެންޑޯރާ ޕޭޕާސް އިން ލިިބުނު މައުލޫމާތާ ގުޅިގެން ގާނޫނީ ހަމަތަކުގެމަތިން ހޯދާފައިވާ ސައްހަ ހެކި ކަމަށް ދައުލަތުން މިއަދު ވެސް ޝަރީއަތުގައި ބުނެފި އެވެ.

އަދީބާއި ޒިޔަތަކީ އަޅުގަނޑުގެ އަދާވާތްތެރިން: ޔާމީން

ވަކީލުން ތިއްބެވި ނަަމަވެސް އަމިއްލަފުޅަށް ދިފާއުގައި މިއަދު ގިނަ ވާހަކަތަކެއް ދެއްކެވި ޔާމީން ވިދާޅުވީ އަދާވާތްތެރިއެއްގެ ހެކިބަހަކީ ޝަރީއަތަށް ބަލައިގަނެވޭނެ ހެކިބަހެއް ނޫން ކަމަށް ގާނޫނުގައި ބުނާ ކަމަށްވާ ނަމަ ކޯޓުގެ ހުރިހާ މަރުހަލާއެއް ފުރިހަމަކޮށްފައި ހެކި ވަޒަންކުރާ ނަމަ އެ އޮތީ ކޯޓަށް ހެކި ބަލައިގަނެވިފައި ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ އަދީބާއި ޒިޔަތަކީ އަދާވާތްތެރިކަން "އެސްޓަބްލިޝް ކުރެވޭ" ދެ މީހުން ކަމަށެވެ.

އަޅުގަނޑުމެން މި އެސްޓަބްލިޝް ކުރަނީ އަދީބަކީ ސިޔާސީ މަގާމެއްގައި އޭރު ހުންނެވި ބޭފުޅަކަށް ވެގެން މަގާމުން ވަކިކުރި ވާހަކައެއް ނޫން މި ދައްކަނީ. ކޮރަޕްޝަންގެ އިތުރަށް އަދީބު ކުރެއްވި މަސައްކަތަކީ ޒާތީ ގޮތުން ދެއްވި ހަމަލާއެއް،" ރިޔާސީ ލޯންޗުކޮޅު 'ފިނިފެންމާ' ގައި އެއްޗެއް ގޮއްވާލި ހާދިސާއަށް އިޝާރާތްކުރައްވަމުން ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެ ކުށް އަދީބަށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ބަލާއިރު މިހާރު އޮތް ހާލަތުގައި މި މައްސަލަ ކުރިއަށް ގެންދާނެ ކަމަށް ނުފެންނަ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވެވަޑައިގަންނަވަނީ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވެވަޑައިގަންނަވަނީ.

ޔާމީން ވިދާޅުވީ އަދީބާއި ޒިޔަތުގެ ހެކިބަސް ނުނެގޭ ނަމަ އެމްއެމްޕީއާރްސީގެ މައްސަލަ ނުބެލެވޭނެ ކަމަށް ދައުލަތުން ބުނާ ބުނުމަކީ ދޮގެއް ކަމަށެވެ.

"އެމްއެމްޕީއާރްސީ މައްސަލާގައި އަދީބާއި ޒިޔަތުގެ ހެކިބަސް ނުނެގޭނެއެކޭ ނޫން މި ބުނަނީ. އެހެންނެއް ނޫން އަޅުގަނޑުމެން ބުނަނީ. މި ބުނަނީ މި މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އެ މީހުންގެ ހެކިބަސް ނުނެގޭނެއޭ. މި މައްސަލާގައި އެހެން މީހުންގެ މައްޗަށް އެ މީހުންގެ ހެކިބަސް ނުނެގޭ ވާހަކައެއް ނޫން،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު އެހެން މީހުންނާ އަދީބާއި ޒިޔަތާ ދެމެދު އަދާވާތްތެރިކަމެއް ހިނގާފައި ނެތް ކަމަށެވެ.

މިއަދުގެ ޝަރީއަތުގައި ޔާމީނަކީ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަތުގައި ހިމެނޭ ބޭފުޅެއް ކަމަށް ދައުލަތުން ބުނުމުން ޔާމީން ވަނީ އެއީ ސާބިތުވެފައި އޮތް ކަމެއް ނޫން ކަމަށާއި އެމްއެމްޕީއާރްސީގެ އެއްވެސް މައްސަލައެއްގެ ތަހުގީގެއް އެ މަނިކުފާނާ ދެކޮޅަށް ތަހުގީގުކޮށް ނިންމާފައި ނެތް ކަމަށެވެ. މިއަދުގެ ޝަރީއަތް ހިންގި ފުއްގިރި ކުއްޔަށް ދިނުމުގެ މައްސަލަ އަކީ ވެސް އެމްއެމްޕީއާރްސީގެ މައްސަލައެއް ނޫން ކަމަށާއި ދެން ދައުވާކުރި މައްސަލަތަކަކީ ވެސް އެމްއެމްޕީއާރްސީގެ މައްސަލަތައް ނޫން ކަމަށެވެ. އެކަމަކު ދައުލަތުން ބުނީ ޔާމީނަކީ އެމްއެމްޕީއާރްސީ މައްސަލާގައި ހިމެނޭ ބޭފުޅެއް ކަމަށެވެ.

އެ މައްސަލާގައި އަދީބަށް ކުރި ހުކުމް ހައި ކޯޓުން ބާތިލްކޮށް އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް އޮތީ ފޮނުވައިފަ އެވެ. އެކަމަކު ދައުލަތުން މިއަދު ބުނީ އެ މައްސަލަ ކްރިމިނަލް ކޯޓުން ޕީޖީ އޮފީހަށް ފޮނުވުމުން އަލުން ފުލުހުންނަށް ފޮނުވާފައިވާ ކަމަށެވެ. އެ މައްސަލައިގެ ފަހުގެ މައުލޫމާތެއް ނެތް ކަމަށް ބުންޏެވެ.

ހެކި ބަލައިނުގަތުމުގެ ހުށަހެޅުންތައް ބަލައެއްނުގަތް

މިއަދު ތިން ގަޑިއިރު ވަންދެން ކުރި ބަހުސްތަކަށް ފަހު ގާޒީ އަލީ ނަދީމް ނިންމެވީ ބައެއް ހެކިތައް ބަލައިނުގަތުމަށް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި ހުށަހެޅުންތައް ބަލައިނުގަތުމަށެވެ. އޭގެ ތެރޭގައި އެ މައްސަލާގައި ދައުލަތުގެ ހެކިންގެ ތެރޭގައި ހިމެނޭ އަދީބާއި ޒިޔަތާއި ދައުލަތުން ހުށަހެޅި ބޭންކް ސްޓޭޓްމަންޓްތަކާއި ރިޔާސީ ކޮމިޝަން ފިޔަވައި އެހެން އިދާރާތަކުން ހޯދި ހެކިތައް ހިމެނެ އެވެ.

ގާޒީ ވިދާޅުވީ އެ ހުށަހެޅުންތަކަކީ ޝަރީއަތުގެ ކުރީގެ މަރުހަލާގައި ވެސް ހުށަހެޅި ހުށަހެޅުންތަކެއް ކަމަށާއި އެ ހުށަހެޅުންތަކަކީ ޝަރީއަތް މަޑުޖައްސާލަންޖެހޭ ފަދަ ހުށަހެޅުންތަކެއް ނޫން ކަމަށެވެ.

ހުށަހެޅުންތައް ބަލައިނުގަތުމަށް މި މަރުހަލާގައި ނިންމިޔަސް، ހެއްކާ ބެހޭގޮތުން ވާހަކަ ދައްކާ މަރުހަލާގައި އެކަންކަން ފާހަގަކުރަން ފުރުސަތު ލިބޭނެ ކަމަށާއި މައްސަލާގެ ހުކުމް ކުރާއިރު އެކަންކަމަށް ރިއާޔަތް ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.